ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޓިކްޓޮކް ޓްރެންޑްސް އާއި ޖެޕެނީޒް ޗީޒްކޭކު

“އޭ އަވަހަށް އައިސް މިތާ އިށީނދެބަލަ! އަދި އަވަހަށް ނޯޓު ކުރަން ރެޑީވޭ!”

އަހަރެން މި ދައްކާ ވާހަކަ ކަނުލައި އަޑުއަހާށެވެ. މިއީ ތިޔަބޭފުޅުންނަށްވެސް ފެނިފައިވާ ނޫނީ އަޑު އަހާފައިވާ މަންޒަރެއްކަން ޔަގީނެވެ.

ކާހިތްވެގެން ގޮސް ކުޅުދިޔާވާ ފަދަ މި މީރު ފޮނިކާއެތި، އަދި އެހާމެ ރީތި “ޖަޕަނީޒް ޗީޒްކޭކް” ކުއްލިއަކަށް މުޅި ރާއްޖޭގެ މަގުބޫލުކަން ހޯދައިގަތް ގޮތް ތިޔަބޭފުޅުންނަށް ފާހަގަވި ހެއްޔެވެ؟

އަހަރެންގެ އަމިއްލަ ކަންކަމުގައި މަސްއޫލުވެގެން އުޅެނިކޮށް، ފޯނުން ޓިކްޓޮކް ބަލައިލި ކޮންމެ ފަހަރަކު ފެންނަނީ ހަމަ އެއް މަންޒަރެކެވެ. މުޅި “ފޯ ޔޫ” ޕޭޖު ފުރިފައިވަނީ މި ޗީޒްކޭކުންނެވެ. އެ ވީޑިއޯތަކުން ހީވަނީ “މިއީ ހަދަންޖެހޭ އެއްޗެއް، މީގެ ރަހަ ބަލަންޖެހޭނެ” އޭ ބުނެ އަހަންނަށް މަޖުބޫރު ކުރާ ހެންނެވެ.

އެއް ވީޑިއޯއަށްފަހު އަނެއް ވީޑިއޯއެވެ. ލަސްލަހުން އެ ކޭކު ހަރަކާތްކުރާ މަންޒަރާއި، ރަހަ ބަލާފައި މީހުން ބުނާ ބަސްތަކެވެ. އެންމެ ފަހުން ކެތް ނުކުރެވިގެން، މި ޗީޒްކޭކުގެ ފޯރީގައި އަހަރެންވެސް ޖެހިއްޖެއެވެ.

މި ކަމެއް ހަމައެކަނި އޮންލައިން ދުނިޔެއަކު ނޯތެވެ. ކާ މޭޒުމަތީގައި ދެކެވޭ މައިގަނޑު ވާހަކައަކަށްވެސް މިކަން ވެއްޖެއެވެ.

“އެ ޖަޕަނީޒް ޗީޒްކޭކު ފެނުނު ހެއްޔެވެ؟”، “ގްރީކް ޔޯގަޓް ބޭނުންކޮށްގެން އެބަ ހަދައެވެ!”، “މިއީ ވަރަށް ފަސޭހަ ކަމެކެވެ!” – މިފަދަ އެތައް ވާހަކައެކެވެ.

އަހަރެންގެ ދަރިންނަށްވެސް އޭގެ ރަހަ ބެލުމުގެ ކުރިން އެއާ ބެހޭ ހުރިހާ މައުލޫމާތެއް އޮތީ އެނގިފައެވެ.

އެތައް ދުވަހެއްގެ މި ފޯރިއަށްފަހު، އެންމެ ފަހުން އަހަރެންގެ ދަރިފުޅު ލައްވައި ގްރީކް ޔޯގަޓާއި ލޯޓަސް ބްރޭންޑުގެ ބިސްކޯފް ބިސްކޯދު ގެނުވައިފީމެވެ.

އޭނާ ވަރަށް ސީރިއަސްކަމާއެކު އަހަންނާ ދިމާލަށް ބަލާލާފައި ބުންޏެވެ:

“މަންމާ ، އާން ދެން މީތި ހަދާބަލަ.. ރަހަ ހުންނަ ގޮތެއް ބަލާލަމާ ހިނގާ. ހިޔެއް ނުވޭ ގްރީކް ޔޯގަޓާއި ބިސްކޯދު އެއްކޮށްލީމާ މާ މީރު އެއްޗަކަށް ވާނެހެނެއް.”

އެ ވާހަކައިން އަހަރެންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަކޮށް ލޮޅުން އެރިއެވެ. ނަމަވެސް، މިއީ އާންމުވެފައިވާ ކަމެއް ކަމުން، މަޖަލަކަށް ނަމަވެސް ކޮށްލަން ނިންމީމެވެ.

ދެން މި ރެސިޕީ އަޅުގަނޑު ކިތައް ފަހަރު ތައްޔާރުކޮށްފިންތޯ ބުނުމުގެ ކުރިން، މުޅި ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ މި “ޖަޕަނީޒް ޗީޒްކޭކް” ތައްޔާރުކުރާނެ ފަސޭހަ ގޮތް ކިޔައިދޭނަމެވެ. މީގައި ފިހުމުގެ އެއްވެސް އުނދަގުލެއް ނެތެވެ. މިކްސަރެއް ބޭނުންކުރާކަށް ނުޖެހެއެވެ. އަދި އެއްވެސް ބުރައެއް އުފުލާކަށް ނުޖެހޭނެއެވެ.

🍰 މަގުބޫލު ޖަޕަނީޒް ޗީޒްކޭކް ތައްޔާރުކުރާނެ ގޮތް (މޯލްޑިވްސް އެޑިޝަން)

ބޭނުންވާ ތަކެތި:

* ގްރީކް ޔޯގަޓް (ފޮނި ރަހަ ހުންނަ ސާދާ ޔޯގަޓް ނުވަތަ ވެނީލާ ރަހަ ހިމެނޭ ޔޯގަޓް ބޭނުންކުރެވިދާނެއެވެ.)
* ލޯޓަސް ބްރޭންޑުގެ ބިސްކޯފް ބިސްކޯދު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ގްރީކް ޔޯގަޓްކޮޅު އެކަށީގެންވާ ބިއްލޫރި ކޮންޓޭނަރަކަށް އަޅާލާށެވެ.

ދެން ބިސްކޯފް ބިސްކޯދުތައް ޔޯގަޓްގެ ތެރެއަށް ބަރިބަރިއަށް އަތުރާލާށެވެ. ބިސްކޯދުތައް ޔޯގަޓްގެ ތެރެއަށް ރަނގަޅަށް ފެންނަވަރަށް އަޑިއަށްދާކަން ޔަގީންކުރަންވާނެއެވެ.

ތިމާ ބޭނުންވާ މިންވަރަކަށް ބިސްކޯދު އިތުރުކުރެވިދާނެއެވެ.

ކޮންޓޭނަރުގެ މަތި ބަންދުކުރުމަށްފަހު، މަދުވެގެން 6 ގަޑިއިރުވަންދެން ފިނިކުރަން ފްރިޖަށް ލާށެވެ. ފްރިޖަށްލާނީ ގަނޑުކުރާ ބަޔަށް ނޫންކަން ހަނދާނުގައި ބަހައްޓަންވާނެއެވެ.

ފްރިޖުން ނެގުމަށްފަހު، ރަހަ ބަލާލާށެވެ. މިހާ ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު އެއްޗެއް މީގެ ކުރިން ނުހެދި އޮތީތީ ހައިރާންވާނެއެވެ.

ބޭނުންވާ ހުރިހާ ކަމަކީ މިއީއެވެ. އާދެ، މީތި ތައްޔާރުކޮށްލުމަކީ ހަމަ އެހާވެސް ފަސޭހަ ކަމެކެވެ.

އެންމެފަހުން ނަތީޖާއަކަށްވީ ކިހިނެއް ހެއްޔެވެ؟

އަހަރެން ފުރަތަމަ ފަހަރަށް މީތި ތައްޔާރުކުރީ މީގެ ހަ ދުވަސް ކުރިންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ކިތައް ފަހަރު ހަދައިފިކަންވެސް މިހާރު ހަނދާނެއް ނެތެވެ. މިއީ ވަރަށް ފަސޭހަ، މީރު، އަދި އަބަދުވެސް ކާހިތްވާ ކަހަލަ އެއްޗެކެވެ. މިހާރު މިއީ އަހަރެމެން ގޭގެ ރަސްމީ ފޮނިކާއެއްޗަށް، އަންމެ މަަގުބޫލް ޑެޒާރޓް އަށް ވެއްޖެއެވެ. ހެނދުނުގެ ނާސްތާގައާއި، މެންދުރުގެ ކެއުމާއި، ރޭގަނޑުގެ ކެއުމުގައިވެސް މީގެ ހިއްސާ ބޮޑެވެ.

އަދި ދަރިފުޅުގެ ރިއެކްޝަން މާ ތަފާތެވެ.😄

“އައިން!…އެ ކިހިނެއްތަ އެ ރަހަ އެ ލަނީ.. ހާދަ މީރޭ މި މަންމާ!”

އެންމެ މަޖާ ކަމަކީ، އަހަރެން މި ވާހަކަ މާ ގިނައިން ދެއްކުމުން، ރަހުމަތްތެރިންނާއި “މުނިއަވަސް” ޓީމުވެސް މި ކަމުގެ ތެރެއަށް ވަދެގެން ދިޔުމެވެ. އަހުމަދު ސަރ އަމިއްލައަށް ގެއަށް ގޮސް މީތި ތައްޔާރުކޮށް، އެއާ ބެހޭގޮތުން ލިޔުމެއްވެސް ޝާއިއުކުރިއެވެ. މިއިން އެނގެނީ މިކަން ދިވެހިންގެ ތެރޭގައި އޮތް މިންވަރެވެ.

އޭގެ ފަހުން އަހަރެން މިކަމަށް އިތުރު ބަދަލުތަކެއް ގެނައީމެވެ. އަމިއްލަ ރަހަތައް ހިމަނައިގެން، ދިވެހިވަންތަ “ހައުސްހޯލްޑް އެޑިޝަން” އެއް އުފެއްދީމެވެ.

އަހަރެން އިތުރުކުރި ބައެއް ރަހަތަކުގެ ތެރޭގައި:

* ކަށިކޭލާއި ކަނަމަދު
* ތާޒާ އަނބާއި، ސްޓްރޯބެރީ އަދި ދޮންކެޔޮ
* އޮރިއޯ، ކްރެކަރސް އަދި މިލްކް ބިސްކޯދު
* އަދި “ޓިރާމިސޫ” ރަހަ ދޭ ގޮތަށްވެސް ހެދީމެވެ.

ކުދިންނަށާއި އާއިލާގެ އެންމެންނަށްވެސް މިއީ ވަރަށް ކަމުދިޔަ ކަމަކަށް ވިއެވެ. ރަހުމަތްތެރިން މިހާރު އަބަދުވެސް އަހަނީ “ދެން މީތި ހަދަނީ ކޮން އިރަކުން؟” ހެއްޔެވެ.

ހަގީގަތުގައިވެސް މިއީ ވަރަށް އުފާވެރި ދުވަސްކޮޅެކެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އެތައް މައިންނަކާއި އާއިލާތަކެއް މިހާރު އުޅެނީ މިފަދަ އުފާވެރި “ޗީޒްކޭކް ފޯރި” އެއްގައެވެ.

މިއީ ހަމައެކަނި ކެއުމެއް ނޫނެވެ. މީގެ ސަބަބުން އާއިލާގެ ތެރޭގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށް، މީރު ކެއުމަކާއެކު ހިތްގައިމު ހަނދާންތަކެއް އުފެދިގެން ހިނގައްޖެއެވެ.

ދެން ތިޔަބޭފުޅުން ވިދާޅުވެބައްލަވާށެވެ!

މި ޖަޕަނީޒް ޗީޒްކޭކް ހަދަން ތިޔަބޭފުޅުންވެސް އުޅުއްވިން ހެއްޔެވެ؟
އޭގެ ރަހަ މީރުކުރަން އިތުރުކުރީ ކޮން އެއްޗެއް ހެއްޔެވެ؟

😄 މި ފޯރި އަދި އަވަހަށް ކެނޑިގެން ދާނެހެނެއް ހިއެއް ނުވޭ!

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top