ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސިމް ކާޑުތަކާއި އިލެކްޓްރޯނިކް ކުނިބުނިން 191 ގްރާމްގެ ރަން ނެގި ގޮތް ދައްކުވައިދޭ ވީޑިއޯއެއް ވައިރަލްވެއްޖެ

ޗައިނާގެ ދެކުނު-އިރުމަތީ ސަރަހައްދަކުން އާއްމުކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ. އެ ވީޑިއޯއިން ފެންނަނީ ބޭނުންކޮށްފައިވާ ސިމް ކާޑުތަކާއި އެހެނިހެން އިލެކްޓްރޯނިކް ކުނިން ރަން ނަގާ މަންޒަރެވެ. މި ވީޑިއޯ މިލިއަނުން މީހުން ބަލާފައިވާއިރު އޮންލައިންކޮށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ. މިކަން ކުރި މީހާ އޮންލައިންކޮށް މަޝްހޫރުވެފައިވަނީ “ޗިއާއޯ”ގެ ނަމުގައެވެ. އޭނާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވުމާ އެކު ގިނަ ބަޔަކު ވަނީ މީހުން ބޭނުންކޮށްފައިވާ ސިމް ކާޑުތަކާ މެދު ޝައުގުވެރިވެ ބައެއް މީހުން އެތަކެތި ގަންނަން ވެސް ފަށާފައިވެއެވެ. ހަމައެއާއެކު މި ވީޑިއޯގެ ސަބަބުން މިފަދަ މަސައްކަތުގައި ހިމެނޭ ނުރައްކާތެރިކަމާ ބެހޭ ގޮތުން މީހުން ވާހަކަ ދައްކަން ފަށާފައިވެސް ވެއެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗިއާއޯ އަކީ ގުއާންގްޑޮންގ ޕްރޮވިންސްގެ ހުއިޒޫއަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ އަގުބޮޑު މައުދަންތަކުގެ ކުނި ބޭނުންކޮށްގެން ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ މީހެކެވެ. ވީޑިއޯގައި އޭނާ ދައްކުވައިދެނީ ޓެލެކޮމް ދާއިރާގައި ބޭނުންކުރާ އިލެކްޓްރޯނިކް ކުނިން ރަން ނެގޭނެ ގޮތެވެ. އޭނާ ބޭނުންކޮށްފައިވާ ސިމް ކާޑުތަކާއި ޗިޕްގެ ކުނިތައް ކެމިކަލް އަޅާފައި ހުރި ބޮޑެތި ކަންވާރުތަކަކަށް އަޅައެވެ. ދަބަރުޖެހުން ޑިސްޕްލޭސްމަންޓް އަދި ހޫނުކުރުން ފަދަ މަރުހަލާތަކުން އޭނާ ރަނުގެ ކުނޑިފުށްތައް ވަކިކުރެއެވެ. އެއަށްފަހު ފުރާނައި ހޫނުކުރުމުން ސާފު ރަން ލިބެއެވެ.

ރިޕޯޓުގައިވާ ގޮތުން ޗިއާއޯ، ޖުމްލަ 191 ގްރާމްގެ ރަން ނެގިއެވެ. މީގެ އަގު ގާތްގަނޑަކަށް 200,000 ޔުއާން ނުވަތަ 29,000 އެމެރިކާ ޑޮލަރަށް އަރައެވެ. ފަހުން ޗިއާއޯ ޒިއާއޮޒިއާންގް މޯނިންގ ޕޯސްޓަށް ބުނީ އެ ރަނަކީ ހަމައެކަނި ސިމް ކާޑުތަކުން ނެގި އެއްޗެއް ނޫން ކަމަށާއި އެއީ އިލެކްޓްރޯނިކް ޗިޕްގެ އެކި ކުނީގެ މަސްހުނި އެއްޗެހިތަކުން ނެގި ރަން ކަމަށެވެ.

“ވަރުގަދަކުރުމަށާއި ދަބަރުޖެހުމުން ރައްކާތެރިކުރުމަށްޓަކައި ސިމް ކާޑުތަކުގެ މުހިންމު ބައިތަކުގައި ރަނުގެ ފަށަލައެއް އަޅާފައި ހުރޭ” ޗިއާއޯ ބުންޏެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވީޑިއޯ މަގުބޫލުވުމާ އެކު އޮންލައިން ހަރަކާތްތައް އިތުރުވިއެވެ. އެގޮތުން މީހަކު ބޭނުންކޮށްފައިވާ ސިމް ކާޑުތައް ބޮނޑި ބޮނޑިއަށް ވިއްކަން ފެށިއިރު އެއީ “އަލްކެމީ” އަށް ބޭނުންކުރެވިދާނެ އެއްޗެކަމަށް ބުންޏެވެ. އަނެއް އޮންލައިން ފިހާރައަކުން ރަން ސާފުކުރާ އާލާތްތަކާއި އެކަމުގެ ވީޑިއޯ ފިލާވަޅުތައް 485 ޔުއާން (70 ޑޮލަރު) އަށް ވިއްކިއިރު އޭގެ ގާތްގަނޑަކަށް 2,000 ކޮޕީ ވިކުނުނެވެ.

އޮންލައިންކޮށް މީހުންގެ ޚިޔާލުތައް ހިއްސާކުރަމުން އެކަކު ލިޔެފައިވީ “އަހަރެން އިންޓަނެޓް ކެފޭއެއް ހިންގިއިރު ކޮމްޕިއުޓަރު ޗިޕްގެ އެތައް ކުންޏެއް އުކާލިން. އެހާ ގިނަ ރަން ގެއްލުނީތީ މިހާރު ދެރަވޭ” ކަމަށެވެ. އަނެކަކު ބުނީ “ޗިއާއޯ އަކީ ޕްރޮފެޝަނަލެއް. އަލްކެމީ އަކީ ކެމިކަލްގެ ގޮތުން ވަރަށް އުނދަގޫ ކަމެއް” ކަމަށެވެ.

ޗިއާއޯ ވެސް ވަނީ އަމިއްލައަށް މިކަން ނުކުރުމަށް މީހުންނަށް އިންޒާރު ދީފައެވެ.

“އަހަރެންނަކީ ސެޓްފިކެޓާއެކު ގާނޫނީ ގޮތުން ވަކި ބާވަތެއްގެ އިލެކްޓްރޯނިކް ކުނި ސާފުކުރާ މީހެއް އަދި އަހަރެންގެ މަގުސަދަކީ އަހަރެންގެ ހުނަރު ހިއްސާކުރުން” އޭނާ ބުންޏެވެ.

ދާއިރާގެ ތަޖުރިބާކާރަކު ޗައިނާގެ މީޑިއާއަކަށް ބުނީ މީހުން އާންމުކޮށް ރަން ނެގުމަށް ބޭނުންކުރަނީ “އެކުއާ ރީޖިއާ” ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ކެމިކަލްގެ މަސްހުނި އެއްޗެއް ކަމަށެވެ.

“މި ޕްރޮސެސްއަކީ ފިނިހޫނުމިން ވަގުތު އަދި ޕީއެޗް ކޮންޓްރޯލްއަށް ވަރަށް ސެންސިޓިވް ކަމެއް. ކުޑަ ގޯހަކުން ވިހަ ގޭސް ބޭރުވެ ނުވަތަ ވަރުގަދަ ކޮރޯސިވް ރިއެކްޝަންތަކެއް އުފެދިދާނެ” އެމީހާ ބުންޏެވެ.

ޗައިނާގައި އަގުބޮޑު މައުދަންތައް ސާފުކޮށް ވިއްކުމަކީ ވަރަށް ހަރުކަށި ގަވާއިދުތަކެއްގެ ދަށުން ކޮންޓްރޯލް ކުރާ ކަމެކެވެ. ކުނި ސާފުކުރުމަށް ސެޓްފިކެޓް ބޭނުންވާއިރު ބޭނުންކޮށްފައިވާ ސިމް ކާޑުތައް ބެލެވެނީ ނުރައްކާތެރި ކުނީގެ ގޮތުގައެވެ.

ނޯޓް
މިއީ "މަނީ ކޮންޓްރޯލް ޑޮޓް ކޮމް" އިން ނަގާފައިވާ ޚަބަރެއްގެ ތަރުޖަމާއެއް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top