ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީ ލީގު މިއަދު މާލެސިޓީގައި ފަށާނެއެވެ.
ދިވެހިރާއްޖެ ތަމްސީލުކުރާ ކްލަބް ވެމްކޯ އާއި ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން މިމުބާރާތުގައި ވާދަކުރަނީ ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބާއި ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކްލަބް އަދި ނޭޕާލްގެ ޕޮލިސް ކްލަބާއި އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބް އަދި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލު ކުރާނީ ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބާއި ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކުލަބެވެ. މުބާރާތުގެ ދެވަނަ މެޗް އޮންނާނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހުއެވެ. މިމެޗްގައި ވާދަކުރާނީ ދިވެހިރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބާއި އުޒްބެކިސްތާނުގެ ހޫމޯ ވޮލީބޯލް ކްލަބެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ވެމްކޯ އާއި ހިރުދަރަމާނީ އަދި ޓުރާން އެވެ. ގްރޫޕް ބީގައި ހިމެނެނީ ނޭޕާލް ޕޮލިސް ކްލަބާއި ހޫމޯ ވޮލީބޯލް ކްލަބް އަދި ފޫލާދު މުބާރަކާ ސެޕަހާން އާއި ހުރާ ކޮމިއުނިޓީ ކުލަބެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯހޯލުގައި ކުރިޔަށްދާ މިމުބާރާތުގެ ފައިނަލްމެޗް އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.
