ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ހަލަބޮލިކަން އޮތީ އާދައިގެ މަތިންވެސް އޮންނަ މިންވަރަށެވެ. އެއީ ދުނިޔޭގެ ނިސްބަތުން އެންމެ ބިޒީކޮށް ސީޕްލޭން އޮޕަރޭޝަން ނުވަތަ ވީއެފްއާރް ފްލައިޓްތަކާއެކު އައިއެފްއާރް ފްލައިޓްތައްވެސް މެދުނުކެނޑި ކުރިއަށްދާ އެއާޕޯޓެކެވެ. އިރުގެ ދޯދިތައް ފަރުދާގެ ތެރެއިން ފޭދިގެން އައިސް ރަންވޭމައްޗަށް އެޅިފައިވާއިރު، އިރުގެ ދިލަ ހޫނުން މުޅި މާހައުލު ފިއްސަމުންދެއެވެ.
ކެޕްޓަން ޔާސިރަކީ ދިވެހި ޕައިލެޓުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ޕައިލެޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ މަޑުމައިތިރިކަމެވެ. ނަމަވެސް މިއަދުގެ ދަތުރަކީ އޭނާގެ ހަޔާތުގައިވެސް ކުރިމަތިލާންޖެހޭނެ އެންމެ ބިރުވެރި އިމްތިހާނުކަމެއް އޭނާއަށް އޭރަކު ނޭނގެއެވެ.
“ކެޕްޓަން ޔާޑް، މިއަދު މޫސުން ވަރަށް ސާފު ދެއްތޯ؟” ކޯ-ޕައިލެޓް ޒިޔާން އަހާލިއެވެ.
“އާނ، އިރާދަކުރެއްވިއްޔާ ދަތުރު އޮމާންވާނެ. އެކަމަކު އަބަދުވެސް ސަމާލުވާންވާނެ،” ޔާސިރު ހިނިތުންވުމަކާއެކު ޖަވާބުދިނެވެ.
މި ދަތުރުގެ މަންޒިލަކީ ސައުތު ކޮރެއާގެ ސޯލްއެވެ. ބޯޓުގައި 250 އަށްވުރެ ގިނަ ފަސިންޖަރުން ތިއްބެވެ. އޭގެ ތެރޭގައި ޗުއްޓީއަށްދާ އާއިލާތަކާއި، ބޭސްފަރުވާއަށްދާ މީހުންނާއި، ވިޔަފާވެރިން ހިމެނެއެވެ.
އެ މީހުންގެ ތެރޭގައި ތަފާތު ސިފައެއްގައި ހުރި ޒުވާނަކު ފާހަގަކުރެވުނެވެ. އޭނާގެ ނަމަކީ ރަޝްވާނެވެ. އޭނާއަކީ މައިކްރޯބަޔޮލޮޖީގެ ރޮނގުން މަތީ ތައުލީމު ހާސިލުކޮށްފައިވާ، ނަމަވެސް ނަފްސާނީ ގޮތުން ނުތަނަވަސްކަމެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. އޭނާގެ ދަބަހުގައި އޮތީ މުޅި އިންސާނިއްޔަތަށް ނުރައްކާވެދާނެ ފަދަ ނުރައްކާތެރި ވައިރަހެކެވެ.
ބޯޓު ނައްޓާލިތާ ދެގަޑިއިރު ފަހެވެ. ފަސިންޖަރުން ތިބީ އަރާމު ނިންޖެއްގައެވެ. ބައެއް މީހުން ފިލްމު ބަލަނީއެވެ. ރަޝްވާން ތެދުވެގެން ފާޚާނާއަށް ދިޔައެވެ. އޭނާގެ އަތުގައި އޮތް ކުޑަ ފުޅިއެއް ނަގައި، އެއިން ދިޔާ އެއްޗެއް ވައިގެ ތެރެއަށް ބޭރުކޮށްލިއެވެ.
މާގިނަ އިރުތަކެއް ނުވެ، ފާޚާނާއިން ނުކުތް ފުރަތަމަ މީހާއަށް ކެއްސަން ފެށުނެވެ. އޭނާގެ ލޮލުން ލޭ އަންނަން ފެށިއެވެ.
“ސަރ، އާރ ޔޫ އޯކޭ؟” ފްލައިޓް އެޓެންޑެންޓް އައިޝާ ދުވެފައި އައިސް އެހިއެވެ.
އެ މީހާއަށް ޖަވާބެއް ނުދެވުނެވެ. އޭނާ ފްލައިޓް އެލޭގެ ފްލޯ މައްޗަށް ވެއްޓި، ތެޅިގަތެވެ. މުޅި ބޯޓުގެ ތެރޭގައި ހާސްކަން ފެތުރިގެން ދިޔައެވެ.
“އެޓެންޝަން އޯލް! އިޒް ދެއަރ އަ މެޑިކަލް ޑޮކްޓަރ އިން ހިއަރ؟ ބޯޓުގައި ޑޮކްޓަރަކު އެބަ އިންނެވިތޯ؟” އައިޝާ ހަޅޭއްލަވައިގަތެވެ.
މި މަންޒަރު ބަލަން ހުރި ރަޝްވާންގެ މޫނުމަތިން ފެންނަނީ ބިރުވެރި ހިނިތުންވުމެކެވެ. އޭނާގެ މަގުސަދަކީ މި ވައިރަސް މުޅި ދުނިޔެއަށް ފެތުރުމެވެ.
މާލޭގައި ހުރި ޑިޓެކްޓިވް ނާއިލްއަށް ފޯނެއް އައެވެ. އެއީ އޭނާގެ އަންހެނުން އުޅޭ ފްލައިޓުން މައްސަލައެއް ޖެހިގެން އުޅޭ ކަމުގެ ޚަބަރެވެ. ނާއިލްއަކީ ކުޅަދާނަ ތަހުގީގީ އޮފިސަރެކެވެ. ފަސިންޖަރުންގެ ލިސްޓަށް ބަލައި އެކިއެކި ދިރާސާތައްކޮށް، އެންމެ ބޮޑަށް ޝައްކުކުރެވޭ ދިމާތައް ބަލަމުންގޮސް އޭނާ ވަގުތުން ރަޝްވާންގެ އެޕާޓްމަންޓަށް ދިޔައެވެ.
އެޕާޓްމަންޓް ތެރެއިން ފެނުނު މަންޒަރުތަކުން ނާއިލްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފާރުގައި ހުރީ ތަފާތު ބަލިތަކާއި ވައިރަސްތަކުގެ ކުރެހުންތަކެވެ. އަދި އޭނާ ތައްޔާރުކޮށްފައިވާ ވައިރަހުގެ ވީޑިއޯއެއްވެސް ފެނުނެވެ.
“މިއީ އާދައިގެ ކަމެއް ނޫން!،” ނާއިލް އޭނާގެ ވެރިޔާއަށް ގުޅާފައި ބުންޏެވެ. “މިއީ ބަޔޮލޮޖިކަލް އެޓޭކެއް. އެ ފްލައިޓްގައި ތިބި އެންމެންގެ ފުރާނަ ވަނީ ނުރައްކަލެއްގެ ތެރޭގައި.”
ބޯޓުގެ ތެރޭގައި ބަލި ފެތުރެމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކޮށެވެ. ކެޕްޓަން ޔާސިރަށް މި ޚަބަރު ލިބުމާއެކު، އޭނާ ވަގުތުން ގްރައުންޑް ކޮންޓްރޯލާ ގުޅިއެވެ.
“މޭޑޭ، މޭޑޭ! މިއީ ފްލައިޓް ވީއެމް ވަން ޒީރޯ ވަން. ބޯޓުގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިއްޖެ. އަހަރެމެން ބޭނުންވަނީ ކުއްލި ހާލަތުގައި ބޯޓު ޖައްސަން،” އައިކާއޯ އިންގްލިޝްއިން ބޭނުންކުރާ ރަސްމީ ފްރޭސިއަލޮޖީތަކާއި އާދައިގެ އިނގިރޭސިވެސް ބޭނުންކޮށްގެން ކެޕްޓަން ޔާސިރް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ހުރީ ސީރިއަސްކަމެވެ.
ނަމަވެސް އެއްވެސް ގައުމަކުން އެ ބޯޓު ޖެއްސުމުގެ ހުއްދައެއް ނުދިނެވެ. އެންމެންވެސް ބިރުގަތީ އެ ވައިރަސް އެ ގައުމަކަށް ފެތުރިދާނެތީއެވެ. ބޯޓުގައި ތިބި މީހުން ތިބީ ގޮތް ހުސްވެފައެވެ.
“އަހަރެމެން މަރުވަނީތަ؟” ކުޑަ އަންހެން ކުއްޖަކު އޭނާގެ ބައްޕަ ގާތު އަހާލިއެވެ.
“ނޫން ދަރިފުޅާ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ،” އެ ބައްޕަގެ މޭގައި އޭނާގެ ދަރިފުޅު ޖައްސާ ބާރުކޮށްލިއެވެ. ނަމަވެސް އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ބުނެދެނީ އޭނާގެ ހިތުގައި އޮތް ބިރުވެރިކަމެވެ.
ޑިޓެކްޓިވް ނާއިލް ހުއްޓައެއް ނުލައެވެ. އޭނާ ރަޝްވާން މަސައްކަތްކުރި ލެބޯޓްރީ ހޯދައި، އެތަނުން ވައިރަހުގެ އެންޓި-ވައިރަސް (ފަރުވާ) ހޯދުމަށް މަސައްކަތް ކުރިއެވެ.
“އަހަރެންގެ އަންހެނުން އެ ބޯޓުގައި އެބައިން. އަހަރެން މިކަން ކުރަންޖެހޭނެ،” ނާއިލް އަމިއްލަ ނަފްސަށް ބުނެލިއެވެ.
އޭނާ ނުރައްކާތެރި ކެމިކަލްތަކުގެ ތެރެއަށް ވަދެ، ފަރުވާ ހޯދުމަށް ކުރި މަސައްކަތުގައި އޭނާގެ ފުރާނަވެސް އަތްމައްޗަށްލިއެވެ. އެންމެ ފަހުން، އޭނާއަށް އެ ފަރުވާ ހޯދުނެވެ. ނަމަވެސް އެއީ އަސްލު ފަރުވާކަން ޔަގީންކުރަން ޖެހެއެވެ.
“އަހަރެންގެ ގަޔަށް މީތި ޖަހާ!،” ނާއިލް ޑޮކްޓަރުން ގާތު ބުންޏެވެ. “އަހަރެން މި ވައިރަހަށް އެކްސްޕޯޒް ވާނަން. މި ފަރުވާ މަސައްކަތް ކުރޭތޯ ބަލަންޖެހޭނެ!”
މިއީ އަމިއްލަ ފުރާނަ ގުރުބާންކޮށްގެން ކުރި ކަމެކެވެ.
ބޯޓުގެ ތެލުގެ މިންވަރު ދަނީ މަދުވަމުންނެވެ. ކެޕްޓަން ޔާސިރަށް ޖެހުނީ ވަރަށް އުނދަގޫ ނިންމުމެއް ނިންމާށެވެ.
“ހުރިހައި ފަރިންޖަރުންނޭ،” ޔާސިރު ބޯޓުގެ ސްޕީކަރުން މުޚާތަބު ކުރިއެވެ. “އަހަރެމެންނަށް އެއްވެސް ތަނަކުން ޖެއްސުމުގެ ހުއްދައެއް ނުލިބުނު. އަހަރެމެންނަކީ މިހާރު މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް. އަހަރެން ގަސްތުކުރަނީ މި ބޯޓު ކަނޑަށް ތިރިކުރަން.”
މުޅި ބޯޓުގައި ރުއިމުގެ އަޑު ގަދަވިއެވެ. ނަމަވެސް، ކުއްލިއަކަށް ނާއިލްގެ ފަރާތުން ޚަބަރެއް ލިބުނެވެ.
“ކެޕްޓަން! ފަރުވާ ފެނިއްޖެ! އަހަރެންގެ ހަސްބަންޑްގެ ގަޔަށް ޖެހި ވެކްސިން މަސައްކަތް ކޮށްފި. ބޯޓު ޖައްސަން ހުއްދަ ދޭގޮތަށް ނިންމިކަން ރާއްޖޭގެ އޭޓީސީ މެދުވެރިކޮށް ސަރުކާރުން އަންގައިފި!”
މި ޚަބަރާއެކު އުންމީދު އާވިއެވެ. ދިވެހި ސަރުކާރުން ނިންމީ ވެލާނާ އެއާޕޯޓަށް ބޯޓު ޖެއްސުމުގެ ހުއްދަ ދޭށެވެ. ނަމަވެސް އާންމުންގެ ބައެއް މީހުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށިއެވެ. ބޯޓު ޖައްސައިފިނަމަ ރާއްޖެއަށް ބަލި ފެތުރިދާނެތީއެވެ.
—
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ވަށައިގެން އޮތް ކަނޑުގެ ސަރަހައްދުގައި ފުލުހުންނާ ކޯސްޓްގާޑް އަދި އޭވިއޭޝަން އެންޑް މެރިޓައިމް ސެކިރިޓީގެ ލޯންޗުތައް ފޯރިމަރަމުންދިޔައެވެ. މާލޭގެ މަގުތަކުގައި މީހުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ސޯޝަލް މީޑިއާގައި ބަހުސްތައް ހޫނުވަމުން ދިޔައެވެ. އެންމެ ފޯރިނަގާފައި ސޯޝަލް މީޑިއާ ހޫނުކުރަމުން، ކައްކަމުންދިޔައީ ރާއްޖޭގެ މީސްމީޑިއާގެ ރަސްގެފާނު ހަސަން ބުރުހާންގެ އެކްސް ހޭންޑްލްއިންނެވެ.
“އަހަރެމެންގެ ދަރިންގެ ސަލާމަތަށްޓަކައި އެ ބޯޓު މިތަނަށް ޖައްސައިގެން ނުވާނެ!” މީހަކު ފޭސްބުކްގައި ލައިވްކޮށް ހަޅޭއްލަވަމުން ދިޔައެވެ. “އެ ބޯޓުގައި ތިބީ 250 މީހުން. އެކަމަކު މި ރާއްޖޭގައި އެބައުޅޭ ހަތަރު ލައްކައަށްވުރެ ގިނަ މީހުން. މަދު ބަޔަކަށްޓަކައި ގިނަ ބަޔަކު ނުރައްކަލަށް ހުށަހަޅައިގެން ނުވާނެ!”
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ތިބި ވަޒީރުންނާއި ސިއްހީ މާހިރުން ތިބީ ވަރަށް ބޮޑު ދަތި ނިންމުމެއްގެ ކުރިމަތީގައެވެ. ހެލްތު މިނިސްޓަރު ފާތުމަތު މިލްނާ، ނާއިލްގެ ރިޕޯޓުތައް ބައްލަވަމުން ގެންދެވިއެވެ.
“ނާއިލްގެ ހާލަތު ކިހިނެއް؟” މިނިސްޓަރު އެއްސެވިއެވެ.
“އޭނާގެ ހުން ވަރަށް ގަދަ. އެކަމަކު ލޭގެ ޓެސްޓުތަކުން ދައްކަނީ ވައިރަސް މަރުވަމުންދާކަން. އެ ވެކްސިން މަސައްކަތް އެބަކުރޭ،” ޑޮކްޓަރު ޖަވާބު ދެއްވިއެވެ.
ނަމަވެސް، އެއާޕޯޓުގެ ރަންވޭމަތީގައި ތިބި ބައެއް މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލާފައެވެ. ބޯޓު ޖައްސައިފިނަމަ އެމީހުންގެ ސަލާމަތެއް ނެތްކަމަށް ބުނެއެވެ.
ފްލައިޓް ވީއެމް101ގެ ތެރޭގައި ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. ބަލިޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔައިރު، ބޯޓުގެ ފަހަތު ބައިގައި ތިބި މީހުން ތިބީ ބިރުން ރޫރޫ އަޅައަޅައެވެ.
ރަޝްވާން، އެ ހުރިހާ ހައިޖާނެއްގެ މެދުގައި، ހިމޭނުން އިނެވެ. އޭނާގެ ލޮލުން ލޭ ފޭދެމުން ދިޔައެވެ. އޭނާ އަމިއްލައަށްވެސް އެ ވައިރަހުގެ ޝިކާރައަކަށް ވެއްޖެއެވެ.
“ކީއްވެ؟” ކޯ-ޕައިލެޓް ޒިޔާން، ރަޝްވާންގެ ގާތަށް ގޮސް އެހިއެވެ. “ކީއްވެ މިހާ ގިނަ މީހުން މަރަން ތިޔަ އުޅެނީ؟”
ރަޝްވާން ބަލި އަޑަކުން ހީނލިއެވެ. “ދުނިޔެއަކީ ބޭއިންސާފު ތަނެއް. އަހަރެން ހޯދި ހޯދުންތަކަށް އެންމެން މަލާމާތްކޮށް ހެދި. މިހާރު އެންމެންނަށް އެނގޭނެ އަހަރެންގެ ބާރު.”
ޒިޔާން އައިސްފައިވާ ރުޅީގައި ރަޝްވާންގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. ނަމަވެސް އައިޝާ ދުވެފައި އައިސް ޒިޔާން ހުއްޓުވިއެވެ. “ޒިޔާން! އޭނާގެ ގައިގައި އަތްނުލާ!”
އެ ވަގުތު ކޮކްޕިޓުން ޔާސިރުގެ އަޑު އިވުނެވެ. “ޒިޔާން، އަވަހަށް އާދޭ! ބޯޓުގެ ކަނާތް ފަރާތު އިންޖީނުން މައްސަލައެއް އެބަ ދައްކާ!”
ބޯޓުގެ އެއް އިންޖީނު ހުއްޓުނެވެ. ބޯޓު އެއްފަރާތަކަށް އަރި އަޅާލުމާއެކު ފަސިންޖަރުންގެ ހަޅޭކުގެ އަޑު މުޅި ބޯޓުގައި ގުގުމާލިއެވެ.
“ކެޕްޓަން، ތެޔޮ ހުސްވަނީ! އަހަރެމެންނަށް މާލެއާ ހަމައަށް ނުދެވޭނެ ކަންނޭނގެ،” ޒިޔާން ހާސްވެފައި ބުންޏެވެ.
ޔާސިރު އަތްމަތީ ފޮތުގެ ގަނޑުތައް އަވަސް އަވަހަށް އުކަމުން ހާވަން ފެށިއެވެ. “އަހަރެމެން މި ބޯޓު ޖައްސާނަން. ޒިޔާން، ހުރިހާ ފަސިންޖަރުންނަށް އަންގާ ސީޓްބެލްޓް ބާރުކުރަން.”
މި ވަގުތު މާލޭގެ އޮޕަރޭޝަން ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއެވެ. އޭނާގެ ކުރިމަތީގައި އޮތީ ދެ ނިންމުމެކެވެ. ބޯޓު ޖެއްސުމުގެ ހުއްދަ ދީގެން މުޅި ގައުމު ނުރައްކަލަށް ހުށަހެޅުން، ނުވަތަ ބޯޓު ކަނޑަށް ވެއްޓެން ދޫކޮށްލުމެވެ.
“އެއީ އަހަރެމެންގެ ރައްޔިތުން،” ރައީސް މަޑުމައިތިރިކަމާއެކު ވިދާޅުވިއެވެ. “އަހަރެމެން އެމީހުން ދޫކޮށެއް ނުލާނަން. އެއާޕޯޓް ތައްޔާރުކުރޭ. ކަރަންޓީނު ފެސިލިޓީތައް ވަގުތުން ރަންވޭ ކައިރީގަ ޤާއިމުކުރޭ!.”
ބޯޓު މިހާރު އޮތީ ހުޅުލެއާ ދިމާ އުޑުމަތީގައެވެ. ބޯޓުގެ ތިރިން ފެންނަނީ ނޫކުލައިގެ ކަނޑާއި ހުދު ދޮންވެލިގަނޑެވެ. ނަމަވެސް އެ ރީތި މަންޒަރު ބަލާނެ ހިތްވަރެއް އެކަކުގެވެސް ނެތެވެ.
“ޑޭޑީ، އަހަރެމެންނަށް ގެއަށް ދެވޭނެތަ؟” ކުރިން ފެނުނު ކުޑަ އަންހެން ކުއްޖާ އޭނާގެ ބައްޕަ ގާތު އެހިއެވެ. އޭނާގެ ބައްޕަގެ މޫނުމަތިން މިހާރު ބަލީގެ އަލާމާތްތައް ފެންނަން ހުއްޓެވެ.
“އާނ ދަރިފުޅާ… އިރާދަކުރެއްވިއްޔާ…” ބައްޕަގެ އަޑު އިތުރަށް ކުރެހުނެވެ.
ކެޕްޓަން ޔާސިރު ބޯޓު ރަންވޭއާ ދިމާކުރިއެވެ. ބޯޓުގެ ފުރޮޅު ނުނިކުމެގެން އުޅޭކަމުގެ ރަތް ސިގްނަލެއް ދިއްލުނެވެ. “ޒިޔާން، މެނުއަލްކޮށް ފުރޮޅު ނެރޭ!”
ޒިޔާން ގަދަބާރުން ލީވަރަށް ދަމާލިއެވެ. “ނުނިކުމޭ! ކެޕްޓަން، މީތި މަސައްކަތެއް ނުކުރޭ!”
ބޯޓު މިހާރު އޮތީ ރަންވޭއާ ވަރަށް ކައިރީގައެވެ. ތެޔޮ ހުސްވެ އިންޖީނުތައް މުޅިން ހުއްޓުނެވެ. މުޅި ބޯޓަށް ހިމޭންކަމެއް ވެރިވިއެވެ. ހަމައެކަނި އިވެނީ ވައިގެ އަޑެވެ.
“ހުރިހާ އެންމެން ބްރޭސް (Brace)!” ޔާސިރު ހަޅޭއްލަވައިގަތެވެ.
ބޯޓު ރަންވޭގެ ކޮޅުގައި ޖެހުނެވެ. ފުރޮޅު ނެތުމުގެ ސަބަބުން ބޯޓުގެ ބަނޑުވަތް ރަންވޭގައި ކޭތި، އަލިފާންކަނިތައް ބުރަން ފެށިއެވެ. ބޯޓު ކަހައިގެން ގޮސް ރަންވޭގެ އަރިމައްޗަށް ނުކުތެވެ.
ބޯޓު ހުއްޓުނު އިރު، މުޅި ސަރަހައްދު އޮތީ ދުމުން ފުރިފައެވެ. ފަޔަރމަނުންނާ ސިފައިންނާއި ޑޮކްޓަރުން ރައްކާތެރިކަމުގެ ސޫޓް ލައިގެން ބޯޓާ ދިމާލަށް ދުވަމުން ދިޔައެވެ.
އެންމެ ފުރަތަމަ ހުޅުވުނީ ބޯޓުގެ އިމަޖެންސީ ދޮރެވެ. އައިޝާ ބޭރަށް ބޯދިއްކޮށްލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ވަރުބަލިކަމާއި ކަރުނައެވެ.
“ފަރުވާ ދޭ ޓީމު ގެނޭ! އަވަހަށް ގެނޭ!” އޭނާ ހަޅޭއްލަވައިގަތެވެ.
ނާއިލް، ބަލި އެނދުގައި އޮވެގެން ޓީވީން މި މަންޒަރު ބަލަމުން ދިޔައެވެ. އޭނާގެ އަންހެނުން ބޯޓުން ފައިބާތަން ފެނުމުން އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބަން ފެށިއެވެ. އޭނާގެ ގުރުބާނީ ބޭކާރު ނުވިކަން އޭނާއަށް އެނގުނެވެ.
ރަޝްވާން ފެނުނީ ބޯޓުގެ ގޮނޑިއެއްގައި މަރުވެފައި އޮއްވައެވެ. އޭނާ އުފެއްދީ މަރުގެ ހަތިޔާރެއް ނަމަވެސް، އިންސާނިއްޔަތުކަމާއި އެކުވެރިކަމުގެ ކުރިމަތީގައި އެ ހަތިޔާރު ބަލިވީއެވެ.
މަސްތަކެއް ފަހެވެ. ވެލާނާ އެއާޕޯޓު އަނެއްކާވެސް ވަނީ އާންމު ހާލަތަކަށް އައިސްފައެވެ. ކެޕްޓަން ޔާސިރާއި ޒިޔާންއަށް ވަނީ ގައުމީ ފެންވަރުގައި ޝަރަފު ދީފައެވެ. ނާއިލްއަކީ ވެސް މިހާރު ގައުމީ ބަތަލެކެވެ.
އެ ހާދިސާއިން ދިވެހި މުޖުތަމައަށް ދަސްވީ ވަރަށް ބޮޑު ފިލާވަޅެކެވެ. ބިރުވެރިކަމުގެ ވަގުތުގައިވެސް އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަމެވެ.
—
ނާއިލް އޭނާގެ އަންހެނުންނާއެކު ހުޅުމާލޭގެ ހިތްގައިމު ގޮނޑުދޮށުގައި ހިނގާލަން ދިޔައެވެ.
“އަހަރެން ހީކުރީ ދެން ދުވަހަކުވެސް މި މަންޒަރު ނުފެންނާނެ ކަމަށް،” އޭނާގެ އަންހެނުން ބުންޏެވެ.
ނާއިލް އުޑުމަތީގައި އުދުހެމުންދިޔަ ބޯޓަކަށް ބަލާލިއެވެ.
“އަހަރެމެން ދިވެހީންގެ ހިތްވަރު ހުރިހާ ނުރައްކަލަކަށްވުރެ ގަދަވާނެ!.”
ނިމުނީ
