ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތަޢުލީމީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް
ފޮޓޯ: ވިކިޕީޑިއާ

އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަކީ މިއަދުގެ ދުނިޔޭގައި އިންގިލާބީ ބަދަލުތަކެއް ގެންނަމުންދާ ވަސީލަތެކެވެ. ތަރައްގީވެ ތަހުޒީބުވެފައިވާ މިޒަމާނުގައި އޭއައިގެ ބޭނުންދަނީ އެކިގޮތްގޮތަށް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށްވެސް މި އަންނަނީ މީގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންނެވެ. އޭ.އައިގެ ސަބަބުން ކިޔަވައިދިނުމާއި އުނގެނުމުގެ ބާވަތަށް މިވަނީ ތާރީޚީ ބަދަލުތަކެއް އަންނަން ފަށާފައެވެ.

ތަޢުލީމީ ދާއިރާގައި އޭ.އައި ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފެންވަރާއި ގާބިލިއްޔަތަށް ރިއާޔަތްކޮށް އުނގެނުމުގެ ފުރުސަތު ފަހިވެގެންދިޔުމެވެ. މީގެ ސަބަބުން ކުދިންނަށް އަމިއްލަ ބާރުމިނުގައި ފިލާވަޅުތައް ދަސްކުރުމަށް މަގުފަހިވެއެވެ. ވަކި މާއްދާއަކުން ނުވަތަ ފިލާވަޅަކުން ކުއްޖަކަށް އުނދަގޫނަމަ، އޭ.އައި ވަސީލަތްތަކުން އެކަން ދެނެގަނެ، އެފިލާވަޅަކުން އެކުއްޖަކަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދެއެވެ.

މިހާރުވެސް ތަޢުލީމީ ދާއިރާގައި އޭ.އައިގެ ބޭނުން ވަރަށް ފުޅާކޮށް ކުރެވެމުންދެއެވެ. މިސާލަކަށް، ބަސް ދަސްކޮށްދޭ “ޑުއޮލިންގޯ” (Duolingo) ފަދަ އެޕްލިކޭޝަންތަކަކީ އޭ.އައި ބޭނުންކޮށްގެން ކުދިންގެ ފެންވަރަށް ބަލައި އެކިބަސްބަހުގެ ފިލާވަޅުތައް ދަސްކޮށްދޭ ވަސީލަތްތަކެވެ. ހަމައެހެންމެ، “ޗެޓް ޖީ.ޕީ.ޓީ” (ChatGPT) ފަދަ ޕްލެޓްފޯމްތަކުގެ އެހީގައި ދަރިވަރުންނަށް އުނދަގޫ ސުވާލުތަކުގެ ޖަވާބު ހޯދުމަށާއި، ކަންކަން ދިރާސާ ކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދެއެވެ.

އޭ.އައިގެ ސަބަބުން މުދައްރިސުންގެ މަސައްކަތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބެއެވެ. އިދާރީ މަސައްކަތްތަކާއި، ކަރުދާސްތައް މާކުކުރުމާއި، ފިލާވަޅުތައް ތައްޔާރުކުރުމުގައި އޭ.އައި ބޭނުންކުރުމުން މުދައްރިސުންނަށް ވަގުތު ސަލާމަތްވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މުދައްރިސުންނަށް ދަރިވަރުންނާއެކު ހޭދަކުރާ ވަގުތު އިތުރުވެ، ކުދިންގެ އަޚްލާޤާއި އުނގެނުމުގެ ކަންކަމަށް ފަރުދީގޮތުން ސަމާލުކަން ދިނުމަށް ފުރުސަތު ލިބިގެންދެއެވެ.

ކޮންމެ ކަމެއްގައިވެސް ގޮންޖެހުންތަކެއް ހުންނަ ފަދައިން، ތަޢުލީމީ ދާއިރާގައި އޭ.އައި ބޭނުންކުރުމުގައިވެސް ނުރައްކާތަކެއް އެބަހުއްޓެވެ. އެހާ ބޮޑަށް އޭ.އައި އަށް ބަރޯސާވުމުގެ ސަބަބުން ދަރިވަރުންގެ އަމިއްލަ ފިކުރު ކުރުމާއި އުފެއްދުންތެރިކަން ކުޑަވެއެވެ. އަދި ނޭދެވޭ ގޮތުގައި އޭ.އައީ ބޭނުންކުރުމުން އިލްމީ އަމާނާތްތެރިކަން ގެއްލުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން، ކުދިންގެ އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައްވެސް ހިމެނެއެވެ.

އޭ.އައި ބޭނުންކުރުމުގައި ދިމާވާ އަނެއް ބޮޑު ގޮންޖެހުމަކީ ޓެކްނޮލޮޖީގެ ފަރަގުތަކެވެ. ހުރިހާ ދަރިވަރުންނަކަށް އޭ.އައި ވަސީލަތްތަކާއި ހައި-ސްޕީޑް އިންޓަނެޓްގެ ޚިދުމަތް އެއްވަރަކަށް ނުލިބުމަކީ، ތަޢުލީމީ ފުރުސަތުތަކުގެ ހަމަހަމަކަން ގެއްލި، މުޖުތަމަޢުގެ ތެރޭގައި ތަޢުލީމީ ފަންތިތަކެއް އުފެދިގެން ނެތިގެންދާނެ ކަމެކެވެ. އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއަށް މިފަދަ ޒަމާނީ ވަސީލަތްތައް ތައާރަފުކުރާއިރު، ހުރިހާ ފަންތިއެއްގެ ދަރިވަރުންނަށްވެސް މި ފުރުސަތުތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަކީ ތަޢުލީމީ އިދާރާތަކުން ނުހަނު އިސްކަންދޭންޖެހޭ ކަމެކެވެ.

މީގެ އިތުރުން، އޭ.އައިގެ އެހީގައި ކިތަންމެ މޮޅަށް ފިލާވަޅުތައް އޮޅުންފިލުވައިދިން ކަމުގައިވިޔަސް، އިންސާނީ ގުޅުމާއި މުދައްރިސުންގެ ފަރާތުން ލިބޭ ހިތްވަރާއި ލޯތްބަކީ އޭ.އައި އަށް ދުވަހަކުވެސް ފޫނުބެއްދޭނެ ކަންކަމެވެ. ދަރިވަރުންގެ ކިބައިގައި އަޚްލާޤީ ސިފަތަކާއި، އިޖުތިމާއީ ހުނަރުތަކާއި، އަދި ދިރިއުޅުމުގެ އަގުތައް އަށަގަންނަވައިދިނުމުގައި މުދައްރިސުންގެ ދައުރު އަދިވެސް އޮތީ އެންމެ މަތީ ދަރަޖައިގައެވެ. އެހެންކަމުން، އޭ.އައި ބޭނުންކުރަންވާނީ މުދައްރިސުންގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނުވައިދޭ، އަދި އުނގެނުމުގެ މާހައުލު މުއްސަނދިކޮށްދޭ އެހީތެރި ބާރެއްގެ ގޮތުގައެވެ.

މުސްތަޤުބަލުގައި ތަޢުލީމީ ދާއިރާގެ ކާމިޔާބީ ބިނާވެފައި އޮންނާނީ އިންސާނީ ވިސްނުމާއި އާޓިފިޝަލް އިންޓެލިޖެންސްގެ ގާބިލިއްޔަތު އެކުލެވިގެންދާ ފުރިހަމަ ނިޒާމެއްގެ މައްޗަށެވެ. މިގޮތުން، ދަރިވަރުން އޭ.އައި ބޭނުންކުރަން ދަސްކުރާއިރު، އެ ވަސީލަތްތަކުން ލިބޭ މައުލޫމާތަކީ ސައްޚަ މައުލޫމާތުތޯ ބަލައި، ފާޑުކިޔާ ވިސްނުމަކުން ކަންކަމާ މެދު ފިކުރުކުރުމުގެ ހުނަރުވެސް އެކުދިންގެ ކިބައިގައި ތަރައްޤީކުރަން ޖެހެއެވެ. މި ބަދަލުތަކާއެކު ތަޢުލީމީ ދާއިރާ ކުރިއަށްދާނީ ހަމައެކަނި މައުލޫމާތު ދަސްކޮށްދޭ ތަނެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އާ އީޖާދުތަކަށް މަގުފަހިކޮށްދޭ އަދި ކޮންމެ ދަރިވަރެއްގެ ކިބައިގައިވާ ހުނަރުތައް އެންމެ ފުރިހަމައަށް ބޭރުކޮށްދޭނެ ހަރުދަނާ ބިންގަލަކަށް ވެގެންދާނެއެވެ.

ޖުމްލަކޮށް ބަލާއިރު، އާޓިފިޝަލް އިންޓެލިޖެންސަކީ ތަޢުލީމީ ދާއިރާއަށް ލިބިފައިވާ ވަރަށް އަގުހުރި ހަދިޔާއެކެވެ. މީގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ، ތަޢުލީމީ ފެންވަރު މަތިކޮށް، އުނގެނުމުގެ ތަޖުރިބާ ފުރިހަމަކުރެވޭނެއެވެ. ނަމަވެސް، މުހިންމީ އޭ.އައި އަކީ މުދައްރިސުންގެ ބަދަލުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ނުބަލައި، އުނގެނުމުގެ މަސައްކަތުގައި އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top