އެކްޓްރެސް ސަނީ ލިއޯނީ އަދި ރާހުލް ބަޓް އިސް ރޯލުތަކުން ފެނިގެންދާ ހިންދީ ފިލްމު “ކެނެޑީ” ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.
ސަނީ އާއި ރާހުލްގެ އިތުރުން މޯހިތު ތަކަލްކަރް، އަބިލާޝް ކަޕްލިޔާލް، މޭގާ ބަރްމަން، ޝްރިކާންތު ޔާދަވް އަދި ކަރިޝްމާ މޯދީ މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ “ކެނެޑީ” ގައި ކިޔައިދެނީ ނިދިނައުމުގެ ބަލި ތަހަންމަލުކުރަމުންދާ، ފަސާދަވެފައިވާ ނިޒާމެއްގެ ތެރޭގައި ސިއްރުން މަސައްކަތްކުރާ ކުރީގެ ފުލުސް އޮފިސަރެއްގެ ވާހަކައެވެ.
2023 ވަނަ އަހަރު ޖިއޯ މާމީ ފިލްމު ފެސްޓިވަލް އާއި ކާންސް ފިލްމު ފެސްޓިވަލްގެ އިތުރުން ބައިނަލްއަޤުވާމީ އެތައް ފިލްމު ފެސްޓިވަލްއެއްގައި ދައްކައި ބޮޑު ތަރުޙީބެއް ލިބިފައިވާ “ކެނެޑީ” އަކީ “ގޭންގްސް އޮފް ވަސޭޕުރް” ފަދަ ފިލްމުތައް ގެނެސްދިން އަނޫރާގް ކަޝިޔަޕް ލިޔެ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސްކުރީ ރަންޖަން ސިންގް އާއި ކަބީރް އަހޫޖާއެވެ.
“ކެނެޑީ” އޯޓީޓީ ޕްލެޓްފޯމް ޒީ5 ގައި ރިލީޒްކުރަން ނިންމާފައިވަނީ މި ހިނގާ ފެބްރުވަރީ މަހުގެ 20 ގައެވެ.
