އިނގިރޭސިވިލާތުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސެންޓްރަލް ސީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ބަދަލުކޮށްފި ކަމަށް އިއުލާނުކޮށްފިއެވެ.
ލަންޑަނަށް އުފަން، އޯކްލީ ނީލް ސީޒާ-ސޫ، އޭނާ އިސްލާމްވިކަން އާންމުންނަށް ހާމަކުރީ ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ލައިވްސްޓްރީމެއްގެ ތެރެއިންނެވެ. މި ލައިވްގައި އޭނާ ބުނީ، ޝަހާދަތުގެ ދެކަލިމަ ކިޔައި މިހާރު އިސްލާމްވެފައިވާ ކަމަށާއި، ދީން ބަދަލުކުރުމާ ގުޅިގެން އޭނާގެ ނަން “އަގީލް” އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އުމުރުން 27 އަހަރުގެ މި އާޓިސްޓް ލައިވް ބްރޯޑްކާސްޓްގެ ތެރޭގައި ޝަހާދަތުގެ ދެކަލިމަ ކިޔައި، ރަސްމީކޮށް އިސްލާމްދީނަށް ވަނުމުން، އެ ވަގުތު އޭނާއާއެކު ތިބި ރަހުމަތްތެރިން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ސެންޓްރަލް ސީ މިކަމާ ގުޅޭގޮތުން ވާހަކަދެއްކީ ވަރަށް ކުރުކޮށް އަދި އަމިއްލަ ގޮތަކަށެވެ. ނަމަވެސް، ދީން ބަދަލުކުރަން ނިންމި ސީދާ ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
މިއަދާ ހަމައަށް އޭނާގެ ދީނީ ގަބޫލުކުރުންތަކާ ބެހޭގޮތުން އާންމުކޮށް އެއްވެސް ވާހަކައެއް ދައްކާފައި ނުވި ނަމަވެސް، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބައެއް ފަހަރު ބޭނުންކޮށްފައިވާ އަރަބި ބަސްތަކާއި ފޮޓޯތަކުގެ ސަބަބުން، އޭނާ އިސްލާމްވެދާނެ ކަމަށް ސަޕޯޓަރުން ކުރިން ވެސް ދިޔައީ ލަފާކުރަމުންނެވެ.
1998 ޖޫން 4 ގައި ލަންޑަނަށް އުފަންވި ސެންޓްރަލް ސީ މިއުޒިކްގެ ދާއިރާއަށް ނުކުތީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ރެޕް އަދި ޑްރިލް މިއުޒިކްގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އޭނާގެ ކާމިޔާބީތަކަށް ބަލާއިރު، 2021 ވަނަ އަހަރު ނެރުނު މިކްސްޓޭޕް އިނގިރޭސިވިލާތުގެ ޗާޓުތަކުގެ ދެވަނަ ހޯދާފައިވާއިރު، 2022 ވަނަ އަހަރު ނެރުނު އަލްބަމް ވަނީ ޗާޓުގެ އެއްވަނަ ހޯދާފައެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު އޭނާ ވެފައިވަނީ ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި އެންމެ ގިނައިން އަޑުއަހާ އިނގިރޭސި ރެޕް އާޓިސްޓަށެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އެމެރިކާގެ ބިލްބޯޑް 200 ޗާޓުގެ ގަދަ 10 އެއްގައި ހިމެނުނު އިނގިރޭސިވިލާތުގެ ފުރަތަމަ ރެޕް ލަވަކިޔުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.
