ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ އަޑު – ހަތަރުވަނަ ބައި

ނުގުޑާ އަޒުމް

ކޮޓަރީގެ ކަނެއްގައި ހުރި ގޮނޑީގައި އިށީނދެގެން އިން އަޒީލްގެ ނޭވާ އަވަސްވެގަތެވެ. އޭނާގެ ހިތުގެ ވިންދުވެސް ބާރުވަމުން ދިޔައީ މުޅިތަނަށް އަޑުއިވޭވަރަށް ބާރަށެވެ. އަޒީލަށް ކުރިން ހީވެފައި އޮތީ އޭނާގެ ރޭވުންތަކާއި، ނުލަފާ އަމަލުތަކުގެ ސަބަބުން ޒާރާގެ ހިތް މަރުވެ، އޭނާގެ އަޒުމް ބަލިކަށިވެފައިވާ ކަމަށެވެ. ނަމަވެސް، ޒާރާގެ އަޒުމަކީ ގަނޑުކޮށްލެވޭނެ އެއްޗެއް ނޫންކަން އޭނާއަށް އޮތީ ނޭނގިފައެވެ.

އަޒީލްގެ ފަރާތުން ލިބުނު އިހާނެތިކަމާއި ބިރުވެރިކަން ވެގެންދިޔައީ ޒާރާ ބަލިކޮށްލި ހަތިޔާރަކަށް ނޫނެވެ. މީގެ ފަސް އަހަރު ކުރިން ޒާރާ ބަލިކަށިވި ނަމަވެސް، މިއަދު އެ އަނިޔާވެރިކަން ބަދަލުވީ އޭނާގެ ހަށިގަނޑުގައި އުފެދުނު އާދަޔާ ހިލާފު ހަކަތައަކަށެވެ. ލިބުނު ކޮންމެ އަނިޔާއަކުން ޒާރާގެ ހިތުގައި ބަދަލުހިފުމުގެ ރޫހު ދިޔައީ ވަރުގަދަވަމުންނެވެ. އަޒީލްގެ ކުރިމަތީގައި އިސްޖަހައިގެން ހުރި ނިކަމެތި އަންހެން ކުއްޖާ މިހާރު ވަނީ މާޒީގެ ސަފުހާތަކުގެ ތެރެއަށް ގެއްލިފައެވެ.

އޭނާގެ އަމިއްލަ ހިޔަންޏަށްވެސް އޭނާ ސިހެއެވެ. ކެބިންގެ ދޮރުމަތީގައި ހުރި ހިޔަނި ފެނުމާއެކު އަޒީލްގެ ދެލޯ ބޮޑުވެ، ދެފައި ފިނިވެގެން ދިޔައެވެ. ނަމަވެސް މިފަހަރު އެއީ އޭނާގެ އަމިއްލަ ހިޔަންޏެއް ނޫނެވެ. އެއީ ޒާރާގެ ހިޔަންޏެވެ. ނަމަވެސް އެއީ ކުރީގެ ޒާރާއެއް ނޫނެވެ. އޭނާގެ ދެލޮލުން ފެންނަނީ ސާބިތުކަމެވެ. އޭނާގެ ހިނގުމުގައި ހުރީ ބާރުވެރިކަމެވެ. ޒާރާ އެއައީ ބަދަލުހިފާށެވެ. އަޒީލްގެ ކޮންމެ މަކަރުވެރިކަމަކަށް ހައްގު އަދަބު ދިނުމަށެވެ. އަދި މަޔަކު އޭނާގެ އަމިއްލަ ދަރިންނަށްޓަކައި ކުރެވޭނެ ކަންކަން އަޒީލްއަށް ދައްކައިދިނުމަށެވެ.

“އަހަރެން މީޓިން ނިންމާފައި ނުކުތީ ގެއަށް ދާންވެގެން. އެކަމަކު އަޒީލްއާ ކުރަންޖެހޭ ސުވާލުތަކެއް ހުރުމުން އެނބުރި މިއައީ،” ޒާރާ ނުހަނު ކެރުމާއެކު ބުންޏެވެ.

“ކަލޭ ހީކުރީ ފަސް އަހަރު ފަހުންވެސް އަހަރެން މިއީ ކުރީގެ ބިރުގަންނަ، މީހުންގެ ބަހަށް ހެއްލޭ ޒާރާ ކަމަށްތަ؟” ޒާރާގެ އަޑު މުޅި އޮފީސް ތެރޭގައި ގުގުމާލިއެވެ. އެ އަޑުގައި ވަނީ ނުގުޑާ ފަދަ ވަރުގަދަ އަޒުމެކެވެ. “އަހަރެން މިހުރީ މާ ވަރުގަދަ އަޒުމަކާއެކު. މާޒީގައި އަޒީލް ދިން ކޮންމެ އަނިޔާއަކީ އަހަރެން ކުރިއަރައިދާން ލިބުނު ބާރެއް. އަދި އެއްވާހަކަ؛ ލަޔަލް އާއި ލާރާ އަކީ އަހަރެންގެ ދަރިންކަން މިހާރު އަހަންނަށް އެނގޭ. އަހަރެންގެ ދަރިން ހޯދުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން! ޑީ.އެން.އޭ ޓެސްޓު ހަދަން އަޒީލް ދެކޮޅު ހަދައިފިނަމަ އަހަރެން ކޯޓަށްވެސް ދާނަން. ކޮންމެ ގޮތަކުންވިޔަސް އަހަރެންގެ ދަރިން އަޒީލްގެ ކިބައިން ސަލާމަތް ކުރާނަން، އިންޝާ ﷲ.”

އަޒީލަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހުރި ދިމާއަށް އޭނާ ގަނޑުވިކަހަލައެވެ. ޒާރާގެ މި އާ ސޫރަ ފެނިފައި އޭނާ އިންތިހާއަށް ހައިރާން ވިއެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ނުތަނަވަސްކަމެވެ. އޮފީހުގެ މުވައްޒަފުންވެސް ތިބީ ހައިރާންވެ، އެ މަންޒަރު ބަލާށެވެ. ޒާރާގެ ފިޔަވަޅުތައް އަޒީލާ ގާތަށް ޖެހެމުން ދިޔަވަރަކަށް، އަޒީލްގެ ނިމުން ގާތްވަމުންދާކަން އޭނާއަށް އިހުސާސްވަމުން ދިޔައެވެ. ބަދަލުހިފުމުގެ ފެށުން އިއުލާނުވެއްޖެއެވެ.

ޒާރާ މަޑުމަޑުން އެ ކޮޓަރިން ނުކުމެ، ބޭރުގެ ފިނި ވަޔަށް ނޭވާލިއެވެ. އޭނާގެ ހިތުގައި އޮތް ބިރުވެރިކަން މިހާރު ވަނީ ނުގުޑާފަދަ ސާބިތުކަމަކަށް ބަދަލުވެފައެވެ. މުވައްޒަފުން ހައިރާންވެފައި ތިބިތަން ފެނުމުން ޒާރާ ހިނިތުންވެލިއެވެ. ސަބަބަކީ  ޖެހިގެން އަންނަ ދުވަހު މީސްމީޑިޔާގައި މިކަން ފެތުރިގެންދާނެކަން އޭނާއަށް ޔަގީންވާތީއެވެ. އަޒީލްގެ ފަރާތުން ލިބިގެންދިޔަ ކޮންމެ ހިތްދަތިކަމަކީ އޭނާގެ ނަފްސު ވަރުގަދަކޮށްދޭ ހަކަތައެކެވެ. ގެއާ ދިމާއަށް މިސްރާބު ޖެހުމަށްޓަކައި އޭނާގެ ކާރަށް އެރިއެވެ. އަރައިގެން ނައްޓާލިއިރު ޒާރާގެ ސިކުނޑި ތެރޭގައިވަނީ ވަރުގަދަ ރޭވުންތެރިކަމެވެ. އޭނާ ބޭނުންވީ ހަމައެކަނި އަޒީލަށް އަދަބު ދިނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ އަޒީލް ކުރި ހުރިހާ ނުލަފާ އަމަލުތަކެއްގެ ހަގީގަތް ދުނިޔެއަށް ހާމަކޮށް، ލަޔަލްއާއި ލާރާ އަޒީލްގެ އަތުން އަނބުރާ ހޯދުމެވެ.

ގެއަށް ވަދެވުމާއެކު ޒާރާ ސީދާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ތަޅުލުމަށްފަހު، އޭނާ އެއްކޮށްފައިވާ ހެކިތަކާއި ޑައިރީ ނެގިއެވެ. އަޒީލްގެ ބާރަކީ ބިރުދެއްކުން ކަމަށްވިޔަސް، ޒާރާގެ ބާރަކީ ހަގީގަތެވެ. ޒާރާ އަމިއްލަ ނަފްސަށް ބުނެލިއެވެ. “މިއަދުން ފެށިގެން އަޒީލަށް ނިދޭނީ ބިރުވެރި ހުވަފެނެއްގެ ތެރޭގަ.”

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޒާރާ އޭނާގެ ކޮމްޕިއުޓަރުގެ ކުރިމަތީގައި އިށީނދެލިއެވެ. އޭނާގެ އަތްތިލަ ތުރުތުރެއް ނާޅައެވެ. އަޒީލްގެ ‘މަކަރުވެރިކަމުގެ ދާ’ ފަތުރާފައިވާ ގޮތުގެ ހުރިހާ ތަފްސީލެއް އޭނާ އެއްކުރަން ފެށިއެވެ. އަދި އެކިއެކި ކޯޓްތަކާއި ހޮސްޕިޓަލްތަކަށް ޒާރާ ގުޅަންފެށިއެވެ. ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރުން ބޭރުން އަނެއްކާވެސް އެ އާދަޔާ ހިލާފު އަޑު އިވުނެވެ. އެއީ ކުރިން އޭނާ ބިރުގަތް އަޑެވެ. ނަމަވެސް މިފަހަރު ޒާރާ ސިހުމެއް ނުވިއެވެ. އޭނާ ކުޑަދޮރު ކައިރިއަށް ގޮސް ބޭރަށް ބަލައިލިއެވެ. އޭނާ ކުޑަދޮރު ކައިރިއަށް ގޮސް ބޭރަށް ބަލައިލިއިރު، އަޒީލްގެ ގޭގެ ކުޑަދޮރު ކައިރީގައި ލަޔަލް އާއި ލާރާ އުފަލުން ހޭ މަންޒަރު ފެނުނެވެ.

“ކަލޭގެ އެއްވެސް އަމަލަކުން ދެން އަހަރެން ހުއްޓުވައެއް ނުލެވޭނެ،” ޒާރާ މަޑުމަޑުން ބުނެލިއެވެ. އެ އަޑަކީ އޭނާގެ ހިތްވަރު އިތުރުކޮށްދިން ބާރަކަށް ވިއެވެ. އަޒީލަށް ހީވެފައި އޮތީ ޒާރާއަކީ ފަސޭހައިން މުގުރާލެވޭނެ ބިއްލޫރިގަނޑެއް ކަމަށެވެ. އެކަމަކު އޭނާއަށް ނޭނގުނީ ޒާރާއަކީ އަލިފާނުގެ ތެރެއިން ފައްކާވެގެން އައި ވަރުގަދަ ދަގަނޑެއް ކަމެވެ.

ފަތިސްވީއިރު ޒާރާ އިނީ އޭނާގެ ފުރަތަމަ ފިޔަވަޅު އަޅަން ފުރިހަމައަށް ތައްޔާރުވެގެންނެވެ. އޭނާގެ ލޮލުން ފެންނަނީ ކާމިޔާބީގެ ކުލަވަރެވެ. އަޒީލްގެ ނިމުން ފެށިއްޖެކަން އޭނާއަށް ޔަގީނެވެ. ޒާރާގެ މި ވަރުގަދަ އަޒުމުގެ ކުރިމަތީގައި އަޒީލްގެ އެއްވެސް އުކުޅެއް ދެން ކާމިޔާބެއް ނުވާނެއެވެ. އެ އިވޭ އަޑަކީ މިހާރު ޒާރާގެ ކާމިޔާބީގެ ރަނގަބީލެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top