ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕްރެޒިޑެންޓްސް ކަޕްގެ ރަސްގެފާނު މުބާރާތުން ކަޓައިފި
ފޮޓޯ: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ދިވެހިރާއްޖޭގައި ކުޅެވޭ އެންމެ ސަރަފުވެރި ފުޓްބޯޅަ މުބާރާތަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޤައުމީފުޓްބޯޅަ މުބާރާތް (ޕްރެޒިޑެންޓްސްކަޕް) އެވެ. ޕްރެޒިޑެންޓްސްކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ނުވަތަ އެމުބާރާތުގެ ރަސްގެފާނަކީ ވިކްޓަރީ ސްޕޯރޓްސް ކުލަބުއެވެ. ޕްރެޒިޑެންޓްސްކަޕްގެ ތާރީހަށް ބަލައިލާއިރު ވިކްޓަރީއާ ވާދަކުރެވޭވަރުގެ ޓީމެއް އަދި ނެތެވެ. ޕްރެޒިޑެންޓްސްކަޕްގެ ތަށި ވިކްޓަރީން ދެފަހަރަށް މިލްކު ކޮށްފައިވާއިރު އެޓީމާއި އެންމެގާތުން ވާދަކުރާ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުން ވަނީ އެއްފަހަރު އެތަށި މިލްކުކޮށްފައެވެ. ނިއުރޭޑިއަންޓާއި ވިކްޓަރީ ފިޔަވާ އެހެންޓީމަކަށް އެތަށި މިލްކުކުރެވިފައެއް ވެސް ނެތެވެ.

ޕްރެޒިޑެންޓްސްކަޕް މިއަހަރުގެ މުބާރާތުން ވިކްޓަރީ ކެޓީ ގްރޫޕް ސްޓޭޖްގައި ކުޅެން ޖެހުނު ދެމެޗުން ވެސް ބަލިވެ 3 ގޯލްގެ ގެއްލުމާއި އެކުއެވެ. ގްރޫޕް ސްޓޭޖް ފުރަތަމަމެޗުން ބުރު ސްޕޯރޓްސްއާ ވާދަކޮށް 2-1 އިން ބަލިވިއިރު، ރޭގެ މެޗްގައި މާޒިޔާއާ ވާދަކޮށް ވިކްޓަރީ ބަލިވީ 2-0 އިންނެވެ.

މޮޅުވެގެން ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމުން އެޓޭކަށް އިސްކަންދީގެން ކުޅެމުންދިޔަ ވިކްޓަރީގެ ހަމަލާތައް ހުއްޓުވުމުގައި މާޒިޔާގެ ޑިފެންޑަރުންނާއި ކީޕަރު ކާމިޔާބު ހޯދިއިރު، މާޒިޔާގެ އެޓޭކްތައް ހުއްޓުވުމުގައި ވިކްޓަރީއަކަށް ކާމިޔާބެއް ނުހޯދުނެވެ.

މެޗްގައި ފެނުނު ދެ ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. މެޗްގެ ފުރަތަމަ ލަނޑު މާޒިޔާއަށް ޖަހައިދިނީ ސާޖިއޯ މެންޑީއެވެ. މިލަނޑަކީ އަހްމަދު އައިހަމް އާއި މުޙައްމަދު އިލާން ގުޅިގެން އުފެއްދި ފުރުސަތެއްގައި ސާޖިއޯ މެންޑީ ޖަހައިދިން ލަނޑެކެވެ. މާޒިޔާގެ ދެވަނަ ލަނޑު ޖަހައިދިނީ ހައިސަމް ހަސަންއެވެ. ހައިސަމް ހަސަން މިލަނޑު ޖެހީ ނާއިޒް ހަސަން ނަގައިދިން ހުރަހަކަށް އަރައި އޭރިޔާ ތެރެއިންނެވެ.

ފޮޓޯ: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

މިމެޗާއިއެކު ގުރޫޕް ސްޓޭޖްގެ މެޗްތައް ވަނީ ނިމިފަ އެވެ. 6 ޕޮއިންޓާއިއެކު މިގްރޫޕުން 1 ވަނަ މާޒިޔާ ހޯދިއިރު، މިގްރޫޕްގެ 2 ވަނަ ޓީމަކީ 3 ޕޮއިންޓް ހޯދި ބުރު ސްޕޯޓްސް އެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ހުކުރުދުވަހުގެރޭ ވާދަކުރާނީ ގްރޫޕް 1 ގެ 1 ވަނަ ހޯދި މާޒިޔާ އާއި ގުރޫޕް 2 ގެ 2 ވަނަ ހޯދި ނިއުރޭޑިއަންޓެވެ. ސެމީފައިނަލްގެ ދެވަނަ މެޗްގައި ހޮނިހިރު ދުވަހުގެރޭ ވާދަކުރާނީ ގްރޫޕް 2 ގެ 1 ހޯދި އޮޑި ސްޕޯރޓްސް އާއި ގުރޫޕް 1 ގެ 2 ވަނަ ހޯދި ބުރު ސްޕޯރޓްސް އެވެ. ދެމެޗް ވެސް ފަށާނީ 22:00 ގައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top