ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ނުފިލާ ރިހުން – ފުރަތަމަ ބައި

އިރުއޮއްސެމުންދިޔަ ހިތްގައިމު ވަގުތެވެ. މާލޭގެ އިރުމަތީ ފަރާތު ތޮށިގަނޑުމަތީގައި ރާޅުޖަހާ އަޑަށް ކަންފަތްދީގެން އިން ރާހިލްގެ ހިތުގައިވަނީ ބަޔާންކުރަންދަތި އުދާސްތަކެކެވެ. އުދަރެހުން ފެންނަން އޮތް ރަންދަޅަތައް މަޑުމަޑުން އަނދިރިކަމަށް ބަދަލުވަމުން ދިޔައިރު، އޭނާގެ ޙަޔާތަށްވެސް އެފަދަ އަނދިރިކަމެއް ވެރިވަމުންދާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.

ރާހިލްއަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މަސައްކަތްތެރި ޒުވާނެކެވެ. އޭނާގެ ޙަޔާތުގެ ހުރިހާވެސް އުންމީދަކީ ޖަޒްލާއެވެ. ޖަޒްލާއަކީ މާލޭގެ މުއްސަނދި، ނުފޫޒުގަދަ އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެ ދެމީހުންގެ ލޯތްބަށް ފަސް އަހަރު ވެފައިވާއިރު، އެ ގުޅުމުގައި އުފެދިފައިވާ ރެނދުތައް ބޮޑުވަމުން ގޮސް މިއަދު އެވަނީ ވަކިވުމުގެ ތުންފަތްމައްޗަށް އައިސްފައެވެ.

“ރާހިލް.” ކުއްލިއަކަށް ފަހަތުން އިވުނީ އޭނާ އެ އަޑެއް އެންމެ އަހާހިތްވާ، ނަމަވެސް އެވަގުތު އެންމެ އަޑުއަހަން ބޭނުންނުވި އަޑެވެ. އެ އަޑުގައިވާ ހިތާމަވެރި އަސަރަކީ އޭނާގެ ހިތަށް ނުހަނު އުނދަގޫ ދިން ކަމެކެވެ. ކުރިމަތީގައި ހުރީ އޭނާ އެމީހެއްދެކެ އިންތިހާއަށް ލޯބިވި ޖަޒްލާއެވެ. އެ މޫނުމަތިން ގިސްލުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

“ޖަޒޫ؟ މިގަޑީގައި މިތަނަށް؟” ކަންބޮޑުވުމާއެކު ރާހިލް އަހައިލިއެވެ.

ޖަޒްލާ އައިސް ރާހިލްގެ ގާތުގައި އިށީނދެލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުތަކެކެވެ. އެއްޗެކޭ ނުބުނެ ގިނައިރު ވީވަރަކަށް ދެމެދުގައިވި ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އެކަކުވެސް އަނގައިން ނުބުނަން ވަޢުދެއް ވެގެން ތިބި ކަހަލައެވެ.

“ރާހިލް.” އެއްޗެކޭ ނުބުނާނެހެން ހީވާހާ ގިނައިރު ކޮށްފައި ޖަޒްލާ އަނެއްކާވެސް ރާހިލްއަށް ގޮވައިލިއެވެ. އެ އަޑުގައި ފަސްޖެހުމާއެކު ހިތަށް ތަދުކުރާފަދަ ހިތްދަތި އަސަރެއް ވިއެވެ.

“ބައްޕަ އަހަރެންގެ ކައިވެނި ހަމަޖައްސައިފި. އަންނަ މަހު އަހަރެންގެ ކައިވެނި ކުރެވޭނެ. އެއީ ބައްޕަގެ ވިޔަފާރި ޕާޓްނަރު ހަމްޒާގެ ދަރިފުޅާ.” ތުރުތުރުލަމުންދިޔަ އަޑަކުން ލީން ބުނެލިއެވެ.

ރާހިލްގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. އޭނާ އިސްޖަހާލިއެވެ. ކުރެވޭނެ އިތުރު ކަމެއް ނެތީމައެވެ. އެއީ ވާނެ ގޮތްކަން މާކުރިންވެސް އޭނާއަށް ވިސްނިފައި އޮތީމައެވެ.

“އަހަރެމެންނަށް މާކުރިންވެސް އެނގެއެއްނު ޖަޒޫގެ ބައްޕަމެންނަށް އެނގޭ ދުވަހަކުން މިގުޅުމާމެދު އެމީހުން ނުރުހޭނެކަން. އެއީ އަހަރެންނާ ޖަޒޫއާ އެކަށީގެނެއްނުވޭ. އަހަރެންގެ އަތަކު ޖަޒޫއަށް ދޭނެ މުއްސަނދިކަމެއް ނެތް.” އިސްޖަހާލައިގެން އިނދެ މޮޅިވެރިކަމާއެކު ރާހިލް ބުންޏެވެ.

ރާހިލްގެ ހުރިހާ ވާހަކައެއް ޖަޒްލާ ގަބޫލުކުރިއެވެ. އެންމެ ފަހުން ބުނި ވާހަކަ ފިޔަވައެވެ. އެއީ އޭނާ ދުވަހަކުވެސް ގަބޫލުކުރަން ބޭނުންވާ ކަމެއް ނޫނެވެ. ޖަޒްލާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ހިތާމައިގެ ތެރެއިން ރުޅިވެރިކަން އިސްވިއެވެ.

“މުއްސަނދިކަމެއް ނޫން ރާހިލް. ކަލޭ މަސައްކަތެއް ނުކުރީމެއްނު. ކަލޭ އަހަރެން ބޭނުންވިނަމަ، ބައްޕަ ކުރިމައްޗަށް ގޮސް ހަޤީޤަތް ހާމަކުރީސް. އެކަމަކު ކަލޭ އިޚްތިޔާރުކުރީ ހިމޭންކަން. ކަލޭ ތީ ބޮޑު ފިނޑިއެއް. ބޭވަފާތެރިއެއް. އަހަރެންގެ އުއްމީދުތަކުގައި ކަލޭ ކޮޅުފައިން ޖެހީ.” ޖަޒްލާ ހިތާމައާއި ރުޅި އެކުލެވިގެންވާ އަޑަކުން ބުންޏެވެ.

ޖަޒްލާގެ އެ ޖުމްލަތައް ތުނޑު ތޫނު ތީރުތަކެއް ފަދައިން ރާހިލްގެ ހިތުގެ އެންމެ ފުނަށް ހެރިއްޖެއެވެ. އޭނާ އެއްވެސް ހާލެއްގައި ޖަޒްލާއަށް ބޭވަފާތެރިއެއް ނުވެއެވެ. އަދި އެފަދަ ޚިޔާލެއްވެސް ނުގެންގުޅެއެވެ. ނަމަވެސް ޖަޒްލާދެކެ ވީ އިޚްލާސްތެރި ލޯބީގެ ސަބަބުން މަޖުބޫރެއްގައި ބަނދެވުނީއެވެ.

******

ހަފްތާއެއް ކުރި

ރާހިލް އޮފީހުން ނިމިގެން ގެއަށް ދަނިކޮށް މަގުމަތިން ފެނިގެން ރާޝިދު، ރާހިލް ހުއްޓުވިއެވެ. ރާޝިދު ރާހިލް ގޮވައިގެން ދިޔައީ އާޓިފިޝަލް ބީޗާއި ދިމާ މީހުން މަދު ހިސާބަކަށެވެ.

“ރާހިލް. އަހަރެން މާގިނަ ބޭކާރު ވާހަކަތަކެއް ދައްކާކަށް ނެތިން. ހިނގާ ސީދާ ޕޮއިންޓަށް ދަމާ. އޭރުން ދެމީހުންގެވެސް ވަގުތު ސަލާމަތްވާނެ.” ރާޝިދުގެ އަޑުގައިވި ހިތްހަމަނުޖެހުން ރާހިލްއަށް ހުރިހާ ކަމެއް އޮޅުންފިލުވައިދީފިއެވެ. ނަމަވެސް އޭނާ ކެތްތެރިކަމާއެކު އަޑުއެހިއެވެ.

“ޖަޒްލާއަކީ އާދައިގެ ދިރިއުޅުމަކަށް އާދަވެފައި ހުރި ކުއްޖެއް ނޫން. ކަލެއަށް އޭނައަށް ބޭނުންވާ އުފާވެރިކަމާއި އަރާމު ދިރިއުޅުމެއް ހޯދައެއް ނުދެވޭނެ. އެއްވެސް ހާލެއްގައި ކަލޭ ކަހަލަ އާދައިގެ މީހަކާ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެއް ނުދެވޭނެ. އެހެންވީމަ ރަނގަޅު ގޮތަކީ ކަލޭ ހަޤީޤަތުގައިވެސް އޭނާދެކެ ލޯބިވާނަމަ، ރީތި ގޮތުގައި އޭނައާ ދުރަށް ދިޔުން. ނޫނީ އަހަރެންނަށް މަޖުބޫރުވާނެ އޭނަ މި ރަށުންވެސް ފޮނުވާލަން. އަދި އަހަރެން ބޭނުންވާ ކަމެއް ހާސިލްކުރަން އަހަރެން ކޮންމެފަދަ ކަމެއްވެސް ކުރާކަށް އަހަރެން ޖެހިލުމެއްނުވޭ. އެކަން ކުރަން އޭނަގެ ފުރާނަ ދުއްވާލަން ޖެހިއްޖެއްޔާ އެކަންވެސް ކުރާނަން. އެހެންވީމަ ރީތި ގޮތުގައި އަހަރެންގެ ދަރިފުޅާ ދުރަށްދޭ.” ވަރުގަދަ އިންޒާރަކާއެކު ރާހިލްގެ ހިތް ކުދިކުދި ކޮށްލުމަށްފަހު ރާޝިދު ހަރު ހިނގުމެއްގައި ގޮސް ކާރަށް އަރައިފިއެވެ.

ރާޝިދު ކާރުގައި ގޮސް އޮބާލަންދެން ރާހިލް ބަލަން ހުއްޓެވެ. ރާޝިދުގެ ވާހަކައިގައި އެއްވެސް ދޮގެއް ނެތްކަން ރާހިލް ޤަބޫލުކުރެއެވެ. އޭނާއަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. ޖަޒްލާއަކީ މުއްސަނދި އަރާމު ދިރިއުޅުމެއްގައި ބޮޑުވެފައި ހުރި ޒުވާނެކެވެ. އޭނަފަދަ އާދައިގެ މީހަކާއެކު އުޅޭއިރު ޖަޒްލާއަށް އުނިވާނެ އެތައް ކަމެއް ހުންނާނެއެވެ. އެއްވެސް ހާލެއްގައި އެފަދަ އަރާމު، ފުދިގެން އުޅޭ ދިރިއުޅުމެއް އޭނައަށް ޖަޒްލާއަކަށް ހޯދައެއް ނުދެވޭނެއެވެ. އަނެއްކޮޅުން ރާޝިދުގެ އިންޒާރެވެ. މުއްސަނދިންނަކީ އެމީހުން ބޭނުންވާ ކަމެއް ހާސިލްކުރަން ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް ފަސްނުޖެހޭނެ ބައެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވުމާއެކު ވަރަށް ވިސްނާފައި އޭނާ ޖަޒްލާގެ އުފަލަށްޓަކައި އޭނާގެ ނަފްސު ޤުރުބާންކުރަން ނިންމައިފިއެވެ.

*****

“ޖަޒޫ. ތިހެން ނުބުނޭ. އަހަރެން ބޭވަފާތެރިއެއް ނުވަން. އަދި ދުވަހަކުވެސް އެކަހަލަ ޚިޔާލެއްވެސް ނުކުރަން. އެކަމަކު ބައެއްފަހަރު ލޯތްބަށްވުރެ މަޖުބޫރީގެ ބާރު ގަދަވޭ. ޖަޒޫއަށް މިހާރު ނޭނގުނަސް އަދި ފަހުން ވިސްނޭނެ.” ރާހިލް މަޑުމަޑުން ބުނެލިއެވެ.

“ހުހް. މަޖުބޫރީއޭ. ކޮން މަޖުބޫރީއެއް؟ ތީ ބަހަނާ. ކަލޭ އަހަރެންދެކެ އެހާ ލޯބިވީނަމަ، އަހަރެންގެ އަތުގައި ހިފާފައި މި ދުނިޔެއާ ހަނގުރާމަ ކުރީސް. އެކަމަކު ކަލޭ ތީ ފިނޑިއެއް. ބޭވަފާތެރިއެއް. ތިކަހަލަ މީހަކަށް ދުވަހަކުވެސް ލޯތްބެއް ނުލިބޭނެ.” ރުޅިވެރިކަމާއެކު އެހެން ބުނެލުމަށްފަހު ޖަޒްލާ އެތަނުން ދާން ހިނގައިގަތެވެ.

ރާހިލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާ ދުލުން ބޭރުކުރަން ބޭނުންވި އެތައް ވާހަކައެއް ހުއްޓެވެ. އޭނާ ޖަޒްލާދެކެ އިންތިހާއަށް ލޯބިވާ ވާހަކައެވެ. ބޭވަފާތެރި ނުވާ ވާހަކައެކެވެ. ނަމަވެސް އޭނަގެ ވަފާތެރިކަން ސާބިތުކޮށްދޭން ކުރެވޭނެ ކަމެއް ނެތް ވާހަކައެވެ. ވަކިވެގެން ދިޔަނަމަވެސް އޭނަގެ ލޯތްބާއިމެދު ޝައްކު ނުކުރާށޭ ބުނަން ބޭނުންވިއެވެ. ބޭވަފާތެރިއެއްގެ ނަން ނުދޭށޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އެ ހުރިހާ ވާހަކައެއްވީ އޭނާގެ ހިތުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މުޅި މާލެ ތައްޔާރުވަމުން ދިޔައީ ރާޝިދުގެ ދަރިފުޅު ޖަޒްލާގެ ކައިވެންޏަށެވެ. ރާހިލް އުޅުނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ. ކުރިން އެންމެނާ ގުޅޭ މަޖާ މިޒާޖުގެ ރާހިލްއަކީ މިހާރު އޭނާގެ މަސައްކަތުގެ މާހައުލުގައިވެސް ހިމޭން، އެކަނިވެރި މީހެކެވެ. ރޭގަނޑުގެ ނިދި ވަނީ އޭނައާ އަލްވަދާޢު ކިޔާފައެވެ. ޖަޒްލާ އެންމެ ފަހުން ބުނި ބަސްތައް އޭނާގެ ކަންފަތުގައި އަބަދުވެސް ހަރުލާފައި ހުރެއެވެ. “ބޭވަފާތެރިއެއް” ކަމަށް ބުނި ބުނުމާއި “ލޯބި ނުލިބޭނެ” ކަމަށް ބުނެ ޖަޒްލާ ކުރި ބަދުދުޢާ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފިއެވެ.

ޖަޒްލާގެ ކައިވެނީގެ ރެއެވެ. މާލޭގެ އެންމެ އަގުބޮޑު އެއް ހޯލުގައި ބޭއްވުނު އެ ހަފުލާއަށް ރާހިލްވެސް ދިޔައެވެ. އޭނާ ހުރީ އެތެރެއަށް ނުވަދެ ބޭރުގައި، ގަސްތަކުގެ ހިޔަލުގައެވެ. ހޯލުގެ ތެރެއިން އިވޭ އުފާވެރި މިއުޒިކާއި، މީހުންގެ ހުނުމުގެ އަޑުތައް އޭނާގެ ހިތަށް އިތުރަށް ތަދުކުރަމުން ދިޔައެވެ. ނަމަވެސް އޭނާ އެތަނަށް އައީ އެންމެ ފަހު ފަހަރަށް ޖަޒްލާ ދެކިލާ ހިތުންނެވެ.

ކުއްލިއަކަށް ހޯލުގެ ބެލްކަންޏަށް ޖަޒްލާ ނުކުތެވެ. އޭނާ ހުރީ ރީތި ހުދުކުލައިގެ ކައިވެނި ހެދުމެއްގައެވެ. ނަމަވެސް އެ ދޮން މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ޖަޒްލާގެ ނަޒަރު ގަސްތަކުގެ ހިޔަލުގައި ހުރި ރާހިލްއާ ސީދާވިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެ ވަގުތުކޮޅު، ދުނިޔެ ހުއްޓުނު ކަހަލައެވެ. ޖަޒްލާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ރާހިލްގެ ހިތަށް އެރިއެވެ. ޖަޒްލާގެ ޙަޔާތަށް އައި މި ޚާއްސަ ރޭވެސް އޭނާގެ ސަބަބުން ޖަޒްލާއަށް މި ލިބުނީ ހިތާމައެކެވެ. ރާހިލް މަޑުމަޑުން ބޯޖަހާލުމަށްފަހު އެތަނުން ހިނގައިގަތެވެ.

ޖަޒްލާގެ ކައިވެންޏަށްފަހު ރާހިލް ބަދަލުވީ އޭނާގެ އުފަން ރަށް ކުޅުދުއްފުށްޓަށެވެ. ޖަޒްލާއާ އެއް ފަސްގަނޑެއްގައިވެސް އުޅުން އޭނައަށް ދަތީއެވެ. ކިތަންމެ ދުރުގައި ހުންނަން ބޭނުންވިޔަސް އޭނައަށް ޖަޒްލާ ދެކިލާހިތުން ޖަޒްލާގެ ފިރިމީހާގެ ގެ ކައިރިއަށް ދެވޭތީއެވެ. ދުރުދުރުން ފާރަވެސް ލެވޭތީއެވެ. ޖަޒްލާ ހުންނަނީ އުފަލުގައިތޯ ބެލޭތީއެވެ. އެކަމުގެ ސަބަބުން ޖަޒްލާގެ ދިރިއުޅުމަށް އަސަރެއް ކޮށްފާނެތީއެވެ.

**********

ދިހަ އަހަރު ފަސް

މީގެ ދިހަ އަހަރު ކުރިން ޖަޒްލާއާއި ވަކިވުމުގެ ހިތާމަ ކުޑަކުރުމަށްޓަކައި ރާހިލް ގިނަ ވަގުތު ހޭދަކުރަން ފެށީ މަސައްކަތުގައެވެ. އޭނާގެ ރައްޓެއްސެއްގެ އެހީގައި ފެށި އާދައިގެ ކުޑަކުޑަ ވިޔަފާރި ފުޅާކުރަމުން ފުޅާކުރަމުން ގޮސް މިހާރު އޭނާއަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކުރެވިފައިވަނީ ވިޔަފާރިއަށެވެ. ލޯތްބަކަށް އޭނައަށް ވަގުތެއް ނެތެވެ. ހިތުން އަދިވެސް ޖަޒްލާގެ ހަނދާންތައް ނުފިލާތީ އޭނާ ކައިވެންޏެއް ނުކުރެއެވެ. ނަމަވެސް އޭނާ މިހާރު މާބޮޑަށް އެކަމާ ފިކުރުކޮށެއް ނުހަދައެވެ.

ދިހަ އަހަރަށްފަހު ރާހިލް މާލެ އައީ ކޮންމެހެންވެސް އަންނަން ޖެހިގެންނެވެ. އޭނާ މިއަދު އެހުރި މަޤާމަށް ގެނެސްދިނުމަށް އެންމެ އެހީތެރިވެދިން އެކުވެރިޔާ ނާޒިމް ބޮޑު ބޭހަކަށް ރާއްޖޭން ބޭރަށް ފުރާތީއެވެ. މާލެ އާދެވުމާއެކު ޖަޒްލާގެ ހަނދާންތައް އާވެގަތެވެ. ނަމަވެސް އޭނާ އެ ޚިޔާލުތަކުން ދުރުވެވޭތޯ ބެލިއެވެ. ޖަޒްލާއަކީ މިހާރު މީހެއްގެ އަނތްބެކެވެ. ދެކުދިންގެ މަންމައެކެވެ. އޭނާ މިހާރު ހުންނާނީ އުފަލުންނެވެ. އެހެން ހިތަށް އަރުވައި ހިތްހަމަޖައްސާލިއެވެ.

ރާހިލް ނިންމީ ދެތިން ދުވަހަކު މާލޭގައި މަޑުކޮށްލާފައި ރަށަށް ދާށެވެ. ބައެއް ރައްޓެހިންނާ ބައްދަލުކޮށްލާށެވެ. ރަށަށް ދިޔަފަހުން ފޯނުން ނޫނީ ބައްދަލުނުވާތީއެވެ. އެމީހުން އެތައް ފަހަރެއްގެ މަތިން އައުމަށް އެދުމުންވެސް އޭނާ ވިޔަފާރީގެ ބަހަނާ ދައްކާފައި ނައީއެވެ. ނަމަވެސް އާދެވުނީތީ އެމީހުންނާ ބައްދަލުނުކޮށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ.

އެއްދުވަހަކު މަޖީދީ މަގުގައި ހުރި ފިހާރައަކުން ރާހިލް ނުކުތް ވަގުތު ދުވާރު މަތިން ދުއްވާފައި އައި ފުރޮޅުލީ ގޮނޑިއެއްގައި ލައިގަތެވެ. މާފަށް އެދެމުން ބަލައިލި ވަގުތު އޭނާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
އެ އަޑު – ފުރަތަމަ ބައި
2 ގަޑިއިރު ކުރިން
ސީމޫރު ގަބީލާ
4 ގަޑިއިރު ކުރިން
Home
Menu
Search
Back to top