އެފްއޭއެމުން އިންތިޒާމުކޮށްގެން ބާއްވާ ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި މިއަދު ބައްދަލުކުރީ ނިއުރޭޑިއަންޓާއި ވިލިމާލެ ޔުނައިޓެޑްއެވެ.
ކުރީގެ ގިނަ ތަރިންތަކެއް ކުޅުނު މިމެޗުން ވިލިމާލޭ ޔުނައިޓެޑް މޮޅުވީ 2-1 އިންނެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމުން ވެސް ތަނަވަސް ކުރި މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ނިއުރޭޑިއަންޓަށްވުރެ ގިނަ ފުރުސަތު ވިލިމާލެ ޔުނައިޓެޑުން ތަނަވަސްކުރި މިމެޗްގެ ފުރަތަމަ ލަނޑު ވިލިމާލެ ޔުނައިޓެޑުން ޖެހީ 55 ވަނަ މިނެޓުގައެވެ.
ނިއުރޭޑިއަންޓްގެ ގޯލް އޭރިޔާ ބޭރުން ގޯލް ކުރިމަތިން ވިލިމާލެއަށް ލިބުނު ފްރީކިކް ސަލާހް ފޮނުވާލި ވޯލްގައި ތިބި ކުޅުންތެރިންގެ ބޯމަތިން ގޯލުގެ މަތީ ކަނަށެވެ.
ވިލިމާލެއިން އެޓީމުގެ ދެވަނަ ލަނޑު ޖެހީ 57 ވަނަ މިނެޓުގައި އިސްމާއިލް މުހައްމަދުއެވެ.
ނިއުރޭޑިއަންޓުން މިމެޗްގައި ޖެހި ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. 61 ވަނަ މިނިޓްގައި ނިއުރޭޑިއަންޓަށް މިލަނޑު ޖަހައިދިނީ، ފުރަތަމަ ޑިވިޝަންގައި ވެސް ނިއުރޭޑިއަންޓަށް ކުޅެފައިވާ އިއްޒަތު އަބްދުލް ބާރީއެވެ.
މިމުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ހުޅުމާލެ ވެޓަރަންސް އެވެ.
