“އެއީ ކާކުކަން އެނގޭކަށްނު ދޯ ބޭނުމީ. އޭނައަކީ ތިބުނާ ކަހަލަ ވިޔާނުދާ ކުއްޖެއް ނޫން. އެއީ މަގޭ އަނބިމީހާ.” ނާފިލްގެ ޖުމްލައިން ހީވީ މުޅި ތަނުގައި ބޮމެއް ގޮއްވާލިހެންނެވެ.
“ކީކޭ؟” އެންމެނަށް އެއްފަހަރާ ދޮރާއި ދިމާލަށް ބަލައިލެވުނެވެ. ދޮރުމަތީގައި އަރުޝީ ހުރީ ލިބުނު ސިހުމާއެކު ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ދެލޮލުން ކަރުނަވެސް ފައިބަން ނޭނގިފައި ހުރި ކަހަލައެވެ.
“އަރުޝީ.” ސުލްތާނާ ބުނެލިއެވެ. އަރުޝީއަށް ވެފައި ހުރިގޮތުން ސުލްތާނާއަށް ރުޅި އާދެވުނީ އޭނާގެ ދަރިފުޅު ނާފިލް ދެކެއެވެ.
“ނާފިލް.” ސުލްތާނާ ރުޅިވެރިކަމާއެކު ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. އަދި ލޮލުން އަރުޝީ ރުއްސަން ދާށޭ ބުނެލިއެވެ. ނަމަވެސް ނާފިލް ހުރިތަނުން ގުޑާވެސް ނުލިއެވެ.
“އަރުޝީ. ދަރިފުޅާ. މި..” ސުލްތާނާގެ ވާހަކަ ހުއްޓާލަން އަރުޝީ އަތުގެ އިޝާރާތުން އެންގިއެވެ.
“ނޫން މަންމާ. މިއަދު އަހަރެން ވާހަކަދައްކަން ބޭނުމީ ހަމައެކަނި ނާފިލްއާ. ނާފިލްއަށް މިއަދު ޖެހޭނީ އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބުދޭން.” އަރުޝީ ބުނެލިއެވެ.
“އަރުޝީ. އަހަރެން..” ނާފިލް އެއްޗެއް ބުނަން އުޅުނު ވަގުތު އަރުޝީ އޭނާ ހުއްޓުވިއެވެ.
“ނާފިލް. ތީ ދޮގުވެރިއެއް. ބޭވަފާތެރިއެއް. އަހަރެން އަހާލަން ބޭނުންވަނީ ހަމަ އެންމެ ސުވާލެއް. ނާފިލް އަހަރެން ދޫކޮށްލާފައި މިހިރަ ޖަނާން ގާތަށް ދިޔައީ އަހަރެންގެ ކޮންކަމެއް އުނިވެގެންތޯ؟ އަހަރެން ގައިގައި ނެތް ކޮން ސިފައެއް އޭނަ ގައިގައި ހުރެގެންތޯ؟” އަރުޝީގެ ދެލޮލުން ކަރުނަ ފައިބަމުންދިޔަ ކަރުނައިގެ ތެރެއިން އަހާލިއެވެ.
“އަރުޝީ. ހަޤީޤަތުގައިވެސް އަރުޝީ ބޭނުންތަ ސަބަބު އެނގެން؟” ނާފިލް ވަރަށް ސާބިތުކަމާއެކު އެހިއެވެ. އަރުޝީ ބޯ ޖަހާލި ނަމަވެސް އޭނާއަށް އެނގެއެވެ. ނާފިލްގެ ފަރާތުން އިވޭނީ އޭނާ އިތުރަށް ހިތްދަތިވާނެ ވާހަކަތަކެކެވެ.
“އަހަރެން ބޭނުމެއް ނޫން އިތުރަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް. ހުރިހާ ކަމެއް އަކުރުން އަކުރަށް ފިލިން ފިއްޔަށް އޮޅުންފިލަން އެބަޖެހޭ. އަރުޝީ. އަހަރެން އަރުޝީދެކެ ވަރަށް ލޯބިވިން. ތިވަރުގެ ކުއްޖަކު ދުވަހަކުވެސް ނުފެންނާނެ ކަމަށްވެސް ހީކުރިން. އެކަމަކު އަރުޝީއަކަށް އެހެން މީހުންގެ އިހުސާސްތަކެއް ކުޑަކޮށްވެސް ނޭނގޭ. އެއްޗެއް ބުނުމުގެ ކުރިން ކުޑަކޮށްވެސް ވިސްނައެއްނުލާ އެހެން މީހުން ވެދާނެ ދެރައަކާ ހިތަށް އަރާފާނެ އެއްޗަކާ ދޭތެރޭއެއް. އަހަރެން ކިހާ ވަރަކަށް ވިސްނައިދޭން މަސައްކަތް ކުރިން. އެކަމަކު ބަދަލެއް އައިތަ؟ ނާދެއެއްނު. އެއީ އެންމެ ބޮޑު އެއް ސަބަބަކީ.” ނާފިލް ހުރީ އޭނާގެ ހިތުގެ ހުރިހާ އުދާސްތަކެއް އެއްފަހަރާ ބޭރުކޮށްލަންހެން ހީވެއެވެ. އެ އުދާސްތައް ހިތުގައި ފޮރުވައިގެން ހުރެ އޭނާ ވަރުބަލިވެއްޖެއެވެ. އުދާސްތައް ބޭރުކޮށްލައިގެންވެސް ހިތާއި ސިކުނޑިއެއް ލުޔެއް ހޯދަން އޭނާ ބޭނުންވެއެވެ.
އަރުޝީއަށްވެސް އޭނާގެ ކުށް ކުޑަކޮށް އިހުސާސްވީ ކަހަލަ އަސަރުތަކެއް މޫނުމަތިން ފެނުނެވެ. އޭނާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ނާފިލް އޭނާ ހުއްޓުވިއެވެ.
“އަދި މަޑުކުރޭ. އަދި ނުނިމެޔޭ. ދެވަނަ ކަމަކަށް ލަގްޒަރީ ލެވެލްއަށް ކަންކަން ކުރަން ބޭނުންވުން. ދެއްކުންތެރިކަން. މުއްސަނދިކަން ލިބިފައި ހުރުމަކީ ތިމާ ހިތުހުރި ގޮތަކަށް ފައިސާ ތަޅައި ބުރުވަންޖެހޭ ކަމެއް ނޫނޭ. އަރުޝީއާ އެއް ފެންވަރު ނޫނަސް އަހަރެމެންނަކީވެސް ފައިސާ ހުރި ބައެއް. އެކަމަކު އަހަރެން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ ބޭކާރު ޚަރަދު ކުރާކަށް. އުފާކުރަން ޖެހޭނެ. އެކަމު އެކަމުގައިވެސް ހައްދެއް އޮންނަންވާނެ. ހަނީމޫން ޕްލޭންގައިވެސް އަރުޝީ ރޭވީ ކިހިނެއް؟ އަގުބޮޑު ދިހަ ވަރަކަށް ޤައުމަށް ޓުއާއެއް ހަދާލަން ދާން. މިވަރު ތަންކޮޅެއް ބޮޑެއް ނޫންތަ؟ މިކަމާވެސް ކިތައް ފަހަރު ކިތައް ގޮތަށް ވާހަކަ ދެއްކުނު؟ ވިސްނައިދޭން މަސައްކަތް ކުރެވުނު. ވީ ފައިދާއެއް އޮތްތަ؟ ވާހަކަ ދެއްކިވަރެއް އެކަންވެސް ވީ ބޮޑު. ބޮޑާކަމާއި ދެއްކުންތެރިކަން ދުވަހެއް ދުވަހަކަށް ވީ އިތުރު.” ނާފިލްގެ އަޑު ބާރު ނޫނަސް އޭނާގެ އަޑުގައި ހުރީ އިންތިހާ ޝަކުވާއެވެ.
“ޝަކުވާ ކުރުންވެސް އިންތިހާ. ޝައްކު ކުރުންވެސް އިންތިހާ. މީހަކު މީހެއްދެކެ ފޫހިވާން މި ސަބަބުތައް މަދެއް ނޫނެއްނު.” ނާފިލް ބުނެލިއެވެ. އޭނާގެ ސިކުނޑިއަށް މިހާރުވެސް ބޮޑު ލުޔެއް ލިބިއްޖެކަމުގެ އިހުސާސް ކުރެވިއްޖެއެވެ.
“އަހަރެންދެކެ ތިހާ ފޫހިވާއިރު ނުބުނެ މިހާ ހިސާބަށް މިކަން ގެނައީ ކީއްވެ؟ ކުރިން ނުބުނެ ހުވަފެންތަކެއް ދެއްކީ ކީއްވެ؟” އަރުޝީގެ ލޮލުގައިވާ ކަރުނައަކަށް ހުއްޓުމެއް ނައެވެ.
“އަހަރެން ބުނަން ވަރަށް މަސައްކަތް ކުރިން. އެކަމަކު އަހަރެން ވާހަކަދައްކަން ފުރުސަތެއް ދިނިންތަ؟ އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުމޭ ކިޔާތާ ކިހާ ދުވަހެއް. އަރުޝީއަށް އަހަންނަށް ވަގުތެއް ދެވުނުތަ؟ ދެން ކުއްލިއަކަށް ފެނުނީ ކައިވެނީގެ ތާރީޚު ކަނޑައަޅަން އައިތަން. އެދުވަހުވެސް ބުނަން މަސައްކަތް ކުރިން.” ނާފިލް ދިފާއުގައި ބުންޏެވެ.
ތެދެކެވެ. އޭނާ އަރުޝީދެކެ ލޯބިނުވާ ވާހަކައާއި ކައިވެނިކުރަން ބޭނުން ނުވާ ވާހަކަ ބުނަން އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. ނަމަވެސް އަރުޝީއަށް އޭނާއަކަށް ވަގުތެއް ނުދެވުނެވެ. ހާލަތު ތަނެއް ނުދިނެވެ. ނުވަތަ ކޮންމެވެސް އެހެން ސަބަބެއް މެދުވެރިވެގެން އެވާހަކަ ދެއްކުމަށް ހުރަހެއް އެޅެއެވެ. އެންމެފަހުން އާއިލާގެ އިއްޒަތް ދެމެހެއްޓުމަށްޓަކައި އޭނާއަށް އެ ކައިވެންޏަށް އާނބަސް ބުނަން މަޖުބޫރުވީއެވެ.
ނާފިލްގެ ވާހަކަތަކުން އަރުޝީއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭނާ އެ ކޮޓަރިން ނުކުމެ ދުއްވައިގަތެވެ. ސުލްތާނާ ގޮވި ނަމަވެސް މަޑުވެސްކޮށްނުލާ އަރުޝީ ނުކުމެގެން ދިޔައީއެވެ.
ރުޅިވެރިކަމާއެކު އެންމެންހެން ނާފިލްއަށް ބަލައިލުމަށްފަހު ފަހަރަކު މީހެއް ނުކުންނަމުން ގޮސް ޖަނާން އާއި ނާފިލް އެކަނިވިއެވެ. ޖަނާންގެ ލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ޝަކުވާއާއި ކަރުނައެވެ. މޫނުމަތީގައިވަނީ ހިތްތަކަށް ތަދުކުރުވާފަދަ އަސަރުތަކެކެވެ. ނާފިލް ޖަނާންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެ ދެލޮލުން ކަރުނަ ފޮހެދޭން ފެށިއެވެ. ނަމަވެސް އެ ކަރުނަތަކަށް ހުއްޓުމެއް އަންނާނީ ކިހިނެއް ހެއްޔެވެ؟ މިއަދު މި ހިނގި ކަންތައްތަކަށްފަހު އެ އާއިލާ އޭނާ ބަލައިގަންނާނެ ހެއްޔެވެ؟
“ނާފިލް. އަހަންނަށް މާފްކުރޭ. މިއަދު އަހަރެންގެ ސަބަބުން މަންމަމެން ނާފިލްދެކެ ރުޅިއައީ.” ޖަނާން ރޮމުން މާފަށް އެދުނެވެ.
“މަގޭ ޖާން. ކީއްވެ ތި މާފަށް އެދެނީ؟ ކުށް ކުރީ އަހަންނެއްނު. އަހަރެން ހުރިހާ ކަމެއް ސިއްރު ނުކުރިނަމަ މިއަދު މިހެންނެއް ނުވީސް.” ނާފިލް އޭނާގެ ކުށް ޤަބޫލުކުރިއެވެ.
“އަހަންނަކަށް ދެން މިގެއަކު ނުހުރެވޭނެ. އަހަރެން ގަޔަކު ނެތް އެހެން މީހުންނާ ކުރިމަތިލާނެހާ ހިތްވަރެއް.” ޖަނާން ބުންޏެވެ.
“ނޫން. ޖަނާން އަކަށް އެއްވެސް ތާކަށް ނުދެވޭނެ. ޖަނާން ހުންނަން ޖެހޭނީ މިގޭގައި. އަހަރެން ކައިރީގައި. މިހާރު އެންމެނަށް ހަޤީޤަތްވެސް އެނގުނީ. ދެން ނުޖެހޭނެ މީހަކަށް އެނގިދާނެތީ ސިއްރުން އުޅޭކަށް.” ނާފިލް ވަގުތުން ޖަނާންގެ އެދުމަށް އިންކާރު ކުރިއެވެ.
“ނޫން ނާފިލް. ވިސްނަބަލަ. މިއަދު މިވީ ކަންތަކަށްފަހު ދުވަހަކުވެސް މަންމަމެން އަހަރެން ބަލައެއް ނުގަންނާނެ. އޭގެ ބަދަލުގައި އެމީހުންގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެ. އަހަރެންގެ ގަޔަކު މިހާރަކު ނެތް ކޮންމެ ދުވަހަކު އެ ބަސްތަކާ ކުރިމަތިލާހާ ހިތްވަރެއް.” ޖަނާން މަޑުމައިތިރިކަމާއެކު ބުންޏެވެ.
ޖަނާން ނާފިލްއަށް ވިސްނައިދޭން ކުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ނާފިލް ހަމަ ހިލާ ޖަނާން އެގެއިން ދާކަށް އެއްބަހެއް ނުވިއެވެ. މިވަގުތު ރުޅިއައިސްފައި ތިއްބަސް ކޮންމެވެސް ދުވަހަކުން މަންމަމެންގެ ހިތްވެސް ބަދަލުވާނެކަން އޭނާއަށް އެނގެއެވެ. އަދި ޖަނާންގެ މާތް އަޚުލާޤުގެ ސަބަބުން މާގިނަ ދުވަހެއް ނުވެ ޖަނާންއަށް ޅީދަރިއެއްގެ މަޤާމު ހިތުން ރުހުމުން ދޭނެކަންވެސް އޭނާއަށް ޔަޤީނެވެ. އެކަމަށް ޖެހޭނީ ކެތްތެރިކަމާއެކު ކުޑަ އިންތިޒާރެއް ކޮށްލާށެވެ.
*****
އަރުޝީ ދުވަމުން ގެއަށް ވަތްއިރު ގޭތެރޭގައި އޭނާގެ މަންމައާއި ބައްޕަ ވަރަށް އޮލަ ވާހަކައެއްގައި ތިއްބެވެ. އެމީހުން ދައްކަމުން ދިޔައީ އަރުޝީ އާއި ނާފިލްގެ ކައިވެނީގެ ވާހަކައެވެ. އެ ކައިވެންޏަށްފަހު އެމީހުންގެ ދަރިފުޅުގެ ދިރިއުޅުން ބަދަލުވެގެންދާނެ އުފާވެރި ގޮތުގެ ވާހަކައެވެ.
އަރުޝީ ފެނުމާއެކު ނާޒިޔާއާއި ފިރާޤަށް ކޮޅަށް ތެދުވެވުނެވެ. އަރުޝީ އައިސް ނާޒިޔާގެ ގައިގައި ބައްދައިގަންނަމުން އަޑުން އަޑުނަގައި ރޯން ފެށިއެވެ. ފިރާޤާއި ނާޒިޔާއަށް ދެމީހުންނަށް ބަލައިލެވުނީ ވީ ކިހިނެއްބާއޭ ހިތަށްއަރާ ހާލުގައެވެ.
“ދަރިފުޅާ. އަރުޝީ. ކިހިނެއްވީ؟” ނާޒިޔާ ވަރަށް ހާސްވެފައި އެހިއެވެ.
“މަންމާ. ނާފިލް.” އެތައް އިރަކު އެހިފަހުން އަރުޝީއަށް ބުނެވުނީ އެހެންނެވެ.
“ނާފިލް! ނާފިލްއަށް ކިހިނެއްވީ؟” ނާޒިޔާ އެހިއެވެ.
“މަންމާ. ނާފިލް އަހަންނަށް ބޭވަފާ..” އަރުޝީ ރޮމުން ރޮމުން ބުންޏެވެ.
“ކީކޭތަ ތި ކިޔަނީ ދަރިފުޅާ؟” ނާޒިޔާ އެހިއެވެ.
އަރުޝީގެ ވާހަކައިން އޭނައަކަށް އެއްވެސް އެއްޗެއް ރަނގަޅަކަށް އޮޅުމެއް ނުފިލިއެވެ. ނާފިލް ބޭވަފާތެރިވީއޭ ބުނި ވާހަކަ އޭނައަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާއަށް ފެނުނީ ނާފިލް އަރުޝީދެކެ ލޯބިން އުޅުނު ތަނެވެ. އެ ދެމީހުންގެ ގުޅުމުގައި އެޅެމުންދިޔަ ރެނދުތަކެއް އޭނާއަކަށް ނުފެނެއެވެ.
“ނާޒީ. އިހަށް އަރުޝީ ހަމަޖެހިލަން ވަގުތުކޮޅެއް ދީ.” ފިރާޤް ބުނެލިއެވެ.
އެތައް އިރަކު ރުއިމަށްފަހު އަރުޝީ ކުޑަކޮށް ހަމައަކަށް އެޅުނެވެ. އޭނާގެ ހިތަށް ވަނީ ބަޔާންކުރަން ދަތި ހިތާމައެއް ލިބިފައެވެ. ނާފިލްގެ ބޭވަފާތެރިކަން ހިތަށް އެރުމުގެ އިތުރަށް ޖަނާންގެ މޫނު ސިފަވުމުން އޭނާގެ ހިތުގައި ހަސަދައިގެ އަލިފާންގަނޑު އަނދައިގަތެވެ.
“އަރޫ. ދަރިފުޅާ. ކިހިނެއްތަ ވީ؟” ނާޒިޔާ ވަރަށް ލޯތްބާއެކު އަރުޝީގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ.
“މަންމާ. ނާފިލްއަކީ މީހެއްގެ ފިރިއެއް.” އަރުޝީގެ ޖުމްލައިން ނާޒިޔާ އާއި ފިރާޤުގެ ދެލޯ ބޮޑުވިއެވެ.
“ކީކޭ؟” ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެހުނެވެ.
“އާނ މަންމާ. އެގޭގައި އެ އުޅެނީނު ޖަނާން. އެއީ އެގޭ ނޯކަރެއް ނޫނޭ. އެއީ ނާފިލްގެ އަންހެނުން.” އަރުޝީ އެހެން ބުނެލުމާއެކު އަނެއްކާވެސް އޭނާގެ ލޮލުން ކަރުނަ އައެވެ.
“ދަރިފުޅަށް ހަމަ ޔަޤީންތަ؟” ފިރާޤު އަނެއްކާވެސް އެހިއެވެ. އަރުޝީ ބޯޖަހާލިއެވެ.
“ހާދަހާ މަކަރުވެރި މީހުންވެސް އުޅެޔޭ ދޯ. އެ ހުރިހާ ކަމެއް އެނގިހުރެ އެ ރައްޒާޤުމެންވެސް އަހަރެމެންނަށް އޮޅުވާލީ. އަހަރެންގެ ދަރިފުޅުގެ އިހުސާސްތަކާ ކުޅެލާފަ އެމީހުން ހީކުރީ ކީކޭ ކަމަށްތަ؟” ފިރާޤު ރުޅިއައިސްގެން ތެދުވިއެވެ.
“ބައްޕާ. ނޫން. ނާފިލްގެ ބައްޕަމެންނަށްވެސް އެނގުނީ މިއަދު. ނާފިލް އެންމެނަށް އޮޅުވާލީ.” އަރުޝީ ފިރާޤުގެ އަތުގައި ހިފަހައްޓަމުން ބުންޏެވެ.
“އެކަމަކު އެމީހުން އަހަރެމެންނަށް އެ ދިން ލަނޑުގެ އަގު އަދާކުރަން ޖެހޭނެ.” ފިރާޤު ރުޅިއައިސްފައި ބުންޏެވެ.
*****
ނާފިލް ޖަނާންގެ ކޮޓަރިން ނުކުތްއިރު ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާއަށްވެސް ރަނގަޅީ އެގޮތެވެ. އެވަގުތު އެއްވެސް މީހަކާ ކުރިމަތިލައި އިތުރު ހަމަނުޖެހުންގަނޑެއް ހިނގާކަށް އޭނާ ބޭނުމެއް ނޫނެވެ.
އެރޭގެ ވަގުތެވެ. ސިޓިންގރޫމުގައި ގޭގެ އެންމެންހެން ތިއްބެވެ. ސުލްތާނާ ނާފިލްއަށް ގޮވައި ގެނައެވެ. ނާފިލްއަށް އެންމެންވެސް ބަލަމުން ދިޔައީ އޭނާ ކުށްވެރިކުރާ ފަދައިންނެވެ.
“ނާފިލް. ޖަނާން ދޫކޮށްލާ. އަދި އަރުޝީއާ ކައިވެނިކުރޭ. ޖަނާންއަކީ ނާފިލްއާ އެކަށީގެންވާ ކުއްޖެއް ނޫން.” ސުލްތާނާ ވަރަށް ސާފުކޮށް އޭނާ ބޭނުންވާގޮތް ނާފިލްއަށް އެންގިއެވެ.
“މަންމާ. މަންމައަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟ ޖަނާންއަކީ އަހަރެންގެ އަނބިމީހާއޭ.” ނާފިލް ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ.
“އާނ އަހަންނަށް އެނގޭ އަހަރެން މިކިޔާ އެއްޗެއް. އަދި ތި ޖަނާންއަކީ ނާފިލްގެ އަނތްބެއް ކަމަކަށް އަހަރެމެން ޤަބޫލެއް ނުކުރަން. އޭނަ ވަރިކުރޭ.” ސުލްތާނާ އަނެއްކާވެސް ބުންޏެވެ.
“މަންމާ. އަހަރެން މަންމައަށް އިހުތިރާމް ކުރަން. އެކަމަކު މަންމަ ތިބުނާ ކަންތަކެއް އަހަންނަކަށް ނުކުރެވޭނެ.” ނާފިލް ސާފު ބަހުން އިންކާރު ކުރިއެވެ.
“އެހެންވިއްޔާ އަހަރެންގެ ނިންމުންވެސް އަޑުއަހާ. މިއަދު ނާފިލްއަށް ޖެހޭނީ ކޮންމެވެސް އެކަކު އިޚުތިޔާރުކުރަން. އަހަރެން ވިއްޔާ އަހަރެން. ޖަނާން ވިއްޔާ ޖަނާން. ޖަނާން އިޚުތިޔާރު ކޮށްފިއްޔާ ނާފިލްއަށް ޖެހޭނީ އޭނަ ގޮވައިގެން މިގެއިން ނުކުމެގެން ދާން.” ސުލްތާނާގެ ނިންމުން އަޑު އިވުމުން ނާފިލްއަށް ގޮތް ހުސްވިއެވެ.
އޭނާއަށް މަންމަވެސް މުހިންމެވެ. އަނެއްކޮޅުން ޖަނާންއަކީ އޭނާގެ ހިތުގެ ޔާރާއެވެ. އެތަނުން އެކަކު އިޚުތިޔާރު ކުރުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އޭނާއަށް އެނޫން ގޮތެއްވެސް ނެތެވެ. މަންމަ އެހެރީ ގޮތުގައެވެ. އޭނާ ގޮތެއް ނިންމާކަށް މާގިނަ ވަގުތެއް ނުނަގައެވެ. އޭނާ ގޮތެއް ނިންމައިފިއެވެ.
“މަންމާ. އަހަރެން މަންމަގެ ޝަރުތު ޤަބޫލުކޮށްފިން.” ނާފިލްގެ ޖުމްލައިން ސުލްތާނާގެ މޫނުމަތިން އުންމީދުގެ ކުލަވަރު ފެނުނެވެ.
(ނުނިމޭ)
