އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި މުއިވެޔޮ ފުރެންޑްސް ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ދަ ގްރާންޑޭ އާއި މުއިވެޔޮ ފުރެންޑްސް ބައްދަލުކުރި މެޗުން މުއިވެޔޮ ފުރެންޑްސް މޮޅުވީ 5-0 އިންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު މުއިވެޔޮ ފުރެންޑްސް ޖެހީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި މުހައްމަދު ސަހީމުއެވެ.
މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
މެޗުގެ ދެވަނަ ހާފު ވެސް ފެނުނީ ދަ ގްރާންޑޭ އަށްވުރެ މުއިވެޔޮ ފުރެންޑްސް ވަރުގަދަކޮށެވެ.
ފުރުސަތުތައް ފަހިކުރަމުން ދިޔަ މުއިވެޔޮ ފުރެންޑްސްއިން ދެ ވަނަ ލަނޑު ޖެހީ 45 ވަނަ މިނެޓުގައި ސައްޔާހުއެވެ. އޭރިޔާ ބޭރުން މަތިމަތިން ސައްޔާހު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ކުރިމަތީ ޖެހިފަ ބޯމަތިން އަރައިގެން ގޮހެވެ.
53 ވަނަ މިނެޓުގައި މުއިވެޔޮ ފުރެންޑްސްގެ 3 ވަނަ ލަނޑު ޝަހީމު ޖަހައިދިންއިރު، އެ ލަނޑު ޖެހިތާ މާގިނަ އިރެއް ނުވެ ސައްޔާހު ވަނީ 4 ވަނަ ލަނޑު ޖަހައިދީފަ އެވެ.
މުއިވެޔޮ ފުރެންޑްސްގެ ފަސްވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅުނު އާދަމް ލަރީފް (ރޮނާ) އެވެ.
މިމުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މާދަމާގެ މެޗުގައި ބައްދަލުކުރާނީ ހުޅުމާލޭ ވެޓަރަންސް އާއި ޕޮލިސް ކުލަބެވެ.
