ދިވެހި ފިލްމީ އުފެއްދުންތައް ‘ކަޑަ’ ކަމަށާ ދިވެހި ފިލްމީ އުފެއްދުންތަކުގައި އެއްވެސް ކަހަލަ ‘ޗަސްބެއް ނުހުންނަ’ ކަމަށް ބުނާ ދިވެހީންގެ ދޫތައް ބަނދުކޮށްލާފަދަ ވަރުގަދަ އުފެއްދުމެއްކަމަށް ހަމަ ގައިމުވެސް “ޗާލާކީ”ގެ ފުރަތަމަ އެޕިސޯޑުން އެކަނިވެސް ސާބިތުކޮށްދޭނެއެވެ. ބައިސްކޯފު އޮރިޖިނަލްއެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދު ގެނެސްދެމުން އަންނަ ވެބް ސީރީޒް “ޗާލާކީ”ގެ 10 އެޕިސޯޑް މިހާތަނަށް އާއްމުކޮށްފައިވާއިރު، މީގެ ހަމަ ކޮންމެ އެޕިސޯޑަކީވެސް, އިން ތަނުން ގުޑިނުލައި ބަލައިލެވޭނެ ފަދަ ފައްކާ ސީރީޒެއްކަމަށް ގެރެންޓީއާއެކު ބުނަން ކެރޭނެއެވެ.
ޗާލާކީގެ ކާސްޓް
– އަޙްމަދު ސަޢީދު
“ޗާލާކީ”ގެ ކާސްޓުގައި އެންމެ ފުރަތަވެސް ފާހަގަކޮށްލަން ޖެހެނީ، ޖެހުނު ހަމަ ކޮންމެ ރޯލެއްވެސް ނިކަން ފުރިހަމައަށް ހުށައަޅައިދެމުން އަންނަ، ތަޖުރިބާކާރު އަދި ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު ކުޅެފައިވާ ‘ކިންގް މުރުތަޟާ’ގެ ރޯލެވެ. މިއީ މިހާތަނަށް ސަޢީދުގެ ވަަރަށް ތަފާތު އަދި މޮޅު އެކްޓިންއެއް ފެނިގެންދާ ސީރީޒެކެވެ. މޫމިން ފުއާދުގެ ޗާލާކީ ސިކުނޑިން ލިޔެ، ޑައިރެކްޓްކޮށްފައިވާ ޗާލާކީގައި ސައީދު ފެނިގެންދަނީ ނިކަން ޗާލާކީކަން ގަދަ ކިންގެއްގެ ގޮތުގައެވެ.

– އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު އިފްނާޒް އަދި އަލީފް
“ޗާލާކީ”ގައި ކޮޕީ އިއްސެ، އިފްނާޒް އަދި އަލީފް އަދާކޮށްފައިވަނީ މި ސިރީޒްގެ ވާހަކަ އެމީހުންގެ ވަށައިގެން އެނބުރޭފަދަ ކެރެކްޓަރ ތަކެކެވެ. ކިންގް މުރުތަޟާގެ ޗާލާކީ ދަލުގައި ހަމަ އެއް ވަރަކަށް ބެދިފައި ތިބޭ މި ތިން މީހުންގެ އެކްޓިންއަކީވެސް ހުނަރުވެރި މޮޅު އެކްޓިންއެކެވެ.

– އިސްމާޢީލް ޖުމައިހް (ޖުމާ)
އިނގިރޭސި ބަހުން ބުނާނަމަ ‘މައިންޑް ބްލޯއިން’ ކެރެކްޓަރއަކާއެކު ޖުމާގެ ފިލްމީ ކެރިއަރުގައިވެސް ދައްކާފައިވާ އެންމެ މޮޅު އެކްޓިން ފެނިގެންދާނީ މި ސީރީޒުންނެވެ. ހަމަ ހަޤީޤަތުގައިވެސް ޖުމާގެ އެކްޓިންއަކީ ކޮސްވާވަރުގެ މޮޅު އެކްޓިންއެއްކަމަށް ނުބުނެވޭނެ ހަމަ އެންމެ ތަންކޮޅެއްވެސް މި ސީރީޒުން ފެނިގެނެއް ނުދެއެވެ.

ޖުމާގެ ހުނަރުވެރިކަން މި ސީރީޒުން ފެނިގެންދަނީ އޭނާ ކުޅެފައިވާ ‘ޚާއްޞަ ކެރެކްޓަރ’ގެ ސަބުންނާއި އޭނާއަށް ދިމާވާ ސިއްހީ ހާލަތުގެ ސަބަބުން އެ ގެންނަން ޖެހޭ އުނދަގޫ އެކްޓިން ދައްކާފައިވާލެއް ފުރިހަމަކަމުންނެވެ.
– ރިޝްމީ ރަމީޒް
ރިޝްމީ ރަމީޒްގެ އެކްޓިންއިން އަބަދުވެސް ފާހަގަކޮށްލެވޭ އަސްލާއި އެއްގޮތް އެކްޓިން އަދި މޭކަޕް މި ސީރީޒުން ކިތަންމެހާވެސް ސަޅިކޮށް ފެނިގެންދެއެވެ.

– ވާޝިޔާ މުޙައްމަދު
މި ސީރީޒުގައި ވާޝިޔާ ކުޅެފައިވަނީ ނިކަން ޗާލާކީ ރޯލެކެވެ. އޭނާގެ އެކްޓިންވެސް ފެނިގެންދަނީ އެހެން ލެވެލްއެއްގައިކަން ފާހަގަކޮށްލެވެއެވެ.

– އަޒޫ
ދުވަސްތަކެއް ވާންދެން ސްކްރީނުން އަޒޫ ނުފެނި ހުރުމަށްފަހު މި ސީރީޒުން އަޒޫ ފެނިގެންދެއެވެ. ކިތަންމެ ގިނަ ދުވަހެއް ވިޔަސް އަޒޫގެ އެކްޓިންގެ ފެންވަރަށް ހީނަރުކަމެއް އައިސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
– ޗާލާކީގެ މައި މުގޫ – މޫމިން ފުއާދު
މޫމިން ފުއާދުގެ ހަމަ ކޮންމެ އުފެއްދުމަކުންވެސް ފެނިގެންދާ ތަފާތުކަން މި ސީރީޒުން ފެނިގެންދެއެވެ. ވާހަކަ ގެނެސްދީފައިވާ ގޮތާއި، ޑައިރެކްޝަންވެސް ހަމަ އެހާމެ ތަފާތުވެފައި ސަޅިއެވެ.
– އަޙްމަދު ރިފާޢު (ރިޕައްޓޭ)
ރިޕައްޓޭ އަކީ މި ސީރީޒްގައި މުހިންމު ކެރެކްޓަރއެކެވެ. އޭނާގެ އެކްޓިން އިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އެ ހުންނަ ކޫލް ސްޓައިލްގައި ނިކަން އަސްލާއި އެއްގޮތަށް އެކްޓްކޮށްފައިވާ ކަމެވެ.

– އެޑިޓަރު އާސިމް
މޫމިންގެ ގިނަ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް އަބަދުވެސް ގެނެސްދެނީ ހުނަރުވެރި އެކްޓަރ އަދި އެޑިޓަރ އަޙްމަދު އާސިމްގެ ބުރަ މަސައްކަތުންނެވެ.
– މޭކަޕް – ހަސަން
ކޮންމެ ކެރެކްޓަރއަކާވެސް އެންމެ ގުޅޭ މޭކަޕެއް ދައްކައިދީފައިވަނީ ހަސަންގެ ހުނަރުވެރި އަދި ކަވި މަސައްކަތުންނެވެ.

– ބައިސްކޯފުގެ ޓެކްނިކަލް ޓީމް
ބައިސްކޯފުގެ ޓެކްނިކަލް ޓީމުގައި ހިމެނޭ ޒުވާނުންގެ ހިތްގައިމު ކެމެރާކުރުން މި ސީރީޒުން ފެނިގެންދެއެވެ.
ޗާލާކީގެ ކުރިއަށް އޮތް ސީޒަންއަށް ކުރެވޭ އިންތިޒާރު
10 އެޕިސޯޑް ބަލައި ނިންމާލީ ހަމަ އެކީ އެއްވާނެއްގައެވެ. އިންތަނުން ގުޑިލާން ނޭނގި އިންނަން ޖެހުނު އިރު ހިތަށް އަރަމުން ދިޔައީ މިއީ ހަމަ ގައިމުވެސް “ނެޓްފްލިކްސް” އިން ފެންނަ ހޮލީވުޑް އަދި ބޮލީވުޑްގެ އުފެއްދުންތަކަށް ދޫނުކުރާ ވަރުގެ ސީރީޒެކޭ ހިތަށްއަރާ ހާލުގައި އިނދެގެންނެވެ. އެހެންކަމުން ކުރިއަށް ހުރި ބައިތަކަށް ކުރެވޭ އިންތިޒާރު ވަރަށްވެސް ބޮޑެވެ.

