ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މެހެކް – ދެވަނަ ބައި

“މެހެކް. ފިރިހެނުންނަކީ ތިކަހަލަ ބައެއް. އެމީހުން ބައެއް ފަހަރު ރުޅިއައިސްގެން އެއްޗެހިވެސް ބުނާނެ. ޖަހާވެސް ފާނެ. އެކަމަކު އަހަރެމެން އަންހެނުން ޖެހޭނީ ކެތްކުރަން.” ފާއިޒާ މެހެކްއަށް ނަސޭހަތް ދިނެވެ.

މެހެކް ހިތަށް އެރިއެވެ. މީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ އަންހެނަކަށްވެ ހުރެ އަންހެނެއްގެ އިހުސާސްތަކެއް ނޭނގޭ ހެއްޔެވެ؟ ނުވަތަ އެނގިހުރެ ނޭނގޭ ކަމަށް ހަދަނީ ހެއްޔެވެ؟ އެއީ ހަޤީޤަތުގައިވެސް މައިދައިތަގެ ވިސްނުން ހުރި ގޮތްބާވައެވެ؟ ނުވަތަ ދަރި ދޮންފުތުވީވަރުން އެކަން ކަމަކަށް ނުވީ ހެއްޔެވެ؟

ފާޒިލްގެ އަނިޔާތަކަށް ކެތްކުރަމުން އޭނާގެ އަމުރުތަކަށް ކިޔަމަންވަމުން މެހެކް ގެންދިޔައެވެ. ފާޒިލްގެ ފަރާތުން ލިބޭ އަނިޔާގެ އިތުރުން ފާޒިލްގެ މަންމަ ފާއިޒާގެ ފަރާތުން އިވޭ ހިތްދަތި ބަސްތަކުން މެހެކްގެ ހިތް ފޮތިފޮތިވަމުން ދިޔައެވެ. ނަމަވެސް އޭނާ ކެތްކުރަމުން ދިޔައީ އާއިލާގެ އަބުރަށް ހުތުރު ވެދާނެތީއެވެ.

ހެނދުނުއްސުރެ އޭނާއަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. މޭނުބައި ކުރުމާއި ބޯއެނބުރުން އަދި ވަރުބަލިވުމެއް ހުއްޓެވެ. ނަމަވެސް ފާޒިލް އަންނައިރު ކާން ތައްޔާރުނުވެ ހުރެއްޖެނަމަ ވާނެގޮތް ހިތަށް އަރާފައި އޭނާ ކަށިން ނެތް ހިތްވަރު ނެރެ ބަދިގެއަށް ވަނެވެ. ކެއްކުމުގައި އުޅުނު އިރު އޭނާއަށް ދެފަހަރު ހޮޑު ލެވުނެވެ.

މެހެކްއަށް ވިސްނާލެވުނެވެ. އަނެއްކާ އޭނާ ބަލިވީބާވައެވެ. އެހެން ވެއްޖެނަމަ ދެން ވާނީ ކިހިނެއްބާވައެވެ. ދެން ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އަވަސްއަވަހަށް ފޯނުން ކަލަންޑަރު ބަލައިލިއެވެ. އޭނާގެ މަސްވަރު ކަންތަކުގެ ތާރީޚު ފަހަނައަޅައި ހިނގައްޖެއެވެ. މިފަހަރު އޭނާއަށް އެކަން ކުރިމައްޗެއް ނުވެއެވެ. ކުރިން ދުވަހަކުވެސް އޭނާއަށް މަސްވަރު ކަންތަކުގައި މައްސަލަ ދިމާވެފައެއް ނުވެއެވެ. ވުމާއެކު އޭނާއަށް ޔަޤީނާ ގާތަށް ހީވިއެވެ. އޭނާ ބަލިވެ އިނީއެވެ.

ފާޒިލް ގެއަށް އައުމުން އެވާހަކަ ބުނާނެ ގޮތެއް އޭނާ ވިސްނަން ފެށިއެވެ. އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީންކޮށްފައި ނޫނީ އޭނާ އެވާހަކަ އެކަކު ގާތުގައިވެސް ނުބުނާނެއެވެ. އެވާހަކަ ބުނުމަށްފަހު އޭނާ ބަލިވެ ނީންނަމަ ކަންތައް ވެގެންދާނެ ގޮތެއް އޭނާގެ ހިތަށް ގެންނަންވެސް ދައްޗެވެ.

ފާޒިލް އޮފީހުން ގެއަށް އައީ އެއްގަޑި ބައިވަނިކޮށެވެ. އޭރު މެހެކް އިނީ މޭޒުމައްޗަށް ކާއެއްޗެހި ނަގައި ތައްޔާރުކޮށްގެން ފާޒިލްގެ އިންތިޒާރުގައެވެ. ފާޒިލް އަންނައިރު އޭނާގެ އިންތިޒާރުގައި މެހެކް ނީނދެއްޖެނަމަ އޭނާގެ ރުޅިގަނޑު މެހެކްއަށް ބާލާނެކަން އެނގޭތީއެވެ.

“ފާޒިލް. އަހަރެން ވާހަކައެއް ބުނަން ބޭނުން.” ވަރަށް ޖެހިލުންވެފައި މެހެކް އެހިއެވެ.

“ތި އަހާ އެއްޗެއް ތަންކޮޅެއް އަވަހަށް އަހާ. އަހަންނަކަށް އެހާ ވަގުތެއް ނެތް.” ފާޒިލްގެ އަމުރުވެރި އަޑުން ބުނެލިއެވެ.

“އަހަރެން މި އުޅެނީ ބަލިކޮށް. ޑޮކްޓަރަށް ދައްކާލަން..”

“ދަންޏާ އެކަނި ދޭ. އަހަންނަކަށް ނުދެވޭނެ ކަލޭ ގޮވައިގެން ފިނިބުރު ޖަހާކަށް. އޮފީހުގައި ލައްކަ މަސައްކަތް އެބައޮތް. އެކަމަކު ހަނދާން ކުރާތި! ދައްކަންވާނީ އަންހެން ޑޮކްޓަރަކަށް.” މެހެކްގެ ވާހަކަ ނުނިމެނީސް ފާޒިލް ބުންޏެވެ.

މެހެކްގެ ހިތަށް ތަދުވި ނަމަވެސް އޭނާ ބޯޖަހާލިއެވެ. ފާޒިލްއަށް އޭނައާމެދު ރަނގަޅަށް ކަންތައް ނުކުރެވޭ ތާނގައި ހިތްދަތިވާފަދަ ބަސްތައް ނުބުނާނެނަމައެވެ. ފާޒިލް އަބަދު އޭނައަށް ޝައްކު ކުރަނީ ކީއްވެ ހެއްޔެވެ؟

ޑޮކްޓަރަށް ދައްކައި ނަތީޖާ ލިބުނުއިރު މެހެކްއަށް ލިބުނީ އުފާވެރި ޚަބަރެކެވެ. އޭނާ ބަލިވެ އިނީއެވެ. އޭނައަށް އާ އުންމީދެއް ލިބުނެވެ. ދަރިފުޅުގެ ޚަބަރާއެކު ފާޒިލް ބަދަލުވާނެއެވެ. އޭނާ ގެއަށް އައީ ފާޒިލް ގާތު އެވާހަކަ ބުނާނެ ގޮތަކާމެދު ވިސްނަމުންނެވެ. ވަގުތުން ގުޅާފައި ބުނަންވެސް އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޮފީސް ގަޑީގައި ނުގުޅުމަށް ފާޒިލް އޮތީ އޭނައަށް އަންގާފައެވެ. އަނެއްކޮޅުން އެވާހަކަ ބުނާ ވަގުތު ފާޒިލްގެ މޫނަށް އަރާ ކުލަވަރު ފެންނާނީ ކައިރީގައި ހުއްޓާ ބުނީމައޭ އޭނާގެ ހިތަށް އެރިއެވެ. ވުމާއެކު އޭނާ ކެތްތެރިކަމާއެކު ފާޒިލް ގެއަށް އަންނާނެ އިރަކަށް އިންތިޒާރުކުރަން ފެށިއެވެ.

ފާޒިލް ގެއަށް އައީ ފަހެއް ޖަހަން އުޅެނިކޮށެވެ. އޭރު އެވާހަކަ ބުނާހިތުން މެހެކްއަށް ހުރެވެނީކީ ނޫނެވެ. ވުމާއެކު އޭނައަށް ފުރަތަމަވެސް ކުރެވުނީ ޝަކުވާއެކެވެ.

“ފާޒިލް. މިއަދު ހާދަ ލަހަކުން ތިއައީ؟ ކީއްވެ އެހާ ލަސްވީ؟” މެހެކްގެ ސުވާލުން ފާޒިލް އެނބުރި ބަލައިލިއިރު އޭނާގެ ދެލޮލުން ހީވަނީ އަލިފާންކަނި ބުރާހެންނެވެ.

“ހަމަ ގެއަށް އައިސް ވަންނައިރަށް ނުފައްޓަބަލަ. އަހަރެން ގެއަށް އަންނާނެ އިރެއް އެނގޭނީ އަހަންނަށް. އެއީ ކަލޭ ބެހެން ޖެހޭ ކަމެއް ނޫން. އަހަރެން އައިމަ އަހަރެން ބޭނުންވާ ކަންކަން ކޮށްދިނީމަ ނިމުނީ. ފިރިހެނުންނަކީ ނިކަން މިނިވަން ބައެކޭ.” ރުޅިވެރިކަމާއެކު ފާޒިލް ބުންޏެވެ.

“ސޮރީ. އަހަރެން ޝަކުވާއެއް ކުރާކަށް ނޫން. ވަރަށް ބޮޑު، މުހިންމު ވާހަކައެއް ބުނަންވެފައި އޮތީމަ. އެހެންވެ ލަސްވީމަ އަހާލެވުނީ.” މާފަށް އެދެމުން މެހެކް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“އެވަރުގެ ކޮން ވާހަކައެކޯ ކަލެއަށް އަހަރެން އައިސް ހަމަޖެހިލަންދެންވެސް ތި އަނގަގަނޑު މައިތިރި ނުކުރެވުނީ؟” މަލާމާތުގެ ރާގަކަށް ފާޒިލް އަހާލިއެވެ.

“ފާޒިލް. އަހަރެމެންގެ އާއިލާއަށް އިތުރު މެންބަރަކު އަންނަނީ. ފާޒިލް ބައްޕައަކަށް ވަނީ.” މެހެކް އުފާވެފައި ބުނެލިއެވެ. ފާޒިލްގެ މޫނުމަތިން މާބޮޑު އަސަރެއް ފާޅެއް ނުވެއެވެ.

“ދެން ތީ އެވަރުގެ ވާހަކައެއްތަ؟ ދެން ދުވަސް ހަމަވީމަ ވިހާނީނު. އެވެސް ވެއްޖެ ދޯ ބޮޑު ކަންތައްގަނޑަކަށް ހަދަން.” ފާޒިލްގެ ފަރުވާކުޑަކަމުން މެހެކް ހިތުގައި ޖެހުނެވެ. ފާޒިލްއަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ ހިތުގައި އިންސާނިއްޔަތުކަންވެސް ނެތީބާއެވެ. ކޮންމެ މީހަކުވެސް އަމިއްލަ ދަރިއަކު ލިބުމަށް އެދޭއިރު ފާޒިލްއަށް އެއީ މުހިންމު ކަމަކަށް ނުވީތީ މެހެކް ހައިރާންވިއެވެ.

މެހެކްގެ ދިރިއުޅުން ދުވަހަކަށްވުރެ ދުވަހެއް ދަތިވެ އުނދަގޫވަމުން ދިޔައެވެ. ދަރިޔަކު ލިބޭތީ ފާޒިލް ބަދަލުވާނެ ކަމަށް އުންމީދެއް ކުރެވުނު ނަމަވެސް ފާޒިލްގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށްވީ އިތުރެވެ. ނުވިތާކަށް މައިދައިތަގެ ފަރާތުންވެސް އަޅާލުމެއް ނުލިބޭތާނގައި ހިތްދަތިވާނެ ބަހެއް ނޫނީ ނުބުނެއެވެ. އެ ހުރިހާ ހިތްދަތިކަމެއްގެ ތެރެއިންވެސް އޭނާއަށް ހިތްވަރެއް ނުވަތަ އޯގާތެރިކޮށް ބަހެއް ބުނެލަނީ ފާޒިލްގެ ބައްޕަ ހައިދަރެވެ. ނޫންނަމަ މިހާރު އޭނާގެ ކެތްތެރިކަން ކޮޅުންލާނެތާ ކިތަންމެ ދުވަހެކެވެ.

ފާޒިލް ގެއިން ބޭރުގައި އުޅޭ ވަގުތު ގިނަވިއެވެ. އޮފީސް ގަޑި ނިމުމުންވެސް އޭނާ ގެއަށް އަންނަނީ އެތައް އިރެއް ވާފަހުންނެވެ. އައިސް ފެންވަރައި އެއްޗެހި ބަދަލުކޮށްލައިގެން އަނެއްކާވެސް ދަނީ ބޭރަށެވެ. އެތައް ދަމެއް ވަންދެން ބޭރުގައި އުޅެފައި ގެއަށް އަންނައިރު މެހެކް އޭނާގެ އިންތިޒާރުގައި އިންނަން ޖެހެއެވެ. ނީނދެއްޖެނަމަ އަނިޔާވެރިކަމާ ކުރިމަތިލާން ޖެހެއެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައިވެސް ފާޒިލްގެ އަނިޔާވެރިކަމެއް ނުހުއްޓުނެވެ. ހަމައެހެންމެ ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީވެސް ފާޒިލްގެ ފަރާތުން އިތުރު އަނިޔާއެއް ލިބޭކަށް މެހެކް ބޭނުމެއް ނޫނެވެ.

މެހެކް ކޮޓަރީގެ އެނދު ފަޑީގައި ލެނގިލައިގެން އިންދާ ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ފާޒިލް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އަޑަށެވެ. ދެލޯ އުނގުޅާލާފައި ގަޑި ބަލައިލިއިރު ބާރަގަޑި ބައިވަނީއެވެ. ފާޒިލް ވަނުމާއެކު ކޮޓަރި ތެރޭގައި އަންހެން ސެންޓެއްގެ ވަސް ހަރުލިއެވެ.

“ފާޒިލް. ހާދަ ލަހަކުން ތިއައީ. ކޮންތާކުން ތި އައީ؟ އަހަރެން އިންތިޒާރުގައި އިންދާ ނިދުނީ. ކާން ހަދަންތަ؟” މެހެކް އެހިއެވެ.

“އެއީކީ ކަލެޔާ ބެހޭކަމެއް ނޫން. އަހަރެން ކޮންމެ ތާކު އުޅުނަސް ކަލެއަށް ކީއް؟ ކަލޭގެ މަސައްކަތަކީ އަހަރެން ބޭނުންވާ ކަންތައްތައް ކޮށްދިނުން.” ފާޒިލް ބުނެލިއެވެ.

“އެކަމަކު އަހަރެން މީ ކަލޭގެ އަނބިމީހާ. އަހަރެމެންނަށް ދަރިޔަކު ލިބެން މި އުޅެނީ. ތި އުޅުން ބަދަލުކޮށްބަލަ.” އާދޭހުގެ ރާގެއްގައި މެހެކް ބުންޏެވެ.

“ދަރިޔަކު ލިބުމަކީ އަހަރެންގެ މިނިވަންކަން ގެއްލެންޖެހޭ ސަބަބެއް ނޫން. އަހަންނަށް ލެކްޗަރު ނުދީ މައިތިރިވެގެން ގޭގަ އިނދޭ.” ފާޒިލްގެ އަޑުން ނުރުހުންތެރިކަން ފާޅުވިއެވެ.

“ކާން ހަދަންތަ؟ ނޫނީ އަނެއްކާ ކައިގެންތަ ތި އައީ؟” މެހެކް އެހިއެވެ.

“އުހުނ. ނުކާނަން. މިހާރު ބަނޑު ފުރިއްޖެ.” އެހެން ބުނުމަށްފަހު ފާޒިލް ވަނީ ފާޚާނާއަށެވެ.

ފެންވަރައިގެން ނިދަންލާ ސޯޓާއެކު ފާޒިލް އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. ގިނައިރެއް ނުވެ އޭނާގެ ގުގުރީގެ އަޑު ކޮޓަރީގައި ގުގުމާލިއެވެ.

މެހެކް އިރުކޮޅެއް ވާންދެން ފާޒިލްގެ މޫނަށް ބަލަން އިނެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ ކައިވެންޏަކަށްޓަކައި ކުރި ފޮނި އުންމީދުތައް ފުނޑުފުނޑުވިތާ ކިތަންމެ ދުވަހެކެވެ. އޭނާދެކެ އިންތިހާއަށް ލޯބިވާނެ، އިޙުތިރާމް ކުރާނެ ބައިވެރިޔަކަށް ދެކެވުނު ހުވަފެންތައްވީ ކުލަނުވާ ހުވަފެނަކަށެވެ. ދަރިޔަކު ލިބެން އުޅޭ ޚަބަރާއެކު ފާޒިލްގެ އަޅާލުމާއި ލޯބި ލިބޭނެކަމަށް ހީކުރެވުނު ނަމަވެސް ބަދަލުގައި ލިބުނީ އަނިޔާއާއި ބޭވަފާތެރިކަމެވެ. އޭނާ އެ ޙާލުގައި އިންދާ ފާޒިލް އެވަނީ އެހެން އަންހެނެއްގެ ފަރާތުން އުފާ ހޯދަން ފަށާފައެވެ.

އެތައް އިރަކު އަމިއްލަ މީހާގެ ނަސީބާމެދު ހިތާމަކޮށް ރޯން އޮތުމަށްފަހު މެހެކްއަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގުނެވެ. އެހެންޏާ ކޮންމެ ރެޔަކު ފަތިސް ނަމާދަށް ހޭލާ މެހެކްއަށް އެރެޔަކު ނުހޭލެވުނެވެ. އޭނާއަށް ހޭލެވުނީ ހެނދުނު އަށެއް ޖަހަނިކޮށެވެ. އޭރުވެސް ފާޒިލް އޮތީ ގަދަ ނިދީގައެވެ. އޭނާ އަވަހަށް ފާޒިލްއަށް ގޮވިއެވެ.

“ތަންކޮޅެއް ކުރިން ގޮވާކަށް ނޭނގޭތަ؟ ދެން އަހަރެން ކިހިނެއް ގަޑި ނުޖެހި ދާނީވެސް؟” ރުޅިއައިސްފައި ފާޒިލް ބުނެލިއެވެ.

“ސޮރީ. ރޭގަ އެހާ ލަހުން ނިދުނީމަ އަހަންނަށް ނުހޭލެވުނީ. ދެންވެސް އަވަސްކޮށްލާ.” މެހެކް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“ކީއްކުރަންތަ ލަހުން ނިދަންވީ؟ ކަންނެތްފުޅަކަމުން ދަމަކަށް އިރުއަރާ ފަހުން ނޫނީ ހޭލާކަށް ނޭނގޭ.” އެތިވަރު ގޮވައިގެންފައި ފާޒިލް ގޮސް ފާޚާނާއަށް ވަނީ މެހެކް ރޮއްވާލާފައެވެ.

މެހެކްގެ ހިތަށް އެރިއެވެ. އެ ޙާލުގައި އިނދެވެސް ފާޒިލްގެ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުން ދާއިރުވެސް އެކަން ފާޒިލްއަށް ނުފެންނަނީ ކީއްވެ ހެއްޔެވެ؟ އެންމެ ދުވަހަކު ގަޑިއަށް ކަމެއް ނުވުމުން އޭނާ ކަމެއް ނުކުރާ ކަމަށް ވަނީ ކީއްވެ ހެއްޔެވެ؟ އޭނާ އަރާމެއް ނެތި ކުރަމުންދާ މަސައްކަތުގެ އަގަކަށް އެ ދިނީ ހާދަހާ ރީތި ނަމެކެވެ.

ފާޒިލް ފެންވަރައިގެން ނުކުންނަންވާއިރަށް މެހެކް އޭނާ އޮފީހަށް ދާން ލާނެ އެއްޗެހި ތައްޔާރުކޮށްފައި ގޮސް ވަރަށް އަވަހަށް ސައި ހަދައިފިއެވެ. ފާޒިލް ފެންވަރައިގެން އައިސް ސައިބޯނެހާ ވަގުތު ނޯންނާނެކަންވެސް އެނގިހުރެއެވެ. ނަމަވެސް ފާޒިލްއަށް ރުޅި އަންނާނެ އިތުރު ފުރުސަތެއް ނުދިނުމަށްޓަކައެވެ.

“ސައި ބޯންވީނު.” ބާރު ހިނގުމެއްގައި އައި ފާޒިލް ގާތު މެހެކް ބުންޏެވެ.

“ކަލޭ ކެވޭތޯ ބަލާ. އަހަންނަކަށް ވަގުތެއް ނެތް.” އެ ދިޔަ ބާރުމިނުގައި ފާޒިލް ނުކުމެގެން ހިނގައްޖެއެވެ. މެހެކްއަށް ފުން ނޭވައެއް ލެވުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ހަލުވިކޮށެވެ. މެހެކްގެ ދިރިއުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ވަރަށް ވިސްނައިގެން އުޅޭއިރުވެސް ފާޒިލްގެ ރުޅިއާއި ކުރިމަތިލާން ނުޖެހޭ ދުވަހެއް ނާދެއެވެ. ކުދިކުދި ކަންކަމާ ރުޅި އިސްކުރާ ފާޒިލްގެ އަނިޔާވެރިކަންވެސް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ޖިސްމާނީ ގޮތުން މާބޮޑު އަނިޔާއެއް ނުކުރި ނަމަވެސް ނަފްސާނީ ގޮތުން ކުރަމުންދިޔަ އަނިޔާތަކުގެ ސަބަބުން މެހެކްގެ ދިރިއުޅުން ވަނީ ބޮޑު ވޭނަކަށް ވެފައެވެ. ހިތާމަ ނުކޮށް ވޭތޯ މަސައްކަތްކުރި ނަމަވެސް ފާޒިލްގެ ޢަމަލުތަކުން އޭނާގެ ހިތުގެ ރިހުން ވަނީ ދުވަހަކަށްވުރެ ދުވަހެއް ގަދައެވެ.

މެހެކްގެ ބަނޑަށް ނުވަ މަސް ފުރުނުއިރު އޭނާގެ ބަނޑު އެއްމާބަނޑު ދެ ކުދިންހެން ހީވާހާ ބޮޑެވެ. އޭނާގެ ބަނޑުގައި ރިއްސަން ފެށީ ދަންވަރުއެވެ. ފާޒިލް އޮތީ ގަދަ ނިދީގައެވެ. ފާޒިލްއަށް ނުގޮވާ ވޭތޯ މެހެކް ކެތްކުރިއެވެ. ފިރިމީހާގެ ނިދިކޮޅު ހަލާކު ނުކުރަންވެގެންނެވެ. ނަމަވެސް ރިހުން ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. ބަނޑުގައި އެޅި ވޭން ގަދަވެ، ކެތް ނުކުރެވޭ ހިސާބަށް ދިޔުމުން ފާޒިލްއަށް ގޮވިއެވެ.

“ކަންތަކާ ޖެހުނީ. މިރޭ ދެން ލާހިކެއް ނޫން ނިދާކަށް.” ނިދިން ހޭލެވުނު ފާޒިލް ރުޅިވެރިކަމާއެކު ބުނެލިއެވެ.

“ހެޔޮނުވާނެ ފާޒިލް. މަންމައަށް ގޮވާލަދީބަލަ. ބަނޑުގައި ރިއްސާވަރުންނޭ.” ވަރަށް ހިތްވަރުން މެހެކް ބުނެލިއެވެ.

“ހުސް މަކަރު. ތި އެކްޓުތައް ޖައްސާނެކަމެއް ނެތް. ނިދާ!” އަމުރުވެރިކަމާއެކު ބުނެލުމަށްފަހު ފާޒިލް ދުރަށް އެނބުރި އޮށޯތެވެ.

“ފާޒިލް. މަންމައަށް ގޮވާލަދީބަލަ.” ރިހުންގަނޑުން ކެތްނުވާ ޙާލުގައި މެހެކް ބުނެލިއެވެ.

“ފާޒިލް…..” މެހެކް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
ބަދަލުވި ސޫރަ
4 ގަޑިއިރު ކުރިން
މެހެކް – ދެވަނަ ބައި
4 ގަޑިއިރު ކުރިން
Home
Menu
Search
Back to top