ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަލަށް އުފެއްދި މޮލެކިއުލްއެއްގެ އެހީގައި އުރަމަތީ ކެންސަރު ނައްތައިލުމަށް އާ އުއްމީދެއް

އަލަށް އުފެއްދި މޮލިކިއުލެއްގެ އެހީގައި ކެންސަރު އާލާވުމަށް މަގުފަހިކޮށްދޭ އެންޒައިމެއް ނައްތާލައި، ފަރުވާ ދޭން އެންމެ އުނދަގޫ “ޓްރިޕަލް ނެގެޓިވް ބްރެސްޓް ކެންސަރާ” ދެކޮޅަށް އާ އުންމީދެއް ލިބިއްޖެއެވެ.

ޚުލާސާ:

އޮރެގަން ހެލްތު އެންޑް ސައިންސް ޔުނިވަރސިޓީގެ ސައިންސްވެރިން ވަނީ ކެންސަރުގެ އެންމެ ނުރައްކާތެރި އަދި ފަރުވާ ދޭން ދަތި އެއް ބާވަތް ކަމަށްވާ “ޓްރިޕަލް ނެގެޓިވް ބްރެސްޓް ކެންސަރު” އަށް ފަރުވާ ކުރުމުގެ އާ މަގެއް ހޯދައިދޭނެ މޮލިކިއުލެއް އުފައްދާފައެވެ. “SU212” ގެ ނަމުން ނަންދެވިފައިވާ މި މޮލިކިއުލް އަމާޒުކުރަނީ ކެންސަރު ސެލްތައް އިތުރުވުމަށް ބޭނުންވާ މުހިންމު އެންޒައިމަކަށެވެ. އިންސާނުންގެ ސެލްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މީދާ ބޭނުންކޮށްގެން ކުރި ތަހުލީލުތަކުން ދެއްކި ގޮތުގައި، މި މޮލިކިއުލްގެ ސަބަބުން ކެންސަރުގެ ގަނޑުތައް (ޓިއުމަރުތައް) ކުޑަވެ، ކެންސަރު ފެތުރުން ލަސްވެގެންދެއެވެ.

“ސެލް ރިޕޯޓްސް މެޑިސިން” ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އާ މޮލިކިއުލަކީ ކެންސަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ އެންޒައިމެއް ހުއްޓުވައިދޭ އެއްޗެކެވެ.

“މިއީ ޓްރިޕަލް ނެގެޓިވް ބްރެސްޓް ކެންސަރަށް ފަރުވާ ހޯދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،” ދިރާސާގެ އިސް މުސައްނިފު އަދި OHSU ނައިޓް ކެންސަރު އިންސްޓިޓިއުޓްގެ ސެންޓަރ ފޯ އެކްސްޕެރިމެންޓަލް ތެރަޕިއުޓިކްސްގެ ކޯ-ޑައިރެކްޓަރ، ޑރ. ސަންޖޭ ވީ. މަލްހޯތުރާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބާވަތުގެ ކެންސަރަކީ ވަރަށް ނުރައްކާތެރި ބާވަތެއް ކަމަށާއި، މިހާތަނަށް މިކަމަށް އެދެވޭ ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

މި ހޯދުމުގެ ދެން އޮތް މަރުހަލާއަކީ އިންސާނުން ބޭނުންކޮށްގެން ކުރާ ކްލިނިކަލް ޓްރަޔަލްތައް ފެށުމެވެ. މިކަމަށްޓަކައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (FDA) ގެ ހުއްދަ ހޯދުމާއި ބޮޑެތި ވަސީލަތްތައް ބޭނުންވާނެއެވެ. ޑރ. މަލްހޯތުރާ ވިދާޅުވި ގޮތުގައި މި އުކުޅަކީ އެހެނިހެން ބާވަތްތަކުގެ ކެންސަރަށް ފަރުވާ ކުރުމުގައިވެސް ބޭނުންކުރެވިދާނެ އުކުޅެކެވެ. އަންހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރުގެ %15 އަކީ ޓްރިޕަލް ނެގެޓިވް ބްރެސްޓް ކެންސަރެވެ.

ކެންސަރު އާލާވާ އެންޒައިމަށް އަމާޒުކުރުން

މި އާ މޮލިކިއުލް ތަހުލީލު ކުރުމަށްޓަކައި ސައިންސްވެރިން ބޭނުންކުރީ “enolase 1” ނުވަތަ “ENO1” ކިޔާ އެންޒައިމެކެވެ. މި އެންޒައިމަކީ އިންސާނާގެ ސެލްތަކުގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް ކެންސަރު ސެލްތަކުން މި އެންޒައިމް އާދަޔާ ޚިލާފަށް ގިނައިން އުފައްދައެވެ.

“SU212” މޮލިކިއުލް މި އެންޒައިމާ ގުޅުމުން، އެންޒައިމް ހަލާކުވެގެންދެއެވެ. މީގެ ސަބަބުން ކެންސަރުގެ ގަނޑުތައް ބޮޑުވުން ހުއްޓި، ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރުން (metastasis) މަދުވެއެވެ. މި އެންޒައިމަކީ ކެންސަރު ސެލްތައް ދިރިހުރުމަށާއި ފެތުރުމަށް ބޭނުންވާ ހަކަތަ ހޯދުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.

މީގެ އިތުރުން، ހަކުރުބަލި ފަދަ މެޓަބޮލިކް ބަލިތައް ހުންނަ މީހުންނަށް މި ފަރުވާ މުހިންމު ވެދާނެ ކަމަށް ޑރ. މަލްހޯތުރާ ފާހަގަކުރެއްވިއެވެ.

އެހެން ކެންސަރުތަކަށް އޮތް ފުރުސަތު

ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި “enolase 1” އަށް އަމާޒުކޮށްގެން ތައްޔާރުކުރާ ބޭސްތަކުގެ ސަބަބުން، ހަމައެކަނި އުރަމަތީގެ ކެންސަރުގެ އިތުރުން ސިކުނޑީގެ ކެންސަރު (glioma)، ޕެންކްރިއަސްގެ ކެންސަރު އަދި ތައިރޮއިޑް ކެންސަރަށްވެސް ފަރުވާ ލިބިގެންދާނެއެވެ.

މި މޮލިކިއުލަކީ ޑރ. މަލްހޯތުރާ ސްޓެންފޯޑް ޔުނިވަރސިޓީއާއި ނޭޝަނަލް ކެންސަރު އިންސްޓިޓިއުޓްގައި މަސައްކަތް ކުރެއްވި ދުވަސްވަރުއްސުރެ ކުރަމުން އައި މަސައްކަތުގެ ނަތީޖާއެވެ. އޭނާގެ މިހާރުގެ އަމާޒަކީ ލެބޯޓްރީގައި ކުރެވޭ މިފަދަ ހޯދުންތައް އަމަލީ ގޮތުން ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރެވޭނެ ގޮތްތަކަށް ބަދަލުކުރުމެވެ.

މި ދިރާސާއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެމެރިކާގެ ނޭޝަނަލް ކެންސަރު އިންސްޓިޓިއުޓް (NCI)، ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (NIH) އަދި ޑިޕާޓްމަންޓް އޮފް ޑިފެންސްގެ އިތުރުން އެހެނިހެން ބައެއް ޖަމިއްޔާތަކުންނެވެ.

ނޯޓް
މަސްދަރު: އޮރެގަން ހެލްތު އެންޑް ސައިންސް ޔުނިވަރސިޓީ (OHSU)
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top