ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ދެހާސް އަށާރަ – ކުރު ވާހަކަ

މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެވެ. މި ވާހަކައިން އެތައް މަންފާއެއް ލިބިގެންދާނެއެވެ. މި ވާހަކައިގައި އުޅޭ މީހުންގެ ނަން ތަކަކީ އަސްލު ނަން ތަކެއް ނޫނެއެވެ. ނަމަވެސް ވާހަކައިގައި އަސްލު ނުގެއްލޭ ގޮތަށް ލިޔެލާނަމެއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ފުން ހިމޭންކަމެކެވެ. މަގުމަތިން އެއްވެސް އިންސާނެއްގެ ހިލަމެއް ނުވެއެވެ. މުޅި ރަށް އޮތީ ފުން ނިންޖަކުން ނިދާފައެވެ. އެ ހަމަހިމޭންކަން ރަސްކަންކުރަމުން ދަނީ އަހަރުމެންގެ ލޮލަށް ނުފެންނަ، ނަމަވެސް އެ ސޫފިތަކުގެ އަޑުން މުޅި މާހައުލު ގުގުމާލާފައިވާ “ރަފީގު” ކިޔާ ދޫނިތަކުގެ ތޫނު އަޑެވެ.

މުޅި ރަށް ނިދާފައި އޮތް ނަމަވެސް، ކައިލްގެ ދެލޮލަކަށް ނިންޖެއް ނާދެއެވެ. އޭނާ އޮތީ ނިންޖާ ހަނގުރާމަކުރާށެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮތްއިރު، އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ މާޒީގެ ހިތްދަތި ހަނދާންތަކެވެ. އޭނާގެ އަމާން ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތާމެދު ވިސްނެނީއެވެ. އުފާވެރިކަން ކައިލްގެ މޫނުން ގެއްލިގެންދާ ގޮތާއިމެދު ކައިލް ވިސްނެމުން ގެންދެއެވެ. މުޅި ދިރިއުޅުން އެއްކޮށް ކަހަލަ ގޮތަކަށް ކައިލްއަށް ބަދަލު ވެގެން ދިޔައެވެ. މީހުންނާއި ގުޅިގެން މަސައްކަތު ގައި އުޅޭ މާހައުލަށްވުރެން ކައިލް އިސް ކުރަމުން ގެންދިޔައީ އެކަނިވެރި ކަމެވެ.

ކައިލްގެ ދިރިއުޅުމުގެ އެންމެ ބޮޑު ތަނބަކީ އޭނާގެ ފުރާނަ ފަދަ ލޯބިވާ މަންމައެވެ. ނަމަވެސް 2018 ވަނަ އަހަރަކީ އޭނާގެ ދިރިއުޅުން ފުށުންޖެހުނު އަހަރެވެ. މަންމަގެ ހަށިގަނޑަށް ކުރިމަތިވި ސިހުރުގެ ނުބައި ބަލިމަޑުކަމަކީ އެ އުފާވެރިކަން ފޭރިގަތް ވަބާއެވެ. ފުރަތަމަ ކޮޅު މަންމަ އެކަން ކައިލްމެންނަށް ސިއްރުކުރިއެވެ. ސަބަބަކަށް ވަނީ ކައިލް މެންނަށް އެކަން އެނގިއްޖެނަމަ ކައިލް މެންނަށް ވާނޭ ގޮތާއިމެދު ވިސްނާފައެވެ. ހިތްވަރުގަދަ އެ މަންމަ ބޭނުންވީ ދަރިންނަށް އެކަމުގެ ހިތާމަ ނުޖެއްސުމަށެވެ. ނަމަވެސް ދުވަހުން ދުވަހަށް މަންމަގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އެ ބަލީގެ ނުބައިކަން މުޅި އާއިލާއަށް ހާމަވެގެން ދިޔައީ މަންމަގެ ހަށިގަނޑުން ފެންނަން ފެށި އާދަޔާ ހިލާފު ބަދަލުތަކުންނެވެ. ގޮތް ނޭނގޭ ކަމެކެވެ. ނަމަވެސް މަންމަ ކައިރީ އެހުމުން އެއީ އެއްވެސް ކަމެއް ނޫން ކަމަށް ބުނެ އެކަންތައް ސިއްރުކުރެއެވެ. އެއީ ވެސް ދަރިންނަށް ސިއްރުކުރުމުގެ ގޮތުންކަން ކައިލްއަށް ވިސްނިގެން ދިޔައެވެ. ކައިލްގެ މަންމައަށްޓަކާ އެތަކެއް ޤުރުބާނީތަކެއް ވަމުން ދިޔައެވެ.

ކައިލް އެއްބަނޑުއެއްބަފާ ކުއްޖަކު ހުރެއެވެ. އެއީ ކައިލްގެ ބޭބެއެވެ. ބޭބެއަށް ކަންތައްތައް ހިއްސާކުރަމުން ގެންދެއެވެ. (ޒަކުވާން) ބޭބެ ވެސް އެދުމަކަށް ވީ މަންމަ ގޮވައިގެން ވީހާ ވެސް އަވަހަކަށް މާލެ އައުމެވެ. މަންމައަށް ފަރުވާ ކުރުމަށެވެ.

ކައިލް ވިސްނި ވިސްނުމުގައި ކައިލްއަށް އެންމެ މުހިއްމުވީ ކައިލްގެ މަންމަގެ ފުރާނަ ސަލާމަތް ކުރުމަށް އުފަން ރަށް ދޫކޮށް މާލޭގެ ކާރުބާރު ބޮޑު ތަނަށް ދިޔުމެވެ. އެއީ ހުރިހާ ކަމަކަށް ވެސް ހައްލެއް ގޮތުގައެވެ. ރަށް ދެކެ ކައިލް ކިތައްމެ ލޯބި ކަމުގައި ވީނަމަވެސް ކައިލްއަށް މަޖުބޫރު ވީ ފަރުވާ ހޯދުމަށް މަންމަ ގޮވައިގެން މާލެ ބަދަލުވުމަށެއެވެ.

މަންމައަށް ފަރުވާ ހޯދުމަށް މާލެ ދާނެގޮތް އުދަގޫ ކަމަކާއި ނުލައި ހޯދިއްޖެއެވެ. އެއީ ވެސް މަތިންނެވެ. ފަތިހު ޗެކިން އޮތުމާއެކު ކައިލް ވިސްނީ އެރޭ ކައިލް ނުނިދާ ދަމަށް ހޭލާ ހުރުމަށެއެވެ. ސަބަބަކަށް ވަނީ ކައިލްއަށް ނިދިއްޖެ ނަމަ ކައިލްއަށް ނުހޭލެވިދާނެތީ އެކަމަށް ބިރުންނެއެވެ.

މާލޭގެ ހަނި ގޯޅިތަކާއި އުސް އިމާރާތްތަކުގެ ތެރޭގައި މަންމަ ގޮވައިގެން ރުޤުޔާކުރަން ފެށުނެވެ. މަންމަގެ ހަށިގަނޑުގައިވާ ނުބައި ސިހުރުގެ އަސަރުތައް ނައްތާލުމުގެ މަސައްކަތް ކުރަން ފެށުނެވެ. ނަމަވެސް ކައިލް އަދި ކައިލްގެ މި ކުޑަ އާއިލާއަށް އެތަކެއް ހުރަސް ތަކެއް ކުރިމަތިވެގެން ދިޔައެވެ. އެއީ ދުނިޔެއަށް ކުރިމަތިވި ބިރުވެރި ކޮވިޑް-19 އެވެ. ބަލިމަޑުކަމުގެ ތެރޭގައި މާލެ ފުރަބަންދުވިއިރު، ކައިލްއަށް ޖެހުނީ ހަ މަސް ދުވަސް ވަންދެން މާލޭގެ އެ ކުޑަ ގޮޅިއެއް ފަދަ ތަނުގައި މަންމަ ގޮވައިގެން ހައްޔަރުވާށެވެ. އެތަކެއް ރެޔެއް އެތަކެއް ދުވަހެއް ވަންދެން ކައިލް ހޭލާ އުޅެން ޖެހުނެއެވެ. މަންމައަށް ހޭހަންކޮށްދިނުމުގައި ވަގުތު ހުސް ކުރިއެވެ. ކައިލްގެ ވަޒީފާ ގެއްލިއްޖެއެވެ. އެކަން އެއީ ކައިލްއަށް މާ ބޮޑު ކަމެއް ނުމެނޫންމެއެވެ.

ކައިލް އާއި ޒަކުވާންއަށް މަންމައަށް ވަމުން އަންނަ ގޮތް އަންނަނީ ފެންނަމުންނެއެވެ. އެތަކެއް ވޭންތަކެއް އަޅާ ކަހަލައެވެ. ރުޤްޔާކުރާ މީހާ ބުނާގޮތް ހަދަމުން ގެންދިޔައެވެ. މަންމަގެ ފުރާނަ ސަލާމަތްކުރުމަށް ކައިލް އަދި ޒަކުވާން ތިބީ އަތުކުރި އޮޅާލާގެންނެއެވެ. ދެ ކުދިން ތިބީ އެކައްޗެއް ކިޔައިގެންނެވެ.

އެއީ ކައިލްގެ އަދި މި ކުޑަ އާއިލާއަށް އައި އެންމެ ދަތި އުނދަގޫ ދުވަސްތަކެވެ. އެއްކޮޅުން މަންމަގެ ބަލި ހާލަތެވެ. އަނެއްކޮޅުން މުޅި ދުނިޔެ ބިރުގަންނަވާލި ކޮވިޑްގެ ވަބާއެވެ. މިރޭވެސް ކައިލްގެ ލޮލުން ކަރުނަ ހިލުނީ އެ ހިތްދަތި ދުވަސްތައް މަތިން ހަނދާންވުމުންނެވެ. ރަފީގު ދޫނީގެ އަޑު އަދިވެސް އިވެމުންދެއެވެ. އެއީ އެކަނިވެރިކަމާއި ހިތްދަތިކަމުގެ ރަމްޒެއް ފަދައިންނެވެ..

“މިއީ އަހަރެންނަށް ދިމާވެފައި ހުރި ކަމެއް ބާވައެވެ. މިއީ އަހަރެންގެ މައިންބަފައިންނަށް ކާކު ބާލާލާ ކޮން ފަދަ ހަސަދައެއް، ކޮން ރުޅިވެރިކަމެއް ބާވައެވެ؟” ކައިލް ހިތާ ހިތުން ކިޔާ ލެވުނެއެވެ. ކައިލް ހިތުގައި އެތަކެއް ކަމެއް ސިއްރު ކުރެވިގެން ދިޔައެވެ.

ދުވަސް ކޮޅެއްގެ ފަސް ...

ކައިލްގެ ކުޑަކުޑަ އާއިލާއަށް އުފާވެރިކަން އައެވެ. ކައިލް އެންމެ ބޭނުންވި އެއް ކަންތަކުން މިންޖު ވެވިގެން ދިޔައެވެ. އެ ނުބައި އަމަލުން ކައިލްގެ މަންމަ ސަލާމަތްވެ މުޅިން އައު ބާބަކުން ފަށަން ފުރުސަތު ލިބުނެވެ. ކައިލް ދެކެމުން އައި އެތައް ހުވަފެން މިއަދު ހަގީގަތަށް ވިއެވެ. ކައިލް ހިތާ ހިތުން ﷲ އަށް ހަމްދުކުރިއެވެ. ނަމަވެސް ކައިލް ހިތުގައި އެހެން ބިރުވެރި ކަމެއް އުފެދިގެން ދިޔައެވެ. އެއީ ކައިލްގެ މި ކުޑަ އާއިލާ ކޮވިޑް 19 ބަލިމަޑުކަމުން ސަލާމަތްވެ ތިބެ އުފަން ރަށަށް ދެވޭނެކަމާމެދު އޮތް ކަންބޮޑުވުމެވެ.

މިހާރު ވަނީ މުޅި ރާއްޖެއަށް ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރިފައެވެ. މުޅި ރާއްޖެ ވަނީ ފުރަ ބަންދުގައެވެ. އެއް ރަށުން އަނެއް ރަށައް ދެވެނީ ޓެސްޓްތައް ހެދުމަށް ފަހުއެވެ. ކައިލް އާއި ކައިލްގެ މަންމަ އަދި ބައްޕަ ވެސް ކޮވިޑް ޓެސްޓް ހެދިއެވެ. އެއީ ކައިލް އުފަން ރަށަށް ދިޔުމަށްޓަކައެވެ. ރާއްޖެއިން އެންމެ ފުރަތަމަ ބަލި ޖެހުނު ފަތުރުވެރިޔާ އޮތީ އައި.ޖީ.އެމް.އެޗް ގައި ކަމަށްވާތީ ކައިލްއަށް އެކަމާއިމެދު ވެސް ވިސްނާލެވުނެވެ.

އިސާހިތަކު ކޮވިޑް ޓެސްޓް ހެދި އޭގެ ނަތީޖާ ލިބިއްޖެއެވެ. އެކަކުވެސް ކޮވިޑަށް ފައްސި އެއް ނުވެއެވެ. ނަތީޖާ ލިބުމާއިއެކު އަވަސްވެގަތީ ރަށަށް ދިޔުމަށްޓަކައި ފޮށިތައްމަތި ތައްޔާރު ކުރުމަށެއެވެ. ހަ މަސް ދުވަހު ކުޑަ ކޮޓަރީގައި ތާށިވެ ހުރުން ކައިލްއަށް އުދަގޫތަކާ ކުރިމަތި ކުރުވިއެވެ.

ރަށައް އާދެވިއްޖެއެވެ. ރުޤްޔާކުރި ފަރާތުން ކިޔާދިން މައުލޫމާތު އަދި ދިން އިރުޝާދުއަށް އަމަލު ކުރަމުން ގެންދިޔައެވެ. އިންޝާ ﷲ މިހާރު ކައިލްގެ މަންމަ ވަނީ އެކަމުން ސަލާމަތް ވެފައެވެ. ކައިލްއަށް އެ މާޒީން އެތަކެއް ފިލާވަޅުތަކެއް ލިބިގެން ދިޔައެވެ.

ކައިލް އަށް އެ މާޒީގެ ތެރެއިން ހަމަހޭވެރިކަން އައީ ކައިލް ކަންފަތުގައި ޖެހުނު މަތިވެރި ކަލިމަ ތަކުންނެއެވެ. އާދެ! އެ އިވެނީ ފަތިސް ނަމާދު ބަންގީގެ އަޑެވެ. ކައިލް ލޮލަށް ޖަމާވެފައި ހުރި ކަރުނަ އަތުގެ ނުފުށުން ފުހެލުމަށް ފަހު ހިނގައިގަތީ ފަތިސް ނަމާދުކުރުމަށް ތައްޔާރުވުމަށެވެ. ފަތިސް ނަމާދު ޖަމާއަތުގައި ކުރުމުގެ އަޒުމުގައި ކައިލް ފާހާނާއަށް ވަދެ ތައްޔާރުވެލިއެވެ.

މިއީ ކައިލްގެ ދިރިއުޅުން އެފުއްމިފުށައް ޖަހާލި އެއް ކަންތަކެއެވެ.

ނިމުނީ

6
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top