އިންސާނާގެ ދިރިއުޅުމުގައި ތަފާތު ބޭނުންތައް ފުއްދުމަށްޓަކައި ފައިސާއަކީ މުހިންމު އެއްޗެކެވެ. ނަމަވެސް، ދިރިއުޅުމުގެ ހަގީގީ އުފާވެރިކަމާއި ހަމަޖެހުން ގުޅިފައިވަނީ ހަމައެކަނި ފައިސާއާއި މުއްސަނދިކަމަކާ ނޫނެވެ. ފައިސާއަކީ ހަމައެކަނި މާއްދީ ބޭނުންތައް ފުއްދައިދޭ ވަސީލަތެކެވެ. ހަގީގަތުގައި، ދިރިއުޅުމުގައި ލޯތްބާއިއެކު އަޅާލުން ނުލިބޭ ނަމަ ފައިސާއާއި މުއްސަނދި ކަމަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ.
އިންސާނަކީ ފިޠުރީގޮތުންވެސް އެކަނި އުޅެވޭނެ މަޚްލޫޤެއް ނޫނެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އޭނާއަށް ލޯބިދޭނެ، އަދި އޭނާއަށް އޯގާތެރިވާނެ ބަޔަކު ގާތުގައި ތިބުމެވެ.
މީހެއްގެ އަތުގައި ކިތަންމެ ގިނަ ފައިސާއެއް ހުރި ނަމަވެސް، އޭނާގެ ހިތާމަތަކުގައި ބައިވެރިވާނެ މީހަކު ނެތް ނަމަ، ނުވަތަ އޭނާ ބަލިވާ ހިނދު އޯގާތެރިކަމާއެކު އަޅާލާނެ މީހަކު ނެތް ނަމަ، އެ ހުރި މުއްސަނދިކަމަކުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.
ފައިސާއިން އަރާމު އެނދެއް ގަނެވިދާނެއެވެ. ނަމަވެސް، އަރާމު ނިންޖެއް ނުގަނެވޭނެއެވެ. އަގުބޮޑު ކާނާ ގަނެވިދާނެއެވެ. ނަމަވެސް، ކާހިތްވުމުގެ އިހުސާސެއް ނުގަނެވޭނެއެވެ.

ފައިސާގެ ދަޅަ:
މުއްސަނދިކަމުގެ ނިވާފަތްގަނޑުގައި ފޮރުވިފައިވާ ހަގީގަތް:
އިންސާނާގެ ދިރިއުޅުމުގެ މައިގަނޑު ބޭނުމަކީ އުފަލާއި ހިތްހަމަޖެހުން ހޯދުމެވެ. ނަމަވެސް، މިއަދުގެ މުޖުތަމައަށް ބަލާއިރު، އުފަލަކީ ހަމައެކަނި ފައިސާއާއި މުއްސަނދިކަން ކަމުގައި ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.
މި ކަން ގަބޫލުކުރުމުގެ ނާޖާއިޒު ފައިދާ ނަގައި، ބައެއް މުއްސަނދިން އެމީހުންގެ ފައިސާގެ ދަޅަ ދައްކައިގެން ޒުވާން އަންހެން ކުދިން މަގުފުރައްދައި، އެކުދިން އެމީހުންގެ އަވައިގައި ޖެއްސުމަކީ މިއަދު އިޖުތިމާއީ ބޮޑު މައްސަލައަކަށް ވަނީ ވެފައެވެ.
މުއްސަނދިން މިކަން ކުރަނީ ކިހިނެއް؟
މުއްސަނދިން މިފަދަ ކަންކަން ކުރަނީ ވަރަށް ރޭވުންތެރިކަމާއެކުގައެވެ. އަގުބޮޑު ހަދިޔާތަކާއި، މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކުގެ ހުވަފެންތައް ދައްކައިގެން އަންހެން ކުދިންގެ ހިތްތައް އަތުލައެވެ.
މިފަދަ ދަޅަތަކުގައި ޖެހޭ ކުދިންނަށް ހީވަނީ އެއީ ހަގީގީ އުފާވެރިކަން ކަމަށެވެ. ނަމަވެސް، ހަގީގަތަކީ އެއީ ވަގުތީ އުފަލެއް ކަމެވެ.
އެ މުއްސަނދިންގެ އަސްލު މަގުސަދަކީ އެކުދިންގެ ޒުވާންކަމާއި ރީތިކަމުގެ ނާޖާއިޒު ފައިދާ ނެގުމެވެ. އަދި ބޭނުންވާ ކަންތައްތައް ހާސިލްވުމުން އަންހެންކުއްޖާ ބާކީ ކުރުމަށްފަހު އެހެން ކުއްޖަކު އަތުއަޅުވާލުމުގެ މަސައްކަތް ފަށައެވެ.
މިކަމުގެ ހިތި ތަހައްމަލް ކުރެވި މުއްސަނދި ދިރިއުޅުމުގަ އުޅުނު އަންހެން ކުއްޖާ ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިގެން ދެއެވެ.
ދިރިއުޅުމުގެ ހަގީގީ މާނައަކީ ހަމައެކަނި ޖީބު ފުރިފައި އޮތުމެއް ނޫނެވެ:
ދިރިއުޅުމުގައި ލޯތްބާއިއެކު އަޅާލުން ނުލިބޭ ނަމަ ފައިސާއާއި މުއްސަނދި ކަމަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އިންސާނާގެ ރޫހީ ހަމަޖެހުން ގުޅިފައިވަނީ އިހުތިރާމާއި، އިތުބާރާއި، ހަގީގީ ލޯތްބާއެވެ. ފައިސާގެ ދަޅައަށް ހެއްލިގެންދާ ކުދިންނަށް ފަހުން އިހުސާސް ކުރެވޭ ގޮތުގައި، އެމީހުންގެ އަތުގައި ދުނިޔޭގެ ހުރިހާ މުދަލެއް ހުއްޓަސް، ހިތުގެ ހުސްކަން ފުރައެއް ނުދެވޭނެއެވެ.
އަޅާލާނެ މީހަކު ނެތް ފަޅު ދިރިއުޅުމެއްގައި، ރަނާއި ރިއްސަކީ ހަމައެކަނި ފިނި ދަގަނޑުތަކެއް ފަދަ އެއްޗެކެވެ.
މީގެ އިތުރުން، މިފަދަ މަޅިތަކުގައި ޖެހުމުގެ ސަބަބުން އަންހެން ކުދިންގެ އަމިއްލަ ނަފްސުގެ ގަދަރާއި އަބުރު ގެއްލިގެންދެއެވެ. މުއްސަނދިންގެ ބޭނުން ފުދުމުން، އެ ކުދިން މަގުމަތިކޮށްލުމަކީ އާންމުކޮށް ފެންނަ މަންޒަރެކެވެ. އެހިސާބުން އެ ކުދިންނަށް ލިބޭ ހިތްދަތިކަމާއި، މުޖުތަމައުގެ ފަރާތުން ކުރިމަތިވާ މަލާމާތަކީ އެއްވެސް ފައިސާއަކުން ފޫބެއްދޭނެ ކަންކަމެއް ނޫނެވެ.
ކޮންމެ އަންހެން ކުއްޖަކީވެސް އަގުހުރި ޖަވާހިރެއް ފަދަ މީހެކެވެ. ފައިސާގެ ދަޅައަށް ހެއްލި، އަމިއްލަ އަބުރާއި އިއްޒަތް ނަގާލުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ހަގީގީ މުއްސަނދިކަމަކީ ހިތުގެ މުއްސަނދިކަމެވެ. އަދި ހަގީގީ އުފާވެރިކަން އޮތީ އިސްލާމީ ރީތި އަޚްލާގުގެ މަތީގައި ސާބިތުވެ ހުރެ، ތިމާއަށް އިހުލާސްތެރިކަމާއެކު އަޅާލާނެ ބަޔަކާއެކު ދިރިއުޅުން ބިނާކުރުމުގައެވެ. ފައިސާއަކީ ދިރިއުޅުމުގެ ވަސީލަތެކެވެ. އެއީ ދިރިއުޅުމުގެ މަގުސަދެއް ކަމުގައި ހަދައިގެން ނުވާނެއެވެ.
