މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިލިމާލެ ޔުނައިޓެޑުން ހޯދައިފިއެވެ. މިއަދު ހަވީރު ހުޅުމާލޭ ވެޓަރަންސް އާއި ވިލިމާލެ ޔުނައިޓެޑް ބައްދަލުކުރި ފައިނަލް މެޗުން ވިލިމާލެ ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ކުރީކޮޅު ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެވެ.
އެންމެ ފުރަތަމަ ރަނުގެ ފުރުސަތެއް ލިބުނީ ވިލިމާލެ ޔުނައިޓެޑްގެ ފަރުހާދު އިސްމާއިލްއަށެވެ. އޭރިޔާ ތެރެއިން މުޙައްމަދު ޖުނައިދު ނަގައިދިން ހުރަސް ގޯލް ކުރިމަތިން ފަރުހާދަށް ލިބުނީ މުޅިން ހުސްކޮށް ހުއްޓައެވެ. ގޯލާއި ދިމާއަށް ފޮނުވާލަން ފަރުހާދު މަސައްކަތްކުރި ބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ.
މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ވިލިމާލެ ޔުނައިޓެޑުން ޖެހީ މެޗުގެ 16 ވަނަ މިނެޓުގައެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ފަރުހާދު ނަގައިދިން ބޯޅަ ހުސެއިން ރަޝީދު ގޯލުގެ ތެރެއަށް ފޮނުވާލީ ހުޅުމާލޭ ވެޓަރަންސްގެ ކީޕަރާއި ޑިފެންޑަރާއި ދޭތެރެއިން ކުރިއަށް ޖެހިއެވެ.
މެޗްގެ ކުޅުން ކުރިއަށް ދިޔަވަރަކަށް ވިލިމާލޭ ވެޓަރަންސްގެ ކުޅުން ރަނގަޅުކޮށް މެޗްގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރަމުން ދިޔަތަން ފެނުނެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ފޮޓޯ: އަދަދު ސްޕޯޓްސް
ދެވަނަ ހާފުގައި ވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވިލިމާލޭ ޔުނައިޓެޑްގެ ފަރުހާދު އިސްމާއިލްއަށެވެ. ނަތީޖާގެ ފަރަގު ބޮޑުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން މިފަހަރު ވެސް ފަރުހާދަކަށް ނުހިފުނެވެ. ގޯލް ކުރިމަތީ މުޅިން ހުސްކޮށް ހުއްޓައި ލިބުނު ބޯޅަ މިފަހަރު ވެސް ފަރުހާދަށް ފޮނުވާލެވުނީ ގޯލް ދަނޑިމަތިންނެވެ.
ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް އައި ވިލިމާލޭ ޔުނައިޓެޑްގެ ފަރާތުން މި މެޗްގައި ވެސް ފެނުނީ މޮޅު ކުޅުމެކެވެ. ފުރަތަމަ ހާފެކޭ އެއްފަދައިން ދެވަނަ ހާފުގައި ވެސް ހުޅުމާލޭ ވެޓަރަންސްއަށްވުރެ ރަނގަޅަށް ކުޅުނީ ވިލިމާލޭ ޔުނައިޓެޑްއެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށް ގެންގޮސްފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ވިލިމާލޭ ޔުނައިޓެޑް ހޯދިއިރު ދެވަނަ ޓީމަކީ ހުޅުމާލޭ ވެޓަރަންސްއެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗްގައި ޖެހި ހަމައެކަނި ލަނޑު ވިލިމާލޭ ޔުނައިޓެޑަށް ޖަހައިދިން ހުސެއިން ރަޝީދުއެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ވިލިމާލޭ ޔުނައިޓެޑްއެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ހުޅުމާލޭ ވެޓަރަންސްގެ ހުސެއިން ޝިމާޒްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވިލިމާލޭ ޔުނައިޓެޑްގެ ހަސަން ސަލާހްއެވެ.
