ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާޅުތައް – ޗެޕްޓަރ 4

އަންހެންވަންތަކަން

ޔަސްމީން އެއްވެސް ހަރަކާތެއް ނެތި އޮތެވެ.

އޭނާ ތެދުވާކަށް ބޭނުމެއް ނުވިއެވެ.

އެ ރޭގަނޑުގެ ހިމޭންކަމުގެ ތެރޭގައި އޭނާ ވަށާލާފައިވާ އިހުސާސްތަކަށް ބުރޫއަރުވާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ހަށިގަނޑަށް ބަރުކަމާއި ލުއިކަން އެއްފަހަރާ އިހުސާސްވަމުން ދިޔައެވެ. ހީވަނީ ވަރަށް ދުރަށް ގެންގޮސްފައި، ފަތިސްވުމުގެ ކުރިން މަޑުމަޑުން އަނބުރާ ގެނެސް ބޭއްވި ހެންނެވެ. މުޅި ހަށިގަނޑުގައި މަޑު ތަދެއް ހުއްޓެވެ. ނަމަވެސް އެއީ ވޭނެއް ނޫނެވެ. އެއީ ބީރައްޓެހި އިހުސާސެކެވެ. އޭނާގެ ނޭވާލުން މަޑެވެ. ހަށިގަނޑުގައި އަދިވެސް ހޫނުކަމެއް ހުއްޓެވެ. އެއީ ހެނދުނުގެ ފިނިކަމާ އެކަށީގެންވާ ހޫނެއް ނޫނެވެ.

ނަމަވެސް، އޭނާގެ ސިކުނޑިއަށް އަރާމެއް ނުލިބުނެވެ.

ޚިޔާލުތައް ދިޔައީ ބާރުމިނުގައި ދައުރުވަމުންނެވެ.

ރޭގަނޑުގެ އެކި މަންޒަރުތައް އޭނާގެ ހަނދާނަށް އަންނަމުން ދިޔައެވެ. ބަޔާންކޮށްދޭން ނޭނގޭ ފަދަ އިހުސާސްތަކެކެވެ.

ލޮލަށް ނުފެނުނަސް، އެތަނުގައި އެއްޗެއް ހުރިކަން އިންކާރު ނުކުރެވޭ ފަދަ ހާޒިރުވުމެކެވެ. އޭނާ ދެލޯ ބާރަށް މަރާލިއެވެ. 

ހީވަނީ އެ އިހުސާސްތަކުގެ ތެރެއަށް އަލުން ވަދެވޭތޯ އުޅޭ ހެންނެވެ. އޭނާގެ ގާތަށް އެނބުރި ދެވޭތޯއެވެ.

“ޔަސްމީން… ދަރިފުޅާ…”

މާމަގެ އަޑު ދުރުދުރުން އިވުނެވެ.

“ދަރިފުޅާ، ބަލީތަ؟”

ޔަސްމީން މަޑުމަޑުން ނޭވާ ދޫކޮށްލިއެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ.

“ހަތެއް ޖަހަނީ. މިހާރު ތެދުވޭ،” މާމަ ކުރިއަށް ގެންދިޔައެވެ.

މާމަގެ އަޑުގައި ހަރުކަށިކަމެއް ހުއްޓަސް، އޭގައިވަނީ ކަންބޮޑުވުމެވެ. “ކުކުޅުތަކަށް ކާންދީފައި ނެރެން އެބަޖެހޭ. ގަސްތަކަށް ފެންދޭން އެބަޖެހޭ. އަދި ކުނިތައް ވެސް އުކާލަން ގެންދަން ހަނދާން ނައްތާނުލާތި.”

އޭނާގެ ހިތުގެ ތެރޭގައި ހިނގަމުންދާ އޮއިވަރާ އަޅާބަލާއިރު، މި އާދައިގެ ވާހަކަތައް އިވެނީ ވަރަށް ބީރައްޓެހި ގޮތަކަށެވެ. އެއީ އޭނާ ހަގީގީ ދުނިޔެއަށް ގެނުވި ވާހަކަތަކެކެވެ. ނަމަވެސް އެއީ އޭނާގެ އަމިއްލަ ދުނިޔެއަށް އެޅުނު ހުރަހެކެވެ.

“އަދި ދަރިފުޅާ،” މާމަގެ އަޑު ތަންކޮޅެއް މަޑުވެލިއެވެ. 

“ގޭގައި ބޯފެނެއް ނެތް. މިސްކިތު ވަޅު ދޮށަށް ފެން ބަލައިދޭ.”

މަޑުޖެހުމެއް އައެވެ.

“ބޮޑު މަގުން ދާތި. މީހުން ހިނގާ މަގުން ދާތި. އެ ފަޅު މަގުން ނުދާތި.”

ޔަސްމީން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ.

އެ ބަސްތަކުގެ ސަބަބުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ.

“ފަޅު މަގުން ނުދާތި!”

އޭނާގެ އަތްތިލަ އެނދުމަތީގައި ހަރަކާތްކޮށްލިއެވެ.

އާދައިގެ މަތިން އެއްޗެއް ހޯދާލިއެވެ.

ތަސްބީހަފައްޗެވެ.

އެއެއް ނެތެވެ.

ކުއްލިއަކަށް ހަނދާނެއް އައެވެ.

އެ ވެލިގަނޑެވެ. އެ ރޭގަނޑެވެ. އެތަނަށް އެ ދޫކޮށްލެވުނު ހަނދާނެވެ.

އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ.

“މާމަ ގައިގާ ވަރަށް ރިއްސާ، ހިނގައި ނުގަނެވިގެން މިއުޅެނީ،” 

އަނެއް ކޮޓަރީގައި ހުރެ މާމަ ވާހަކަދެއްކިއެވެ. މިހާރު މާމަގެ އަޑު މަޑެވެ. “މިއަދު މާމައަކަށް ނުދެވޭނެ. ކުޑަ ވަގުތު ކޮޅަކަށް އޮށޯވެލާނަން.”

ހިނދުކޮޅަކަށް ހިމޭންވެލުމަށްފަހު އޯގާތެރިކަމާއެކު ބުންޏެވެ. “ދިޔުމުގެ ކުރިން ސައިބޮއެގެން ދާތި!”

ޔަސްމީން އެންމެ ފަހުން ތެދުވެ އިށީނދެއްޖެއެވެ.

ދުވާލުގެ އަލީގައި ކޮޓަރި ފެންނަނީ ތަފާތު ގޮތަކަށެވެ. ކުޑަކޮށެވެ.

ފިނިކޮށެވެ.

ލޯގަނޑު ހުރީ އަބަދުވެސް ހުންނަ ތަނުގައެވެ. 

އެއްވެސް ހަރަކާތެއް ނެތެވެ.

ފުރާނައެއް ނެތް އެއްޗެއް ފަދައިންނެވެ.

އެއްވެސް ބަދަލެއް ނެތެވެ.

ފެންނަނީ ހަމައެކަނި އޭނާގެ ސޫރައެވެ. ނަމަވެސް އޭނާ އަމިއްލަ ސޫރައަށް ބަލާލިއިރު ކޮންމެވެސް ބަދަލެއް އައިސްފިކަން އެނގުނެވެ. ހަމައެކަނި ހަށިގަނޑަކަށް ނޫނެވެ. އޭނާގެ ދެލޮލަށެވެ. އެ ދެލޮލުން މިހާރު ފުންކަމެއް ފެނެއެވެ. ސިއްރު ނުކުރެވޭފަދަ އަރާމެއް ލޮލުގައި ހަރުލައި އިތުރު އަލިކަމެއް އޭނާގެ މޫނުމަތިން ފެނެއެވެ.

މަޑުމަޑުން ތެދުވިއެވެ. ފިނި ތަޅުންގަނޑުގައި ފައި ޖެހުނެވެ.

ކުޑަ ހިނދުކޮޅަކަށް އޭނާ ފަސްޖެހުނެވެ.

ދެން، އަމިއްލަ އިޚްތިޔާރުން ބޭރުގައިވާ ފަދަ ގޮތަކަށް، އޭނާ ދޮރާ ދިމާއަށް ބަލާލިއެވެ.

ބޭރާ ދިމާއަށެވެ.

މާމަ ނުދިއުމަށް އިންޒާރު ދިން މަގާ ދިމާއަށެވެ.

އެ ދިގު މަގަށެވެ.

އެ ފަޅު މަގަށެވެ.

ކުޑަދޮރުން މަޑު ފިނި ރޯޅިއެއް އޭނާގެ ހަށިގަނޑުގައި ބީހިލީ ހިތްގައިމު ސިއްރެއް ފަދައިންނެވެ. އެއީ ދަންނަ އިހުސާސެކެވެ. ދައުވަތެއް ފަދަ އިހުސާސެކެވެ.

ޔަސްމީން ކޮޅަށް ހުއްޓުނެވެ. އޭނާ އެއްޗެކޭ ނުބުނި ކަމުގައިވިޔަސް އޭނާގެ ހިތުގެ އަޑިން ވަނީ ވަކި ގޮތެއް ނިންމާފައެވެ.

މާމަ އޭނާއާ ހަވާލުކޮށްފައިވާ ކުދިކުދި މަސައްކަތްތައް ކަމަށްވާ ކުކުޅަށް ކާންދިނުމާއި، ގަސްތަކަށް ފެންދިނުމާއި، ގޯތިތެރެ ކުނިކެހުން ފަދަ ކަންކަން އޭނާ ނިންމާލީ ވަރަށް އަވަހަށެވެ. އޭނާގެ އަތް އެ މަސައްކަތްތަކުގައި އުޅުނު ނަމަވެސް، ސިކުނޑި ވަނީ މާ ދުރުގައެވެ. ފެންނަން ނެތް ކޮންމެވެސް ކަމެއްގެ ތެރެއަށް އޭނާގެ ރޫހު ދަމައިގަންނަމުންދިޔައެވެ.

ނަމަވެސް އެއަށްފަހު މިއަދު އޭނާ ކުރީ ތަފާތު ކަމެކެވެ. މީގެ ކުރިން ދުވަހަކުވެސް ކުރަން ނުކެރުނު ކަމެކެވެ.

މާމައަށް ރަނގަޅަށް ނިދިޖެހި ގުނގުރި ދަމަން ފެށުމުން، އޭނާ ސިއްރުސިއްރުން މާމަގެ ކޮޓަރިއަށް ވަނެވެ. ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ. އެނދު ކައިރީގައި ކަކޫޖަހައި އިށީނުމަށްފަހު، އެނދުގެ ދަށުން ބާ ފޮށްޓެއް ނެރުނެވެ. އެއީ އޭނާގެ މަންމަގެ ފޮށްޓެވެ. އެ ފޮށި ހުޅުވާލި ވަގުތު، އެތައް އަހަރެއްގެ ނިދިން ހޭލެވުނު ފަދަ ގޮތަކަށް އޭގެ މަތިގަނޑު މަޑު އަޑެއް ލައްވާލިއެވެ.

އޭގެ ތެރޭގައި ހުރީ ހަނދާންތަކާއި ލޯބިވާ މަންމަގެ އެންމެފަހުގެ ނިޝާންތަކެވެ… ދަންނަ ދިރިއުޅުމެއްގެ ބައިތަކެވެ.

ކުޑައިރުއްސުރެ އޭނާ އެންމެ ގަޔާވި މަންމަގެ ހެދުމުގައި އިނގިލިތަކުން ފިރުމާލިއެވެ. އެއީ މަޑު ހުދު ސިލްކް ފޮތީގެ، ރީތި ޖަރީގެ ފަރުމާތަކެއް ހުރި ހިތްގައިމު ހެދުމެކެވެ. އެއީ ވަރަށް ފަރުވާތެރި ކަމާއެކު އަތްތެރި މަސައްކަތް ކޮށްފައިވާ ހެދުމެކެވެ. އޭނާ އެ ހެދުން ނެގިއެވެ. އެއާއެކު މަންމަގެ މަޑު ފިޔާތޮށި ކުލައިގެ ކުދި ފިނިފެންމާ ޖަހައިފައި ހުރި އޮމާން ކުޑަ ސިލްކް ރުމާ ނެގިއެވެ.

ފޮށި ލައްޕަން އުޅެނިކޮށް، އޭގެ ކަނެއްގައި އޮތް ކުޑަ ފޮތިކޮތަޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ ގަސްތުގައި ފޮރުވާފައި އޮތް އެއްޗެއް ފަދައެވެ. އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.

މަޑުމަޑުން އެ ކޮތަޅު ނަގައި އޭގެ އައްސާފައިވާ ވާފަށް މުހާލިއެވެ. އޭގެ ތެރޭގައި އޮތީ ވަރަށް ފަރުވާތެރިކަމާއެކު ފަތްޖަހާފައިވާ، ނާޒުކު އަދި ރީތިކޮށް ފަރުމާކޮށްފައިވާ އެތެރެއިންލާ އަންނައުނެވެ. އެފަދަ އެއްޗެއްގައި އޭނާ މީގެ ކުރިން ދުވަހަކުވެސް އަތްލާފައެއް ނުވެއެވެ. އޭނާގެ ނޭވާ މަޑުޖެހުނެވެ. އެ ލޭސް ފޮތީގައި އަތްލުމުން ހަށިގަނޑަށް މަޑު ހޫނުކަމެއް އިހުސާސްވިއެވެ. އެއީ ވަރަށް ޒާތީ އަދި ސިއްރުވެރި އެއްޗެއް ފަދައެވެ. ކުޑަވަގުތުކޮޅަކަށް މަޑުޖެހިލުމަށްފަހު، އޭނާ އޭގެ ތެރެއިން ހުދު ކުލައިގެ، ކުޑަކޮށް އެތެރެ ފެންނަ ޒާތަކަށް ހުރި ލޭސްފޮތީގެ މަޑު ބްރާއެއް އަދި ޖަންގިޔަލެއް ހިޔާރުކުރިއެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ދެން އަވަސް އަވަހަށް އެ ފޮށި ލައްޕައި ހުރިގޮތަށް ބަހައްޓައި މާމަގެ ކޮޓަރިން ނިކުމެގެން ދިޔައެވެ.

ހެދުން އަޅަމުން ދިޔައިރު އޭނާގެ ނޭވާ ކުރުވިއެވެ. ކުޑަވަގުތުކޮޅަކަށް އޭނާ ހުއްޓުން އެރިއެވެ. ލޯގަނޑު ކުރިމަތީގައި ހުރެ އޭނާ އަމިއްލަ ނަފްސަށް ބަލާލިއެވެ. މިފަހަރު ބަލާލީ މަންމަގެ ހަނދާންތަކާއެކު އުޅޭ ކުޑަކުއްޖެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް، އަމިއްލަ ޝަހުސިއްޔަތު ދެނެގަންނަން އުޅޭ އަންހެނެއްގެ ގޮތުގައެވެ. ލޯގަނޑުން ފެންނަ ސޫރައަކީ އޭނާ ދަންނަ ސޫރައެއް ނޫނެވެ. އެކަމަކު އެއީ ހަމަ އޭނާއެވެ. ކުރިއަށްވުރެ މަޑުމޮޅި، އެކަމަކު ވަރުގަދަ ސޫރައެކެވެ. އޭނާގެ ކިބައިގައި މިހާރު ހުރީ ހިމޭން އިތުބާރެކެވެ. އޭނާއަކީ މިހާރު ބޮޑުވަމުން އަންނަ އަންހެނެއްކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށިއެވެ.

އޭނާގެ މަންމައަކީ އެ ރަށުން ފެނުނު އެންމެ ރީތި އެއް އަންހެނާއެވެ. މިއަދުވެސް މީހުން މަންމަގެ ވާހަކަ ދައްކައެވެ. ހަމައެކަނި ރީތިކަމުގެ ވާހަކައެއް ނޫނެވެ. މަންމަގެ ހުރި ހާއްސަ ގޮތްތަކުގެ ވާހަކައެވެ. މަންމައަކީ އޭރުގެ އަންހެނުންހެން އޮންނަ ހިމޭން އުސޫލުތަކަށް ތަބާވި މީހެއް ނޫނެވެ. ތަފާތު ހެނދުންއެޅުމަކާއި ހިތްދަމައިގަންނަ އަޑެކެވެ. މަންމަގެ އަމިއްލަ ގޮތްތަކެއް ހުރެއެވެ. އެއީ ހިތްވަރުގަދަ، އެހެނަސް ހިތްހެޔޮ، ހަނދާނުން ފޮހެލަން އުނދަގޫ އަންހެނެކެވެ. އަދި މިހާރު، މަންމަގެ އެ އަންހެން ދަރިފުޅަށް އެ އިހުސާސްތައް ކުރެވެން ފެށީއެވެ.

ލޯގަނޑުގެ ކުރިމަތީގައި އޭނާ ހިމޭނުން ހުއްޓިލައިގެން ހުރީ، މުޅި ދުނިޔެ ހުއްޓިފައިވާ ފަދަ އިހުސާސަކާ އެކުގައެވެ.

އޭނާ ވަރަށް ގިނައިރު ވަންދެން ހަމައެކަނި ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލުތަކުން ފެންނަނީ ގުދުރަތީ ފުރިހަމަކަމެވެ. ހަށިގަނޑުގެ ވަށައިގެންވާ ބައްޓަމާއި، ފުރިހަމަވަމުން އަންނަ އަންހެންވަންތަ ސިފަތަކުން އޭނާގެ ހަށިގަނޑަށް ވަނީ އާދަޔާ ހިލާފު ރީތިކަމެއް ލިބިފައެވެ. އަލީގެ ތެރޭގައި އޮމާންކަމާއެކު އޭނާގެ ހަންގަނޑު ވިދަމުންދާއިރު، އެއީ ފެންނަން ނެތް ކޮންމެވެސް އަސަރަކުން އުޖާލާވެފައިވާ ފަދަ ކަމެކެވެ.

އަންހެންވަންތަ ސިފަތައް ކުރިއަށްވުރެ ފާޅުކަން ބޮޑުވެ، ހަށިގަނޑުގެ ބައްޓަމަށް އައިސްފައިވާ ފުރިހަމަކަމާމެދު އޭނާ ފުރަތަމަ ފަހަރަށް ފުންކޮށް ވިސްނާލިއެވެ. ކުރިން ނުފެންނަ، ނުވަތަ ބަލަން ބޭނުން ނުވި ކަންތައްތަކަށް މިފަހަރު އޭނާ ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

އޭނާގެ ދިގު، ރީތި އިސްތަށިގނޑާއި އޮމާން ދިގު ދެފައެެވެ… އަދި އޭނާގެ ތުންފަތުން ފެންނަނީ ބުނަން ބޭނުންވެފައިވާ، އެކަމަކު އަދި ބަޔާންކުރަން ނޭނގޭ ފުން އަސަރުތަކެކެވެ. ކުރިއަށްވުރެ ފުން، އަދި ކޮންމެވެސް އާ ކަމަކަށް އެދޭ ފަދަ އިހުސާސެކެވެ.

އަމިއްލަ ނަފްސާއި، އަމިއްލަ ހަށިގަނޑާއި، އަދި އޭނާ މިހާރު ބަދަލުވަމުންދާ ފުރިހަމަ އަންހެނަކަށް ވުމުގެ އިހުސާސްތައް އޭނާގެ ހިތުގައި އުފެދެން ފެށިއެވެ. މަޑުމަޑުން އިސްތަށިގަނޑުގައި އަތް ހާކާލުމަށްފަހު ކަރުކައިރިން ގޮސް އިނގިލިތައް މޭމަތީގައި ހުއްޓުނެވެ. މި ހުދު ކުލައިގެ މަޑު ސިލްކް އަންނައުނު މޭ މަތީ ޖެހި, ފުރިހަމަވެފައވާ ވަނާތައް އިތުރަށް ހާމަވެގެން ދިޔައެވެ.

އޭނާގެ ތުންފަތުގެ ދޭތެރެއިން މަޑުމަޑު ނޭވާއެއް ބޭރުވިއެވެ. އެއީ ބިރެއް ނޫނެވެ. އެއީ ހޭލުންތެރިކަމާއި، އަމިއްލަ ނަފްސު ދެނެގަތުމުގެ އާ ފެށުމެކެވެ…
ހަމަ އެ ވަގުތު އަޑެއް އިވުނެވެ… އެއްޗެ ތެޅުނު އަޑެކެވެ…. ފިރިހެނެއްގެ އަޑެކެވެ.

ޔަސްމީން އަވަސްވެގަނެފައި އަޑު އިވުނު ދިމާއަށް ބަލާލިއެވެ. ކުޑަދޮރާ ދިމާލަށެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top