ހަކުރު ބައްޔާއި ބަރުދަން ލުއިކުރުމަށް އާންމުކޮށް ބޭނުންކުރާ ޖީއެލްޕީ-1 ބޭސްތަކުން ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ފައިދާކުރާ ކަމަށް ބޮޑު ދިރާސާއަކުން ދައްކައިފިއެވެ.
ދަ ލެންސެޓްގައި ޝާއިޢުކޮށްފައިވާ މި ދިރާސާ ހެދީ ފިންލެންޑުގެ ޔުނިވާސިޓީ އޮފް އީސްޓާން ފިންލެންޑާއި ސްވީޑެންގެ ކެރޮލިންސްކާ އިންސްޓިޓިއުޓާއި އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވާސިޓީ ގުޅިގެންނެވެ. މި ދިރާސާގައި 2009 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ސްވީޑެންގައި ގާތްގަނޑަކަށް 100،000 މީހުންގެ ޞިއްޙީ ޑޭޓާ ދިރާސާކޮށްފައިވާއިރު، އޭގެ ތެރެއިން 20،000 އަށް ވުރެ ގިނަ މީހުންނަކީ ޖީއެލްޕީ-1 ބޭސް ބޭނުންކުރި މީހުންނެވެ.
ދިރާސާވެރިން ފާހަގަކުރި ގޮތުގައި، ޖީއެލްޕީ-1 ބޭސް ބޭނުންކުރި ދުވަސްވަރު ނަފްސާނީ ބައްޔެއްގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ހޯދުން ނުވަތަ ސަލާމް ބުނެ ގޭގައި ހުރުން 42 އިންސައްތަ ދަށްވިއެވެ. ޚާއްޞަކޮށް ޑިޕްރެޝަން 44 އިންސައްތަ ދަށްވެ، އެންޒައިޓީ 38 އިންސައްތަ ދަށްވިއެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަދުވިއެވެ.
ޖީއެލްޕީ-1 ބޭސްތަކަކީ ޓައިޕް 2 ހަކުރު ބަލި ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށާއި، ކާހިތްވުން މަދުކޮށް ބަނޑު ފުރިފައި ހުންނަ އިޙުސާސް އިތުރުކޮށް ބަރުދަން ލުއިކުރުމަށް ދޭ ބޭހެކެވެ. މި ދިރާސާއިން ނަފްސާނީ ސިއްޙަތާ ގުޅުމެއް ހުރިކަން ފެނުނު ނަމަވެސް، އެ ބޭހުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ގޮތް އަދި ސީދާ ސާފެއް ނުވެއެވެ.
