ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތުއްތު ކުދިންގެ ހަޔާތުގެ ފުރަތަމަ ދެ އަހަރުގައި ހަކުރު!

ތުއްތު ކުދިންގެ ހަޔާތުގެ ފުރަތަމަ ދުވަސްތަކުގައި ކާންދޭ ތަކެއްޗަކީ އެކުދިންގެ މުޅި އުމުރުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކުއްޖާގެ އުމުރުން ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަކީ، ފަހުގެ މަރުހަލާތަކުގައި ޖެހޭ ދާއިމީ ބަލިތަކުން ކުއްޖާ ރައްކާތެރިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ތުއްތުއިރު މާގިނައިން ހަކުރު ހިމެނޭ ކާނާ ދިނުމަކީ ކުއްޖާގެ ހަށިގަނޑުގެ މެޓަބޮލިޒަމްއަށާއި، ބަރުދަން އިތުރުވުމަށާއި، ކާނާގެ ރަހަތަކަށް ދޭ ސަމާލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. މިގޮތަށް ހަކުރު ގިނަ ކާނާއަށް އާދަވުމުން، ބޮޑުވަމުން އަންނައިރު ފޮނި އެއްޗިއްސަށް ހުންނަ ޝައުގުވެރިކަން އިތުރުވެ، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް ހުރަސްތަކާ ކުރިމަތިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ފަހުން ހަކުރުބަލި (ޓައިޕް 2)، ލޭމަތިވުން އަދި މެޓަބޮލިކް ނިޒާމާ ގުޅުންހުރި އެކި ބަލިތަކަށް މަގުފަހިވެއެވެ.

ބެލެނިވެރިންނާއި ކުދިން ބަލަހައްޓާ ފަރާތްތަކުން ކުއްޖާގެ ކެއުމުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް ހިމަނައި، އިތުރުކޮށްފައި ހުންނަ ހަކުރު (އެޑެޑް ޝުގާރސް) މަދުކުރުމަކީ ކުއްޖާގެ މުޅި އުމުރަށް ދެވޭނެ ވަރަށް ބޮޑު ހަދިޔާއެކެވެ. މިގޮތުން ތަރުކާރީއާއި، މޭވާއާއި، ގޮވާމުގެ ބާވަތްތަކުގެ އިތުރުން ކަަނޑުމަހާއި އެނޫންވެސް ޕްރޮޓީން އެކުލެވޭ ބާވަތްތަކަށް އިސްކަންދިނުން މުހިންމެވެ. ހަކުރު ގިނަ ބުއިންތަކާއި، ޕެކެޓްކުރި ކާނާއާއި، ފޮނިކޮށްފައި ހުންނަ ސީރިއަލް ފަދަ ތަކެއްޗާ ދުރުހެލިވާންޖެހެއެވެ. މިފަދަ ރަނގަޅު އާދަތަކުގެ ސަބަބުން ބަލިތަކުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، ސިކުނޑީގެ ހެދިބޮޑުވުމަށާއި، ހަށިގަނޑުގެ ހަކަތަ ހިފެހެއްޓުމަށާއި، މުޅި މީހާގެ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ.

ތުއްތުއިރުއްސުރެ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ އާދަ އަށަގެންނެވުމަކީ، މުޅި އުމުރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ. ހަގީގަތުގައިވެސް، ކުއްޖާގެ ހަޔާތުގެ ކުރީކޮޅު ދެވޭ ކާނާއަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top