ޕްރީމެންސްޓްރުއަލް ސިންޑްރޯމް (ޕީރިއަޑްވުުމުގެ ކުރިން ފެންނަ އަލާމާތްތަކުގެ) އުނދަގޫތަކާއި، ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މޫނުގައި ބިހި ނެގުމާއި، އަދި އަބަދު ވަރުބަލިވުން ފަދަ ކަންކަމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކެކެވެ. މިކަންކަން ގިނަފަހަރަށް ގުޅިފައިވަނީ ހަށިގަނޑުގައި އެސްޓްރޯޖަން ހޯރމޯން އިތުރުވުމާއެވެ. ކާނާއާއި ދުޅަހެޔޮކަމާ ބެހޭ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ހަށިގަނޑުގައި ހުންނަ ބޭނުންނެތް ހޯރމޯންތައް ބޭރުކުރުމުގައި ފުރަމެއާ ގޮހޮރު މުހިންމު ދައުރެއް އަދާކުރެއެވެ. މި ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރާނަމަ، ބޭރުވާންޖެހޭ އެސްޓްރޯޖަން އަލުން ލޭގެ ތެރެއަށް ދައުރުވާން ފަށައެވެ.
ނުކައްކާ ހުންނަ ކެރެޓަކީ މިކަމަށް އޮތް ހައްލަކަށް ވެދާނެއެވެ. ކެރެޓުގައި ހުންނަ “އިންސޮލިއުބަލް ފައިބަރ” (ގިރިގެން ނުދާ ފައިބަރ) ހަޖަމުނުވެ ގޮހޮރުގެ ތެރެއިން ދަތުރުކުރާއިރު، ހަށިގަނޑުގައި ހުންނަ އިތުރު ހޯރމޯންތަކާއި ވިހަ މާއްދާތައް އޭގައި ހިފަހައްޓައި، ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދެއެވެ. މި ގުދުރަތީ “ކުނިކަހާލުމުގެ” ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް ލުއިލިބި، ހޯރމޯންތައް ހަމަހަމަކޮށް ބެހެއްޓުމަށް ބާރުއަޅައެވެ.
ހޯރމޯންތަކަށް މައްސަލަ ދިމާވަނީ ހަމައެކަނި މި ސަބަބާ ހުރެއެއް ނޫނެވެ. ޕީ.ސީ.އޯ.އެސް (ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް)، ތައިރޮއިޑް މައްސަލަތައް ނުވަތަ ނަފްސާނީ ބުރަބޮޑުވުމަކީވެސް މީގެ ސަބަބުތަކަށް ވެދާނެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ނުކައްކާ ހުންނަ ކެރެޓެއް ކެއުމަކީ ހަޖަމުކުރުމުގެ ނިޒާމާއި ހޯރމޯންތަކުގެ ދުޅަހެޔޮކަމަށް އެޅޭ ރައްކާތެރި އަދި ފަސޭހަ ފިޔަވަޅެކެވެ.
