ނިދުމުގެ ކުރިން އަނދިރި މާހައުލެއްގައި ފެންވެރުމުން ނިދީގެ ފެންވަރު ރަނގަޅުވާ ކަމަށް ބުނާ “ޑާކް ޝަވަރިން” ނުވަތަ ފަނޑުއަލީގައި ހުރެ ފެންވެރުމަކީ ޓްރެންޑް ސޯޝަލް މީޑިއާގައި ބާރަށް ފެތުރެމުން އެބަ ދެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ޓްރެންޑުގައި ފައިދާ ހުރެދާނެއެވެ.
އެނގޭ ގޮތުގައި އަލި ވެށީގެ ސަބަބުން ހަށިގަނޑުގެ ދާޚިލީ ގަޑި ނުވަތަ ސާކެޑިއަން ރިދަމް އަށް ބޮޑު އަސަރެއް ކުރެއެވެ. ގަދަ އައްޔާއި އިރުގެ އައްޔަކީ ހޭލާ ހުންނަން ހަށިގަނޑަށް ސިގްނަލް ދޭ އެއްޗެކެވެ. އަނދިރިކަމާއި ރޭގަނޑުގެ މާހައުލުން ނިދަން ތައްޔާރުވާން ހަށިގަނޑަށް އެހީވެދެއެވެ. ނެޝަނަލް ސްލީޕް ފައުންޑޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމެރިކާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ހެނދުނާއި މެންދުރުފަހު ގަދަ އައްޔަށް ނުނިކުމެއެވެ. އަދި ގިނަ ބަޔަކު ނިދުމުގެ ކުރިން ސްކްރީނާއި ގަދަ އައްޔަށް ހުށަހެޅެއެވެ. ނަތީޖާއެއްގެ ގޮތުން ތިންބައިކުޅަ އެއްބައި މީހުންނަށް އެކަށީގެންވާ ވަރަށް ނިދި ނުލިބެއެވެ.
ފަނޑުއަލީގައި ހުރެ ފެންވެރުމަކީ ނިދުމުގެ ކުރިން ވީހާ ވެސް މަޑު އައްޔެއް ހުރި މާހައުލެއްގައި ފެންވެރުމެވެ. ނިއުރޮލޮޖިސްޓް އަދި ނިދީގެ ތަޖުރިބާކާރު ޑރ. ޑަބްލިއު. ކްރިސްޓޮފާ ވިންޓާ ވިދާޅުވާ ގޮތުގައި މިއީ “ނިދުމުގެ ކުރިން ސްޓިމިއުލޭޝަނާއި ސެންސަރީ އިންޕުޓް މަދުކުރަން ވަރަށް މަޑު އައްޔެއް ހުރި މާހައުލެއްގައި ފެންވެރުމެ”ވެ. ހާވާޑްގެ އެސިސްޓެންޓް ޕްރޮފެސަރު ރެބެކާ ރޮބިންސް ވިދާޅުވާ ގޮތުގައި “ބައެއް މީހުންނަށް މިއީ ހިތްހަމަޖެހުން ގެނެސްދޭ، ނިދުމުގެ ކުރިން ރިލެކްސް ވާން ކުރެވިދާނެ ކަމެ”ކެވެ. މަޑު އައްޔެއް ހުރި ތަނެއްގައި ފެންވެރުމުން މެލެޓޮނިން ދޫކުރުމަށް އެހީވެދޭ ކަމަށް ވެސް ރޮބިންސް ވިދާޅުވެއެވެ. ނަމަވެސް އެއްކޮށް އަނދިރީގައި ފެންވެރުން ރައްކާތެރި ނޫން ކަމަށް ދެ ތަޖުރިބާކާރުން ވެސް ވިދާޅުވެއެވެ.

މި ޓްރެންޑުން ފައިދާ ހޯދަން ބޭނުންނަމަ ފާޚާނާގެ ބޮކީގެ އަލިމަޑުކުރެވިދާނެއެވެ. އަލިމަޑުކުރާ ސްވިޗެއް ހަރުކުރެވިދާނެ ކަމަށާއި ބްލޫ ލައިޓް މަދު ބޮތްކެއް ވެސް ބޭނުންކުރެވިދާނެ ކަމަށް ވިންޓާ ވިދާޅުވެއެވެ. ދުވާލު ގަޑީގައި ނިދާ މީހުން ފާޚާނާގެ ދޮރުފޮތިތައް ލައްޕައިގެން އަލި މަދުކުރެވިދާނެއެވެ. ފެނުގެ ހޫނުމިނަށް ވެސް ސަމާލުކަން ދޭންޖެހެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 104 އާއި 108.5 ޑިގްރީ ފެރެންހައިޓާ ދެމެދުގެ ހޫނުމިނެއް އެންމެ ރަނގަޅެވެ. “ރޭގަނޑު ފެންވެރުމުގައި ހޫނު ފެން ބޭނުންކުރުން ރަނގަޅު، ސަބަބަކީ ފެންވެރުމަށްފަހު ހަށިގަނޑު ފިނިވުމުން ނިދި އައުމަށް އެހީވެދޭ” ކަމަށް ވިންޓާ ވިދާޅުވެއެވެ.
ރޮބިންސް ވިދާޅުވާ ގޮތުގައި “ނިދުމުގެ ކުރިން ރިލެކްސް ވާ ކަންކަން ކުރުމަކީ ރަނގަޅު ނިންޖަކަށް ވަރަށް މުހިންމު ކަމެ”ކެވެ. “ނިދުމުގެ ކުރިން ތިމާއަށް ހިތްހަމަޖެހުން ގެނެސްދޭ ކަންކަން ކުރާށެ”ވެ. ޑާކް ޝަވަރިން ތަޖުރިބާ ކޮށްލައި، ހިތްހަމަޖެހޭނަމަ ނިދުމުގެ ކުރީގެ އާދައެއްގެ ގޮތުގައި ހެދުން ރަނގަޅުވާނެ ކަމަށް ރޮބިންސް ލަފާ ދެއްވައެވެ.
