ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާޅުތައް – ޗެޕްޓަރ 10

އިންޒާރު

ޔަސްމީން ބަލަމުންދިޔައީ އަމްޝަދުއާ ދިމާއަށެވެ. ހަމައެކަނި އޭނާއަށެވެ.
އަމްޝަދުގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮތް ޔަސްމީންގެ ހިތުގެ ވިންދު އަވަސްވިއެވެ.. އަދި ނޭވާ އަވަސްވަމުން ދިޔައީ ބިރުގަތުމަކުން ނޫނެވެ. އޭގެ ބަދަލުގައި، އެއީ އޭނާ ދުރަށް ގެންދަން މަސައްކަތްކުރާ ކޮންމެވެސް އެއްޗަކާ ދެކޮޅަށް އޭނާގެ ހިތުގެ އަޑިން އުފެދުނު ވަރުގަދަ އަޒުމެއްގެ ސަބަބުންނެވެ.

“ނޫން…” ޔަސްމީން އަނެއްކާވެސް މަޑުމަޑުން ބުނެލިއެވެ.
ނަމަވެސް މިފަހަރު އެއީ އަމްޝަދަކަށް ނޫނެވެ. އެއީ އެ ފެންނަން ހުރި ބާރަށެވެ. އަމްޝަދަށް އެ ބަދަލު އިހުސާސްވިއެވެ. ޔަސްމީން ގޮތެއް ނިންމިކަން އޭނާއަށް އެނގުނެވެ. އަދި އަމްޝަދުގެ ހިތުގެ ކޮންމެވެސް ދިމާއަކުން އެކަމަށް އިޖާބަދިންކަންވެސްމެއެވެ. އަމްޝަދުގެ އަތް ލަސްލަހުން، ނަމަވެސް ޔަގީންކަމާއެކު ހަރަކާތްކޮށް، ޔަސްމީންގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. މަޑު މަޑުން މޫނުގައި ފިރުމާލިއެވެ… އޭނާގެ ހުދު ހެދުން އެ ރީތި ހަށިގަނޑުގައި ބޮސްދެމުން ދާކަހަލައެވެ. އަދި ހުރިހާ ވަނާތަކެއް އެންމެ ފުރިހަމައަށް އެ ތުނި ހެދުމުގެ ބޭރަށް އަމްޝަދަށް ފެންނަން ހުއްޓެވެ.

ދުނިޔެ އެފުށްމިފުށަށް ޖެހެން އުޅޭ ކަހަލަ އިހުސާސެއް ކުރެވުމުންދިޔައެވެ….

“ޔަސްމީން.. އަހަރެން ބޭނުން،” އަމްޝަދު މަޑުމަޑުން ބުނެލިއެވެ. އޭނާގެ އަޑުގައި ހަމަޖެހުން ހުއްޓަސް، ހަށިގަނޑުގެ އެތެރޭގައި ވިންދު އަވަސްވެފައިވެއެވެ. އެ ރިހި އަލިގަނޑު ކުއްލިއަކަށް ގަދަވެގަތެވެ. އިތުރަށް ތޫނުވިއެވެ.
ފިނިވިއެވެ.
ފެންނަން ނެތް ބާރަކުން ޔަސްމީން ދުރަށް ދަމާ ކަހަލައެވެ. އެއީ އޭގެ މިލްކަކަށް ވާންޖެހޭ އެއްޗެއް އަނބުރާ ހޯދަން އުޅޭ އޮއިވަރެއް ފަދައިންނެވެ. ޔަސްމީންގެ އިނގިލިތަކުން އަމްޝަދުގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ.
ދޫނުކޮށް އަތް ބާރުކޮށްލިއެވެ.
ދެކޮޅުވެރިވަމުންނެވެ.

ދެން އެ ދެމެދުގައި އޮތް ދުރުމިން އޭނާ ކުޑަކޮށްލިއެވެ. އަމްޝަދެއް ނޫނެވެ. ޔަސްމީންއެވެ. އޭނާގެ ތުންފަތް އަމްޝަދުގެ ތުންފަތާ ބައްދަލުވިއެވެ. އަދި މަޑު މަޑުން އަމްޝަދުގެ އިސްތަށިގަނޑުގައި އަތް ޖައްސާލާލައި އޭނާގެ ކަންފަތުގައި ހިފާ ޔަސްމީން ގާތަށް އޭނާ އިތުރަށް ކައިރި ކޮށްލިއެވެ. ފުރަތަމަ އެއީ ސުވާލެއް ފަދަ މަޑުމައިތިރި ކަމެކެވެ. ކުރިން ދުވަހަކުވެސް ކޮށްފައި ނުވާ، ނަމަވެސް ކޮންމެވެސް ގޮތަކުން ހަނދާން ހުރި ކަމެއް ފަދައެވެ. އެންމެ ހިނދުކޮޅަކަށް މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އެ ދަމާބާރާއި، ބިރުވެރިކަމާއި، ވަށައިގެންވާ ދުނިޔެ މަތިން ހަނދާން ނެތުނެވެ. އިހުސާސް ކުރެވެނީ ހަމައެކަނި ހަށިގަނޑުގެ ހޫނުކަމެވެ. ނޭވާގެ އަޑެވެ. އިންސާނީ އިހުސާސަކާއި އަމިއްލަ އިޚްތިޔާރުގައި ނިންމި ނިންމުމަކުން ލިބުނު ހަމަހިމޭން ސިހުމެވެ.

ދެން މުޅި ކޮޓަރި ގުޑައިގެން ދިޔައެވެ.
ފެންނަން ނެތް ތޫނު ބާރެއް ޖައްވުގެ ތެރެއިން ދަތުރުކޮށް، ކުއްލި ގޮތަކަށް އެ ދެމީހުން ވަކިކޮށްލިއެވެ. ޔަސްމީންގެ އަނގައިން ނޭވާ ބޭރުވެ، ފެންނަން ނެތް އަތްތަކަކުން ދަމައިގަތް ފަދައިން އޭނާ ފަހަތަށް ވިއްސައިގެން ދިޔައެވެ. ބާރަށް ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް، އަމްޝަދުގެ އަތުން އޭނާ ދޫވިއެވެ.

“ނޫން!” އަމްޝަދު އޭނާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
ނަމަވެސް ކޮންމެވެސް އެއްޗެއް އޭނާ ހިފަހައްޓައި، މޭގައި ބާރަށް އަޅާ ކޮއްޕަމުން ދިޔައެވެ. ކުރިއަށް ދިޔަނުދީ ހުރަސް އެޅިއެވެ. އެ ރިހި އަލިގަނޑު މިހާރު ވަރަށް ނުރައްކާތެރިކޮށް ގަދަވެ، ދޮރުމަތިން ފެށިގެން މުޅި ކޮޓަރިތެރެއަށް ބާންޏެއް ފަދައިން ފެތުރިގަތެވެ. މިހާރު އެއީ ހަމަހިމޭން އެއްޗެއް ނޫނެވެ. ކެތްތެރިކަމެއްވެސް ނެތެވެ.
އެއީ ރުޅިވެރިކަމެވެ.
މުޅި ޖައްވު އެކަމުން ގުގުމަމުން ދިޔައެވެ.
ޔަސްމީންގެ ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ.
ނޭވާ ކުރުވެ، ދެލޯ ބޮޑުވިއެވެ.

އެއީ ހަމައެކަނި ބިރުގަތުމަކުން ނޫނެވެ.
އެހެން ކަމެއްވެސް އެކުލެވިގެންވެއެވެ.
އެއީ ކަމުގެ ހަގީގަތް ވިސްނުމެވެ.

“އެ އެތި ބޭނުމެއް ނުވޭ…” އޭނާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ. އަޑު ކުރެކިވެފައިވިއެވެ.
“…އަހަރެން އަމިއްލައަށް ގޮތެއް ނިންމާކަށް އެ އެތި ބޭނުމެއް ނުވޭ.” ޖަވާބުގައި އެ ހާޒިރުކަން ބާރަށް ތުރުތުރުލައިގަތެވެ. އެ ވާހަކަ ކަށަވަރުކޮށްދޭ ފަދައަކުންނެވެ. އެ ދެމީހުންނަށް އިންޒާރުދޭ ފަދައަކުންނެވެ.

އޭނާގެ ހިތުގައި އޮތް ބިރުވެރިކަމަށްވުރެ ބޮޑަށް މިހާރު އިހުސާސް ކުރެވެނީ ނުގުޑާ ފަދަ ހިތްވަރެކެވެ.

“އެހެންވިއްޔާ އެއަކަށް ގޮތެއް ނުނިންމޭނެ،” އޭނާ ބުންޏެވެ.
އަޑު ކުރެހިފައި ހުއްޓަސް، އޭގައި ވަނީ ސާބިތުކަމެވެ. ނަމަވެސް އެހެން ބުނި ވަގުތުވެސް އޭނާއަށް އެކަން އިހުސާސްވިއެވެ.
މިއީ އެ ދެމީހުންނަށްވުރެ މާ ބޮޑު ކަމެކެވެ. މާ ދުވަސްވީ ކަމެކެވެ. މިލްކުވެރިކަމުގެ ބާރެކެވެ. އަދި މިހާރު އެ އެތި ހަމައެކަނި ބަލަން ހުރީކީ ނޫނެވެ. އެ އެތި މިހާރު ވަނީ އެމީހުންގެ ދެމެދަށް ވަދެފައެވެ… ޔަސްމީން ބާރަށް ހަޅޭލަވައިގަތެވެ.

އެ ހަޅޭކުގެ އަޑާއެކު މުޅި މާހައުލު ގުގުމާލިއެވެ. ކުއްލިއަކަށް އިވުނު އެ ތޫނު އަޑު ހިމޭންކަން ފޫއަޅުވާލުމަށްފަހުބާރު އަޑެއް އިވުނެވެ. އެއީ އެއްޗެއް ވެއްޓުނު އަޑެވެ. ދެން ފެތުރިގެންދިޔައީ މަރުފަދަ ހިމޭންކަމެކެވެ.

ޖެހިގެން ހުރި ކޮޓަރީގައި ނިދާފައި އޮތް މާމައަށް ސިއްސައިގެން ގޮސް ހޭލެވުނެވެ.
“ޔަސްމީން…؟ ޔަސްމީން، ދަރިފުޅާ… ކިހިނެއްވީ؟
ރަނގަޅުތަ؟”
މާމަގެ އަޑުގައިވަނީ ބިރުވެރިކަމާއި ތުރުތުރުލުމެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން އެ އަޑު ނިކަމެތިވެފައިވާއިރު، ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

ޖަވާބެއް ނައެވެ.
އޮތީ ހަމައެކަނި ހިމޭންކަމެވެ.
އެއީ ހިތް ނުތަނަވަސްކުރުވާ ފަދަ ބަރު، ފުން ހިމޭންކަމެކެވެ.

ތެދުވަން މަސައްކަތް ކުރިވަރަކަށް މާމަގެ ހިތުގައި ބިރުވެރިކަން ވަށާލިއެވެ. ދުވަސްވީ ހުޅުހުޅުގައި ރިއްސައިގަތުމާއެކު، ހަށިގަނޑު އެއްގޮތަކަށްވެސް އެއްބާރުލުމެއް ނުދިނެވެ. ވޭނުގެ އަޑެއް ބޭރުވެގެން ދިޔަ ނަމަވެސް، ހިތްވަރުކޮށްފައި ތެދުވެ އިށީނެވެ. “ޔަސްމީން…” މާމަ އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ކުރިއަށްވުރެ މަޑުންނެވެ. ފެނިދާނެ މަންޒަރަކާމެދު އޮތް ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ.

ތުރުތުރު އަޅަމުންދިޔަ އަތުން އައިނު ނަގައި، އައިނު އަޅައިފިއެވެ. ފެންނަ މަންޒަރު ސާފުވި ނަމަވެސް، ހިތުގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ކަކުލުގައި އަތް އުނގުޅާލުމަށްފަހު، ހަށިގަނޑުގައި ހުރި މަދު ހަކަތަކޮޅު އެއްކޮށްލުމަށް މާމަ މަސައްކަތް ކުރިއެވެ.
“ޔާ ﷲ…  ހިތްވަރު ދެއްވާށި…”

ލަސްލަހުން ވަރަށް ފަރުވާތެރިކަމާއެކު މާމަ ކޮޅަށް ތެދުވިއެވެ.
ކޮންމެ ފިޔަވަޅަކީ ބޮޑު ހަނގުރާމައެކެވެ.
ބަލައިގެން، ވަރަށް އުނދަގުލުން އަޅަމުންދިޔަ ފިޔަވަޅުތަކެކެވެ.
ކޮޓަރީގެ ދޮރާ ދިމާލަށް ހިނގައިގަތްއިރު، ފައި ދަމަމުންދިޔަ އަޑު އިވެމުންދިޔައެވެ. ނޭވާ ކުރުވެ، ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސްވެފައެވެ.

އެވަގުތު….
މާމައަށް ފެނުނެވެ.
ކަޅު ބޮޑު ބިޔަ ހިޔަންޏެކެވެ.
ބިރުވެރި… ނޭނގޭ ހިޔަންޏެކެވެ.
އެ ހިޔަނި ޔަސްމީންގެ ކޮޓަރިއަށް ވަދެގެން ދިޔަތަން ފެނުމާއެކު، މާމަގެ ނޭވާ ހުއްޓުނެވެ.

އަނގަ ހުޅުވި، ބިރުވެރިކަމުން ދެލޯ ބޮޑުވިއެވެ.
އެހީތެރިކަމެއް ނެތް ނިކަމެތި ހާލަތެއްގައެވެ. ހަޅޭއްލަވަން އުޅުނެވެ.. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އެއްވެސް އަޑެއް ނައެވެ. އެ ހަޅޭކުގެ އަޑު ކަރުތެރޭގައި ތާށިވީއެވެ.

ކުއްލިއަކަށް… މޭގައި މީހަކު ފިތާލި ފަދަ ގަދަ ރިހުމެއް އުފެދުނެވެ. ހިތް ބާރަށް ތެޅެން ފެށުމާއެކު، މޭގައި އަތް އެޅިއެވެ. އާދަޔާ ހިލާފަށް ބާރަށް، އަވަސްއަވަހަށް ހިތް ތެޅެމުންދިޔައެވެ.

“އާހް” ނޭވާލާން އުނދަގޫވެ، ފުއްޕާމޭ މަސައްކަތް ހުއްޓުނު ކަހަލައެވެ. މުޅި ދުނިޔެ އެނބުރި، ކޮޓަރީގެ ފާރުތައް އޭނާގެ ހަށިގަނޑަށް ފިތެމުންދާ ކަމުގެ އިހުސާސް ކުރެވުނެވެ.

އަނެއްކާވެސް މޭގައި ރިއްސާލިއެވެ، މިފަހަރު މާ ގަދަޔަށެވެ. އެއީ އެންމެ ފަހު ރިހުމެވެ.

ދެން އިވުނީ ބާރު އަޑެކެވެ. ފިނި ތަޅުންގަނޑު މައްޗަށް މާމަގެ ހަށިގަނޑު ވެއްޓުނު އަޑެވެ. އެ އަޑު މުޅި ގޭތެރޭގައި ގުގުމާލީ އިންޒާރެއް ފަދައިންނެވެ. ނުވަތަ ހުރިހާ ކަމެއް ނިމުމުގެ ނިޝާނެއްގެ ގޮތުގައެވެ.
އަދި އަނެއްކާވެސް މުޅި މާހައުލަށް ހިމޭންކަން ވެރިވެ، ހުރިހާ ކަމެއް ހިމޭންވިއެވެ.

ދެން އެއަށްފަހު….

އެންމެން އެއްފަހަރާ ހޭލެވުނީކީ ނޫނެވެ.

ހޭވެރިކަން ވާންފެށީ ވަރަށް ލަސްލަހުންނެވެ. އެއީ ހީވަނީ އަނދިރި، ނިމުމެއް ނެތް ކަނޑެއްގެ ފުންމިނުން މަޑުމަޑުން މައްޗަށް އަރަމުން އާދެވޭހެންނެވެ.

އެންމެ ފުރަތަމަ ހަރަކާތެއް ކުރީ ޔަސްމީނެވެ.

އޭނާގެ ހަށިގަނޑަށް ބަރުހެލިކަމެއް އިހުސާސްވަމުންދިޔައެވެ. އެއީ އޭނާގެ އަމިއްލަ ހަށިގަނޑު ނޫން ފަދަ ބީރައްޓެހި އިހުސާސެކެވެ. ލޯ ހުޅުވާލި ވަގުތު، އެކި ބާވަތުގެ ފަތްޕިލާވެލި އަންދާފައި ހުރުމުން ދުވާ ފަދަ ވަހެއް މުޅި ފަޒާގައި ހިފާލާފައި ހުއްޓެވެ. އެއީ ވަރަށް ގަދަ، ބިންގަނޑުގެ ވަސް އެކުލެވޭ ފަދަ ވަހެކެވެ.

އޭނާއަށް ފެންނަން ހުރި ސީލިންގަކީ އޭނާގެ އަމިއްލަ ކޮޓަރީގެ ސީލިންގެއް ނޫނެވެ. އެއީ ބާވެ، ކުލަ ކެނޑިފައިވާ ބިޔަ ލަކުޑި ފުރާޅެކެވެ. ކައިރީގައި ހުރި ބައްތީގެ ފަނޑު އަލީގައި، އެ ފުރާޅުގެ ހިޔަނިތައް ފާރުމަތީގައި ނަށަމުންދާ ކަހަލައެވެ.

ޔަސްމީން ހަރަކާތެއް ކުރެވޭތޯ އުޅުނެވެ. އެވަގުތު މަޑުމަޑުން ސިއްރު އަޑެއް މުޅި ތަނުގައި ގުގުމާލިއެވެ. “ނޫން، ތިހެން ނޫޅޭ.”

އެއީ ދުވަސްވީ، ހަރުދަނާ، އަދި ކަންކަން ދަންނަ ފަދަ އަޑެކެވެ.

ޔަސްމީން މަޑުމަޑުން އެއްފަރާތަކަށް ބަލާލިއެވެ. ކުރިމަތީގައި އިނީ އެ ރަށުގެ ދުވަސްވީ އެއްކަލަ އަންހެން މީހާއެވެ. ކަރީމާފުޅު ދައިތަ އެވެ.

އޭނާއަކީ އެންމެން ދަންނަ މީހެކެވެ. އެންމެންގެ ދޫމަތީގައި އޭނާގެ ވާހަކަ އޮވެއެވެ. ނަމަވެސް އޭނާ ދައްކާ ވާހަކަ ގަބޫލުކުރަނީ ވަރަށް މަދު ބަޔެކެވެ. އަދި މަޖުބޫރުވެގެން މެނުވީ އޭނާގެ ގާތަށް ދާން ކެރޭ މީހަކު ވަރަށް ނުވެއެވެ.

ކަރީމާފުޅު ދައިތަ އިނީ ބިންމަތީގައި އިށީނދެ ދެފައި ވަށްކޮއްލައިގެނެވެ. އޭނާގެ ހިިކިހިިކި އިނގިލިތަކުން ތަސްބީހަ ފައްޗެއް ގުނަމުންދިޔައެވެ. ދެތުންފަތް މަޑުމަޑުން ހަރަކާތްކުރަމުން ދިޔައީ ކޮންމެވެސް އެއްޗެއް ކިޔަވަމުންދާ ފަދަ ގޮތަކަށެވެ. އެއީ ވަރަށް ދުވަސްވީ، ރާގަކަށް ކިޔަވާ އެއްޗެކެވެ. އެ އަޑުން މުޅި ތަނަށް ބަރުކަމެއް ގެނުވައެވެ. ފެންނަން ނެތް ކޮންމެވެސް ބާރެއް އެތަނުގައި ވާ ފަދައެވެ.

އެއީ ކިޔެވެލިތަކެވެ. އިންޒާރުތަކެވެ. ރައްކާތެރިކަމުގެ ދުއާތަކެވެ.

މީހުން ބުނާ ގޮތުގައި އޭނާ ކުރިމަތިލަނީ އެހެން މީހުންނަށް ކެރޭ ވަރުގެ ކަންކަމަކާ ނޫނެވެ. އިންސާނީ ދުނިޔެއާ ނުގުޅޭ ކަންކަމާއެވެ. ޖިންނި ޝައިތާނުންނާއި، އަވަލުމާއި، ހޮސްޕިޓަލްތަކަށް ދެނެނުގަނެވޭ އަދި ސައިންސަށް ފަރުވާ ނުހޯދޭ ބަލިތަކާއެވެ.

ދުވާލުގެ އަލީގައި މީހުން އޭނާއަށް މަލާމާތް ކުރެއެވެ. އެއީ ބޯދާ، މޮޔަ މީހެއް ކަމަށް ބުނެއެވެ. އެކަމަކު ބިރުވެރިކަން ކުރިމަތިވުމުންނާއި، ބޭސްފަރުވާއިން އަލިމަގެއް ނުފެނުމުންނާއި، ސަބަބެއް ނެތި ހަށިގަނޑަށް ތަދުތައް އިހުސާސްވާން ފެށުމުން މީހުން އޭނާގެ ގާތަށް އާދެއެވެ. ސިއްރުސިއްރުންނެވެ. ހަދާނެ ގޮތް ހުސްވެފައި ތިބެގެންނެވެ. މިހާރު މިތިބި ފަދައިންނެވެ.

ޔަސްމީން ކަރުތެރެ ހިކިފައި ހުރެ، އުނދަގުލުން ކަރު ކެހިލައިފައި…”އަހަރެންނަށް ކިހިނެއްވީ؟…ކީއްވެ މިގޭގަ؟”

އެ އަންހެން މީހާ މަޑުމަޑުން އިސްއުފުލާ ބަލާލިއެވެ. އެއީ ވަރަށް ތޫނު، ފޫއަޅުވާލާ ފަދަ ބަލާލުމެކެވެ. ހީވަނީ ޔަސްމީންގެ ހަށިގަނޑު ފޫއަޅުވާލާފައި އެތެރެ ބަލާލާހެންނެވެ.

“ހޭނެތިފައި ޚަބަރުހުސްވެފައި އޮށްވާ ގެނަޢީ.. ތި އޮތީ މިހާރު އޮންނަންޖެހޭ ތަނުގަ،” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “ފެންނަ ކަންކަމާއި ނުފެންނަ ކަންކަމުގެ ދެމެދުގަ.”

ޔަސްމީންގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އެވަގުތު ކޮޓަރީގެ އަނެއް ފަރާތުން ހަރަކާތެއް ފެނުނެވެ. މަޑު އާހެއްގެ އަޑެވެ. އެއީ އޭނާގެ މާމައެވެ. ތުނި ގޮދަޑިއެއްގެ މަތީގައި، އެ ބަލިކަށި ހަށިގަނޑު ހަރަކާތެއް ނެތި އޮތެވެ. މޫނުމަތީގައި ވަނީ ރީނދޫ ކުލައެވެ. ނަމަވެސް މާމަ ދިރިހުރިކަން ޔަގީނެވެ. އުނދަގުލުން ނަމަވެސް ނޭވާލާކަމުގެ ހަރަކާތް ފެނުނެވެ.

ޔަސްމީނަށް ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، އެއަށްވުރެ ބޮޑު ބިރުވެރިކަމެއް އޭނާ ވަށާލިއެވެ. އެތަނުގެ މާހައުލަކީ އަމާން ތަނެއް ނޫންކަން އޭނާއަށް އިހުސާސްވިއެވެ. ހީވަނީ މީހަކު އެމީހުންނަށް ބަލަން ހުރި ހެންނެވެ.

އަންހެން މީހާގެ އިނގިލިތައް ހުއްޓުނެވެ. ތަސްބީހަ ފަތީގެ ހަރަކާތް ކެނޑި، މުޅި ތަނަށް ކުއްލި ހިމޭންކަމެއް ވެރިވިއެވެ. އޭނާގެ އަޑު މަޑުވެ، އޭގައި ކުރިން ހުރި މަޑުމައިތިރިކަން ކެނޑި، އިންޒާރުގެ ރާގަކަށް ބަދަލުވިއެވެ.

“މިއީ އާދައިގެ ކަމެއް ނޫން.”

އޭނާގެ ބަލާލުން ކުރިއަށްވުރެ ހަރުކަށިވިއެވެ.

“ކަލޭ އިނީ އެކަންޏެއް ނޫން.”

އެވަގުތު، ކުއްލިއަކަށް ބައްތީގެ އަލިގަނޑު ގަދައަށް ތެޅިގަތެވެ. ހީވީ ފެންނަން ނެތް ކޮންމެވެސް އެއްޗެއް އެތަނުން ދެންމެ ދިޔައީ ހެންނެވެ.

( ނުނިމޭ )

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top