އދ. ދަނގެތީ ޖަމިއްޔަތުލް އަންވާރުން އިންތިޒާމްކޮށްގެން، މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އަންވާރު ފުޓްސަލްކަޕް 2026 ގެ ޗެންޕިއަންކަން އދ. މަންދޫއަށް ނިސްބަތްވާ ރިއަލިޓީ ޓީމް ހޯދައިފިއެވެ.
ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ފުޓްސަލްގެ ގިނަ ތަރިންތަކެއް ފެނުނު މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ އދ. މަންދުއަށް ނިސްބަތްވާ ރިއަލިޓީ އާއި މުބާރާތް ބާއްވާ އދ. ދަނގެއްޗަށް ނިސްބަތްވާ އެފްސީ. ބިރަކާނުލާ އެވެ.
ކުރިން ވެސް ގަބޫލު ކުރެވުނު ފަދައިން މުބާރާތުގެ ފައިނަލް މެޗް ވެގެންދިޔައީ، ބަލާ ހިތްވާފަދަ ވާދަވެރި ފޯރިގަދަ ފައިނަލް މެޗަކަށެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ، ފުޓްސަލް ތަރިން ގިނަ ބިރަކާނުލާ އެވެ. ފަސްވަނަ މިނިޓްގައި ބިރަކާނުލާއަށް މިލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު ވިލްފުއެވެ. ބިރަކާނުލާގެ ހާފުގެ ތެރެއިން އައްޒާމަށް ލިބުނު ބޯޅަހިފައިގެން ރިއަލިޓީގެ ހާފުތެރެއަށް ވަދެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އައްޒާމް ބޯޅަ ޖައްސާލިއިރު ވިލްފު ހުރީ މުޅިން ހުސްކޮށެވެ.
ލަނޑު ޖަހާނޭ ފުރުސަތުތައް ދެޓީމަށް ވެސް ލިބުނު މި މެޗްގެ ނަތީޖާ ރިއަލިޓީއިން ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ރިއަލިޓީއަށް މިލަނޑު ޖަހައިދިނީ އަހްމަދު ހުސާމްއެވެ. ރިއަލިޓީއަށް ލިބުނު ޖެހުން ހިލޭޖެހުން ހުސާމް ފޮނުވާލުމުން ބިރަކާނުލާ ކުޅުންތެރިން ދިފާއުކުރި ނަމަވެސް ދެވަނަ ފަހަރަށް ހުސާމަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލްގެ ކަނަށް ވައްދާލާފައެވެ.
ލިބުނު ފުރުސަތުތަކުގެ ބޭނުން، ދެޓީމަށް ވެސް އެންމެ ރަނގަޅަށް ނުކުރެވުނު މިހާފު ނިމުނީ 1-1 އިންނެވެ.
ފަހަތުން އަރައި ރިއަލިޓީ މޮޅުވި މިމެޗްގެ ނަތީޖާ ރިއަލިޓީއިން އެޓީމުގެ ކޮޅަށް އަނބުރާލީ ފަހު ހާފުގެ ފަހުކޮޅު އެވެ. މެޗުނިމެން ފަސްވަރަކަށް މިނިޓަށްވެފައި ވަނިކޮށް ރިއަލިޓީއަށް މިލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ހުސާމް އެވެ. ބިރަކާނުލާގެ އޭރިޔާ ބޭރުން ރިއަލިޓީއަށް ލިބުނު ޖެހުން ހުސާމް ފޮނުވާލީ، ވޯލްގައި ތިބި ކުޅުންތެރިންގެ ތެރެއިން ތިރިތިރިން ގޯލްގެ ތެރެއަށެވެ.
3-1 އިން މޮޅުވެ ރިއަލިޓީއިން ޗެންޕިއަންކަން ހޯދި ފައިނަލް މެޗްގައި ރިއަލިޓީއިން އެޓީމުގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުއެވެ. ނަތީޖާ ހަމަހަމަކުރުމަށްޓަކައި ޕަވާޕުލޭއަށް ކީޕަރު ކުރިޔަށް އަރުވައިގެން ކުޅެމުންދިޔަ ބިރަކާނުލާ ކުޅުންތެރިން އަތުން، ރިއަލިޓީގެ ފަރުހާނަށް ބޯޅަ ލިބުނުއިރު ބިރަކާނުލާގެ ގޯލް އޮތީ ހުސްކޮށެވެ. ރިއަލިޓީގެ ހާފުތެރޭ ހުރެ އެއްފަހަރުން ފަރުހާން ފޮނުވާލި ބޯޅަ ވަނީ މުޅިން ހުސްކޮށް އޮތް ގޯލްގެ ތެރެއަށެވެ.
މުބާރާތުގެ ޗެންޕިއަންކަން އދ. މަންދޫ ރިއަލިޓީ ހޯދިއިރު، މުބާރާތުގެ ރަނައަޕްއަކީ އދ. ދަނގެތީ އެފްސީ. ބިރަކާނުލާ އެވެ. މިބާރާތުގެ އެންމެމޮޅު ކުޅުންތެރިއަކަށް ރިއަލިޓީގެ އަޒްޔާން އިބްރާހީމް ހޮވުނުއިރު މުބާރާތުގެ އެންމެމޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނީ ރިއަލިޓީގެ އަޒްޔާން އިބްރާހީމް، ރިއަލިޓީގެ އިބްރާހީމް އިމްރާން، ބިރަކާނުލާގެ މުޙައްމަދު ނާއިމް، ބިރަކާނުލާގެ އަލީ ސަމާލް އަބްދުﷲ، ބިރަކާނުލާގެ މުޙައްމަދު ޝާދު އެވެ.
ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ރިއަލިޓީގެ އަހްމަދު ހުސާމް ހޮވުނުއިރު، މުބާރާތުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިއަކީ ބިރަކާނުލާގެ މުޙައްމަދު ނާއިމްއެވެ. އެންމެމޮޅު ގޯލްކީޕަރުގެ މަގާމަށް ރިއަލްޓީގެ ހަމްދާން ހުސެއިން ހޮވުނުއިރު މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ދަނގެތި އެޓޯލްގެ މުޙައްމަދު ފައްޔާހް އެވެ. އެންމެ މޮޅު ކޯޗަކަށް ރިއަލްޓީގެ ކޯޗް އަހްމަދު ފަރުޝާން ހޮވޮނުއިރު ފެއާރޕުލޭ ޓީމަކީ އެފްސީ ވާނުވާ އެވެ.
