ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ހުވަފެނީ ލޯބި – ކުރު ވާހަކަ

މާލޭގެ ހަލަބޮލި މަގުތަކުގެ މައްޗަށް ރޭގަނޑުގެ ކަނު އަނދިރިކަން ވެރިވެފައިވަނީ ބޯ ވިލާގަނޑަކާ އެކުގައެވެ. މަގުމަތީގައި ދުއްވާ އުޅަނދުފަހަރުގެ ބަރުގޮނުގެ އަޑާއި، ދުރުދުރަށް ފެތުރިފައިވާ ކަނޑުގެ ރާޅުތަކުގެ އަޑު މަސްހުނިވެފައިވެއެވެ. ނަމަވެސް، އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ކުޑަ ކެފޭއެއްގެ ތެރޭގައި އޮތީ މުޅިން ތަފާތު މާހައުލެކެވެ.

ހައިޝަމް އިނީ ކެފޭގެ އެންމެ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައެވެ. އޭނާގެ ކުރިމަތީގައި ހުރި ކަޅު ކޮފީ ތަށިން އާވި އަރައަރާ ހުއްޓެވެ. ހައިޝަމްއަކީ އެއްޒަމާނެއްގައި މުޅި ރާއްޖެ ދަންނަ، އެންމެ މަގުބޫލު ލަވަކިޔުންތެރިޔާއެވެ. އޭނާގެ އަޑުން އެތައް ހާސް ބައެއްގެ ހިތްތައް ފަތަހަކުރި ޒުވާނާއެވެ. ނަމަވެސް މިއަދު އޭނާގެ ސޫރައިން ފެންނަނީ މާޔޫސްކަމާއި ބަލިކަށިކަމެވެ.

“ހައިޝަމް، ކޮން އިރަކު މިތަނަށް އައީ؟” ގާތް އެކުވެރިޔާ އަދި އޭނާގެ މެނޭޖަރު ނާއިލް އައިސް މޭޒުދޮށުގައި އިށީނދެލިއެވެ.

ހައިޝަމް އެއްވެސް ޖަވާބެއް ނުދީ ބޭރު ބަލަހައްޓައިގެން އިނެވެ. އޭނާގެ ދިރިއުޅުން މިހާރު ވަނީ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު ގެއްލި، ނުބައި އާދަތަކެއްގެ ތެރެއަށް ގެނބިފައެވެ.

“މިރޭ ރިސޯޓްގެ ޝޯ އޮންނާނެ. ހަނދާން އެބަހުރިތަ؟” ނާއިލް ކަންބޮޑުވުމާއެކު އަހާލިއެވެ.

“ނާއިލް… އަހަރެންގެ އަޑު މިހާރު ކުރިއެކޭ އެއްގޮތަށް މަސައްކަތެއް ނުކުރޭ. އަހަރެން މިއީ މިހާރު ހަމައެކަނި މާޒީއެއް،” ހައިޝަމް މަޑުމަޑުން ބުންޏެވެ.

“ނޫނޭ… ހައިޝަމް މާ ބޮޑަށް އަމިއްލަ ސެލްފް އެހާ ޑައުންނުކޮށްބަލަ!” ހައިޝަމްގެ ކޮނޑުގައި ޖަހައިލަމުން ނާއިލް ބުންޏެވެ.

ރިސޯޓަށް ދިއުމުގެ މަގުމަތީގައި ހައިޝަމްމެން މަޑުކޮށްލީ ހުޅުމާލޭގެ ކުޑަ ރެސްޓޯރެންޓެއްގެ ކައިރިއަށެވެ. އެވަގުތު އެތެރެއިން އިވެމުންދިޔަ މިއުޒިކެއްގެ އަޑަށް ހައިޝަމްގެ ސަމާލުކަން ހުއްޓުނެވެ. އެއީ އޭނާގެ އެންމެ މަގުބޫލު އެއް ލަވަ “ހިތުގެ ހަނދާން” އެވެ. ނަމަވެސް އެ ލަވަ ކިޔަމުންދިޔައީ އަންހެން ކުއްޖެކެވެ. އެ އަޑުގައި ހުރި ސާފުކަމާއި، އަސަރުގަދަކަން ހައިޝަމްގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވިއެވެ.

ހައިޝަމް މަޑުމަޑުން ރެސްޓޯރެންޓަށް ވަނެވެ. ސްޓޭޖްމަތީގައި ހުރީ އާދައިގެ ގޮތަކަށް ހެދުން އަޅައިގެން ހުރި، ނަމަވެސް ވަރަށް ފުރިހަމަ ސޫރައެއްގެ ވެރި އަންހެން ކުއްޖެކެވެ. އެއީ އާއިޝްއެވެ.

ލަވަ ނިމުމާއެކު މީހުން އަތްތިލަބަޑި ޖަހަން ފެށިއެވެ. އާއިޝް ލަދުވެތި ހިނިތުންވުމަކާއެކު ސްޓޭޖުން ފޭބިއެވެ. ހައިޝަމް އޭނާގެ ފަހަތުން ދިޔައެވެ.

“ވަރަށް ރީތި. ހަމަ އަސްލަށްވެސް ވަރަށް ރީތި،” ހައިޝަމް ބުންޏެވެ.

އާއިޝް ސިހިފައި ފަހަތް ބަލާލިއެވެ. އޭނާގެ ކުރިމަތީގައި މިހުރީ އޭނާގެ އެންމެ ބޮޑު އައިޑަލްއެވެ. “ހައިޝަމް؟ އޯހް މައި ގޯޑް! އޯހް މައި ގޯޑް! އަސްލުވެސް ހައިޝަމްތަ؟” އާއިޝްއަށް ގަބޫލުކުރަންވެސް ދަތިވިއެވެ.

“އާނ، އަހަރެން. ތިއީ ކޮން ކުއްޖެއް؟”

“އަހަރެންގެ ނަމަކީ އާއިޝް. އަހަރެން އަބަދުވެސް ހައިޝަމްގެ ލަވަތައް ކިޔަން،” އާއިޝް އިސްޖަހާލަމުން ބުންޏެވެ.

ހައިޝަމް އާއިޝްގެ ލޮލަށް ބަލާލިއެވެ. އެ ލޮލުން ފެންނަނީ ކާމިޔާބީއަށް ކުރާ އުންމީދެވެ. ހައިޝަމްގެ ހިތަށް އެރިއެވެ. މި އަންހެން ކުއްޖާއަކީ މުޅި ރާއްޖެ ބަލައިގަންނާނެ ފަދަ ހުނަރެއް ހުރި ކުއްޖެކެވެ.

“އާއިޝް، ތި ހުނަރަކީ މިފަދަ ކުޑަ ރެސްޓޯރެންޓެއްގައި ބާއްވަން ހެޔޮވާވަރުގެ އެއްޗެއް ނޫން. އަހަރެން އާއިޝްއަށް އެހީވާނަން،” ހައިޝަމް ވަރަށް ސީރިއަސްކަމާއެކު ބުންޏެވެ.

ހައިޝަމް މިހެން ބުމުން އާއިޝްއަށް ހީވީ މުޅި ދުނިޔެ އެއްކޮށް ލިބުނުހެންނެވެ. އިވުނު ޖުމްލަތައް ޤަބޫލުކުރަންވެސް ދަތިވިއެވެ.

ހައިޝަމް އެތަނުން ދިޔައީ އާއިޝްއަށް އޭނާގެ ކޮންޓެކްޓްދީފައެވެ.

ޖެހިގެން އައި ދުވަހުން ފެށިގެން ހައިޝަމްގެ ދިރިއުޅުމަށް އާ ދިރުމެއް އައެވެ. އޭނާ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އާއިޝްގެ ކަންކަމަށް ސަމާލުކަން ދޭން ފެށިއެވެ. ކޮންމެ ދުވަހަކު ހެނދުނު ހުޅުމާލޭގެ ހިތްގައިމު ގޮނޑުދޮށުގައި އާއިޝްއަށް އަޑު ތަމްރީނުކޮށްދިނުމުގައި ހައިޝަމް ވަގުތު ހޭދަކުރެއެވެ.

“އާއިޝް، ލަވަ ކިޔާއިރު ހަމައެކަނި އަޑެއް ނޫން ބޭނުންވަނީ. އެ ލަވައިގެ އިހުސާސްތައް ދެނެގަންނަންވާނެ. ލަވައިގެ ހާމަނީއަކީ ވަަރަށް އިމްޕޯޓެންޓް އެއްޗެއް. ސޯ، ހިތުގެ އަޑުން ކިޔަންވާނީ،” ހައިޝަމް ކިޔައިދެމުން ދިޔައެވެ.

އާއިޝްއަށް ހައިޝަމްގެ އެހީތެރިކަން ވެގެންދިޔައީ ބޮޑު ނިޢުމަތަކަށެވެ. އޭނާ ހައިޝަމްއަށް އިހުތިރާމްކުރެއެވެ. ނަމަވެސް އެ އިހުތިރާމް މަޑުމަޑުން ލޯތްބަށް ބަދަލުވަމުންދާކަން އޭނާއަށް އިހުސާސްކުރެވެން ފެށިއެވެ.

އެއްރޭ، ސްޓޫޑިއޯގައި ރެކޯޑިންގ ނިންމާލުމަށްފަހު ދެމީހުން މަޑުކޮށްލައިގެން ތިއްބެވެ.

“ހައިޝަމް، ކީއްވެ އަހަންނަށް ތިހާ ބޮޑަށް އެހީވަނީ؟” އާއިޝް އަހާލިއެވެ.

ހައިޝަމް ކުޑަދޮރުން ބޭރު ބަލާލިއެވެ. “އަހަރެން ބޭނުންވަނީ އަހަރެންގެ ގެއްލިފައިވާ ހުވަފެންތައް އާއިޝްގެ ކިބައިން ފެންނަން. އާއިޝް ކާމިޔާބުވުމަކީ އަހަރެންގެ ކާމިޔާބީ.”

މަސްތަކެއް ފަހުން، އާއިޝްގެ ފުރަތަމަ އަލްބަމް ނެރުނެވެ. މުޅި ރާއްޖެއަށް އެ އަޑު މަޝްހޫރުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ޓީވީ ޝޯތަކާއި، ސްޓޭޖް ޝޯތަކުން އާއިޝްއަށް ދައުވަތު އޮހެން ފެށިއެވެ.

އާއިޝް މިހާރު ހުރީ އުދުހޭ ތަރިއެއް ފަދައިންނެވެ. ނަމަވެސް ހައިޝަމްގެ ހާލަތު ދިޔައީ ދަށްވަމުންނެވެ. އޭނާގެ އަޑު އިތުރަށް ބަލިކަށިވެ، ކުރިން އުޅުނު ނުބައި އާދަތަކަށް އޭނާ އަނބުރާ ދާން ފެށިއެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އޭނާގެ ހިޔަނި އާއިޝްގެ ކުރިއެރުމަށް ހުރަހަކަށް ވެދާނެ ކަމަށެވެ.

“ހައިޝަމް، މިރޭގެ އެވޯޑް ނައިޓަށް އެކުގައި ދާންވާނެ އިނގޭ،” އާއިޝް އުފަލާއެކު ބުންޏެވެ.

ހައިޝަމް ގަދަކަމުން ހިނިތުންވެލިއެވެ. “އާއިޝް ދޭ. އަހަރެން ތަންކޮޅެއް ބަލިކޮށް މިއުޅެނީ. މިރެއަކީ އާއިޝްގެ ރޭ.”

އެރޭ އާއިޝްއަށް ‘އަހަރުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާ’ގެ އެވޯޑް ލިބުނެވެ. ސްޓޭޖްމަތީގައި ހުރެ އޭނާ ޝުކުރު އަދާކުރީ ހައިޝަމް އަށެވެ. “މި ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ ހައިޝަމް. އޭނާއާ ނުލައި އަހަރެން މިއަދު މިތާކު ނުހުރީސް.”

ނަމަވެސް، އެވަގުތު ހައިޝަމް އިނީ ގޭގައި އެކަނިވެ، އަމިއްލަ ނަފްސާ ހަނގުރާމަކުރާށެވެ. އޭނާ ދެކެމުންދިޔައީ އޭނާގެ ސަބަބުން އާއިޝްގެ ނަމަށް ހުތުރުވެދާނެ ކަމުގެ ބިރުވެރި ހުވަފެނެވެ.

އާއިޝްގެ މަގުބޫލުކަން ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަވަރަކަށް، ހައިޝަމްގެ ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އޭނާގެ މަސްތުގެ ވަބާ އާއި، އަޑު ބަލިކަށިވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އާއިޝްގެ ކުރިމަގަށް ހުރަސް އެޅިދާނެ ކަމަށެވެ.

“ހައިޝަމް، ކީއްވެ މިހާރު އަހަންނާ ވާހަކަ ނުދައްކަނީ؟” އެއްދުވަހަކު އާއިޝް ހައިޝަމްގެ ގެއަށް އައިސް އަހާލިއެވެ. “އަހަރެން ކިތަންމެ މައްޗަށް ދިޔަޔަސް، ހައިޝަމް ނެތިއްޔާ މި ހުރިހާ އެއްޗެއްގެ އެއްވެސް މާނައެއް ނެތް.”

ހައިޝަމް އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ އަތުގައި އޮތް ސިނގިރޭޓު ފޮށި ފޮރުވަން އޭނާ މަސައްކަތް ކުރިއެވެ. “އާއިޝް، އާއިޝްއަކީ މިހާރު މި ގައުމުގެ އެންމެ އުހުގައި ހުރި އެއް ތަރި. އަހަރެން ކަހަލަ ‘ވެއްޓިފައިވާ’ މީހަކާއެކު އުޅުމަކީ އާއިޝްގެ އަގު ވެއްޓޭނެ ކަމެއް.”

“ތިހެން ނުބުނޭ!” އާއިޝްގެ ލޮލުން ކަރުނަ ހިލުނެވެ. “ހައިޝަމްއަކީ އަހަރެންގެ ހުރިހާވެސް މީހަކީ. އަހަރެން ބޭނުމީ ހައިޝަމްއާއެކު މުޅި އުމުރު ހޭދަކުރަން. އަހަރެމެންނަށް އެކުގަ ތިކަމުން އަރައިގަނެވޭނެ.”

ނަމަވެސް ހައިޝަމްގެ ހިތް ވަނީ މާޔޫސްކަމުން ފުރިފައެވެ. އޭނާ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އާއިޝްދެކެ ލޯބިވެއެވެ. އެހެންކަމުން އޭނާ ނިންމީ އާއިޝްގެ ދިރިއުޅުމުން ދުރަށް ދިއުމަށެވެ.

ހައިޝަމް ގަސްތުގައި އާއިޝްއާ ދުރަށްދާން ފެށިއެވެ. އޭނާ ފޯނު ނުނަގައި، ބައްދަލުކުރުމަށް އުޒުރުވެރިވާން ފެށިއެވެ. އާއިޝް މިކަމާ ދެރަވެ، އޭނާގެ ލަވަކިޔުމަށްވެސް އޭގެ އަސަރު ކުރަން ފެށިއެވެ.

“ހައިޝަމް، އާއިޝް މިހާރު ސްޓޫޑިއޯއަށްވެސް ނާދޭ. އޭނާ ވަރަށް ބޮޑަށް ދެރަވެފައި ހުންނަނީ،” ނާއިލް އައިސް ހައިޝަމްއަށް ކިޔައިދިނެވެ.

“އޭނާ ދެރަވިޔަސް، ފަހުން އޭނާ އަހަރެންގެ މަތިން ހަނދާން ނެތޭނެ. އޭނާގެ ކުރިމަތީގައި އޮތީ އުޖާލާ މުސްތަގުބަލެއް. އަހަރެން މިއީ އޭނާގެ ކުރިމަގަށް އޮތް ހުރަހަކަށްވެސް ވެދާނެ،” ހައިޝަމް ހިތްދަތިކަމާއެކު ބުންޏެވެ.

އެއްރޭ އާއިޝް ހައިޝަމްގެ ގެއަށް އައީ އެއްވެސް އަންގައިލުމެއް ނެތިއެވެ. އޭނާ ފެނުމުން ހައިޝަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ހައިޝަމް، އަހަރެން މިރޭ މިއައީ ވަކި ގޮތެއް ނިންމަން. ހައިޝަމް އަހަރެންނާ އެކު ނުހުންނާނެ ނަމަ، އަހަރެން ލަވަކިޔުން ހުއްޓާލާނަން. މިއަދުން ފެށިގެން އެއްވެސް ޝޯއަކަށް ނުދާނަން،” އާއިޝް ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

ހައިޝަމް ސިހުނެވެ. އޭނާ ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެދާނެ ކަމުގެ ބިރު ހީވިއެވެ. “އާއިޝް، ތިހެން ނުހަދާ! ތިއީ އެތައް ބައެއްގެ އުންމީދު.”

“އަހަރެންގެ ހަމައެކަނި އުންމީދަކީ ހައިޝަމް،” އާއިޝް ރޮމުން ބުންޏެވެ.

އެރޭ ހައިޝަމްއަށް ވިސްނުނެވެ. އޭނާ އާއިޝްއާ ދުރަށް ދިއުމުގެ ބަދަލުގައި، އާއިޝްއަށްޓަކައި އަމިއްލަ ނަފްސު އިސްލާހު ކުރަން ޖެހޭކަން އޭނާއަށް އިހުސާސް ކުރެވުނެވެ.

ހައިޝަމް ނިންމީ ރިހެބިލިޓޭޝަން ސެންޓަރަކަށް ގޮސް، އޭނާގެ ނުބައި އާދަތަކުން ސަލާމަތްވުމަށެވެ. މިއީ އޭނާގެ ދިރިއުޅުމުގައި ކުރި އެންމެ އުނދަގޫ މަސައްކަތެވެ. އާއިޝް ކޮންމެ ދުވަހަކު އޭނާއަށް ޒިޔާރަތްކޮށް، ހިތްވަރު ދެމުން ދިޔައެވެ.

“ހައިޝަމް، އަހަރެން މިހުރީ ހައިޝަމްގެ އިންތިޒާރުގަ. އަހަރެމެން އެކުގައި އަދި ސްޓޭޖަށް އަރާނަން،” އާއިޝް ހައިޝަމްގެ އަތުގައި ހިފާލަމުން ބުންޏެވެ.

މަސްތަކެއްގެ ފަރުވާއަށްފަހު، ހައިޝަމް އެނބުރި އައީ މުޅިން އާ މީހެއްގެ ގޮތުގައެވެ. އޭނާގެ ލޮލުގައި ކުރިން ހުރި މާޔޫސްކަން ފިލައި، އާ އުންމީދެއް އުފެދިފައިވެއެވެ. އޭނާ އަލުން މިއުޒިކް ކުޅެން ފެށިއެވެ. ނަމަވެސް މިފަހަރު އަމިއްލައަށް ލަވަކިޔުމުގެ ބަދަލުގައި، އޭނާ އިސްކަންދިނީ އާއިޝްއަށް ރީތި މިއުޒިކް ތައްޔާރުކޮށްދިނުމަށެވެ.

އާއިޝްގެ އެންމެ ބޮޑު ކޮންސަރޓް އޮތީ މާލޭގެ ބޮޑު ސްޓޭޑިއަމްގައެވެ. އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ. ޝޯ ފެށުމުގެ ކުރިން ހައިޝަމް އާއިޝްގެ ގާތަށް ދިޔައެވެ.

“އާއިޝް، މިރެއަކީ އާއިޝްގެ ރޭ. ހަނދާންކުރާތި، ހިތުގެ އަޑުން ކިޔާތި،” ހައިޝަމް ހިތްވަރު ދިނެވެ.

“ހައިޝަމް، އަހަރެން ބޭނުން މިރޭ ހައިޝަމްއާއެކު އެއް ލަވަ ކިޔަން. ޕްލީޒް،” އާއިޝް އާދޭސްކުރިއެވެ.

ހައިޝަމް ފުރަތަމަ ފަސްޖެހުނެވެ. ނަމަވެސް އާއިޝްގެ ލޮލުން ފެނުނު އުންމީދީ ކުލަވަރުން އޭނާއަށް ‘ނޫނެކޭ’ ބުނާކަށް ނުކެރުނެވެ.

ޝޯގެ އެންމެ ފަހު ލަވައަށް ހައިޝަމް ސްޓޭޖަށް އެރިއެވެ. މުޅި ސްޓޭޑިއަމް ގުގުމައިގެން ދިޔައީ އަތްތިލަބަޑީގެ އަޑުންނެވެ. އެއީ ހައިޝަމްގެ އެންމެ މަޝްހޫރު ލަވައެވެ. ދެމީހުން އެކުގައި ކިޔަމުންދިޔަ އެ ލަވައިގެ ކޮންމެ ބަހަކުން އެކަކު އަނެކަކަށް އޮތް ލޯބި ހާމަވަމުން ދިޔައެވެ.

ޝޯ ނިމުމަށްފަހު، ދެމީހުން ތިބީ އާޓިފިޝަލް ބީޗްގެ އަތިރިމަތީގައެވެ. ކަނޑުގެ ރާޅުތައް މަޑުމަޑުން ބިންދަމުން ދިޔައެވެ.

“ހައިޝަމް، އަހަރެމެންގެ މި ހުވަފެން ދުވަހަކުވެސް ނިމުމަކަށް ނާންނާނެތަ؟” އާއިޝް އަހާލިއެވެ.

ހައިޝަމް އާއިޝްގެ ކޮނޑުގައި ބޯ އަޅާލިއެވެ. “މިއީ ހުވަފެނެއް ނޫން އާއިޝް. މިއީ އަހަރެމެންގެ ހަގީގަތް. ލޯތްބަކީ ހަމައެކަނި ރީތި ލަވަޔަކަށް ވުމުގެ ބަދަލުގަ، އެއީ ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއްގައި އެކަކު އަނެކަކަށް ވާ އެހީތެރިކަން.”

އެރޭގެ ހަނދުވަރުގެ އަލީގައި، ދެ ލޯބިވެރިންގެ އާ ދިރިއުޅުމެއްގެ ބިންގާ އެޅިގެން ދިޔައެވެ. ހައިޝަމްގެ މާޔޫސްކަން ފިލައި، އާއިޝްގެ ކާމިޔާބީގައި އޭނާގެ ހިއްސާ އޮތްކަން ގަބޫލުކޮށް، ދެމީހުން އެކުގައި ކުރިމަގަށް ފިޔަވަޅު އެޅިއެވެ. މިއީ “ހުވަފެނީ ލޯބި” ހަގީގަތަކަށް ވީ ގޮތެވެ.

(ނިމުނީ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top