ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިރާއްޖެ މުބާރާތުން ކަޓައިފި!
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން

ދިވެހިރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުން ދިވެހިރާއްޖެ ކަޓައިފިއެވެ. ގުރޫޕް ސްޓޭޖްގައި ކުޅެންޖެހޭ ފަހު މެޗުގައި، އިއްޔެ ދިވެހިރާއްޖެއާ ބައްދަލުކުރީ މިގުރޫޕުން ސެމީފައިނަލަށް ދަތުރުކޮށްފައިވާ ނޭޕާލެވެ. މިއަދުގެ މެޗް 1-1 އިން އެއްވަރުވުމުން ދިވެހިރާއްޖެއަށް 2 ޕޮއިންޓް ލިބޭއިރު، މިގުރޫޕްގައި ހިމެނީ ސްރީލަންކާއަށް 3 ޕޮއިންޓް އަދި ބޫޓާނަށް ވަނީ 1 ޕޮއިންޓް ލިބިފައެވެ.

މެޗް ފަށައިގެން ރަނގަޅަށް ކުޅުނު ދިވެހިރާއްޖެއިން ވަނީ 3 ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ގޯލަށް ފޮނުވާލާފައެވެ. ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ނާސިއު އަހްމަދު ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލްގެ މަތީ ދަނޑިއަށެވެ.

ސެމީފައިނަލްގެ ޖާގައެއް ޔަގީންވެފައި އޮތުމުން ބަދަލުތަކާއިއެކު ކުޅެން ނުކުތް ނޭޕާލަށް މާރަނގަޅު ހަމަލާއެއް ނުއުފެއްދެނީސް ދިވެހިރާއްޖެއިން ވަނީ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު ދިވެހިރާއްޖެއަށް ޖަހައިދިނީ މި މުބާރާތުގައި ދިވެހިރާއްޖެ އިން ޖެހި ތިން ލަނޑު ވެސް ޖަހައިދިން މުޙައްމަދު އިލާން އެވެ. ދިވެހިރާއްޖެ ހާފުގެތެރެއިން މެދުރޮނގު ކައިރިން ބޯޅަ ހޯދުމަށްފަހު ނޭޕާލް ކުޅުންތެރިންގެ ބޯމަތިން އީތަން ފޮނުވާލި ބޯޅަ އިލާން ގޯލްގެ ތެރެއަށް ފޮނުވާލީ އެއްފަހަރުންނެވެ. ކީޕަރުގެ ކައިރިން މަތިމަތިން ގޯލްގެ ތެރެއަށް ވަން ބޯޅަ ދިފާއުކުރަން ނޭޕާލް ކީޕަރު މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުލިބުނެވެ.

މަޑުމަޑުން ގޭމްގެތެރެއަށް ވަން ނޭޕާލަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ލިބި ބޭނުން ނުކުރެވުނުއިރު ނަތީޖާގެ ފަރަގު ބޮޑުކޮށްލަން ދިވެހިރާއްޖެއަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ވެސް ނުހިފުނެވެ.

މިހާފުގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނޭޕާލްގެ ކެޕްޓަނަށެވެ. ދިވެހިރާއްޖޭގެ ޑިފެންޑަރުން އަތުން ބޯޅަ ހޯދުމަށްފަހު އޭނާ ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ޖެހުނީ އެޓީމުގެ 9 ނަންބަރު ކުޅުންތެރިޔާގެ ގައިގައެވެ. 42 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމުން ވެސް ނޭޕާލުން ވަނީ ދިވެހިރާއްޖޭގެ ގޯލަށް ނުރައްކާކޮށްފައެވެ.

ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅެކޭ އެއްގޮތަށް ދެވަނަ ހާފުގެ ފެށުން ވެސް ފެނުނީ ދިވެހިރާއްޖެއަށް ވުރެ ނޭޕާލް ވަރުގަދަކޮށެވެ. ގާތްގާތުގައި ނޭޕާލުން ދެހަމަލާއެއް އުފެއްދިއިރު އެހަމަލާތައް ދިފާއުކުރުމުގައި ދިވެހިރާއްޖޭގެ ޑިފެންޑަރުންނާއި ކީޕަރުވަނީ ކާމިޔާބު ހޯދައިފައެވެ.

74 ވަނަ މިނިޓްގައި ވެސް ދިވެހިރާއްޖެއިން ނޭޕާލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. އަހްމަދު އަފްނާން ފޮނުވާލި ބޯޅަ ނޭޕާލް ކުޅުންތެރިޔާ ދިފާއުކުރީ ކީޕަރު ކައިރިން ނެއްޓުނު ފަހުން ގޯލްރޮނގު މަތިންނެވެ.

ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ދިވެހިރާއްޖެއަށް ބޭނުން ނުކުރެވިގެން އުޅެނިކޮށް ނޭޕާލުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 86 ވަނަ މިނިޓްގައި ނޭޕާލަށް މިލަނޑު ޖަހައިދީ ނިޝާން ރާޖްއެވެ. ދިވެހިރާއްޖޭ ޓީމުގެ އޭރިޔާ އަރިމަތިން ލިބުނު ހިލޭ ޖެހުމުން ގޯލްގެ ކުރިމައްޗަށް ނަގައިދޭން މަސައްކަތްކުރި ބޯޅަ ނިޝާން ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ. އެ ބޯޅަ ގޯލްގެ ތެރެއަށް ވަނީ ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކީޕަރުގެ ބޯމަތިންނެވެ.

މެޗުގެ ފަހު ސިކުންތުކޮޅުގައި ވެސް ދިވެހިރާއްޖެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ކެޕްޓަން އިލާން ބޮލުން ޖައްސާލި މިބޯޅަ ދިޔައީ ގޯލްދަނޑިމަތިން ބޭރަށެވެ.

މިމުބާރާތުގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބޫޓާނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top