“ފާޒިލް. އަހަރެން ކޮންމެ ފަހަރަކުވެސް ހިތަށްއަރާ ކަލޭ ދެން މިއަށްވުރެ ދަށު ދަރަޖައަކަށް ނުވެއްޓޭނެޔޭ. އެކަމަކު ކަލޭ ކޮންމެ ފަހަރަކުވެސް އަހަރެންގެ ވިސްނުން ގޯސްކަން އެބަ ސާބިތުކޮށްދެމު. މިހާރު ހުރިހާ ގޮތެއް ހުސްވީމަ ކަލޭ ތި ހަތިޔާރަކަށް ހެދީ ދަރިފުޅޭ. ދެން އަދި އެއްވާހަކަ. އެއްވެސް ހާލަތެއްގައި މަންމައަށް ދަރިފުޅު ނުދެއްކޭ ގޮތަކަށް އެއްވެސް ޤަވާއިދެއްގައިވެސް ނޯވޭ. އަދި ކަލޭގެ ފައިސާއާ ނުފޫޒަކުން ކޯޓަކުން އެގޮތަށް އަމުރެއްވެސް ނުކުރާނެ. އަދި އެންމެ މުހިންމު ވާހަކަ. ކަލޭއަކަށް އަޔާލްއެއް ނުލިބޭނެ.” މެހެކްގެ ހިތްވަރު ފެނިފައި ފާޒިލް ހައިރާންވިއެވެ.
“މާ ފިޔަ ދިގުވެގެން ނޫޅެއްޗޭ. ކޮށާލަން ޖެހިދާނެ.” ފާޒިލް އަނެއްކާވެސް އިންޒާރެއް ދިނެވެ.
“ކަލޭގެ އިންޒާރުތައް ކަލޭ އަތުގައި ބަހައްޓާ. މިހާރު މީ ކަލޭ ހެދިހާގޮތެއް ހެދިގެން ކުރިހާ އަނިޔާއަކަށް ކެތްކުރި މެހެކްއެއް ނޫން. ކަލޭދެކެ އަހަރެން ކުޑަކޮށްވެސް ބިރެއް ނުގަނޭ.” މެހެކް ބުނެލިއެވެ.
“ކަލޭ ބަލަން ހުރޭ އަހަރެން ކަލޭ އަތުން އަޔާލް ޖަހައިގަންނަ ގޮތް.” ފާޒިލް އަތުގެ މުށުން އޭނާގެ ބާރު ދައްކާލަމުން މެހެކްއަށް ބުނެލިއެވެ.
“ކަލޭވެސް ބަލަން ހުރޭ ކަލޭގެ ކުރިމަތިން އަހަރެން އަޔާލް ގޮވައިގެން ނުކުމެގެން ދާތަން.” މެހެކްވެސް ހަމަ އެ ރާގުގައި ބުންޏެވެ.
ދަރިފުޅު ހޯދުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މެހެކް ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ. ފާޒިލްގެ އަމުރު އޭނާގެ މައްޗަށް ނުހިންގޭނީ އޭރުންނެވެ. ފުރިހަމައަށް ފާޒިލްގެ ކިބައިން މިނިވަން ވެގެންނެވެ.
ދަރިފުޅުގެ މައްސަލައިގެ ދެވަނަ އަޑު އެހުމުގައި އަޔާލް ގެނައެވެ. އަޔާލް ލިބޭނެކަމުގެ ޔަޤީންކަން ފާޒިލްއަށް ވަރަށް ބޮޑެވެ. އެޔަށްވުރެ ބޮޑު ޔަޤީންކަމެއް މެހެކްއަށް އޮތެވެ. އޭނާގެ ލޯތްބާއި ޤުރުބާނީގެ އަގު އެ ދަރިފުޅު އަދާކުރާނެއެވެ. އެ ދަރިފުޅު ކިތަންމެ ކުޑަ ނަމަވެސްވެހެވެ.
އަޔާލް ދާން ބޭނުންވަނީ މަންމަ ގާތަށްތޯ ނުވަތަ ބައްޕަ ގާތަށްތޯ ގާޒީ އަޔާލްއާ ސުވާލުކުރިއެވެ.
“އަޅުގަނޑު ބޭނުމީ މަންމަ ކައިރީ ހުންނަން. މަންމަ އަޅުގަނޑުދެކެ ވަރަށް ލޯބިވޭ. މަންމަ ވަރަށް ބިޒީކޮށް އުޅެނީ އަޅުގަނޑަށްޓަކާ. ބައްޕަ ވަރަށް ގޯސް. ބައްޕަ އަބަދު މަންމަ ގައިގައި ޖަހަނީ. އަޅުގަނޑު ދާނީ މަންމަ ކައިރިއަށް.” އަޔާލް ކޯޓުގައި ދިން ޖަވާބުން މެހެކް ރޮއްވާލިއިރު ފާޒިލްއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އޭނާގެ ދަރިފުޅު އޭނައާ ދެކޮޅަށް އެއްޗެއް ބުނެފާނެ ކަމަށް ފާޒިލް ހިއެއް ނުކުރެއެވެ.
ކޯޓުން އަޔާލްގެ ބެލެނިވެރިކަން މެހެކްއާ ހަވާލުކުރިއެވެ. މިއީ މެހެކްއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ފައިސާގެ ކުރިމަތީގައި ލޯބީގެ ބާރު ގަދަކަން ހާމަކޮށްދިން ވަރުގަދަ މިސާލެކެވެ.
“ކޮބާ؟ އަހަރެން ބުނީމެއްނު އަޔާލް ލިބޭނީ އަހަންނަށޭ. ކަލޭގެ ފައިސާއިން ވީ ކޮންކަމެއް؟ ހަމަ ތި ދާން ޖެހުނީ ހުސްއަތާއެއްނު. އެކަމަކު އެއްކަމެއް އަހަރެން ކަލެއަށް ވަރަށް ސާފުކޮށް ބުނެދޭން ބޭނުން. ކޯޓުން އަޔާލް އަހަންނާ ހަވާލުކުރިޔަސް އަޔާލްއަކީ ކަލޭގެ ވެސް ދަރިއެއް. ކަލޭ ބޭނުން ކޮންމެ ވަގުތަކު އޭނައާ ބައްދަލު ކުރެވޭނެ. އެކަމަކަށް އަހަރެން އެއްވެސް ހުރަހެއް ނާޅާނަން.” ކޯޓުން ނުކުމެ މެހެކް ފާޒިލްއާ ބައްދަލުކުރިއެވެ.
“މެހެކް. ކަލޭ އަދި މާ ފޮނިވާކަށް ނުވޭ. އަދި ކަލޭ އަހަންނަށްވުރެ މޮޅުވީ ކަމަށް ހީނުކުރާތި.” މެހެކްއާ ދިމާލަށް ރުޅިވެރިކަމާއެކު ބުނެލުމަށްފަހު ފާޒިލް ބާރުބާރަށް ގޮސް ޕާކު ކޮށްފައި އޮތް ކާރަށް އެރިއެވެ.
ދުވަސްތައް ހޭދަވަމުން ގޮސް މެހެކްއާ ފާޒިލްއަށް ކޯޓަށް ހާޒިރުވާން އެންގިއެވެ. ފާޒިލް މެހެކް ވަރި ނުކުރަން ވަރަށް މަސައްކަތް ކުރިއެވެ. އޭނާގެ ބާރާއި ނުފޫޒުގެ ބޭނުން ވަރަށް ވަރުގަދައަށް ބޭނުން ކުރިއެވެ. ނަމަވެސް ކޯޓުގައި އަޔާލް ދިން ބަޔާނާއެކު ހީކުރި ވަރަށްވުރެ އެކަންވެސް ފަސޭހަވިއެވެ. މައްސަލަ ނިމުނީ މެހެކް ބޭނުންވި ގޮތަށެވެ. އޭނާ ފާޒިލްގެ ކިބައިން މިނިވަންވިއެވެ.
ފާޒިލްގެ ކައިރިން ވަރިވެގެން ކޯޓުން ނުކުތް މެހެކްއަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. ކޮށްޓެއްގައި ބަންދުވެފައި އިން ދޫންޏެއް ކޮށިން މިނިވަންވެ އުދުއްސައިގަނެވުނު ފަދަ މިނިވަން އިހުސާސެކެވެ. އޭނާ އަޒުމު ކަނޑައެޅިއެވެ. ފާޒިލްގެ ގެއިން ފުރަތަމަ ނުކުތް ދުވަހެކޭ އެއްގޮތަށް ދެންވެސް އޭނާ ފަސް އެނބުރިއެއް ނުބަލާނެއެވެ. މިހާ ހިސާބުން އޭނާގެ ދިރިއުޅުމުގެ އާ ބާބެއް ފެށުނީއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަމީނާއާ އިޝާންގެ އެހީތެރިކަމާއެކު މެހެކް މާލެއިން ތިން ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފިއެވެ. އަދި އަޔާލްއާއެކު އޭނާ މިހާރު ދިރިއުޅެމުން ދަނީ އޭނާގެ އަމިއްލަ ގޭގައެވެ. އެހެން މީހެއްގެ ފާޑުކިޔުމެއް ނެތި އުޅެވެން ފެށުމުން އޭނައަށް އެ ލިބުނު މިނިވަންކަމުގެ ހިތްހަމަޖެހުން ބަޔާންކުރާކަށް އޭނައަކަށް ނޭނގެއެވެ.
އަމީނާގެ އެހީތެރިކަމާއެކު މެހެކް މިހާރު ވަނީ ކުޑަ ވިޔަފާރިއެއްވެސް ފަށާފައެވެ. “މެހެކްސް ކޭކްސް” ގެ ނަމުގައި އޭނާ ގޭގައި ތައްޔާރުކުރާ ކޭކުތައް މުޅި މާލެއަށް މަޝްހޫރެވެ. އާއިލީ ސައި ޕާޓީތަކާއި އުފަންދުވަހުގެ ޕާޓީތަކުން ފެށިގެން ބޮޑެތި ކައިވެނި ހަފުލާތަކުގެ ކޭކުތައް އެޅުމަށްވެސް އެންމެ ގިނަ ބައެއްގެ ފުރަތަމަ ހޮވުމަކަށް “މެހެކްސް ކޭކްސް” ވަނީ ވެފައެވެ. މީގެ އިތުރުން ކައިވެނި ޕާޓީތަކުގައި މޭޒުމަތި ފަޅުފިލުވާ ކުކީސް ފަދަ ތަކެތިވެސް އޭނާ ތައްޔާރުކުރެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މެހެކްއާ އިޝާންގެ ގުޅުންވެސް ބަދަހިވަމުން ދިޔައެވެ. އިޝާންގެ ހިތުގައި މެހެކްއާ ދޭތެރޭ ތަފާތު ވިންދެއް ޖަހާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މެހެކްގެ މާޒީ އެނގިފައިވާތީ އޭނާ އެވާހަކަ މެހެކް ގާތު ބުނަން ފަސްޖެހެނީއެވެ. ލޯބި ނުލިބޭ ތާނގައި ރަހުމަތްތެރިކަމުގެ ގުޅުން ކެނޑިދާނެތީއެވެ.
މެހެކްއަށް ވެސް އިޝާންގެ ހިތުގައިވާ އެއްޗެއް އެނގޭހާ ވަރަށް އޭނަ މެހެކްއަށް އަޅާލައެވެ. ނަމަވެސް ދެވަނަ ފަހަރަށް ކައިވެނީގެ ގުޅުމަކަށް ދާން މެހެކް ފަސްޖެހެއެވެ. ފުރަތަމަ ކައިވެނިން ލިބުނު ހިތި ތަޖުރިބާގެ އަސަރު އަދިވެސް އޭނާގެ ހިތުން ފިލައިގެން ނުދާތީއެވެ. އަނެއްކޮޅުން އޭނާ ދެކެނީ އިޝާންއަކީ އޭނަ ހާލުގައި ޖެހުނު ދުވަހު އެހީތެރިވެދިން ވަރަށް ގާތް ރައްޓެއްސެއްގެ ގޮތުގައެވެ.
އަމީނާއަށް ވެސް އިޝާންގެ ހިތުގައިވާ އެއްޗެއް އެނގޭތާ އެތައް ދުވަހެކެވެ. ނަމަވެސް އޭނާ އެވާހަކަ ނުދައްކަނީ އިޝާންގެ ދިރިއުޅުމުގައި ކަންތައް ވެފައި އޮތް ގޮތުންނާއި މެހެކްގެ މާޒީ އޭނައަށް އެނގިފައި ވާތީއެވެ. ވިހެއުމުގެ ތެރޭގައި އިޝާންގެ އަނބިމީހާ އަލަތު ދަރިފުޅާއެކު ނިޔާވި ފަހުން އޭނާ އެފަދަ ގޮތަކަށް އަންހެންކުއްޖަކާ ނުގުޅެއެވެ. އޭގެ ފަހުން އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ މަސައްކަތަށެވެ. އަމީނާއަށް ވެސް އެވާހަކަ ދައްކަން ފުރުސަތެއް ނުދެއެވެ. ދެފަހަރަކު އެވާހަކަ ދައްކަން މަސައްކަތްކޮށް ކާމިޔާބު ނުވުމުން އޭނާ އެ މަސައްކަތް ހުއްޓާލީއެވެ. އަމީނާ އިންތިޒާރު ކުރަނީ އިޝާން އަމިއްލައަށް އޭނާ ގާތު އެވާހަކަ ދައްކާނެ ދުވަހަކަށެވެ.
އަމީނާއަށް އިޝާންގެ ހިތުން ދެވަނަ އަންހެންކުއްޖަކަށް ޖާގަ ދީފިކަން ކަށަވަރުވުމުން އޭނާ އިންތިޒާރުކުރަމުންދާ ދުވަހެއް ނައެވެ. އިޝާން އިސްވެ އެވާހަކައެއް ނުދެއްކިއެވެ. ހުސްހަށިބައިކޮށް ހުރެ ޒުވާން ފިރިހެން ދަރިފުޅުގެ އުމުރު ތިރީހުން މައްޗަށް ދަނީއެވެ. ވުމާއެކު އޭނާ އެވާހަކަ އިޝާންއާ ދައްކަން ނިންމިއެވެ.
އާދައިގެ މަތިން އިޝާން ގެއަށް އައީ ރޭގަނޑު ބާރަވެސް ޖެހި ފަހުންނެވެ. ދޮރު ހުޅުވާލި އަޑަށް ސިޓިންރޫމު ސޯފާގައި ނިދި ޖެހިފައި އިން އަމީނާއަށް ހޭލެވުނެވެ.
“މަންމާ. މިރޭވެސް ހޭލާ.” އިޝާން ދަށަށް ޖަހާފައިވާ ގަމީސް ނައްޓަމުން ބުނެލިއެވެ.
“ދަރިފުޅާ އިޝާން. އާދެބަލަ މިތާ އިށީންނަން.” އަމީނާ އިޝާންއަށް ގޮވާފައި ސޯފާ ދައްކާލިއެވެ. އިޝާން އެއްވެސް ދެކޮޅު ހެދުމެއްނެތި އައިސް އިށީނެވެ.
“ކިހިނެއްވީ މަންމާ؟ މަންމަ ގާތު އަހަރެން އަބަދުވެސް ބުނަމެއްނު މިހާ ލަސްވަންދެން ހޭލާ ނީންނާށޭ. މަންމަގެ ސިއްހަތަށް ބަލާށޭ.” އިޝާން އަބަދުވެސް ކުރާ ޝަކުވާ ކުރިއެވެ.
“ދަރިފުޅު ދެން އަބަދުވެސް ތިހެންތަ އުޅޭނީ؟ ހެނދުނު އޮފީހަށް ދާގޮތަށް ތި އަންނަނީ ހަމައެކަނި ކައި ފެންވަރަން. ދެން ތި އަންނަނީ މެންދަން ވާފަހުން ނިދަން. ތިހެން އަބަދު މަސައްކަތުގައި އުޅޭތަ މީހުން؟” އަމީނާ ވަރަށް ލޯބިން އެހެނަސް ކަންބޮޑުވެފައިވާ ރާގެއްގައި އެހިއެވެ.
“މަންމާ. މަންމަ އެހާ ފިކުރު ނުކޮށްބަލަ. މަންމަ ތިހެން އަބަދު ފިކުރު ކުރަންޏާ ޕްރެޝަރު ހައިވެދާނެ.” އިޝާންއަށް އަމީނާ ދައްކަން އެއުޅޭ ވާހަކަ އެނގެއެވެ. ނަމަވެސް މިފަހަރު އޭނާ އެވާހަކަ ހުއްޓުވާކަށްވެސް ނޫޅެއެވެ.
“މަންމަގެ ފިކުރު ބޮޑުވަނީ ކީއްވެކަންވެސް ދަރިފުޅަށް އެނގެއެއްނު. ދަރިފުޅުގެ އުމުރުވެސް މިހާރު ތިރީހުން މައްޗަށް ދިޔައީ. ޔާނާ ނިޔާވި ފަހުން ތި ހުންނަނީ މީހަކާ ނީނދެ. މަންމަ ވެސް ބޭނުންވާނެއެއްނު ދަރިފުޅު މީހަކާ އިނދެ އުފާވެރި ދިރިއުޅުމެއް އުޅޭތަން ދެކެން. އެކަމަކު..” އަމީނާ ވާހަކަދައްކަމުން ގޮސް އިޝާންއަށް ބަލާލާފައި ހުއްޓާލިއެވެ. އިޝާންގެ މޫނުމަތީގައިވާ ހިތާމަ ވެސް އޭނައަށް ފެނެއެވެ. ނަމަވެސް އެކަމަށް ނިމުމެއް ގެންނަން އެބަ ޖެހެއެވެ. އުމުރު ދުވަހު އެކަމާ ހިތާމަ ކުރިޔަސް ޔާނާއެއް ދެން އެނބުރިއެއް ނާންނާނެއެވެ.
“ދަރިފުޅު ކީއްވެތަ އެ ހަނދާންތަކާ ދުރަށް ދެވޭތޯ މަސައްކަތް ނުކުރަނީ؟ މަންމައަށް އެނގޭ ދަރިފުޅު ޔާނާދެކެ ކިހާ ލޯބިވާކަން. އެކަމަކު ކިތަންމެ ވަރަކަށް ލޯބިވިޔަސް ޔާނާއެއް ދެން އެނބުރިއެއް ނާންނާނެ ދަރިފުޅާ. އަނެއްކޮޅުން ޔާނާ ބޭނުންވާނެތަ އޭނަ ނެތް ދުނިޔެއެއްގައި ދަރިފުޅު ތިހެން ދިރިއުޅުން ހުއްޓާލާފަ ހިތާމަކުރަން. ނޫނެއްނު.” އަމީނާ އިޝާންއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
“މަންމާ. އަހަންނަށް ތި ހުރިހާ އެއްޗެއްވެސް ވިސްނެޔޭ. އެކަމަކު ހިތަށް އަރާހާ ފަސޭހަ ކަމެއް ނޫނޭ ލޯބިވާ މީހަކު ހަނދާން ނައްތާލުމަކީ. އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް މަންމައަށް. ނޫންނަމަ ބައްޕަ ނިޔާވީމަ މަންމަވެސް މިހާ ދުވަސް ވަންދެން މީހަކާ ނީނދެ ނުހުރީހެއްނު.” އިޝާން މަންމަގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.
“ދަރިފުޅާ. މަންމައާ ދަރިފުޅުގެ ހާލަތުވެސް ތަފާތު. ބައްޕަ ނިޔާވިއިރު ދަރިފުޅަށް އެންމެ ފަސް އަހަރު. މަންމަ ބިރުގަތީ ދަރިފުޅަށް ދޮންބައްޕައެއް ހޯދައިދޭން. ދަރިފުޅަށް ދެރައެއް ލިބިދާނެތީ. ދެން ދަރިފުޅު ބޮޑުވީމަ މަންމައަށް އެކަން އެހާ މުހިންމު ކަމަކަށްވެސް ނުވީ. އެކަމަކު ދަރިފުޅަކީ އަދި ޒުވާނެއް. ތިހެން އުމުރު ހުސްކޮށްލާކަށް ނުވާނެ.” އަމީނާ އިޝާންގެ ބޮލުގައި ފިރުމާލިއެވެ.
“މަންމާ. އަހަރެންވެސް ވަރަށް މަސައްކަތްކުރިން ޔާނާ މަތިން ހަނދާން ނައްތާލެވޭތޯ. މުޅިން ހަނދާން ނައްތާނުލެވުނަސް ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ. އެކަމަކު އެހެން އަންހެންކުއްޖަކުދެކެ އަހަންނަކަށް ލޯތްބެއް ނުވެވުނު މަންމާ. ލޯބިނުވާ މީހަކާ އެކީ ކިހިނެއް ދިރިއުޅޭނީ؟” އިޝާން ބުންޏެވެ.
“އެކަމަކު މިހާރު ލޯބިވަމެއްނު.” އަމީނާ އެހެން ބުނެލުމާއެކު އިޝާން ކުއްލިއަކަށް އަމީނާގެ ކޮނޑުމަތިން ބޯ ނަގައި އަމީނާއަށް ބަލައިލިއެވެ. އަމީނާ ބޯ ޖަހާލިއެވެ.
“މީ މަންމައޭ. ނުބުނަނީސް ދަރިފުޅުގެ އިހުސާސްތައް މަންމައަށް އެނގޭނެ. މެހެކްދެކެ ލޯބިވަމެއްނު.” އަމީނާ ބުނެލިއެވެ.
“އާނ މަންމާ. އަހަންނަށް މެހެކްދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށްވެސް ލޯބިވެވިއްޖެ. އެކަމަކު އަހަންނަކަށް ނުކެރޭނެ މެހެކް ގާތު މިވާހަކަ ބުނާކަށް. ފާޒިލްގެ ސަބަބުން އޭނަ ވަނީ ފިރިހެނުންނަށް އިތުބާރުކުރުން ހުއްޓާލާފައި. އަހަރެން މިވާހަކަ ބުނެގެން އޭނަ އަހަންނާ ރަހުމަތްތެރިކަން ކަނޑާލާކަށް އަހަރެން ބޭނުމެއް ނޫން.” އިޝާން ބުނެލިއެވެ.
“ދަރިފުޅާ. ލޯބިވަންޏާ އެވާހަކަ ބުނަން ޖެހޭނެ. ފަހަރެއްގައި ނާކާމިޔާބުވެސް ވެދާނެ. އެކަމަކު މެހެކްއަކީ ވަރަށް ހިތްވަރުގަދަ ވަރަށް އަޚުލާޤު ރަނގަޅު ކުއްޖެއް. ވަރަށް ވިސްނުންތެރި ކުއްޖެއް. މަންމަގެ ހިތް ބުނޭ އޭނަ ރުހޭނެޔޭ.” އަމީނާ އިޝާންއަށް ހިތްވަރު ދިނެވެ.
“މެހެކް ނޫނެކޭ ބުނެފިއްޔާޔޯ؟” އިޝާން އަދިވެސް ޖެހިލުންވަނީއެވެ. މެހެކް ގެއްލިދާނެތީއެވެ.
“ބުނީމައެއްނު އެނގޭނީ. މަންމަގެ ހިތެއް ނުބުނޭ އޭނަ ދަރިފުޅާ ގުޅުން ކަނޑާލާނެއެކޭ. އެއަށްވުރެ ރަނގަޅު ކުއްޖެއް އެއީ.” އަމީނާއަށް އެވަރުގެ ޔަޤީންކަން އެބައޮތެވެ.
އިޝާން ވެސް ނިންމީ މެހެކް ގާތު އެވާހަކަ ބުނުމަށެވެ. އެވާހަކަ ބުނުމަށްފަހު ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ހެޔޮކަމަށެވެ. މަންމަގެ ވާހަކައިން އޭނައަށް ހިތްވަރު ލިބިއްޖެއެވެ.
އަނެއް ދުވަހު ހެނދުނު އޮފީހަށް ގޮސްފައި އިޝާން މެހެކްއާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުންޏެވެ. އޮފީސް ގަޑި ނިންމާފައި ހަވީރުގެ ވަގުތު އާޓިފިޝަލް ބީޗުން ބައްދަލުކުރަން ގަޑި ކިޔެވެ.
ހަވީރު ހަތަރުގަޑި ބައިވީއިރު މެހެކް ހުރީ އާޓިފިޝަލް ބީޗުގައެވެ. އޭގެ ފަނަރަ ވަރަކަށް މިނެޓު ކުރިން އިޝާން ހުރީ އެތަނަށް ގޮހެވެ. ދެމީހުން އެތާ ހުރި ބެންޗެއްގައި އިށީނެވެ.
“މެހެކް. އަހަރެން މެހެކްއާ ބައްދަލުކޮށްލަން ބޭނުންވީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން. އުހުނ. ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން. ފަހަރެއްގައި މިވާހަކަ ބުނީމަ މެހެކް ހިތްހަމަވެސް ނުޖެހިދާނެ. އެކަމަކުވެސް އަހަރެން ހިތަށް އެރީ މިވާހަކަ ބުނާނީއޭ. ނުބުނެ ހުރީމަ ހިތަށް އުނދަގޫވުން ނޫންކަމެއް ނުވޭ. އެހެންވެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭތޯ މިވާހަކަ ބުނަން ބޭނުންވީ.” އިޝާންގެ ވާހަކަ ވަރަށް ކަނުލައި އަޑުއަހަން މެހެކް އިނެވެ.
އިޝާން މެހެކްއަށް ބަލައިލީ މެހެކް އެއްވެސް އެއްޗެއް ނުބުނީމައެވެ. މެހެކް އިޝާރާތުން ކުރިއަށް ގެންދާށޭ ބުނެލިއެވެ.
“މެހެކް. އަހަންނަކަށް ނޭނގެ މިވާހަކަ ބުނާނެ ގޮތެއް. އަދި މިވާހަކަ ބުނީމަ މެހެކް ކަންތައް ކުރާނެ ގޮތެއްވެސް.” ޖެހިލުންވާކަން ހާމަކުރަމުން އިޝާން ބުނެލިއެވެ.
“އިޝާން. ކޮން ވާހަކައެއް ބުނަން ތިހާ އުނދަގޫވެގެން ތި އުޅެނީ؟ އެވާހަކައެއް ބުނީމަ އަހަރެން ރިއެކްޓް ކުރާނެ ގޮތަކާ ދޭތެރޭ އެހާ ކަންބޮޑުވާވަރުގެ ކޮން ވާހަކައެއްތޯވެސް ބަލާހިތް ވެއްޖެ މިހާރު. ދެން ބުނެބަލަ. އޭރުންނެއްނު އެނގޭނީ.” މެހެކް ހިތްވަރު ދިނެވެ.
“މެހެކް. އަހަންނަށް މެހެކްދެކެ ލޯބިވެވިއްޖެ. އަހަރެން ބޭނުންވަނީ މެހެކްއާ ކައިވެނިކުރަން.” އިޝާން ވަރަށް ހިތްވަރުކޮށްލާފައި ބުނެލިއެވެ.
(ނުނިމޭ)
