އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ފަހަކަށް އައިސް ކުރަމުންދާ ބޯ ވިއްސާރައަކީ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް އަޑީގައި ހުރެގެން ހިންގާ “ކްލައިމެޓް އެކްސްޕެރިމެންޓް” ނުވަތަ މޫސުމަށް ބަދަލު ފަރުމާކުރުމުގެ ތަޖުރިބާއެއްގެ ނަތީޖާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިއްޖެއެވެ.
މި ވާހަކަތައް ފެތުރެން ފަށާފައިވަނީ ދިއްލީއަށް އާދަޔާ ހިލާފަށް ގިނައިން ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ދިއްލީގެ މޫސުމަށް މި އަންނަ ކުއްލި ބަދަލުތަކަކީ ބިލް ގޭޓްސް ފަންޑުކުރާ “ސޯލާ ޖިއޯއިންޖިނިއަރިން” މަޝްރޫއެއްގެ ބައެކެވެ. މި މަޝްރޫއުގެ ބޭނުމަކީ އިރުގެ ދޯދިތައް ފަހަތަށް އަނބުރާލައި ދުނިޔެ ހޫނުވުން ކުޑަކުރުން ކަމަށް ބުނެވުނު ނަމަވެސް، އޭގެ ސަބަބުން ނޭދެވޭ މޫސުމީ އަސަރުތަކެއް ކުރަމުންދާ ކަމަށް މި ޚަބަރުތަކުގައި ބުނެފައިވެއެވެ.
ނަމަވެސް، މިކަމާ ގުޅޭގޮތުން ކުރެވުނު ތަހުގީގުތަކުންނާއި މޫސުމީ މާހިރުންގެ ވާހަކަތަކުން އެނގޭ ގޮތުގައި، މި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. ބިލް ގޭޓްސް މީގެ ކުރިން ބައެއް ސައިންޓިފިކް ދިރާސާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވީ ނަމަވެސް، ދިއްލީއަށް މިހާރު ކުރަމުންދާ ވިއްސާރައާ އޭނާއާ އެއްވެސް ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
މޫސުމީ އިދާރާތަކުން ބުނާ ގޮތުގައި ދިއްލީއަށް ކުރަމުންދާ ވިއްސާރައަކީ ތަބީއީ ގޮތުން އަންނަ މޫސުމީ ބަދަލުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މިއީ އެއްވެސް އިންސާނަކު ރާވައިގެން ހިންގާ ތަޖުރިބާއެއް ނޫން ކަމަށާއި، މިފަދަ ދޮގު ޚަބަރުތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ މި “ކޮންސްޕިރަސީ ތިއަރީ” ތަކަކީ އެއްވެސް ސައިންޓިފިކް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫންކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
