އެ ކެފޭ
އެ ކެފޭއަކީ އެތަނުގެ ތެރޭގައި ހުރި އަޑުގަދަކަމާ އަޅާބަލާއިރު މާ ކުޑަ ތަނެކެވެ.
މާލޭގެ ކާރޫބާރޫ ބޮޑު ދެ މަގެއްގެ ދެމެދުގައި ހުރި އެ ކެފޭގެ ތެރެއިން އިވެނީ ތަށިތައް ޖެހޭ އަޑާއި، އަވަސްއަވަހަށް ހިނގާބިނގާވެ އުޅޭ މީހުންގެ އަޑެވެ. މުޅި ފަޒާގައި ހިފާފައިވަނީ ކޮފީގެ ވަހާއި، ތެލުލި ހެދިކާގެ ވަހުގެ އިތުރުން، މާލޭގެ ޖައްވުން ދުވަހަކުވެސް ފިލައިގެންނުދާނެ ދުއްވާ އެއްޗެހީގެ ދުމުގެ ވަހެވެ.
އެހެންނަމަވެސް، އެ ކެފޭގެ އެންމެ އަނދިރި ކަނުގައި ހުރި މޭޒުދޮށުގައި ތިބީ ވަރަށް ކުޑަކުޑަ އާއިލާއެކެވެ.
އަމީރާ އެތަނުގައި އިނީ ވަރަށް މަޑުމަޑުންނެވެ. އެއީ ޒުވާން އަންހެނެކެވެ. ނަމަވެސް، ވަރުބަލިކަމުގެ ސަބަބުން އޭނާގެ އުމުރަށްވުރެ މާ މުސްކުޅި ކަމަށް ދައްކައެވެ. އިސްތަށިގަނޑު އޮތީ އެއްވެސް ތަރުތީބެއް ނެތި، ވަރަށް ފަރުވާކުޑަ ގޮތަކަށް ބޮލުގެ މައްޗަށް ހުޅިއެއް ޖަހާފައެވެ. ލޮލުގެ ތިރީގައިވާ ކަޅުކަން އޭނާގެ ވަރުބަލިކަން ހާމަކޮށްދެއެވެ. އެއްްއިރެއްގައި ތާހިރުކޮށް ހުރި އޭނާގެ ހެދުން، މިހާރު ވަނީ މިލަވެ ދާވެފައެވެ. އޭނާގެ ނިކަމެތި ހަށިގަނޑުގައި ހަރުލާފައި ހުރީ ރޮދިފަށްތަކެއް ފަދައިންނެވެ.
އޭނާއަކީ އެފަދަ މާހައުލަކަށް ފެތޭ މީހެއް ނޫނެވެ. ޚާއްޞަކޮށް މިފަދަ ހާލަތެއްގައެވެ.
އަމީރާގެ ނަޒަރު މުޅި ތަނަށް ހިންގާލިއެވެ. ދޮރުމައްޗަށެވެ. ކުޑަދޮރަށެވެ. ކައުންޓަރަށެވެ. އަދި އެތަނުގައި ތިބި މީހުންނަށެވެ. އެންމެ ފަހުން އަނެއްކާވެސް ދޮރުމައްޗަށް ނަޒަރު ހުއްޓާލިއެވެ. އަބަދުވެސް އޭނާގެ ލޯ ހޯދަނީ އެ ދޮރެވެ.
ދުނިޔެ އޭނާގެ އަތުން އެކުދިން އަތުލައިފާނެކަމުގެ ބިރުގައި އުޅޭ ފަދައަކުން، އޭނާގެ ދެ ދަރިން އޭނާގެ އަތުގެ ތެރެއަށް ބާރުކޮށްލިއެވެ.
އެމީހުން އިށީނދެގެން ތިބި ކަނުގައި ހުރި އަނދިރި، އެހެން މީހުން އިށީންނަން އިޚްތިޔާރު ނުކުރާ މޭޒުން ކުޑަ އަޑެއް އިވުނެވެ. އެ މޭޒުގެ ހަލާކުވެފައިވާ ފައިތަކަކީ އެތައް ބައެއްގެ ވާހަކަތައް އަޑުއިވިފައިވާ އެއްޗަކަށް ވިޔަސް، އަމީރާގެ ވާހަކަ ފަދަ ހިތްދަތި ވާހަކައެއް އެ މޭޒަށް ވެސް އަޑުއިވިފައެއް ނުވާނެއެވެ.
“މަންމާ.. މަންމާ..”
އެ މަޑުމައިތިރި އަޑާއެކު އޭނާގެ ޚިޔާލީ ދުނިޔެއިން ހޭލެވުނެވެ. އެއީ މާވިން އެވެ.
އޭނާގެ ކުޑަކުޑަ ފަސް އަހަރުގެ ފިރިހެން ދަރިފުޅު އޭނާއަށް ބަލާލިއެވެ. އެ މައުސޫމް ދެލޮލުން ފެންނަނީ ވަރުބަލިކަމެވެ. ރޯގާގެ އަސަރު މުޅިން ނުފިލާތީ، ކުއްޖާގެ ކޮލަށް ވަނީ ރަތްކަން އަރާފައެވެ. ކައިރީގައި އިން އަންހެން ދަރިފުޅު މީޝާ އޭނާގެ ގައިގައި މަޑުމަޑުން ކޮށްޓާލީ ބަނޑުހައިވެފައި ހުރި މިންވަރު ހާމަކޮށްދެމުންނެވެ. މިއީ އަމީރާގެ ތުއްތު ތުއްތު ފަސް އަހަރުގެ އެއްމާބަނޑު ދެކުދިންނެވެ.
އެކުދިން ތިބީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެތައް ދުވަހެއް ވަންދެން އެކުދިން ތިބީ ރަނގަޅަށް ނުކައި ބަނޑަށެވެ.
“އާނ ދަރިފުޅާ.” އަމީރާ ވަރަށް މަޑުމަޑުން ބުންޏެވެ. “ހިނގާ އެއްޗަކަށް އޯޑަރު ކުރަން.”
އެއާއެކު އެކުދިންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. އެއީ ކުޑަ ނަމަވެސް، ހަޤީޤީ އުފާވެރިކަމެކެވެ.
މީޝާ އޭނާގެ ކުޑަކުޑަ ދެއަތުން އަތްތިލަބަޑި ޖަހާލިއެވެ. އެކުއްޖާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ލައިގެން ހުރި ހެދުމުގައި ވަނީ ކާ އެއްޗެއްސާއި ހިރަފުހުގެ ލައް ޖެހިފައެވެ. އެއްއިރެއްގައި ރީތިކޮށް އޮތް ބޫޓު މިހާރު ވަނީ ބާވެ، ހަލާކުވެފައެވެ. ނަމަވެސް އެކުއްޖާއަށް އެއިން އެއްވެސް ކަމެއް މުހިންމެއް ނޫނެވެ. މުހިންމީ ކާނާއެވެ. އުންމީދެވެ.
އެކުދިންނަށް ބަލަހައްޓައިގެން ހުރި މަންމަގެ ހިތުގައި ރިހުމެއް އުފެދުނެވެ.
މިވީ މަދު ދުވަސްކޮޅެއް ނޫނެވެ. ރަނގަޅު ކާނާއެއް ނުލިބޭތާ، ރައްކާތެރިކަމެއް ނެތްތާ، އަދި އާދައިގެ ދިރިއުޅުމެއް ނޫޅެވޭތާ ވަރަށް ދުވަސްވެއްޖެއެވެ. ހިކި ފާރޮށިކޮޅަކާއި، ބިސްކޯދު ޕެކެޓެއް، ނޫނީ އެކުދިންގެ މެދުގައި ބަހާލައިގެން ބޯލާ ކުޑަ ކިރުފޮދެއް، ފެންފޮދެއް ފިޔަވައި އެއްޗެއް ނުލިބޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އަމީރާގެ ހިތަށް ބާރުވިއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ދަރިން މި ހާލަތަށް ވައްޓާލާނީ ކޮންފަދަ މަންމައެއް ހެއްޔެވެ؟
އޭނާގެ އިނގިލިތައް ތުރުތުރުލާ ހާލު މޭޒުގެ އަރިމަތީގައި ހިފަހައްޓާލިއެވެ. ނޫނެކެވެ. މިފަދަ ގޮތަކަށް ވިސްނައިގެން ނުވާނެއެވެ. މިވަގުތަކު ނޫނެވެ. މިތަނަކު ނޫނެވެ.
އަނެއްކާވެސް އޭނާގެ ނަޒަރު މުޅި ތަނަށް ހިންގާލިއެވެ. ކައުންޓަރު ކައިރީގައި ހުރި މީހަކު ބާރަށް ހީގަތެވެ. ގޮނޑިއެއް ދަމާލި އަޑު އިވުނެވެ.
ދޮރު ހުޅުވުނެވެ.
އޭނާ ގަނޑުވި ކަހަލައެވެ. ކުޑަ ހިނދުކޮޅަކަށް މުޅި ދުނިޔެ ހުއްޓުނު ފަދައެވެ. އޭނާގެ ދަރިންގެ ގައިގައި ބާރަށް ބައްދާލިއެވެ.
އޭނާ ބަލަހައްޓައިގެން އިނީއެވެ. އިންތިޒާރު ކުރަނީއެވެ. ކޮންމެވެސް ކަމަކަށެވެ. ނޫނީ ކޮންމެވެސް މީހަކަށެވެ.
ވެއިޓަރު ހުރީ އެމީހުންނަށް ސަމާލުކަން ދީގެނެވެ. އެއީ އަމީރާއަށް އުނދަގޫވާ ފަދަ ގޮތަކަށް ނޫނެވެ. ނަމަވެސް، ހީވަނީ ހުރިހާ ކަމެއް ވެއިޓަރަށް އެނގޭހެންނެވެ. މިއީ މި ވެއިޓަރު އެމީހުންގެ މޭޒު ކައިރިއަށް އައި ހަތަރުވަނަ ފަހަރެވެ.
އޭނާއަކީ ބަންގްލަދޭޝްގެ ޒުވާނެކެވެ.
މަޑުމައިތިރި، ކަންކަމަށް ލޯހުޅުވިފައިވާ މީހެކެވެ. އޭނާގެ ހަރަކާތްތައް ހުރީ ވަރަށް އޯގާތެރިކޮށް، ރައްކާތެރިކަމާ އެކުގައެވެ. ހީވަނީ ބައެއް މީހުންނަށް ޚިދުމަތަށްވުރެ ބޮޑަށް ބޭނުންވަނީ ހަމަޖެހިލާނެ ފުރުސަތެއްކަން އޭނާއަށް ވިސްނޭހެންނެވެ.
މީގެ ކުރިން ވެސް އޭނާ މިފަދަ މަންޒަރުތައް ދެކެފައިވެއެވެ.
ވަރަށް ގިނަ ފަހަރުއެވެ.
ވެއިޓަރު އަންނަ ކޮންމެ ފަހަރަކު، އަމީރާގެ މޫނަށް ބަލާލައެވެ. އިސްޖަހައިލައިގެން އަމީރާ މެނޫގެ އަގުތަކަށް ނަޒަރު ހިންގާލާއިރު އިނގިލިތައް ދިޔައީ ކުޑަކޮށް ތުރުތުރުލަމުންނެވެ. ނަމަވެސް އެ ވެއިޓަރު އެއްވެސް އެއްޗެއް ނުބުނެއެވެ. އޯޑަރެއް ނުދީގެން ޝަކުވާއެއް ނުކުރެއެވެ. ހަމައެކަނި އިންތިޒާރު ކުރަނީއެވެ. ހަމައެކަނި ބަލަހައްޓައިގެން ހުރީއެވެ.
“ދައްތާ.”
އެހެން މީހުންގެ ސަމާލުކަން ނުލިބޭނޭހާ މަޑުމައިތިރި އަޑަކުން އޭނާ ބުންޏެވެ. އަމީރާ ސިހިފައި އިސްއުފުލާލިއެވެ. ހިނދުކޮޅަކަށް، ދެމީހުންގެ ނަޒަރު ސީދާވިއެވެ. އޭނާގެ ލޮލަކުން ފާޑުކިޔުމެއް ނުފެނެއެވެ. ފެންނަން ހުރީ ހަމައެކަނި ހަމްދަރުދީއާއި ވިސްނުންތެރިކަމެވެ.
“ލާރި ހުންނަނީތަ؟” އޯގާތެރިކަމާއެކު އޭނާ އެހިއެވެ.
“އަހަރެން ފްރެންޗް ފްރައިޒްއާއި ކުދިންނަށް ބޯނެ ފިނި އެއްޗެއް ގެނެސްދީފާނަން. އޯކޭތަ؟ އަހަރެން ލާރި ދޭނަން.” އެ ބަސްތައް އައީ ވަރަށް މަޑުމައިތިރިކޮށެވެ.
ނަމަވެސް އެއީ އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރެއް ކުރި ކަމެކެވެ. އޯގާތެރިކަމެވެ. ނުވިސްނާ ހުއްޓާ ލިބުނު، ނޭދެނީސް ލިބުނު އެހީތެރިކަމެކެވެ. އެ ހިނދުކޮޅުގައި އަމީރާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ނަމަވެސް އިހުސާސްތަކަށްވުރެ ބޮޑަށް އޭނާގެ އަމިއްލަ ނަފްސުގެ ރައްކާތެރިކަން އިސްކުރިއެވެ. ކަރާމާތެވެ. އޭނާ ކުޑަކޮށް ސީދާވެލައި، ހިނިތުންވުމެއް ދައްކާލުމަށް މަސައްކަތް ކުރިއެވެ.
“ނޫން. ޝުކުރިއްޔާ.” އަމީރާ އަވަސްއަވަހަށް ބުންޏެވެ. “އަހަރެން އޯޑަރު ދެނީ މި.”
“އެއް ޕޯޝަން ފްރެންޗް ފްރައިޒް. ދެ ތަށި މައިލޯ. އަދި ދެ ކުކީޒް. ޝުކުރިއްޔާ.”
ވެއިޓަރު ބޯޖަހާލިއެވެ.
އޭނާ އިތުރަށް ޒުވާބެއް ނުކުރެއެވެ.
އަދި ގޮތް ދޫނުކޮށް ހުންނާކަށް ވެސް މަސައްކަތެއް ނުކުރެއެވެ.
ހަމައެކަނި ވިސްނޭކަން ހާމަކޮށްދޭ ހިނިތުންވުމަކާއެކު ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ވެއިޓަރު ދިޔުމާއެކު..
އަމީރާގެ ހިތްވަރު އެލުނެވެ. އޭނާގެ އަތް އަވަސްއަވަހަށް ޖީންސްގެ ޖީބަށް ބޭނިއެވެ. އަދި އަތުގައި ހުރި އެއްޗެއް ނެގިއެވެ. ބޮނޑިވެފައި ހުރި ނޫޓުތަކެކެވެ. މަދު ވަކިލާރިކޮޅެކެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު އެތަކެތި މޭޒުމަތީގައި ބެހެއްޓިއެވެ. އެހެން މީހުންނަށް ނުފެންނާނޭހެން އަތުން ނިވާކުރަމުންނެވެ.
ދިހައެއް. ވިިހި. ފަންސާސް. އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭނާ އަލުން ގުނިއެވެ. މިފަހަރު މާ ލަހުންނެވެ. ހީވަނީ އެ އަދަދުތައް ބަދަލުވެދާނެކަމަށް އުންމީދުކުރާހެންނެވެ. ނުވަތަ އުންމީދަކުން އެ ފައިސާ އިތުރުވެދާނެކަމަށް ހީކުރާހެންނެވެ. ނަމަވެސް އެހެންނެއް ނުވިއެވެ.
ބިރުވެރިކަމުގެ ފިނި ރާޅެއް އޭނާގެ ހަށިގަނޑަށް ސަވާރުވިއެވެ.
އެ ފައިސާ މަދުވެދާނެތީއެވެ.
އޭނާ ވަގުތުން އިސްއުފުލާލިއެވެ.
ނަޒަރު ހުރީ ތޫނުކޮށް، ނުތަނަވަސްކަމާއެކުގައެވެ.
އެއް މޭޒުން އަނެއް މޭޒަށް ބަލަމުން ދިޔައެވެ. ކޮންމެ މޫނަކަށް ވަކިވަކިންނެވެ. ހޯދަމުން ދިޔައެވެ. ދަންނަ މޫނެއް ފެނޭތޯއެވެ. ކޮންމެވެސް މީހަކު.. އޭނާ ދަންނަ، އެހީތެރިވެދޭނެ މީހަކު..
ނޫނީ އޭނާގެ ހިތް ބާރަށް ތެޅިގަތެވެ.
ނޫނެކެވެ.
ހަމައެކަނި އެހީއެއް ނޫނެވެ.
އަމީރާ ހޯދަން އުޅޭ މީހަކު ފެނިދާނެތީއެވެ. އޭނާ އަވަސްއަވަހަށް ނަޒަރު ވަކިކޮށްލިއެވެ. ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ދޮރާ ދިމާލަށެވެ. ކައުންޓަރާ ދިމާލަށެވެ. އަލަމާރިތަކުގެ ފަހަތުގައި ހުރި ލޯގަނޑާ ދިމާއެވެ. ކޮންމެ ސޫރައަކީ ވެސް ނުރައްކަލެއް ކަމުގައި ހީވަމުން ދިޔައެވެ. ކޮންމެ ބީރައްޓެހި މީހަކީ ވެސް ކުރިމަތިވެދާނެ ބިރެކެވެ.
އަމީރާ ފައިސާތައް އަލުން އަތަށް ނެގިއެވެ. އަދި ވަރަށް ބާރަށް އަތް މުށްކަވާލިއެވެ.
މާ ބާރަށެވެ.
އަތުގެ އިނގިލިތަކުގެ ހަންގަނޑު ހުދުވާ ވަރަށެވެ.
“މަންމާ.” މީޝާ ވަރަށް މަޑުމައިތިރިކޮށް ގޮވާލިއެވެ. އެ ކުޑަ އަންހެން ކުއްޖާގެ އަޑުގައި ކުރިން ހުރި އުފާވެރިކަމެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި ހުރީ ނުތަނަވަސްކަމެވެ. އޭނާއަށް ނުވިސްނޭ ކޮންމެވެސް ކަމެއް އިހުސާސްވަނީއެވެ. އަމީރާ އަލުން ހިނިތުންވުމެއް ދެއްކުމަށް މަސައްކަތް ކުރިއެވެ. އަދި އޭނާގެ ދަރިފުޅުގެ ހާވާލެވިފައިވާ އިސްތަށިގަނޑުގައި އޯގާތެރިކަމާއެކު އަތް ފިރުމާލިއެވެ.
“ޑޯންޓް ވޮރީ. އިޓްސް ގޮއިންގް ޓުބީ ފައިން.” އަމީރާ ސިއްރުން ބުންޏެވެ. ނަމަވެސް އޭނާގެ ލޯ މިހާރުވެސް ހުރީ އެހެން ދިމާއަކަށް ހުއްޓިފައެވެ އަލުން ދޮރާ ދިމާއަށެވެ.
މިފަހަރު.. އޭނާ އެ ދިމާއިން ނަޒަރު ވަކިކޮށްލީ މާ ލަހުންނެވެ.
(ނުނިމޭ)
