ބަތް، ޕާސްތާ އަދި އަލުވި ފަދަ ތަކެތި ކައްކާފައި ފިނިކޮށްގެން ބޭނުންކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމަށް މާހިރުން ބުނެއެވެ. ނަމަވެސް، މީގެ ސަބަބުން ކެލޮރީ މަދުވާ މިންވަރަކީ ސޯޝަލް މީޑިއާގެ ނުފޫޒުގަދަ ފަރާތްތަކުން ބުނާހާ ބޮޑު މިންވަރެއް ނޫނެވެ.
ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ކެލޮރީ މަދު ބަތް، ޕާސްތާ ނުވަތަ އަލުވި ތައްޔާރުކުރުމުގެ ސިއްރަކީ އެ ތަކެތި ކައްކާފައި ފިނިކޮށްލުމެވެ. މިއީ ތެދެއް ހެއްޔެވެ؟ މުޅިއަކުން އެހެންނެއް ނޫނެވެ. އެހެންނަމަވެސް، ކެލޮރީ ގިނަ މިފަދަ ކާބޯހައިޑްރޭޓްސް ކައްކާފައި ފިނިކޮށްގެން ކެއުމަކީ ބަރުދަން ލުއިކުރުމަށް ކޮންމެވެސް މިންވަރެއްގެ އެހީއެއް ލިބިދާނެ ކަމެއްކަން ސައިންޓިފިކް ދިރާސާތަކުން ދައްކައެވެ.
ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި، ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ‘ރެޓްރޯގްރެޑޭޝަން’ ކިޔާ މަރުހަލާއެއް އިޝްތިހާރުކޮށްފައެވެ. މިއީ ކާބޯހައިޑްރޭޓްސް ގިނަ ތަކެތި ކައްކާފައި، ފިނިކުރުމަށްފަހު އަލުން ހޫނުކޮށްގެން ކެއުމެވެ. މީގެ ސަބަބުން ކެލޮރީ މަދުވާނެ ކަމަށް އެފަރާތްތަކުން ދައުވާކުރެއެވެ. ‘ރެޓްރޯގްރެޑޭޝަން’ އަކީ ހަގީގީ މަރުހަލާއެއް ނަމަވެސް، މީގެ ނަތީޖާއަކީ އެހާ ސާދާ ކަމެއް ނޫނެވެ.
ދެ ބާވަތެއްގެ ސްޓާޗް
މިފަދަ ކާނާގައި ހިމެނޭ ގިނަ ކާބޯހައިޑްރޭޓްސް އާއި ކެލޮރީ އަންނަނީ ‘ސްޓާޗް’ އިންނެވެ. ސްޓާޗްގެ މައިގަނޑު ދެ ބާވަތެއް ހުރެއެވެ. އެއީ ހަޖަމުކުރަން އުނދަގޫ ‘އެމިލޯސް’ އާއި ހަޖަމުކުރަން ފަސޭހަ ‘އެމިލޯޕެކްޓިން’ އެވެ. ފަސޭހައިން ހަޖަމުވާ ބާވަތް ހަށިގަނޑަށް އަވަހަށް ބޭނުންކޮށް، ލޭގައި ހަކުރު ހުންނަ މިންވަރު މަތިކޮށްލައެވެ. ނަމަވެސް ހަޖަމުކުރަން އުނދަގޫ ބާވަތް ލަހުން ބޭނުންކުރުމުގެ ސަބަބުން ލޭގެ ހަކުރު އެއްވަރެއްގައި ހިފަހައްޓައިދެއެވެ.
ނުކައްކާ ހުންނަ ގިނަ ކާބޯހައިޑްރޭޓްސް (މިސާލަކަށް ރޯ އަލުވީ) ގައި ގިނައިން ހުންނަނީ ހަޖަމުކުރަން އުނދަގޫ ސްޓާޗް (މީގެ އިތުރު ނަމަކީ ރެސިސްޓަންޓް ސްޓާޗް) އެވެ. އެހެންނަމަވެސް، ކެއްކުމުގެ ތެރެއިން މިއީ ފަސޭހައިން ހަޖަމުވާ ބާވަތަށް ބަދަލުވެއެވެ. ހަކުރު ބަލި ހުންނަ މީހުން މިފަދަ ތަކެތި ކެއުމުގައި ސަމާލުވާންޖެހޭ ސަބަބަކީ މިއީއެވެ.
ކައްކާފައި ހުންނަ ކާނާ ފިނިކުރުމުން ‘ރެޓްރޯގްރެޑޭޝަން’ މަރުހަލާ މެދުވެރިވެ، ފަސޭހައިން ހަޖަމުވާ ސްޓާޗް އަލުން ހަޖަމުކުރަން އުނދަގޫ ސްޓާޗަށް ބަދަލުވެއެވެ. މިގޮތަށް ބަދަލުވުމުން، އަލުން އެ އެއްޗެއް ހޫނުކުރި ކަމުގައިވިޔަސް، ހަޖަމުކުރުން ހުންނާނީ އުނދަގޫކޮށްލާފައެވެ.
މީގެ ސަބަބުން ކެލޮރީ އާއި ލޭގެ ހަކުރަށް ކުރާ އަސަރަކީ ކޮބައި ހެއްޔެވެ؟
މިކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ކައްކާފައި ފިނިކޮށްފައި ހުންނަ ބަތް ކެއުމުން، ތާޒާކޮށް ކައްކާފައި ހުންނަ ބަތް ކެއުމަށްވުރެ ލޭގައި ހަކުރު ހުންނަ މިންވަރު ބޮޑުތަނުން ދަށްކޮށްދެއެވެ. މިއީ ސައިންސްވެރިން ބަލައިގަންނަ ހަގީގަތެކެވެ. ނަމަވެސް، މީގެ ސަބަބުން ކާނާގައި ހިމެނޭ ކެލޮރީ މަދުވާ މިންވަރާ ބެހޭގޮތުން ހެދިފައިވާ ދިރާސާތައް މަދެވެ.
ލޭގެ ހަކުރު މައްޗަށް ދިއުން ކުޑަކޮށްދިނުމާއި ކާހިތްވުން ކޮންޓްރޯލްކުރުން
ބޮސްޓަން ޗިލްޑްރަންސް ހޮސްޕިޓަލްގެ އެންޑޯކްރިނޮލޮޖިސްޓް ޑރ. ޑޭވިޑް ލުޑްވިގް ވިދާޅުވާ ގޮތުގައި، މިގޮތަށް ހެދުމުން ކާނާގައި ހުންނަ ކެލޮރީއަށް މާ ބޮޑު ބަދަލެއް ނާންނަ ނަމަވެސް، ހޯރމޯންތަކާއި މެޓަބޮލިޒަމަށް އަންނަ ބަދަލެއްގެ ސަބަބުން ކެލޮރީ ކޮންޓްރޯލްކުރުން ފަސޭހަވެގެންދެއެވެ.
ހަޖަމުކުރަން އުނދަގޫ ސްޓާޗް ގިނަ ކާނާ ކެއުމުން، ކާބޯހައިޑްރޭޓްސް ކެއުމަށްފަހު އާންމުކޮށް ލޭގެ ހަކުރު މައްޗަށްދާ ދިއުން ކުޑަކޮށްދެއެވެ. މިއީ ހަމައެކަނި ހަކުރު ބަލި ހުންނަ މީހުންނަށް އޮތް ފައިދާއެއް ނޫނެވެ. ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ދިއުމުން ސިކުނޑީގެ ‘ރިވޯޑް މެކޭނިޒަމް’ ހީވާގިވެ، އިތުރަށް ކާހިތްވުން މެދުވެރިކުރުވައެވެ. އަދި އޭގެ ސަބަބުން އިންސިއުލިން އުފައްދާ މިންވަރު އިތުރުވެ، ހަށިގަނޑުގައި ސަރުބީ ރައްކާކުރާ މިންވަރު މަތިވެއެވެ.
ކާނާ ‘ރެޓްރޯގްރޭޑް’ ވުމުން، އެ ތަކެތި ހަޖަމުވަނީ ލަހުންނެވެ. އޭގެ ނަތީޖާއަކަށް ވަނީ ލޭގެ ހަކުރު އެއްވަރެއްގައި ހުރެ، ސަރުބީ ރައްކާކުރުން މަދުވެ، ގިނައިން ކެވުން ހުއްޓުވުމަށް އެހީތެރިވުމެވެ.
ބަތާއި އަލުވި ފިނިކުރަންވީ ހެއްޔެވެ؟
ކާބޯހައިޑްރޭޓްސް ގިނަ ކާނާ އާންމުކޮށް ކާ މީހަކަށް، މިގޮތަށް ފިނިކޮށްގެން ކެއުމުން ކޮންމެވެސް ވަރެއްގެ ފައިދާއެއް ކޮށްފާނެއެވެ. ނަމަވެސް ހާވާޑްގެ ޕްރޮފެސަރ ޑރ. ވޯލްޓާ ވިލެޓް ވިދާޅުވާ ގޮތުގައި، މީގެ ފައިދާ ފެންނާނީ މެދުނުކެނޑި މިގޮތަށް އަމަލުކޮށްގެންނެވެ. އަދި މިއީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެންމެންނަށް ކުރަން ފަސޭހަ ކަމެއްތޯ އޭނާ ސުވާލު އުފައްދަވައެވެ.
މީގެ އިތުރުން، ހުރިހާ ބާވަތެއްގެ ގޮވާމަކުން މި ނަތީޖާ އެއްވަރަކަށް ނުފެނެއެވެ. ބައެއް ކަހަލަ ހަނޑުލަކީ ގުދުރަތީ ގޮތުން ‘ރެސިސްޓަންޓް ސްޓާޗް’ މަދު ބާވަތްތަކެވެ. މިފަދަ މައުލޫމާތު އާންމުކޮށް ލިބެން ނުހުންނާތީ، ފިނިކުރުމުން ފައިދާވަނީ ކޮން ބާވަތަކުންކަން ދެނެގަތުން އުނދަގުވެއެވެ.
ޑރ. ވިލެޓް ފާހަގަކުރެއްވި ގޮތުގައި، ފިނިކުރުމުން ހަމައެކަނި އެހީތެރިވެދެނީ ލޭގެ ހަކުރު ކޮންޓްރޯލްކުރުމަށެވެ. ކާނާ ސާފުކުރުމުގެ މަރުހަލާގައި އޭގައި ހުންނަ ފައިބަރާއި، މިނަރަލްސް އަދި ވިޓަމިންސް ގެއްލިފައިވާނަމަ، ފިނިކުރުމަކުން އެ މާއްދާތަކެއް އަލުން ނުލިބޭނެއެވެ.
އެންމެ ރަނގަޅު ގޮތަކީ ކަންކަން ސާދާކޮށް ބެހެއްޓުމެވެ. އެއީ އާދައިގެ މަތިން ކައްކައިގެން ކާ، މާ ބޮޑަށް ސާފުނުކުރާ ‘ހޯލް ގްރެއިން’ ނުވަތަ މުގުރި ގޮވާމުގެ ބާވަތްތައް ބޭނުންކުރުމެވެ.
