ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާސްތާ – ޗެޕްޓަރ 3

ހަލަބޮލި ރާސްތާ

ކެފޭގެ ތެރެއަށް ވަނީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ.

އެ މީހާގެ ނަޒަރު މިހާރު ހުރީ އެތަނުގެ ވެއިޓަރަށެވެ. އެއީ ލަސް، ފަރުވާތެރި، އަދި ނުރައްކާތެރި ބެލުމެކެވެ. ހީވަނީ ކޮންމެ ވަގުތަކުވެސް ކަމެއް ގޯސްވެދާނެހެންނެވެ.

“އެއްވެސް މައްސަލަ ތިބޭތަ؟” ވެއިޓަރު އަނެއްކާވެސް ސުވާލުކުރިއެވެ. މިފަހަރު އޭނާގެ އަޑުގައި ސާބިތުކަން ހުއްޓަސް، އަޑު މަޑެވެ. އިހުތިރާމާއެކުގައެވެ. ސަމާލުވެ ހުރެއެވެ.

އެހެންނަމަވެސް، ދޫދޭކަށް އޭނާ ގަސްދެއް ނުކުރެއެވެ. އެ މީހާ އޭނާގެ ބޯ ކުޑަކޮށް އަރިކޮށްލިއެވެ. ހީވަނީ އެ މެދުކެނޑުމުން އޭނާއަށް މަޖާވީހެންނެވެ. އޭނާގެ ދެލޯ އަނެއްކާވެސް އަމީރާއަށް އަމާޒުވިއެވެ… ދެން ކުދިންނަށް… އޭގެ ފަހުން އަނެއްކާވެސް ވެއިޓަރަށެވެ. ކުޑަ ހިނިތުންވުމެއް އޭނާގެ މޫނުމަތިން ފެނިލިއެވެ. ފިނި މަޖުބޫރު ހިނިތުންވުމެކެވެ.

“ކައޭ ހަމަޖެހިބަލަ ބްރޯ، އެއްވެސް މައްސަލައެއް ނެތް،” އެންމެ ފަހުން އޭނާ ބުންޏެވެ. ނަމަވެސް އޭނާގެ އަޑުން ބުނެދެނީ މުޅިން ތަފާތު ވާހަކައެކެވެ.

އަމީރާގެ ހާސްކަމަކަށް ބަދަލެއް ނައެވެ.

އޭނާއަށް ހަމަޖެހުމެއް ނުލިބުނެވެ.

ސަބަބަކީ އެ މީހާގެ ނަޒަރު އަނެއްކާވެސް އޭނާއަށް ހުއްޓުމެވެ. އަދި މިފަހަރު މާ ގިނައިރު ވަންދެން ބަލަން ހުއްޓެވެ. އެދެމެދުގައި ބަހެއް ނެތް މެސެޖެއް ބަދަލުކުރެވުނެވެ. މިއީ ނިމުމެއް ނޫނެވެ. މިއީ އަދި ފެށުމެވެ. ދެން، ކުއްލިއަކަށް އޭނާ ފަހަތަށް ޖެހިލިއެވެ. އެއް ފިޔަވަޅެވެ. ދެ ފިޔަވަޅެވެ. އެ ހިނދުކޮޅަކީ އެއްވެސް މާނައެއް ނެތް ކަމެއްގެ ގޮތުގައި ދައްކަމުން އޭނާ އެނބުރިލިއެވެ. އަމީރާއަކީ އެއްވެސް އަގަކަށް ނުވާ މީހެއް ފަދައިންނެވެ. ނަމަވެސް އަމީރާއަށް ހަގީގަތް އެނގެއެވެ. އެ މީހާ ކެފޭގެ އަނެއްކޮޅަށް ހިނގާފައި ދިޔަ މަންޒަރު ބަލަން ހުރިއިރު، މީޝާގެ ކޮނޑުމަތީގައި ބާއްވާލާފައި އޮތް އަމީރާގެ އަތުގެ އިނގިލިތައް ތުރުތުރުލަމުން ދިޔައެވެ. އޭނާ އެ ދިޔައީ އެތަން ދޫކޮށްފައެއް ނޫނެވެ. އޭނާ ހުރީ… އިންތިޒާރުގައެވެ. ދުރުގައި ހުރެގެން ފާރަލާށެވެ.

އަމީރާގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އޭނާގެ މަސައްކަތް އަދި ނުނިމެއެވެ. އޭނާ އެ ވަގުތު ދެނީ އަމީރާއަށެވެ. ކޮން ކަމަކަށް ހޭދަކުރާ ވަގުތެއް ހެއްޔެވެ؟ ފިލަން ހެއްޔެވެ؟ ނޫނީ ކުށެއް ކުރަން ހެއްޔެވެ؟

“ދައްތާ.” ވެއިޓަރުގެ އަޑަށް އޭނާގެ ސަމާލުކަން އެނބުރުނެވެ. މިފަހަރު އަޑު މާ މަޑެވެ. އަވަސް އަރުވާލާފައި ހުރި ފަދައެވެ. އެހެން މީހަކަށް އަޑު ނީވޭނޭ ފަދައިންނެވެ.

“ދައްތަ އަވަސް މިތަނުން ދޭ” ފަތްޖަހާފައި އޮތް ނެޕްކިންއެއް އަމީރާގެ ތަށި ކައިރީގައި ބާއްވަމުން އޭނާ މަޑުމަޑުން ބުންޏެވެ. އޭނާގެ އަތް ކުޑަ ހިނދުކޮޅަކަށް އެތަނުގައި މަޑުކޮށްލިއެވެ. އެއީ އިޝާރާތެއް ދޭން ފުދޭ މިންވަރެކެވެ.

“ފަހަތު ދޮރުން،” ވެއިޓަރު ސިއްރުން ބުންޏެވެ. “ބަދިގެ ތެރެއިން.” އަމީރާގެ ދެލޯ އޭނާއަށް އަމާޒުވިއެވެ. ބިރުން ހުރެ ނަމަވެސް އޯގާތެރިކަމާއެކުއެވެ. އަދި އެ ހިމޭން ދެނެގަތުމެވެ. ނަމަވެސް މިފަހަރު އިތުރު ކަމެއް ހުއްޓެވެ. ނުރައްކަލެކެވެ. އޭނާ އެ އުޅެނީ އަމީރާއަށްޓަކައި ނުރައްކަލަކަށް ކުރިމަތިލާށެވެ. އަމީރާގެ މޭ ފިތޭ ފަދަ އިހުސާސެއް ކުރެވުނެވެ.

“އަހަރެން އަތަކު ފައިސާއެއް ނެތް” އަމީރާ ހާސްކަމާއެކު މަޑުމަޑުން ބުންޏެވެ. ވެއިޓަރު ނޫނެކޭ ބުނާ ފަދައިން ބޯ ހޫރާލިއެވެ.

“ދޭ….. މަޑުނުކުރަނީ ދައްތާ، އަވަސްކޮށް ދޭ!”

އަމީރާ އުނދަގުލުން ކޮޅަށް ތެދުވިއެވެ.

އޭނާގެ ނަޒަރު އަނެއްކާވެސް ކެފޭގެ ތެރެއަށް ހިންގާލިއެވެ.

ބޭއިޚްތިޔާރުގައެވެ.

އެ މީހާ އެތަނުގައި އެބަހުއްޓެވެ. ހަމަޖެހިލައިގެން، ލެގިލައިގެންނެވެ. ބަލަހައްޓައިގެންނެވެ. އިންތިޒާރުގައެވެ. އަމީރާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ވަގުތު ޖެހުނީއެވެ. މިއީ ހުރިހާ ކަމެއް ބަދަލުވެގެންދާނެ ވަގުތެވެ. އަމީރާ ކުދިންނަށް ބަލާލިއެވެ. މާވިން ވަރުބަލިވެފައި ހުރި ނަމަވެސް، ހިތްވަރުގަދަކަމަށް ދައްކަން މަސައްކަތް ކުރެއެވެ. މީޝާ ވާނުވާ ނޭނގިފައި ހުރެ، އަމީރާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުއްޓެވެ. އެ ވަގުތު އަމީރާގެ ހިތުގައި ހުރިހާ އިހުސާސެއް އެކުލެވިގެން ދިޔައެވެ. ބިރުވެރިކަމެވެ.

ލޯތްބެވެ.

ސަލާމަތްވުމުގެ އުންމީދެވެ.

އޭނާ ގޮތެއް ނިންމިއެވެ. “މަންމް ދައްކާ ވާހަކަ އަޑުއަހާ،” ކުދިންގެ އިސްކޮޅާ އެއްވަރަށް ތިރިވެލަމުން އަމީރާ ސިއްރުން ބުންޏެވެ. “ވީ އާ ގޮއިންގް ޓު ޕުލޭ އަ ގޭމު، އިނގޭ؟ “މީޝާ ވަގުތުން ބޯ ޖަހާލިއެވެ. މާވިން ވަރުބަލިކަމާއެކު، ނަމަވެސް އުފަލާއެކު ބަލާލިއެވެ.

“ކޮން ގޭމެއް މަންމާ؟”

“އަހަރެމެން ތިބެންވާނީ ވަރަށް، ވަރަށް މަޑުން، އެއްވެސް އަޑެއް ލައްވާނުލާ.” އަމީރާ ގަދަކަމުން ހިނިތުންވަމުން ބުންޏެވެ.

“އަދި މަންމަގެ އަތުން ދޫނުކޮށް މަންމަގެ ފަހަތުން އަންނާނީ އިނގޭ… ވާހަކަ ދައްކައިގެން ނުވާނެ. ފަހަތް ބަލައިގެންވެސް ނުވާނެ.” މީޝާ އަތުގައި ހިފާފައި ހުރިލެއް ބާރުކޮށްލިއެވެ.

“އޯކޭ މަންމާ ދޫނުކުރާނަން،” މީޝާ ސިއްރުން ބުންޏެވެ. އަމީރާ ބޯ ޖަހާލަމުން، އޭނާގެ އިސްތަށިގަނޑު މަޑުމަޑުން ފިރުމާލިއެވެ. “މިއީ މަންމަގެ ބަސްއަހާ ކުދިން.” އޭނާ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ހަމަޖެހިލައިގެން ހުރި ފަދަ ގޮތަކަށެވެ. ފަރުވާތެރިކަމާއެކުގައެވެ. ކޮންމެ ހަރަކާތެއް ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އޭނާ މާވިންގެ އަތުގައާއި މީޝާގެ އަތުގައި ހިފިއިރު، ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ.

އަވަސް އަރުވާނުލާށެވެ.

މީހުންގެ ސަމާލުކަން ނުހޯދާށެވެ.

އަދި އަމީރާ އިސްއުފުލާ ބަލާލިއެވެ. އެ މީހާ އަދިވެސް ބަލަހައްޓައިގެން ހުއްޓެވެ. އަދި މިފަހަރު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ކުރިން ހުރި ފަނޑު ހިނިތުންވުން ގެއްލިއްޖެއެވެ. އޭގެ ބަދަލުގައި ފެންނަނީ ތޫނު ނަޒަރެކެވެ. އޭނާއަށް އެނގިއްޖެއެވެ. އަމީރާގެ ނޭވާ ހުއްޓުނު ކަހަލައެވެ. މިހާރު އެނބުރި ދެވޭކަށް ނެތެވެ. އޭނާ އެ ގޮނޑިބަރިއާ ދުރަށް ފިޔަވަޅު އެޅިއެވެ.

އެއް ފިޔަވަޅެވެ. ދެން އަނެއް ފިޔަވަޅެވެ.

ބަދިގެއާ ދިމާއަށެވެ. ފަހަތު ދޮރާ ދިމާއަށެވެ. ކުރިމަތީގައި އޮތް ކޮންމެ ކަމަކާ ކުރިމަތިލާށެވެ. އޭނާގެ ފަހަތުން ގޮނޑިއެއް ދަމާލި ބާރު އަޑު އިވުނެވެ.

އަމީރާ މަޑެއް ނުކުރެއެވެ.

ހަނި ގޯޅިގަނޑުން ނުކުމެވުނީ އަލިގަދަ މަގުމައްޗަށެވެ. އެއާއެކު އަނެއްކާވެސް ދުނިޔޭގެ އަޑުގަދަވިއެވެ. އިންޖީނުތަކުގެ އަޑާއި، މީހުންގެ ވާހަކަތަކާއި، އަވަސް އަވަހަށް ހިނގާފައިދާ މީހުންގެ ފިޔަވަޅުތަކުގެ އަޑެވެ. މުޅި ސިޓީގެ ތެރެއަށް އެމީހުން ގެއްލިގެން ދިޔަ ކަހަލައެވެ.

މަދު ސިކުންތުކޮޅަކަށް އަމީރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެމީހުންނަށް އެތަނުން ނުކުމެވިއްޖެއެވެ. ނަމަވެސް، އަދި އެކަށީގެންވާ ވަރަށް ދުރަށް ދެވުނީއެއް ނޫނެވެ. ރައްކާތެރިކަމެއް ނެތެވެ. އެއްވެސް އިރަކު ރައްކާތެރިކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. އަމީރާގެ އަތް ވަރަށް އަވަސް އަވަހަށް ހަރަކާތްކުރިއެވެ. ކޮނޑުގައި އަޅުވާފައި އޮތް ކުޑަ ފޮތި ކޮތަޅުގެ ތެރެއަށް އަތް ބާނައި، ބޭނުންކޮށްފައިވާ ބާ ތިން މާސްކު ނެގިއެވެ. އެ މާސްކުތައް ހުރީ ބޮނޑިވެ، ކުލަ ފަނޑުވެފައެވެ. ނޫކުލަ، ފިޔާތޮށިކުލަ، އަދި ކަޅުކުލައެވެ.

“މަންމާ…؟” މީޝާ ބަލާލީ ނުރުހުމުގެ މޫނަކާއެކުގައެވެ.

އަމީރާ އަވަސްއަވަހަށް ކުދިންގެ ކުރިމަތީގައި ކަކޫޖަހައި އިށީނެވެ. މާސްކުތައް ދިއްކޮށްލިއިރު އޭނާގެ އިނގިލިތައް ތުރުތުރުލައެވެ. “މި އަޅާބަލަ،” ވަރަށް މަޑުމައިތިރިކަމާއެކު ނަމަވެސް ހަރުކަށިކޮށް އޭނާ ބުންޏެވެ. ކުދިން ތިބީ ފަސްޖެހިފައެވެ. އެކުދިންނަށް އެނގެއެވެ. މާސްކު އެޅުމަކީ އުނދަގޫ ކަމެކެވެ. ހޫނުވެސް ވެއެވެ. މާ ގިނަ ދުވަހު ބޭނުންކުރުމުގެ ސަބަބުން އެއިން ދުވަނީ ނުބައި ވަހެކެވެ. ދަލުން ތަތްވެފައިވާ އެކުދިންގެ މޫނުގައި އެ މާސްކުތައް ތަތްލައެވެ.

“ނޫން މަންމާ… ބޭނުމެއް ނޫން…” މީޝާ ގަދަހަދާލިއެވެ. އޭނާގެ އަޑު މަޑު ނަމަވެސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ނުރުހުމުގެ ގޮތުން އޭނާގެ ބޯ ހޫރާލިއެވެ. މާވިން ވަރުބަލިވެފައި ހުރި ނަމަވެސް، މަޑުމަޑުން އޭނާ މީޝާގެ ގައިގައި ކޮއްޓާލިއެވެ. “ދައްތި މަަންމަ ބުނާގޮތް ހަދާ އޯކޭ،” ކުރަކިވެފައިވާ އަޑަކުން އޭނާ ވަރަށް މަޑުމަޑުން ބުންޏެވެ. “ދެން ވީވިލް ގޯ އެންޑް ޕްލޭ”

މާވިންގެ ބަސްތައް މަޑު ނަމަވެސް، އެ އުމުރުގެ ކުއްޖަކަށް ނޭނގޭނެ ފަދަ ފުން މާނައެއް އެ ވާހަކައިގައި އެކުލެވިގެންވެއެވެ. އަމީރާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ހިންދިރުވާލުމަށްފަހު، މީޝާގެ މޫނުގައި ފިޔާތޮށިކުލައިގެ މާސްކު ވަރަށް ފަރުވާތެރިކަމާއެކު އަޅުވައިދިނެވެ.

“ކުޑަ އިރުކޮޅަކަށް” އަމީރާ ސިއްރުސިއްރުން ބުންޏެވެ. “ފޮ މަންމަ”

މީޝާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ދެން އިތުރަކަށް ގަދައެއް ނުހަދައެވެ. މާވިން އަމިއްލައަށް އޭނާގެ މާސްކު ނަގައި އަޅައިފިއެވެ. އެންމެ ފަހުން އަމީރާ ކަޅުކުލައިގެ މާސްކު އޭނާގެ މޫނުގައި އެޅިއެވެ. އެއީ އޭނާގެ ސިފަ ފޮރުވުމަށެވެ. އެންމެންގެ ތެރެއަށް ގެއްލި ދިއުމަށެވެ.

އަނެއްކާވެސް އޭނާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ބާރަށެވެ. އޭނާ ކޮޅަށް ތެދުވެ، ދެ ކުދިންގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އަދި މާލޭގެ މީހުން ގިނަ މަގުމައްޗަށް ނުކުމެ ފިޔަވަޅު އެޅިއެވެ.

މީހުން އެމީހުން ފެންނަ ނުފެންނަ ހިސާބުން ދަނީއެވެ. އެއްވެސް މީހަކު ދެވަނަ ފަހަރަށް ބަލައެއް ނުލައެވެ. ސައިކަލުތައް ހަނި ދޭތެރެތަކުން ދުއްވާފައި ދެއެވެ. ފިހާރަތަކުގެ ދޮރުތައް ހުޅުވި ލެއްޕެމުން ދެއެވެ. އެކި މީހުންގެ އަޑުތައް އެކުވެ، މުޅި މާހައުލުގައި ދިރުން ހުއްޓެވެ. އެ ވަގުތު އަމީރާއަށް ކަމެއް ވިސްނުނެވެ. މިތާނގައި… އެމީހުންނަކީ އެއްވެސް މީހަކަށް ފެންނަ ބައެއް ނޫނެވެ. ބޯ ހޭވިފައިވާ، ވަރުބަލިވެފައި ހުރި އަންހެނަކަށް އެއްވެސް މީހަކު ސަމާލުކަމެއް ނުދެއެވެ. އޭނާގެ ދެފަރާތުގައި އަތުގައި ހިފައިގެން ތިބި ދެ ކުދިންނަށްވެސް އެއްވެސް މީހެއްގެ ނަޒަރެއް ނުހުއްޓެއެވެ. މި ސިޓީގައި، ކޮންމެ މީހަކީވެސް އަވަދިނެތި އުޅޭ މީހެކެވެ. ކޮންމެ މީހަކުވެސް ދާންޖެހޭ ވަކި މަންޒިލެއް އޮވެއެވެ. އެއްވެސް މީހަކު އަނެކާއަށް އަޅައެއް ނުލައެވެ.

އަދި ކެފޭއިން ނުކުތް ފަހުން، ފުރަތަމަ ފަހަރަށް ކަންތައްތައް އޭނާއަށް ފަހިވާން ފެށިއެވެ. މީހުންގެ ތެރޭގައި ކުރިއަށް ދިޔައިރު އޭނާ ކުދިންގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އެހެން މީހުންނާ އެކުވެގެން ކުރިއަށް ދާށެވެ. ހުއްޓުމެއް ނެތި ހިނގާށެވެ. މަޑުނުކުރާށެވެ.

އޭނާގެ ފަހަތުގައި ކޮންމެވެސް ތަނެއްގައި އަދިވެސް ނުރައްކާ އެބައޮތެވެ. އޭނާއަށް އެކަން އިހުސާސް ކުރެވެއެވެ. ހީވަނީ ދޫނުކޮށް ފަހަތުން އަންނަ ހިޔަންޏެއް ހެންނެވެ. ނަމަވެސް މި ހަލަބޮލި މަގުތަކުގައި އޭނާއަށް ފުރުސަތެއް އެބައޮތެވެ. ކުޑަ ނަމަވެސް ފުރުސަތެކެވެ.

މީޝާ މަންމައަށް ބަލާލިއެވެ. މާސްކުގެ ސަބަބުން އޭނާގެ އަޑު ހުރީ ބެދިފައެވެ. “މަންމާ، ކޮންތާކަށް މިދަނީ ؟”

އަމީރާ ވަގުތުން ޖަވާބެއް ނުދެއެވެ. ސަބަބަކީ އޭނާއަށްވެސް ދާނެ ވަކި ދިމާއެއް ނޭނގޭތީއެވެ. އޭނާގެ ދެލޮލުން މީހުންގެ ތެރެއިން ކޮންމެވެސް ކަމެއް ހޯދަމުން ދިޔައެވެ. ވިސްނަމުންނެވެ. ހިސާބުތައް ޖަހަމުންނެވެ. އެއަށްފަހު އޭނާ ކުޑަކޮށް ގުދުވެލާފައި، ވަރަށް މަޑުމަޑުން ބުންޏެވެ.
“ސްމް ވެއަ ސޭފު”

ނަމަވެސް އެހެން ބުނި ވަގުތުވެސް، އޭނާގެ ނަޒަރު ފަހަތަށް ހިންގާލިއެވެ. އެންމެ ސިކުންތަކަށެވެ. އެ ސިކުންތުގެ ތެރޭގައި އޭނާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. ސަބަބަކީ ވަރަށް ދުރުން، މީހުންގެ ތެރެއިން…

އަމީރާއަށް އެމީހާ ފެނުނުހެން ހީވުމުންނެވެ.

(ނުނިމޭ)

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top