ޕްރިޔަދަރްޝަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި މަޖާ ފިލްމު “ބޫތު ބަންގްލާ”ގެ ޓްރެއިލާ ރިލީޒްކޮށް، އަންނަ ހަފުތާގައި ސިނަމާތަކަށް ގެންނަން ތައްޔާރުވެއްޖެއެވެ.
ޓްރެއިލާ ފެށެނީ ކްލެސިކް ބިރުވެރި ގަނޑުވަރެއްގެ މާހައުލުން، ފަނޑު ކޮރިޑޯތަކާއި ހެލިލާ ދޮރުތަކާ އެކުގައެވެ. ޓްރެއިލާ ކުރިއަށް ދާ ވަރަކަށް ބިރުވެރިކަމާއި ކޮމެޑީ ރީތިކޮށް ގެތި، މަޖާ މަންޒަރުތައް ފެނިގެންދެއެވެ. އަކްޝޭ ކުމާރު ފެންނަނީ އޭނާގެ މަޝްހޫރު ކޮމެޑީ ސްޓައިލުގައެވެ. ޕަރޭޝް ރާވަލް، ރާޖްޕާލް ޔާދަވް، ވާމިޤާ ގައްބީ، އަދި ތައްބޫ ވެސް ޓްރެއިލާގައި ފެންނައިރު ފޯރިގަދަ ހުށަހެޅުމެއް ފެނެއެވެ.
ޓްރެއިލާ ލޯންޗް ކުރި ހަފުލާގައި ޕަރޭޝް ރާވަލް ވަނީ ހިންދީ ސިނަމާގައި ކޮމެޑީ ޖޯންރާއާ ގުޅޭ ގޮތުން ވާހަކަ ދައްކައިފައެވެ. “އަހަރެމެންނަށް ރަނގަޅު ސްކްރިޕްޓްތައް ލިބެން ޖެހޭ، އެއިރުން އަހަރެމެންނަށް ވެސް މި މަސައްކަތް އެންޖޯއީ ކުރެވޭނީ. އެއީ އަހަރެމެންގެ ސީދާ ވާދަވެރިކަން މި އޮންނަނީ ކަޕިލް ޝަރްމާ އާއި ސުނީލް ގްރޯވާ އާ. އެހެންވީމާ އަހަރެމެން ޖެހޭ ފެންވަރު މައްޗަށް ޖައްސަން!” ކަމަށް ޕަރޭޝް ރާވަލް ބުންޏެވެ. މި ވާހަކައިން ފާހަގަވީ ޑިޖިޓަލް އަދި ޓެލެވިޒަން ކޮމެޑީ ޕްލެޓްފޯމްތަކުން ސިނަމާ ކޮމެޑީއަށް އޮތް ވާދަވެރިކަން ބޮޑުވެފައިވާ މިންވަރެވެ.
ބޫތު ބަންގްލާގައި ލީޑް ކާސްޓުގެ އިތުރުން ޖިއްޝޫ ސެންގުޕްތާ، މަނޯޖް ޖޯޝީ، މިތިލާ ޕަލްކަރް، އަސްރާނީ، އަދި ރާޖޭޝް ޝަރްމާ ވެސް ސަޕޯޓިންގ ރޯލުތަކުން ފެންނާނެއެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ އަކްޝޭ ކުމާރު، ޝޯބާ ކަޕޫރު، އަދި އެކްތާ އާރް ކަޕޫރެވެ. ޓީޒަރާ އެކު “ރާމް ޖީ އާކެ ބަލާ ކަރެންގެ” އަދި “ތޫ ހީ ދިސްދާ” ފަދަ ލަވަތައް ވެސް ރިލީޒްކޮށްފައިވެއެވެ. މި ފިލްމުގެ ޕެއިޑް ޕްރިވިއުތައް 16 އެޕްރީލް 2026 ގައި ސިނަމާތަކުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
