އޭރު ގަޑިން ގާތްގަނޑަކަށް މެންދުރުފަހު އެއްގަޑި ބައެވެ. އަހަރެން ހުރީ ގޭތެރެއަށް ވަދެގެން އަންނަ މަގުގައި ދޮވެފައި ހުރި އެއްޗެހިތައް ގޮނޑިއެއްގެ މައްޗަށް އަޅާލައިގެން ފަތްޖަހާށެވެ. އެވަގުތު ދޮރުމަތިން ހުރަސް ކަނޑާލާފައި ދިޔަ މޫނު ބުރުގާ އެޅި އަންހެނެއް ފަހަތަށް ޖެހިލާ ދޮރުމަތީގައި ހުއްޓިލިއެވެ. އާންމުކޮށް ހުޅުވާފައި ނުހުންނަ މި ދޮރު މިގަޑީގައި ހުޅުވީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ލިބުނު ހައިރާންކަމާއެކު އަހަރެން ހުއްޓާ އަހަރެންގެ ފަހަތުން ދުރުތާ ތިމާގެ ދައްތައެއްގެ އަޑު އިވުނެވެ.
“އާސިމާތަ؟ ވަދޭ އެތެރެއަށް.”
އަހަންނަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އަހަރެން އެނބުރި ބަލާލިއިރު މަގުން ސީދަލަށް ދާއިރު މޫނުޖެހޭ ކޮޓަރީގެ ދޮރުމަތީގައި އަހަރެންގެ އެންމެ ހަގު ދަރި އުރާލައިގެން ދައްތަ ހުއްޓެވެ. އެ ދައްތަ މިގެއަށް އައީ ކޮންއިރަކު ހެއްޔެވެ؟ އަހަންނަށް ނޭނގި މިގެއަށް ވަދެ އެއުޅެނީ ކިހިނެއްބާވައެވެ. އަހަރެންގެ ހިތް ސުވާލުތަކުން ފުރެމުން ދިޔައެވެ. ނަމަވެސް އެއްވެސް ސުވާލެއް ދުލާ ހަމައަކަށް ނައެވެ.
އެ މޫނު އަޅައިގެން ހުރި މީހާ ދައްތައާއެކު ވަދެގެން ހިނގައްޖެއެވެ. ގޭތެރެ ހަދާފައި ހުރި ގޮތުން އެ ކޮޓަރީ ތެރެއިން ދެން ހުރި ކޮޓަރިތަކަށް ވެސް ދެވެއެވެ. ކޮޓަރި ތެރެއިން އަހަންނަށް އެއްވެސް ފަރުނީޗަރެއްވެސް ފެންނާކަށް ނެތެވެ. އަހަރެންވެސް ފަހަތުން ދިޔައީމެވެ. ގޭގެ ބޮޑުމީހާހެން ދައްތަ އެމީހާއަށް ގެ ދައްކަމުން ދިޔައެވެ. އަހަރެންވެސް ފަހަތުން ބަލަމުންދިޔައިރު އިޙުސާސް ކުރެވެމުން ދިޔައީ އާކަމުގެ އިޙުސާސެކެވެ. ގޭތެރޭގައި ހުރީ މުޅިއެކު ތިން ކޮޓަރިއެވެ. ކޮންމެ ކޮޓަރިއަކުންވެސް އަހަންނަށް ފެނުނީ ފަޅުކަމެވެ. ދައްތަ އުރުގައި އިން ދަރި ދިޔައިރެއް އަހަންނަކަށް ނޭގުނެވެ. އަދި ދައްތައާއި ގެއަށް ވަން މީހާ ވެސް އިރުކޮޅަކުން ދެންވީގޮތެއް ނޭނގި ގެއްލިއްޖެއެވެ. މިކަންކަމަށް ސުވާލުކުރަން އަހަރެން ބޭނުންވިއެވެ. ނަމަވެސް ސުވާލުތައް ހަމަ ކުރިންހެން ދުލާ ހަމައަކަށް ނާދެއެވެ.
އެ ވަން ދައްތައެއް ވަނުމަށް ފަހު އަހަރެންގެ ހިތުން ޖެހިލުންވުމާއި ބިރު ފިލައިގެން ނުދެއެވެ. ތިބި ދެ ކުދިން ލޮލަށް ފެންނަ ހިސާބުން ދުރަށް ދާކަށްވެސް ނޭދުނެވެ. ހީވަނީ އެކުދިންނާ ދުރަށް ޖެހިލާއިރަށް ކުދިންނަށް ކަމެއް ދިމާވެ އަހަންނަށް ގެއްލިދާނެހެންނެވެ.
ގޭތެރެއިން އަހަންނަށް ފެންނަނީ ހަމައެކަނި ގޮދަޑިތަކެކެވެ. އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ގޮދަޑިތައް ދެމީމެވެ. ކީއްކުރަން ކަމެއް ބުނެދޭކަށް ނޭނގެއެވެ. އެހެން ދަނިކޮށް އެއް ކޮޓަރީގެ ތެރޭގައި ބައިސްކަލެއް ހުއްޓާ ފެނުނެވެ. ވަގުތުން ކުޑަމީހާ އުރައިގެން ހުރެ އެއަށް އެރީމެވެ. އެހިސާބުން ދޮށީ ދަރި ވީތަނެއް ނޭނގި ގެއްލުނެވެ. އެދަރި ހޯދަން ދާކަށް އަހަރެން ހިތަކަށް ނޭރިއެވެ. އަހަރެން އެވަގުތު ބޭނުންވީ ހަމައެކަނި ބައިސްކަލު ދުއްވާށެވެ. އިރުކޮޅަކުން އުރުގައި އިން ދަރިވެސް ގެއްލިއްޖެއެވެ. އަނެއްކާވެސް އެއް ކޮޓަރިން އަނެއް ކޮޓަރިއަށް އަހަރެން ހިނގަން ފެށީމެވެ.
އިރުކޮޅަކުން ނުދަންނަ ނަމްބަރަކުން އަހަންނަށް ކޯލެއް އައެވެ. އެކޮޅުން ވާހަކަ ދެއްކިއެވެ.
“ހަލޯ ހައްޖަތަ؟” ވަރަށް ހާސްވެ ހުރެ އެކޮޅުން ވާހަކަ ދެއްކިއެވެ.
“ހޫމް.” ފަރުވާކުޑަ ގޮތަކަށް އަހަރެން ބުނެލީމެވެ.
“ތީ އަހުމަދުގެ ކާކު؟” އެ ސުވާލާއެކު އަހަރެންގެ ހިތަށް ސުވާލުތަކުގެ ސުނާމީއެއް އެރިއެވެ.
އެކޮޅުން ކުދިންތަކެއްގެ އަޑު ގުގުމާލާފައި ހުއްޓެވެ.
“ކިހިނެއްވީ؟ ތީ ކާކު؟” އަހަރެންވެސް ރައްދުގައި ކުރީ ސުވާލެވެ.
“މީ އަހުމަދުގެ އަންހެނުން. އޭނަގެ ދެކުދިންގެ މަންމަ. ތި ބާއްވާ ގުޅުން ހުއްޓާލަދީ. މިތިބަ ކުދިންގެ ޙައްޤުގައި އާދޭސްކޮށްފައި ބުނަން!”
އަހަރެން ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ އަހަރެން އަހުމަދު ދެކެ އިންތިހާއަށް ލޯބިވެއެވެ. އަހުމަދާނުލައި އަހަރެން ވަކި އުޅޭނީ ކިހިނަކުން ހެއްޔެވެ؟
“ބުނަން ރަނގަޅު ވާހަކައެއް. ތިހެން ދޮގު ވާހަކަ ދައްކާ ދެމީހުންގެ ދޭތެރެޖައްސަން މަސައްކަތް ނުކުރިއްޔާ ރަނގަޅުވާނީ.”
ކުއްލިއަކަށް އެކޮޅުން އެ އިވުނީ އަހުމަދުގެ އަޑެވެ.
“ބުނަން. ކަލެއާއި އޮތް ގުޅުން މިހާ ހިސާބުން މި ނިމުނީ.”
އެއާއެކު ދެން އިވުނީ އެމީހުން ބާރަށް ހޭ އަޑެވެ. އަހަންނަށް މަލާމާތް ކޮށްފައެވެ. އަހަންނަށް ގިސްލެވެން ފެށުނެވެ. ބާރަށް ދެކަކޫ މައްޗަށް ތިރިވެ ރޯން ފެށީމެވެ.
ގަޑިން ރޭގަނޑު އެގާރަގަޑި ބައެވެ. ފޯނު ބާރަށް އެލާރމްވަމުންދެއެވެ. ޑިއުޓީއަށް ދާން ރެޑީވާންވީއެވެ. ފެނުނީ ހުވަފެނެކެވެ. އެކަމަކު އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނައާއި ގިސްލެވުމަކީ ހަމަ އަސްލެވެ. ހިތުގައި އަޅަމުންދިޔަ ވޭނަކީވެސް ހަމަ އަސްލެވެ.
