ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސެންޓޭގެ ހެޓްރިކުން މޮޅުވެ ނިއުރޭޑިއަންޓް ސެމީފައިނަލަށް!
ނިއުރޭޑިއަންޓް

އެފްއޭކަޕް 2026ގެ ސެމީފައިނަލްގެ ދެވަނަ ޖާގަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. މި ސީޒަންގައި އެންމެ ވާދަވެރިކޮށް ފެނުނު ނިއުރޭޑިއަންޓާއި އޮޑި ސްޕޯޓްސް މިރޭ ބައްދަލުކުރި މެޗުން ނިއުރޭޑިއަންޓް މޮޅުވީ 4ـ0 ގެ ތަފާތުބޮޑު ނަތީޖާއިންނެވެ.

މިމެޗުގައި ލަނޑު ޖަހާނެ ފުރުސަތެއް އެންމެ ފުރަތަމަ ލިބުނީ އޮޑި އަށެވެ. 11 ވަނަ މިނިޓްގައި ނިއު ރޭޑިއަންޓްގެ އޭރިޔާ ތެރެއިން މުޒްދާނަށް ލިބުނު ބޯޅަ، ގޯލާއި ދިމާއަށް ފޮނުވާލި ނަމަވެސް ނިއުރޭޑިއަންޓްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ. އޭގެފަހުން ލިބުނު ކޯނަރެއްގައި ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅައިން ވެސް އޮޑިން ވަނީ ފުރުސަތެއް ފަހިކޮށްފައެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު ޖެހީ ނިއުރޭޑިއަންޓުން ނެވެ. 20 ވަނަ މިނެޓުގައި އޮޑީގެ އޭރިޔާ ބޭރުން ނިއުރޭޑިއަންޓަށް ލިބުނު ހިލޭ ޖެހުން ވޯލްގައި ތިބި ކުޅުންތެރިންގެ ބޯމަތިން އަލީ ފާސިރު ފޮނުވާލި ސީދާ ގޯލުގެ ތެރެއަށެވެ.

އޮޑިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފައެވެ. ނިއުރޭޑިއަންޓް ކުޅުންތެރިން މަތިމަތިން ފޮނުވާލި ބޯޅަ އޮޑީގެ ހާފުގެ މެދެއްހާ ހިސާބުން އަލީ ފާސިރު ހޯދިއެވެ. އޮފްސައިޑް ވާނެ ކަމަށް ބެލެވުނު އެ ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ އަލީ ފާސިރު ފޮނުވާލި ކީޕަރުގެ ދުރު ކަނަށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ވެސް އަލީ ފާސިރަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ހާފުގެ މެދަކާއި ހިސާބުން ބޯޅަ ހިފައިގެން ގޮސް އޭރިޔާ ތެރެއަށް ވަދެ އޭނާ ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލާފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-0 އިން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ އޮޑި އަށެވެ. އޮޑީގެ އިބްރާހީމް ވަހީދު އާއި ކިއާނޫއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

ނިއުރޭޑިއަންޓުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ 61 ވަނަ މިނިޓްގައެވެ. ކައުންޓަރ އެޓޭކެއްގައި ނިއުރޭޑިއަންޓް ކުޅުންތެރިން ކުރިއަށް ފޮނުވާލި ބޯޅަ ހިފައިގެން މައިޝާން ގޮސް ގޯލް ކުރިމައްޗަށް ހުރަސް ކޮށްލިއިރު އަލީ ފާސިރު ހުރީ ހުސްކޮށެވެ. އެއްފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި އަލީ ފާސިރު ވަނީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދައިފައެވެ.

ނިއުރޭޑިއަންޓްގެ މިލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ދެޓީމަށް ލިބިފައެވެ. ނިއުރޭޑިއަންޓްގެ އަލްހާޖީ ގެރޫ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު އޮޑީގެ އިބްރާހީމް ވަހީދު އާއި ކިއާނޫއަށް ލިބުނު ފުރުސަތުތަކުގައި ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާއި އަމާޒުނުވެއެވެ.

ނިއުރޭޑިއަންޓުން އެޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ 85 ވަނަ މިނެޓުގައެވެ. ބޯޅަ ހިފަހައްޓައިގެން އޭރިޔާ ތެރެއަށް ވަދެ އަލްހާޖީ ގެރޫއަށް ސިލްވަރ ޖައްސާލި ބޯޅަ އޭނާ ވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިފައެވެ.

މިމެޗުން މޮޅުވި ނިއުރޭޑިއަންޓް ބައްދަލުކުރާނީ މިއަދު ހަވީރު އީގަލްސްއާ ވާދަކޮށް މޮޅުވި ބުލޫ ސްޕޯޓްސް ކްލަބްއާއެވެ. ބުލޫ ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އާއި އިސް ސަޕޯޓަރުންތަކެއް ގުޅިގެން އުފައްދާފައިވާ ކުލަބެކެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މިމެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top