ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބޭއްވި އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިޕް 2026” ގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ހޯދައިފިއެވެ.
ހަ ޓީމު ވާދަކުރި ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލަށް މާޒިޔާ ދަތުރުކުރީ ލީގު ބުރުގައި ކެޔޮދޫ އާއި ބުރު އަދި ޓީސީ އާއި އޮޑި ބަލިކޮށް، ނިއުރޭޑިއަންޓާއި އެއްވަރުވެ 13 ޕޮއިންޓާއިއެކު ލީގު ބުރުގެ އެއްވަނައިގެ ގޮތުގައެވެ. ލީގު ބުރުގެ ދެވަނަ ހޯދައި ފައިނަލްގައި މާޒިޔާ ވާދަކުރި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބަކީ ލީގު ބުރުގައި މާޒިޔާއަށް ބަލި ނުކުރެވުނު ހަމައެކަނި ޓީމެވެ.
ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗަށް ނިއުރޭޑިއަންޓުން ނުކުތީ ދެ ކާޑް ހަމަވުމުގެ ސަބަބުން އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ނުލައެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ދެ ޓީމަށް ވެސް ލިބިފައެވެ.
ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިންނެވެ.
ދެވަނަ ހާފުގައި މާޒިޔާއިން ކުރީ ހާފަށްވުރެ ރަނގަޅަށް ކުޅުނުއިރު، މެޗުގެ ކުރީކޮޅު އިލާން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ޒަހުރާން ދިފާއުކުރިއެވެ.
މާޒިޔާއިން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު ޖެހީ 55 ވަނަ މިނިޓްގައެވެ. ކޯނަރަކުން އަރިމައްޗަށް ކުޅެލި ބޯޅަ، މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު އައިދާން އަޙްމަދު މޫސާ ވަނީ ބޮލުން ގޯލުގެ ތެރެއަށް އެ ބޯޅަ ވައްދާލާފައެވެ.
ނަތީޖާ ހަމަހަމަކުރުމަށް ނިއުރޭޑިއަންޓުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް މާޒިޔާއިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. 75 ވަނަ މިނިޓްގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުޙައްމަދު އިލާން އިމްރާންއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ނިއުރޭޑިއަންޓްގެ އޭރިޔާ ކައިރިން ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކީޕަރުގެ ދުރުކަނަށް ފޮނުވާލައިގެންނެވެ.
މާޒިޔާގެ އޭރިޔާތެރެއިން ނިއުރޭޑިއަންޓްގެ ކުޅުންތެރިއަކަށް ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަޙްމަދު ހަމްދާން އަޒްލީންއެވެ. މި ލަނޑަށްފަހު ނިއުރޭޑިއަންޓުން ވަނީ ކުޅުނު ރަނގަޅުކޮށް ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ.
މެޗުގެ ފަހު މިނިޓްގައި މާޒިޔާއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހިއެވެ. މި ލަނޑު ޖަހައިދިނީ ނައްސާހް އިބްރާހިމް ނާސިރެވެ. ނިއުރޭޑިއަންޓްގެ އޭރިޔާ ތެރެއިން ނައްސާހުއަށް ލިބުނު ބޯޅަ، އޭނާ ކައިރިއަށް އައި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ނައްސާހު ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ.
މާޒިޔާގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި މާޒިޔާއަށް ޖަހައިދިނީ އަލްހާން ފައިސަލް އަމީންއެވެ. އަލްހާން މި ލަނޑު ޖަހާފައިވަނީ ފްރީކިކެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
4-1 އިން މޮޅުވެ މާޒިޔާ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ނައްސާހް އިބްރާހިމް ނާސިރެވެ. މާޒިޔާއަކީ މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ޓީމެވެ.
މުބާރާތުގެ މަގާމްތައް ހޯދި ޓީމުތަކާއި ކުޅުންތެރިންނަށް ބަލާލާއިރު:
މުބާރާތުގެ ޗެމްޕިއަންއަކީ މާޒިޔާއެވެ. މުބާރާތުގެ ރަނައަޕްއަކީ ނިއުރޭޑިއަންޓެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ކެޔޮދޫ ރެކްރިއޭޝަން ކުލަބެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މާޒިޔާގެ މުޙައްމަދު އިލާން އިމްރާންއެވެ. މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ: ނިއުރޭޑިއަންޓްގެ ތާއިއު އަބްދުލްހަކީމް، މާޒިޔާގެ ނާޝިއު އަޙްމަދު ޝިހާމް، އޮޑީގެ ހޫދު އަޙްމަދު ފަތުހީ، ނިއުރޭޑިއަންޓްގެ އަޙްމަދު ހަމްދާން އަޒްލީން، މާޒިޔާގެ ނައްސާހް އިބްރާހިމް ނާސިރު، އޮޑީގެ އަޙްމަދު އަފްނާން އަލީ، މާޒިޔާގެ މުޙައްމަދު އިލާން އިމްރާން، ނިއުރޭޑިއަންޓްގެ މުޙައްމަދު އިޒާން ޢަލީ، އޮޑީގެ މުޙައްމަދު މާއިލް މޫސާ، މާޒިޔާގެ އަނޫފް ޢަބްދުﷲ އަދި މާޒިޔާގެ އައިދު މުޙައްމަދު ޖަވީޒެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މާޒިޔާގެ ކޯޗް އިބްރާހިމް ސައީދެވެ.
