ކޮފީ ބުއިމުގައި “ވަކި މިންވަރެއް” ހިފެހެއްޓުމަކީ ނަފްސާނީ ބަލިތަކާއި ހާސްކަން ކުޑަކޮށްދޭ ކަމެއްކަމަށް ސައިންވެރިން ބުނެފިއެވެ.
ޚުލާސާކޮށް:
☕ އާ ދިރާސާއަކުން ދައްކާގޮތުގައި ދުވާލަކު ދެތިން ތަށި ކޮފީ ބުއިމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކަމެކެވެ.
☕ ކޮފީ މާ ގިނައިން ނުވަތަ މާ މަދުން ބުއިމަކީ ނަފްސާނީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށް މި ދިރާސާއިން ދައްކައެވެ.
☕ ކޮފީގެ އަސަރު ކޮންމެ މީހަކަށް ކުރަނީ ތަފާތު ގޮތަކަށެވެ. ބައެއް މީހުންނަށް ކޮފީގެ ސަބަބުން ހަމަޖެހުމާއި ސަމާލުކަން ލިބޭއިރު، އަނެއްބައި މީހުންނަށް އޭގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން އިތުރުވެއެވެ.
ކޮފީ ބުއިމަކީ ގިނަ ފަހަރަށް ހާސްކަން އިތުރުވާ ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އާ ދިރާސާއަކުން ދައްކާގޮތުގައި ވަކި މިންވަރަކަށް ކެފެއިން ބޭނުންކުރުމަކީ ނަފްސާނީ ބަލިތަކާއި ސްޓްރެސްއިން ރައްކާތެރިކޮށްދޭ ކަމެކެވެ.
ކޮފީ ބުއިމުގައި އެންމެ އެކަށީގެންވާ މިންވަރަކީ ކޮބާ؟
‘ދަ ޖާނަލް އޮފް އެފެކްޓިވް ޑިސްއޯޑަރސް’ ގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މެދުމިންވަރަކަށް ކޮފީ ބޭނުންކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ފައިދާހުރި ކަމެކެވެ. ސައިންސްވެރިން ބުނާގޮތުގައި މި މިންވަރަކީ ދުވާލަކު ދެތިން ތަށި ކޮފީއެވެ.
މި ދިރާސާގައި އިނގިރޭސިވިލާތުގެ ‘ޔޫކޭ ބަޔޯބޭންކް’ގެ މައުލޫމާތު ބޭނުންކޮށްގެން، 461,000 އަށްވުރެ ގިނަ މީހުންގެ ކެއިންބުއިމުގެ އާދަތައް 13 އަހަރަށްވުރެ ގިނަ ދުވަހު ބަލާފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އެ މީހުންގެ ތެރެއިން ނަފްސާނީ ބަލިތައް ޖެހުނު މީހުންގެ މައުލޫމާތު ވަނީ ރެކޯޑުކުރެވިފައެވެ.
ދިރާސާއިން އެނގުނު ގޮތުގައި ދުވާލަކު ދެތިން ތަށި ކޮފީ ބުއި މީހުންނަށް ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު އެންމެ ކުޑައެވެ. މިއާ ޚިލާފަށް، މިއަށްވުރެ ގިނައިން ކޮފީ ބުއި މީހުންނަށް ބަލިތަކުގެ ނުރައްކާ ބޮޑުވިއިރު، މިއަށްވުރެ މަދުން ބުއި މީހުންނަށްވެސް ބަލިޖެހުމުގެ ފުރުސަތު އޮތީ ބޮޑުކޮށެވެ. މީގެ އިތުރުން، ކޮފީ ބުއިމާއި ނަފްސާނީ ދުޅަހެޔޮކަމާ ހުރި ގުޅުން ފިރިހެނުންގެ މެދުގައި ވަނީ ބޮޑަށް ފާހަގަކުރެވިފައެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއް / މުނިއަވަސް
ދުވާލަކު ކިހާވަރަކަށް ކޮފީ ބޮވިދާނެ؟
އާންމުގޮތެއްގައި ދުޅަހެޔޮ ބޮޑެތި މީހުންނަށް ދުވާލަކު 400 މިލިގްރާމާ ހަމައަށް ކެފެއިން ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. މިއީ ގާތްގަނޑަކަށް 8 އައުންސުގެ 2 ނުވަތަ 3 ތަށި ކޮފީއެވެ. 2023 ވަނަ އަހަރު ހެދި އެހެން ދިރާސާއަކުންވެސް ވަނީ ދުވާލަކު ދެތިން ތަށި ކޮފީ ބުއިމަކީ ދުޅަހެޔޮ ދިރިއުޅުމެއްގެ ބައެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ކޮފީން ނަފްސާނީ ދުޅަހެޔޮކަން ލިބިދޭ ސަބަބުތައް:
ކޮފީގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ނަފްސާނީ ގޮތުން ފައިދާތަކެއް ލިބިދެއެވެ:
1- އެންޓިއޮކްސިޑެންޓްސް: ކޮފީގައި ހިމެނޭ ‘ޕޮލިފީނޯލްސް’ގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެދީ، ހާސްކަން ކުޑަކޮށްދެއެވެ.
2- ޑޯޕަމީން އިތުރުވުން: ކެފެއިންގެ ސަބަބުން ސިކުނޑީގައި ‘އުފާވެރިކަން’ އިހުސާސްކޮށްދޭ ހޯރމޯންއެއް ކަމަށްވާ ޑޯޕަމީންގެ މަސައްކަތް ހަލުވިކޮށްދެއެވެ.
3- ސަމާލުކަން އިތުރުވުން: ކެފެއިންގެ ސަބަބުން ވަރުބަލިކަން ކުޑަކޮށްދީ، ސިކުނޑި ތާޒާކޮށްދެއެވެ. މީގެ ސަބަބުން ބައެއް މީހުންނަށް މަސައްކަތަށް ސަމާލުކަން ދެވި، ހާސްކަން ކުޑަވެގެންދެއެވެ.
ކޮފީން ކުރަނީ ރަނގަޅު އަސަރެއްތޯ ބަލާނީ ކިހިނެއް؟
ކޮފީއަކީ ހާސްކަމަށް އޮތް ބޭހެއް ނޫންކަމަށް މާހިރުން އިންޒާރުދެއެވެ. ބައެއް މީހުންނަށް ކޮފީގެ ސަބަބުން ހިތުގެ ވިންދު އަވަސްވުމާއި، ލޭގެ ޕްރެޝަރު މަތިވުމާއި، ނުތަނަވަސްކަން އިތުރުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
ޚާއްޞަކޮށް ހުސްބަނޑާ ހުރެ ކޮފީ ބުއިމާއި، ނިދި މަދުވުމަކީ ކޮފީގެ ނޭދެވޭ އަސަރުތައް ބޮޑުވާނެ ކަންކަމެވެ. ކޮފީ ބުއިމަށްފަހު ހަށިގަނޑަށް ވާގޮތް ބަލާށެވެ. ކޮފީ ބުއިމުން ހަމަޖެހުމާއި ސަމާލުކަން ލިބޭނަމަ އެއީ އޭގެ ފައިދާ ކުރާކަމުގެ ނިޝާނެކެވެ. ނަމަވެސް، ހިތް ތެޅުމާއި، އަތްފައި ތުރުތުރުލުމާއި، ނިދަން އުނދަގޫވުން ފަދަ ކަންކަން ދިމާވާނަމަ، އެއީ ކޮފީ ބުއިން މަދުކުރަންޖެހޭ ކަމުގެ ނިޝާނެކެވެ.
