ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޭސް ނުކައި ލޭގެ ޕްރެޝަރު ދަށްކުރެވޭނެ އިންޖެކްޝަނެއް!

ކޮންމެ ދުވަހަކު ބޭސް ކެއުމުގެ ބަދަލުގައި އަހަރަކު ދެ ފަހަރު ޖަހާ އިންޖެކްޝަނަކުން ލޭގެ ޕްރެޝަރު ފައްކާ ގޮތެއްގައި ދަށްކުރެވޭކަން ބައިނަލްއަޤުވާމީ ކްލިނިކަލް ޓްރައިލެއްގައި ސާބިތުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ކުއީން މެރީ ޔުނިވާސިޓީ އޮފް ލަންޑަނުގެ ރިސާޗަރުން އިސްކޮށް ތިބެ ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާ ‘ޖާމާ’ ޖާނަލްގައި ވަނީ ޝާއިޢުކޮށްފައެވެ. ކާޑިއާ-2ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޓްރައިލްގައި 663 މީހުން ބައިވެރިވިއެވެ. މި މީހުންނަކީ ޢާންމު ބޭހުން ލޭގެ ޕްރެޝަރު ރަނގަޅަށް ކޮންޓްރޯލް ނުކުރެވޭ މީހުންނެވެ.

ޓްރައިލްގައި ބައިވެރިންނަށް ޒައިލެބެސިރާން ކިޔާ ތަޖުރިބާ ބޭހެއް، ކުރިން ކާ ބޭސްތަކާ އެކު ދެވުނެވެ. ނަތީޖާ ދެއްކި ގޮތުގައި ހަމައެކަނި ޢާންމު ބޭހުގައި ތިބި މީހުންނާ އަޅައިބަލާއިރު، އިންޖެކްޝަން ޖެހި މީހުންގެ ލޭގެ ޕްރެޝަރު އިތުރަށް ބޮޑުތަނުން ދަށްވިއެވެ. ޒައިލެބެސިރާން މަސައްކަތް ކުރަނީ އާރްއެންއޭ އިންޓަފެރެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން، މެއި ގަނޑުގައި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޕްރޮޓީނެއް ކަމަށްވާ އެންޖީއޯޓެންސިނޯޖެން އުފެއްދުން ހުއްޓުވައިގެންނެވެ. އެ ޕްރޮޓީންގެ މިންވަރު ދަށްވުމުން ލޭ ނާރުތައް ހުޅުވި، ޕްރެޝަރު ދަށްވެއެވެ. މި ބޭސް ދެވެނީ ހަމުގެ ދަށަށް ޖަހާ އިންޖެކްޝަނެއް ގޮތުގައެވެ.

މި ދިރާސާގެ ޔޫކޭ ބައިގެ އިސް ރިސާޗަރު، ކުއީން މެރީ ޔުނިވާސިޓީ އޮފް ލަންޑަނުގެ ވިލިއަމް ހާވީ ކްލިނިކަލް ރިސާޗް ސެންޓަރުގެ ކްލިނިކަލް ކޯ-ޑައިރެކްޓަރު ޑރ. މަނީޝް ސަކްސޭނާ ވިދާޅުވީ “ހައިޕާޓެންޝަނަކީ ދުނިޔޭގެ ޞިއްޙީ ކަންބޮޑުވުމެއް. ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރެވޭ މިންވަރު ދަށް، އަދި ހާޓް އެޓޭކާއި ސްޓްރޯކުގެ މައިގަނޑު ސަބަބެއް. މި ދިރާސާއިން ޒައިލެބެސިރާންގެ ރައްކާތެރިކަމާއި ކާމިޔާބުކަން ދައްކައިދޭ. މި ފަރުވާގެ ޚާއްޞަ ކަމަކީ ކޮންމެ ހަ މަހަކުން އެންމެ އިންޖެކްޝަނެއް ޖެހުމުން، މިލިއަނެއްހާ ބަލިމީހުންނަށް ބަލި ކޮންޓްރޯލް ކުރަން ފަސޭހަވެގެން ދިޔުން” ކަމަށެވެ.

ރިސާޗަރުން މިހާރު ދަނީ ކާޑިއާ-3ގެ ނަމުގައި ފޭސް 2ގެ ފޮލޯ-އަޕް ޓްރައިލެއް ކުރިއަށް ގެންދަމުންނެވެ. މި ޓްރައިލްގައި ބެލެނީ ހިތުގެ ބައްޔާ ނުވަތަ އެ ބަލީގެ ނުރައްކާ ބޮޑު މީހުންނަށް މި ބޭހުން ފައިދާ ކުރާ މިންވަރެވެ. މީގެ އިތުރުން މި އަހަރުގެ ފަހުކޮޅު ބޮޑު ގްލޯބަލް އައުޓްކަމްސް ސްޓަޑީއެއް ފެށުމަށް ވަނީ ރާވައިފައެވެ. މި ދިރާސާ ފަންޑުކޮށްފައިވަނީ އެލްނިލަމް ފާމަސޫޓިކަލްސް އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top