ޚުލާސާ:
🏃 ދުވާ މީހުންނަށް އެންމެ އާންމުކޮށް އަނިޔާވަނީ ކަކުލަށެވެ.
🏃 އެހެންނަމަވެސް، ދުވުމަކީ އޭގެ ޒާތުގައި ކަކުލަށް ނުރައްކާވާ ކަމެއް ނޫނެވެ.
🏃 ދުވުމުގެ ސަބަބުން ކަކުލު ހުޅު ވަރުގަދަވެ، ދިގު މުއްދަތަކަށް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.
ދުވާއިރު ކޮންމެ ފިޔަވަޅަކާއެކު ކަކުލަށް އަންނަ ލޮޅުން ދުވާ މީހުންނަށް އިހުސާސް ކުރެވޭނެއެވެ. އެހެންކަމުން، ދުވުމަކީ ކަކުލަށް ގެއްލުންދޭ ކަމެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން ގަބޫލުކުރާ ގޮތުގައި ގަވާއިދުން ދުވުމަކީ ކަކުލަށް ގެއްލުންދޭ ކަމެކެވެ. އަދި ދުރު ރާސްތާއަށް ދުވުމަކީ ކަކުލަށް ގެއްލުންހުރި ކަމެއް ކަމަށް ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ގަބޫލުކުރެއެވެ.
ނަމަވެސް ހަގީގަތަކީ، ދުވުމަކީ ކަކުލަށް އެހާ ބޮޑު ގެއްލުމެއް ލިބޭ ކަމެއް ނޫން ކަމެވެ. އަދި ކިއެއްތަ، މީގެ ސަބަބުން ކަކުލަށް ފައިދާތަކެއް ވެސް ކުރެއެވެ.
ދުވުމުގެ ސަބަބުން ކަކުލަށް ކުރާ އަސަރު
އޯހައިއޯ ހެލްތުގެ ރަނާސް ކްލިނިކްގެ ލީޑަރު އަދި އެތުލެޓިކް ޓްރެއިނަރެއް ކަމަށްވާ އެމީ ހެރިސަން ވިދާޅުވާ ގޮތުގައި، ދުވާއިރު ކޮންމެ ފިޔަވަޅަކާއެކު މީހާގެ ހަށިގަނޑުގެ ބަރުދަނަށްވުރެ ތިނެއް ނުވަތަ ފަސް ގުނަ އިތުރު ބާރެއް ކަކުލަށް ފޯރައެވެ. ނޯތުވެސްޓަން މެޑިސިންގެ އޯތޮޕީޑިކް ސްޕޯޓްސް މެޑިސިން ފިޒީޝަން ޑރ. ވެހްނިއާ ކްރިސްޓިން ޓްޖޮންގް އިތުރަށް ވިދާޅުވި ގޮތުގައި، ކަކުލުން މި ހުރިހާ ބާރެއް ނުއުފުލި ނަމަވެސް، މަސްތަކާއި، ލިގަމެންޓްތަކާއި އަދި މަޑު ކަށިތަކަށް މި ބާރު ބަހާލުމަށް ކަކުލު ހުޅު އެހީތެރިވެދެއެވެ.
މިއީ ކަކުލަށް ބުރަ ކަމެއްގެ ގޮތުގައި ހީވި ނަމަވެސް، ޓްޖޮންގް އާއި ހެރިސަން ވިދާޅުވާ ގޮތުގައި މިފަދަ “ލޯޑް” ނުވަތަ ބާރުތަކުގެ ސަބަބުން، ހަށިގަނޑުގައިވާ އެންމެ ބޮޑު ހުޅު ކަމަށްވާ ކަކުލު ހުޅު ދިގު މުއްދަތަކަށް ދުޅަހެޔޮކޮށް ބެހެއްޓުމަށް މަގުފަހިވެއެވެ.
“ދުވުމުގެ ސަބަބުން މަސްތައް ވަރުގަދަވެ، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަދި މަޑުކަށިތައް ބޯވުމަށް އެހީތެރިވެދޭ. މީގެ ސަބަބުން ކަކުލާއި އެހެނިހެން ހުޅުތައް ރައްކާތެރިކޮށްދޭ، ދުވާއިރު ލިބޭ ޕްރެޝަރަށް އަހަރެމެންގެ ހަށިގަނޑު ހޭނި، މަސްތައް ބިނާކޮށް، މަޑުކަށީގެ ފެންވަރު ރަނގަޅުކޮށް، ކަށިތައް ވަރުގަދަކޮށްދޭ.”
ހެރިސަން ވިދާޅުވިއެވެ.
ދިރާސާތަކުން ވެސް މިކަމަށް ބާރުދެއެވެ. މިސާލަކަށް، 2017 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، މާ ބޮޑު ހަރަކާތެއް ނެތި ތިބޭ މީހުންނަށްވުރެ، އާދައިގެ ގޮތަކަށް ދުވާ މީހުންގެ ކަކުލު ހުޅު ދުޅަވުމުގެ ފުރުސަތު ކުޑައެވެ.
އަދި 2023 ވަނަ އަހަރު ޓްޖޮންގް ބައިވެރިވި ދިރާސާއަކުން ދެއްކި ގޮތުގައި، ދުވާ މުއްދަތާއި، ބާރުމިނާއި، ނުވަތަ މީގެ ކުރިން ދުވެފައިވާ މެރަތަންތަކުގެ އަދަދަކީ ކަކުލު ހުޅަށް މައްސަލަ ދިމާވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އާއިލާގައި މިފަދަ ބަލިތައް ހުރުމާއި، ކުރިން ލިބިފައިވާ އަނިޔާއެއް ނުވަތަ ކުރި ސާޖަރީއެއް، ނުވަތަ ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ހުޅު ދުޅަވުމުގެ ނުރައްކާ ބޮޑުވާ ކަންތައްތަކެވެ.
ސަމާލުވާންވީ ކޮން ބައެއް؟
މީގެ މާނައަކީ ދުވުމުގެ ތެރެއިން ކަކުލަށް އަނިޔާ ނުވާނެއެކޭ ނޫނެވެ. ކޮންމެ ކަސްރަތެއް ކުރި ނަމަވެސް އަނިޔާއެއް ލިބުމުގެ ފުރުސަތު އޮވެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި ދުވާ މީހުންނަށް އެންމެ ގިނައިން އަނިޔާވަނީ ކަކުލަށެވެ.
ކުރިން ކަކުލަށް އަނިޔާވެފައިވާ މީހުންނާއި، ތަނބިކަށި ފުރޮޅުމުގެ މައްސަލަ ދިމާވާ މީހުންނާއި، ހުޅު ދުޅަވުމުގެ ބަލި ހުންނަ މީހުންނާއި، އަދި ބަރުދަން މާ ބޮޑަށް އިތުރު މީހުން ދުވުމުގައި އިތުރަށް ސަމާލުވާން ޖެހޭނެ ކަމަށް ހެރިސަން އިންޒާރު ދެއްވައެވެ.
“ދުވާ މިންވަރު ނުވަތަ ބާރުމިން އިތުރުކުރާއިރު ވަރަށް ލަހުން އިތުރުކުރަމުން ގެންދަންވާނެ. އޭރުން ހަށިގަނޑަށް އެ ބަދަލަށް ހޭނުމުގެ ފުރުސަތު ލިބޭނެ،” އޭނާ ވިދާޅުވިއެވެ.
ކަކުލު ހުޅު ރައްކާތެރިކުރާނީ ކިހިނެއް؟
އަނިޔާއަކުން ސަލާމަތްވުމަށްޓަކައި، ދުވަން އަލަށް ފަށާ މީހުން ދުވުމުގެ މާހިރެއްގެ ނުވަތަ ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދު ހޯދުމަށް ޓްޖޮންގް ލަފާދެއްވައެވެ. މީގެ ސަބަބުން ދުވުމުގެ ރަނގަޅު އުސޫލުތައް ދަސްވެ، ކުރީކޮޅުގައި ދިމާވެދާނެ އަނިޔާތަކުން ސަލާމަތްވެވޭނެއެވެ.
ވަރުގަދަކުރުމުގެ ކަސްރަތުތައް ކުރުމަކީ ވެސް މުހިންމު ކަމެކެވެ. ބަރު އުފުލައިގެން ނުވަތަ ހަށިގަނޑުގެ ބަރުދަން ބޭނުންކޮށްގެން ކުރާ ކަސްރަތުތަކުގެ ސަބަބުން މަސްތަކާއި، ޓެންޑަންތަކާއި، ލިގަމެންޓްތައް ވަރުގަދަވެ، ކަށީގެ ބޯމިން އިތުރުވެ، ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމަށް ހެރިސަން ވިދާޅުވިއެވެ. ޚާއްޞަކޮށް ފޫކޮޅުގެ މަސްގަނޑާއި، ފައިގެ ފަހަތު މަސްތަކާއި، ފަލަމަސްގަނޑު އަދި ބަނޑުގެ މަސްތައް ވަރުގަދަކުރުމަށް ސަމާލުކަން ދޭންވާނެއެވެ.
“ސްކޮޓްސް، ލަންޖަސް އަދި ޕުޝް-އަޕްސް ފަދަ އާދައިގެ ކަސްރަތުތައް ވެސް ރަނގަޅުވާނެ، ޖިމަކަށް ދިއުން މަޖުބޫރެއް ނޫން،” އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ދުވަން އަރާ ބޫޓަށް ސަމާލުކަން ދިނުމަކީ ވެސް މުހިންމު ކަމެކެވެ. ދުވުމަށް ޚާއްޞަ، ފަޔަށް ހެޔޮވަރު، މަޑު ބޫޓަށް އަރާށެވެ. އަދި ކޮންމެ 350 ނުވަތަ 400 މޭލަކުން ބޫޓު ބަދަލުކުރާށެވެ. ދުވަން ފެށުމުގެ ކުރިން ހިނގާލައިގެން ހަށިގަނޑު ހޫނުކޮށްލުމާއި (ވޯރމް އަޕް)، ދުވެ ނިންމާފައި މަސްތައް ދަމާލުން (ސްޓްރެޗް) މުހިންމެވެ. ދުވާ ދުރުމިން ހަފުތާއަކު 10 އިންސައްތައަށްވުރެ އިތުރު ނުކުރާށެވެ. އަދި ދުވާ ތަނަކީ ކޮންކްރީޓް މަގުތަކުގެ ބަދަލުގައި، ވިނަގަނޑު ނުވަތަ ދުވާ ޓްރެކް ފަދަ މަޑު ތަނަކަށް ވުމުން ކަކުލަށް ކުރާ އަސަރު ކުޑަވާނެއެވެ.
އެންމެ މުހިންމު ކަމަކީ، ހަށިގަނޑަށް އިހުސާސްވާ ކަންކަމަށް ސަމާލުވުމެވެ. ކަކުލުގައި ރިއްސާނަމަ، ދުވުން މެދުކަނޑާލައި އަރާމުކުރާށެވެ. ބައެއް ފަހަރު ހަމައެކަނި ހިނގާލުމަކީ ވެސް މަސްތަކާއި ހުޅުތަކަށް ލިބޭ ލުޔަކަށް ވެދާނެއެވެ.
