ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ބުދެއް – ކުރު ވާހަކަ

އަޒީފް އާއި ދިމާވީ ލާންޗަށް އެއްޗަށް ލާން ދިޔަ ގަޑީ ލާންޗު ކައިރިންނެވެ.

ސްކޫލް ދައުރުން ފެށިގެން އެކުގައި އުޅެބޮޑުވި ގާތް ރަހުމަތްތެރިޔާއާ މި ދިމާވީ ހައެއްކަ މަސް ފަހުންނެވެ. އަޒީފް މަސައްކަތް ކުރަނީ މާލޭ ކައިރި ރިސޯޓެއްގައެވެ. އިތުރަށް ކިޔަވަން އަހަރެން ބޭނުންވިއިރު އޭނާ ބޭނުންވީ ވަޒީފާއަކަށް ދާށެވެ. އިތުރަށް ކިޔެވުމުގެ ސައުގުވެރިކަމެއް އޭނާގެ ނެތެވެ.

” ނާއިމް ބުރޯ. ހިނގާބަލަ ތަނަކަށް ޖައްސާލަން. ރަށަށް ދާއިރު ކޮއްކޮއަށް ހަދިޔާއެއް ގެންދަން އެބަޖެހޭ. އެހެން ނޫނީ ކަމަކު ނުދާނެ. މިހާރު ދުވަސްކޮޅެއް ވެއްޖެ އެއްޗެއް ގަނެދޭން ބުނާތާ.” ވާހަކަ ދައްކަމުން ދައްކަމުން އަޒީފް އެދުނެވެ.

” އަދި ވަގުތު އެބައޮތެއްނު. ފުރަތަމަ ހިނގާ ކޮފީއެއް ދޭން. ” ގަޑި ބަލައިލަމުން ނާއިމް އެދުނެވެ. އެހާ ދުވަސްކޮށްފައި ދިމާވުމުން ދައްކާނެ ވާހަކަ ބައިވަރު އެބަހުއްޓެވެ. ދެމީހުނަށް ވެސް އެގޮތް ކަމުދިޔައެވެ.

” އާން …. ހިނގާ … ހިނގާ ” ނާއިމް ހިނގައިގަތުމުން އޭނާގެ ފަހަތުން ހިނގައިގަންނަމުން އަޒީފް ބުންޏެވެ.

ކޮފީއެއް ބޮއެގެން ދެއެކުވެރިން ނުކުތީ ފިހާރަތައް ބަލައިލާށެވެ. އަޒީފް އޭނާގެ ކޮއްކޮއަށް ގަންނަން ބޭނުންވާ ހަދިޔާ ފެނުނީ ދެތަނެއް ބެލި ފަހުންނެވެ.

” ތީތި ކަމަކު ނުދާނެ. ބުދު ގެންގުޅޭކަށް ނުވާނެ. ” އަޒީފް އޭނާގެ ކޮއްކޮއަށް ގެންދަން ގަތް ބޮޑު ބުދުފެނުމާއިއެކު ނާއިމް ވާހަކަދެއްކިއެވެ. އެއީ އަންހެން ކުއްޖެއްގެ ސޫރައަށް ހަދާފައިވާ ދޮޅުފޫޓުގެ ބޮޑު ރީތި ބުދެކެވެ. ލައްވާފައިހުރީ މިހާރަށް އެންމެ އެކަށީގެންވާފަދަ ޒަމާނީ ފޭރާމެވެ. މޭކަޕްކޮށް ބޮލުގައި މަލެއް ވެސް ޖަހާފައި ހުއްޓެވެ.

” އެ ކީއްވެ؟ …. ކުޑަ ކުދިން ކުޅެއް ބުދު ގެންގުޅުން އެއީ މައްސަލައެއް ނޫނޭ. ” އަޒީފް ހާމަކުރީ އޭނާއަށް ވިސްނޭ ގޮތެވެ. ނުވަތަ އޭނާ ގަބޫލުކުރާ ގޮތެވެ.

އަޒީފްގެ ގަބޫލުކުރުން ނާއިމް އަކަށް ކަމަކު ނުދިޔައެވެ. ހަމައެހެންމެ ނާއިމްގެ ބުނުން އަޒީފަކަށް ކަމަކު ނުދިޔައެވެ.
ނައުފާއާ ދިމާވީ އެކަމުގައި ގޮތެއް ނުނިމި ފިހާރައިން ނުނިކުމެވެވިފައި ތިއްބައެވެ. ދީނީތަޢުލީމަށް ނުހަނުބޮޑު އިސްކަމެއްދީ މިހާރު ވެސް އެދާއިރާއިން ތަޢުލީމު ހާސިލް ކުރަމުންދާ ނައުފާއަކީ އަޒީފާއި ނާއިމްމެން ރަށު ޒުވާނެކެވެ. އުމުރު ކުޑަކޮށް ދޮށްޓަސް ސްކޫލް ދައުރުގައި ކޮންމެވެސް ވަރަކަށް އެކުގައި އުޅެވިފައިވާތީ ދަންނަ ގާތްކަމެއް އެމީހުންގެ މެދުގައި އޮތެވެ.

ހާލު އަހާލުމުން ފެށުނު ވާހަކަތައް ދިމާވެގެން އުޅޭ މައްސަލަ އާއި ހަމައަށް ފޯރިއެވެ.

” ވަރަށް ބޮޑު ސުވާލެއް ތިކުރީ … އެގެއެއްގައި ކުއްތާއެއް ނުވަތަ ސޫރައެއް ވާ ގެއަކަށް މަލާއިކަތަކު ވަދެވަޑައި ނުގަންނަވާނެ … ބައެއް އިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު، ކުޑަކުދިން ކުޅެން ގެންގުޅޭ ބުދު، ޙަރާމް ސޫރައިން އިސްތިސްނާ ވެގެންވޭ. އެހެންވީމާ ކުޑަކުދިން ކުޅެން ގެންގުޅޭ ބުދު ހުއްޓަސް އެގެއަކަށް މަލާއިކަތުން ވަދެ ވަޑައިގަންނަވާނެ. މަލާއިކަތުން ވަދެ ވަޑައި ނުގަންނަވާނީ، މާތްކޮށް ހިތޭ ސޫރަ އެލުވާފައި، ހިއްޕާފައި، ހަރުކޮށްފައި ހުންނަ ތަންތަނަށް. މަލާއިކަތުންގެ ތެރެއިން އެފަދަ ތަންތަނަށް ވަދެ ވަޑައިނުގަންނަވާނީ ރަހުމަތުގެ މަލާއިކަތުން. ލިޔުއްވާ މަލާއިކަތުން އެފަދަ ތަންތަނަށް ވެސް ވަދެ ވަޑައި ގަންނަވާނެ. ” ވާހަކަ ދައްކަމުން ދައްކަމުން ފިހާރަތެރެއަށް ނައުފާ ނަޒަރު ހިންގާލިއެވެ.

” އަޑުއަހާނެ ކަންނޭންގެ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ވާހަކަ … ރަސޫލާގެ ޙާސިރުގައި އެކަމަނާ ބުދުކޮއްކޮއާ ކުޅެ އުޅުނު ވާހަކަ. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އެކުވެރި ކުދިން ޢާއިޝާ ރަޟިޔަﷲ ޢަންހާއާއެކު ކުޅެން ރަސޫލާ ފޮނުއްވެވި ވާހަކަ. އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން އަބޫދާއޫދު އަދި ނަސާއީ ރިވާކުރެއްވި އެހެން ރިވާޔެއްގައިވޭ ރަސޫލާ ތަބޫކު ހަނގުރާމައިން ނުވަތަ ޚައިބަރު ހަނގުރާމައިން ވަޑައިގެންނެވި ދުވަހު، ޢާއިޝާ ރަޟިޔަﷲ އަންހާ ދޮރުކޮޅުގައި ދަމާފައިވާ ދޮރުފޮތިގަނޑު (އޭގައި ޙަރާމް ސޫރަ ހުރުމުގެ ސަބަބުން) އިރާލެއްވިއޭ ….. އަލްމައުސޫޢަތުލް ފިގްހިއްޔާގެ އަށްވަނައީ ” ތުއްތުކުދިންނަށް އުގައްނައިދިނުން ފަދަ އެކަމެއްގައި މަޞްލަޙަތެއް އެކުލެވިފައިވާ ކަންކަމުގައި ޞޫރަ ކުރެހުންފަދަ ކަންކަމަކީ ޢިލްމުވެރިން މަނާ ކުރައްވާފައިވާ ކަންތަކެއް ނޫނެވެ. ޚާއްޞަގޮތެއްގައި ތުއްތުކުދިން ކުޅުމަށް ތައްޔާރުކޮށްފައި ހުންނަ ބުދުތަކަކީ ޢިލްމުވެރިން އިސްތިސްނާ ކުރައްވާފައިވާ ތަކެއްޗެވެ. އެއީ އަންހެން ކުދިން، ދަރިން ތަރުބިއްޔަތު ކުރުވުމަށް އާދަކުރުވުމުގެ ބޭނުމުގައެވެ. ”

ނައުފާ ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލަމުން އަނެއްކާ ވެސް ވަށައިގެން ހޯދާލިއެވެ.

” ބުދު ހަރާމް ކުރެއްވުމުގެ ޙިކުމަތަކީ ﷲ އެއްކައުންވަންތަކަމުގެ ޢަޤީދާ ޙިމާޔަތް ކުރުން. ސޫރަ ހަދައިގެން އެއަށް މާތްކޮށް ހިތައި އަޅުކަންކޮށް ހެދުމާއި، ބުދަށް އަޅުކަންކުރާ ކާފިރުންނާއި އަހަރުމެން މުސްލިމުން އެއްގޮތް ވުމުން ދުރުހެލިވާން ޖެހޭ. ކުޑަކުދިން ކުޅެން ގެންގުޅޭ ބުދަކީ މަޖާކުރުމަށް ގެންގުޅޭ އެއްޗެއް. އެއްވެސް ހާލެއްގައި މާތްކޮށް ހިތާ އެއްޗެއް ނޫން. އަދި އިހާނެތިކޮށް ހިތާ އެއްޗެއް. އެއްލާލައިފާނެ. ފައިން އަރާފާނެ. ފައިން ޖަހައި ވެސް ދާނެ. ހަލާކުކޮށްލައިދާނެ. އެ އުމުރަކީ އެކުދިން އެންމެ ބޮޑަށް ކުޅޭ ހިތްވާ އުމުރު. އަޅުކަން ކުރުމުގެ ތަކުލީފު ޖެހިގެން ނުވާ އުމުރު. އެ ކުދިން އެންމެ ގަޔާވާ ކަންތައް ކަމުގައިވާ، ކުޅެ މަޖާކޮށް އުޅުން އެއީ އެކުދިންނަށް ނަފްސާނީ ގޮތުން ވެސް ނުހަނު އުފާވެރިކަން ގެނެސްދޭ ކަންކަން. ” ދައްކަމުންދިޔަ ވާހަކައަށް އަނެއްކާ ވެސް ބައެއް ނައުފާ އިތުރު ކޮށްލިއެވެ.

” އެހެންވީމާ … ކޮއްކޮއަށް ބުދެއް ގެންގޮސް ދިނުން އެއީ މައްސަލައެއް ނޫނެއްނު. ” އަޒީފް ބުނީ އޭނާއަށް ގަބޫލު ކުރެވުނު ގޮތެވެ.

” ކުރިން ވެސް ބުނިހެން … އެއީ ބައެއް އިލްމުވެރިންގެ ބަސް. އެކަމާއި ދެބަސްވާ އިލްމުވެރިން ވެސް މަދެއްނޫން. އެފަދަ އިލްމުވެރިން ވިދާޅުވާ ގޮތުގައި އޭރު ކުޅެން ގެންގުޅުނު ބުދުތަކަކީ މިހާރު މިހުންނަހެން އިންސާނުންގެ ސޫރައަށް ނުވަތަ ކޮންވެސް ޖަނަވާރެއްގެ ސޫރައަށް އެތަކެތި ހަދައި ފުރިހަމަ ކޮށްފައި ހުންނަ ބުދެއް ނޫން. އަދި އެ ދުވަސްވަރަކީ ދީނުގައި މި ޙުކުމް މަންސޫޚުވުމުގެ ކުރީގައި އަދި ނަހީ ކުރެއްވުމުގެ ކުރީގައި ގެންގުޅުއްވި ތަކެތި. އަދި މަންސޫޚު އެހެނަސް މަންސޫޚް ކުރެވުނު ފަހުން އަދި ނަހީ ކުރެއްވި ފަހުން އެކަމަށް ރަސޫލާ އިޤްރާރްވެ ވަޑައެއް ނުގަންނަވާ.” ނައުފާ އިޝާރާތްކުރީ އަޒީފް ހިފައިގެން ހުރި ބުދަށެވެ.

” އެހެން ވީމާ ކިހިނެއް ވާން މިޖެހެނީ؟ ” އަޒީފް ހުރީ ހަދާނެގޮތެއް ނޭންގިފައެވެ.

” އެންމެ ރަނގަޅު ގޮތަކީ ސުވާލު އުފެދޭ މިކަހަލަ ކަންކަމާއި ދުރުހެލިވުން. ކޮއްކޮއަށް ކުޅޭ އެއްޗެއް ގެންގޮސް ދޭން ބޭނުންވަންޏާ އެހެން ކޮންމެވެސް އެއްޗެއް ވެސް ގެންގޮސް ދެވިދާނެއެއްނު. މިސާލަކަށް މިހިރަ ކައްކާ ސެޓް ނުވަތަ ޑޮކްޓާރ ސެޓް ވެސް ކިހާރީތި. އަދި އެހަރަ ކާރުތަކާއި ބުރިކްގޭމް ވެސް ހަމަރަނގަޅު ވާނެއެއްނު. ” ތަންކޮޅެއް ދުރުގައިހުރި ކުޅޭ އެއްޗިއްސަށް ބަލައިލަމުން ނައުފާ ވާހަކަ ނިންމާލިއެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ! ” ނާއިމް އާއި އަޒީފް، ނައުފާއަށް ޝުކުރު އަދާކުރިއެވެ.

” ކަންކަން އޮތްގޮތް ބެލީމާ އެނގޭނީ. މިހިރަ ކައްކާސެޓް ކޮއްކޮއަށް ކަމުދާނެކަން ޔަގީން. މިކަހަލަ އެއްޗެހި ގެންގޮސް ދިނީމާ އަސްލު މާ އުފާވާނެ. މަންމަމެން ދައްތަމެއް ކައްކާއުޅޭހެން އުޅެން ބޭނުންވެ ނުލިބި ހުރި ފުރުސަތު ވެސް ލިބޭނެ. ” ނާއިމް ދެއްކީ ނައުފާ ވެސް ދެއްކި ކައްކާ ސެޓެވެ.
ނާއިމް އާއި އަޒީފް ފިހާރައިން ނުކުތީ އެ ކައްކާސެޓް ގަނެގެންނެވެ.

ކައްކާސެޓް ލިބުމާއިއެކު ކޮއްކޮގެ ހިތް އުފަލުން ފޮޅުނެވެ. އެތައް ފަހަރަކު އަޒީފަށް ޝުކުރުއަދާކުރިއެވެ. މިއީ ބޮޑު ކުއްޖަކަށް އޭނާ ވާންވާއިރަށް ކައްކަން ދަސްކުރަން ލިބުނު ރަނުގެ ފުރުސަތެއްކަމުގައި އޭނާ ދެކުނެވެ.

ނިމުނީ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top