ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރް މިހާރު ހުރީ އޭނާގެ ފިލްމީ ކެރިއަރުގެ ވަރަށް ހިތްހަމަޖެހޭ ތަފާތު މަރުހަލާއެއްގައި ކަމަށް އޭނާ ބުނެފިއެވެ. އެތައް އަހަރެއްގެ ތަޖުރިބާއަށްފަހު، “ރާޖާ ހިންދުސްތާނީ” ފަދަ މަޝްހޫރު ފިލްމުތައް ކުޅެފައިވާ މި ބަތަލާ ބުނާ ގޮތުގައި، މަސައްކަތާ މެދު އޭނާ ދެކޭގޮތް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރިއަށްވުރެ ބޮޑަށް މިހާރު އޭނާ އިސްކަންދެނީ މަސައްކަތުގެ ފުންމިނަށާއި އޭގެ މުހިންމުކަމަށެވެ.
ކަރިޝްމާ ބުނި ގޮތުގައި، މިހާރު އޭނާ މަސައްކަތްކުރަނީ ހިތުގެ ޝައުޤުވެރިކަމާއި އޭގެ މަޤުސަދަށް ބަލައިގެންނެވެ. ފިލްމީ ދާއިރާގެ ތެރޭގައި ބޮޑުވި ކަރިޝްމީ ފާހަގަކުރި ގޮތުގައި، ވިޔަފާރި ފިލްމުތަކުން ފެށިގެން ތަފާތު ހުނަރުތައް ދައްކާލެވޭ ފިލްމުތަކާ ހަމައަށް އެކި ކަހަލަ ރޯލުތައް ކުޅުމުގެ ނަސީބު އޭނާއަށް ވަނީ ލިބިފައެވެ. އެހެންކަމުން، މިހާރު އޭނާ ބޭނުންވަނީ ކޮންމެހެން ހުރިހާ ތަނަކުން ފެނުމުގެ ބަދަލުގައި އޭނާގެ ހިތާ ގުޅޭ ފަދަ މުހިންމު މަސައްކަތްތައް އިޚްތިޔާރު ކުރާށެވެ.
މިހާރު ވަގުތުގެ އަގު ވަޒަންކުރަން، މަސައްކަތްތައް އިޚްތިޔާރުކުރުމުގައި ވަރަށް ބަލަން”
މިހާރު ކަރިޝްމާގެ ނިންމުންތައް ބިނާވެފައިވަނީ އަމިއްލަ ހިތްހަމަޖެހުމާއި ވަގުތުގެ މައްޗަށެވެ. އޭނާ އެއްބަސްވާ ގޮތުގައި ވަގުތަކީ މިހާރު އޭނާގެ އެންމެ ބޮޑު “ފިލްޓަރ” އެވެ. އޭނާ ކިޔައިދިން ގޮތުގައި ކުރީގައި ހުއްޓުމެއް ނެތި އެއް ސެޓުން އަނެއް ސެޓަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، މިހާރު އޭނާ ވަގުތަށް ވަރަށް ބޮޑަށް އިސްކަންދެއެވެ. އޭނާ މަސައްކަތްތައް އިޚްތިޔާރު ކުރުމުގައި ފަރުވާތެރިވަނީ، ގެއިން ބޭރަށް ނުކުމެ ކުރާ ކޮންމެ މަސައްކަތަކީ އެކަމަށް ހޭދަކުރާ ވަގުތާ އެކަށީގެންވާ ފައިދާހުރި މަސައްކަތަކަށް ވާން ބޭނުންވާތީއެވެ. އަދި އާއިލާއަށް އެކަށީގެންވާ ވަގުތު ދިނުމަކީވެސް އޭނާގެ މަޤުސަދެކެވެ. މީގައި ހަމައެކަނި ސްކްރިޕްޓަށް ބެލުމުގެ ބަދަލުގައި، އެ މަސައްކަތެއްގެ ފަހަތުގައި ތިބި މީހުންނާއި އޭގެ މަޤުސަދަށްވެސް އޭނާ ބަލައެވެ.
އޯޓީޓީ ޕްލެޓްފޯމްތަކާއެކު ވާހަކަ ކިޔައިދޭ ގޮތަށް އައި ބަދަލާމެދު އުފާކުރަން
ކަރިޝްމާ އާ ވަސީލަތްތަކާއި ޒަމާނޯ ގޮތްތައް ބަލައިގަތް ނަމަވެސް، ބޮޑު ސްކްރީނަށް އޭނާގެ ހިތުގައި އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ. އޭނާ ބުނީ ބޮޑު ސްކްރީނަކީ އޭގެ އަމިއްލަ ޖާދޫއެއް އެކުލެވިގެންވާ ތަނެއް ކަމަށާއި، އެއީ އޭނާގެ ފެށުން ކަމަށްވާތީ އަބަދުވެސް ހިތުގައި ޚާއްސަ މަޤާމެއް އޮންނާނެ ކަމަށެވެ. ނަމަވެސް އޯޓީޓީ ޕްލެޓްފޯމްތަކުގެ ސަބަބުން ތަފާތު ގިނަ ކެރެކްޓާތަކާއި ފުން ވާހަކަތައް ހުށަހަޅައިދިނުމުގެ ފުރުސަތު ބޮޑުވެގެން ގޮސްފައިވާކަމަށް އޭނާ ޤަބޫލުކުރެއެވެ. މަސައްކަތްތައް އިކްތިޔާރު ކުރުމުގައި ބަލައިގެން ކުރިއަށްދާ މީހަކަށް މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެހެންނަމަވެސް، އޭނާ އަބަދުވެސް ބޮޑު ސްކްރީނުން ފެންނާނެކަމުގެ ޔަޤީންކަން ދިނެވެ.
ފެޝަނަކީ އަމިއްލަ ނަފުސު ހާމަކޮށްދޭ ވަސީލަތެއް
ފިލްމީ މަސައްކަތްތަކުގެ އިތުރުން ކަރިޝްމާގެ ފެޝަން ސްޓައިލަކީވެސް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ނަމޫނާއެކެވެ. އޭނާ ބުނާގޮތުގައި ފެޝަނަކީ އޭނާގެ އަމިއްލަ ނަފުސާއި އިޙުސާސްތައް ފާޅުކޮށްދޭ ކަމެކެވެ. އޭނާ ދުވަހަކުވެސް އާދައިގެ ޓްރެންޑްތަކުގެ ފަހަތުން ނުދުވާ ކަމަށާއި، ބޮޑަށް ބަލަނީ އަމިއްލަ ނަފުސަށް އިތުބާރާއި ހިތްހަމަޖެހުން ލިބޭ ގޮތަކަށް ހެދުން އެޅުމަށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ހެދުން އެޅުމުގައި ސާދާ ގޮތްތައް މާ ރީއްޗެވެ. އޭނާގެ ސްޓައިލަކީ މާޒީގެ ހަނދާންތަކާއި މިޒަމާނުގެ ގޮތްތައް މަސްހުނިވެފައިވާ، ހަށިގަނޑަށް ފަސޭހަ ސްޓައިލެކެވެ. އެކި އުމުރުފުރާގެ މީހުންނަށް އޭނާގެ މި ވިސްނުން ކަމުދާތީ އެކަމާ އޭނާ ވަރަށް އުފާވެއެވެ. ފެޝަނަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއް ނަމަވެސް، އަމިއްލަވަންތަކަމުގައި ހުންނަނަމަ އެކަން ދުވަހަކުވެސް ބަދަލެއް ނުވާނެކަމަށް އޭނާ ބުންޏެވެ.
