ޒަމާނީ ސިންޑްރެއްލާ
ފޮތްތަކާއި ހުވަފެންތަކުގެ ދުނިޔޭގައި އުޅެމުންދާއިރު، ބައެއް ފަހަރު ސާރާގެ ހިތަށް އަރައެވެ. އޭނާއަކީ ކޮންކަހަލަ ފެއަރީޓޭލް ނުވަތަ ޚިޔާލީ ވާހަކައެއްގެ ބަތަލާއެއް ބާވައެވެ؟ އޭނާއަކީ އެފަދަ ވާހަކައެއްގެ ރާނީއެއް ނަމަ، އެއީ ކޮން ރާނީއެއް ހެއްޔެވެ؟ ސިންޑްރެއްލާ ހެއްޔެވެ؟ އެ ޚިޔާލާއެކު އޭނާގެ ތުންފަތްމައްޗަށް ކުޑަކުޑަ ހިނިތުންވުމެއް ވެރިވެއެވެ. އެކަމަކު ނޫނެކެވެ. އޭނާއަކީ ގޭތެރެ މޮޕުލާ، ކުނިކަހާ، ސާފުކޮށް ނުވަތަ ނުލަފާ ދޮންމަންމައެއްގެ އަޅުވެތިކަމުގައި އުޅެންޖެހިފައިވާ ކުއްޖެއް ނޫނެވެ. އޭނާއަށް ކުރިމަތިވަމުންދާ އެކަނިވެރިކަމާއި އަނިޔާވެރިކަމަކީ އެހެން މީހުންނަށް ފެންނަވަރަށްވުރެ މާ ބޮޑަށް ހިމޭންވެފައިވާ ކަމެކެވެ. ސާރާގެ ހަށިގަނޑަކުން ނުވަތަ އަމަލުތަކަކުން އެހެން މީހުންނަށް ހަމްދަރުދީވާނެ ފަދަ ނިޝާނެއް ފެންނަން ނެތް ނަމަވެސް އޭގެ ބަދަލުގައި ސާރާގެ މަންމަ އޭނާއާމެދު ކަންތައް ކުރަމުން އަންނަނީ ދުރު ބީރައްޓެއްސެއް ފަދައިންނެވެ. އެއީ ފަސޭހައިން އަޅާނުލާ ދޫކޮށްލެވޭ ފަދަ ކަމެކެވެ. ސާރާއަކީ ހަމައެކަނި ސޯފީ ހުރީތީ ފެންނަން ހުރި ހިޔަންޏެއް ފަދަ މީހެކެވެ. ސާރާއަކީ އަމިއްލަވަންތަކަމެއް ހުރި ދަރިއެއްގެ ގޮތުގައި އެކަކަށްވެސް ނުފެނެއެވެ. އޭނާއަކީ ހަމައެކަނި “ބާކީ ހުރި” އެއްމާބަނޑު ކުއްޖާއެވެ. އަނެކަކަށް ދިިރިނުހުރެވުނީތީ، ދިރިހުންނަން މަޖުބޫރުވި ކުއްޖާއެވެ. އެހެން މީހަކު ހުންނަން ޖެހޭތީ، އެތަނުގައި ހުރި މީހާއެވެ.
އެހެންކަމުން، އޭނާ ދިރިއުޅެމުން ދަނީ މުއްސަނދިކަމާއި ހިމޭންކަމުން ބިނާކޮށްފައިވާ ދުނިޔެއެއްގެ ތެރޭގައެވެ. އެތަނުގައި ހުރިހާ އުފަލެއް ފޯރުކޮށްދެވިފައިވެއެވެ. ނަމަވެސް އެއްވެސް އިޙުސާސެއް ނުވެއެވެ. ބޭރުފުށުން ބަލާއިރު، އޭނާގެ ދިރިއުޅުމަކީ ފުރިހަމަ މިސާލެކެވެ. އަމިއްލަ ރަށެއްގެ ވަށައިގެންވާ ސާފު ނޫކުލައިގެ މޫދެވެ. ކަނޑުގެ އިން ފެންނަން ނެތް ހިމޭން އުދަރެހާ ހަމައަށް ދެމިފައިވާ ހުދު ފިނޮޅުތަކެވެ. ގަސްތަކުގެ ތެރޭގައި ފޮރުވިފައިވާ، އެކަކަށްވެސް ގާތްނުވެވޭ ފަދަ ބޮޑު ގަނޑުވަރެކެވެ. ކޮންމެ ދިމާލަކުން ފެންނަނީ މުއްސަނދިކަމެވެ. ކޮންމެ ކަމަކުން އިޙުސާސްވަނީ ރައްކާތެރިކަމެވެ.
އެކަމަކު އެއިން އެއްވެސް ކަމަކުން ސާރާގެ ހިތަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އަސްލު ހަޤީޤަތަކީ އެއީއެވެ. ސަބަބަކީ އެހާ ފުރިހަމަކަމެއްގެ ތެރޭގައިވެސް އޭނާގެ ހިތުގައި އޮތީ ހުސްކަމެކެވެ. ބުނެދޭން ނޭނގޭ ފަދަ މުހިންމު ކަމަކަށް ބޭނުންވެފައިވާ، މަޑުމަޑުން ފެތުރެމުންދާ ހުސްކަމެކެވެ. ނަމެއް ނެތް އުނިވެފައިވާ ކަމެކެވެ. ސާރާ ގިނަ ފަހަރަށް އެ ގަނޑުވަރުގެ ކުޑަދޮރު ކައިރީގައި ހުރެ، އެއްވެސް ބަދަލެއް ނާންނަ ކަނޑަށް ބަލަހައްޓައިގެން ހުރެއެވެ. އަދި އޭނާގެ ހިތަށް އަރަމުންދެއެވެ. މިއީ މިނިވަންކަމުގެ ސިފަ ކަމަށްވާނަމަ.. ކޮށްޓެއްގައި ބަންދުވެފައި ހުންނަ ކަހަލަ އިޙުސާސެއް މި ކުރެވެނީ ކީއްވެ ހެއްޔެވެ؟
ސާރާ ދުވަހަކުވެސް އިތުރު މާ ގިނަ އެއްޗަކަށް ނޫނީ އަރާމަކަށް އެދިއެއް ނޫޅެއެވެ. އޭނާ ބޭނުންވަނީ މުޅިން އަމިއްލަ ނަފުސަށްވެސް ބުނެދޭން ނޭނގޭ ފަދަ ކަމެކެވެ. މި ފާރުތަކުން ބޭރުގައިވާ މި ރަށުން ބޭރުގައިވާ ކަމެކެވެ. ހަމައެކަނި “ސޯފީގެ ކޮއްކޮ” ނުވަތަ “ސާރާ” އަށް ވުމަށްވުރެ ބޮޑު ކަމެކެވެ. ސަބަބަކީ އޭނާގެ ހިތުގެ ފުންމިނުގައި.. ހިމޭން ހަޤީޤަތެއް އާލާވާން ފަށައިފިއެވެ. އޭނާއަކީ އަބަދުގެ އަބަދަށް މިތަނުގައި ހުންނަންޖެހޭނެ މީހެއް ނޫންކަމެވެ.
އެ ބޮޑު ގަނޑުވަރެއް ފަދަ ގޭގެ ހެނދުނުގެ ވަގުތުތަކަކީ އަބަދުވެސް އެއްގޮތަކަށް ތާވަލް ކުރެވި ރޭވިގެން ފާއިތުވާ ވަގުތުތަކެކެވެ. ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ މައްޗަށެވެ. ހަރުކަށިކޮށް ކޮންޓްރޯކުރެވިގެން ކުރިއާލާ އެނގޭ ކަންތައްތަކެކެވެ. ސާރާ ކާމޭޒުދޮށަށް ދިޔައިރު، އެ ދިގު ކާމޭޒު އޮތީ ތައްޔާރުކޮށްފައެވެ. ހުދު ކުލައިގެ ޕޯސަލިން ތަށިތަކެވެ. ވިދާ ބަބުޅާ ރިހި ސަމުސަލާއި އޫތަކެވެ. ކޮންމެ އެއްޗެއްވެސް ހުރީ އިންޗިއަކަށްވެސް ބަދަލުނުވާނެހެން ފަރުވާތެރިކަމާއެކު އަތުރާފައެވެ.
ސާރާގެ ބައްޕަ އިނީ އެ ދިގު މޭޒުގެ އެންމެ ދުރު އެއް ކަނުގައެވެ. ކަންފަތުގައި ފޯނު ޖަހައިގެން ސާރާއަށް ދުވަހަކުވެސް އޮޅުންފިލުވައިދީފައި ނުވާ މުހިންމު ކަންތައްތަކާ ބެހޭގޮތުން ބާރަށް، އެހެނަސް މަޑުމައިތިރި ރާގަކަށް ވާހަކަދައްކަމުން ދިޔައެވެ. އަދަދުތަކެވެ. ނަންތަކެވެ. ނިންމުންތަކެވެ. ހަމަހިމޭންކަމުގެ ފުރަގަހުގައި ފޮރުވިފައިވާ ބާރެވެ. މަންމަ ހުރީ އެ ދިގު މޭޒުގެ ބައްޕަޔާވީ ކޮޅު ނޫން އަނެއް ކޮޅުގައެވެ. އިށީނދެގެންނެއް ނޫނެވެ. މަންމަ ދިޔައީ ހުރިހާ ކަމެއް ބަލައި، ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުންނެވެ. ފަރުވާތެރިކަމާއެކުއެވެ. އިރުޝާދު ދެމުންނެވެ. މިތަނުން ކުޑަ އިޝާރާތެކެވެ. އެތަނުން ކުޑަ އިރުޝާދެކެވެ. ގެންގުޅޭ މީހުން ހިޔަނިތަކެއް ފަދައިން މަންމަގެ ވަށައިގެން ހަރަކާތްތެރިވަމުން ދިޔައެވެ. ކަންކަން ރަނގަޅުކޮށް، ފުރިހަމަކުރުމުގައެވެ. އެއްވެސް އެއްޗެއް ހުންނަންޖެހޭ ތަން ނޫން އެހެން ތަނަކު ނެތެވެ.
ސާރާ މަޑުމަޑުން އެ މޭޒުގެ މެދަށް ވީ ގޮނޑިއެއްގައި އިށީނެވެ. އަދި ދެއަތް އުނގުމަތީގައި ބާއްވާލިއެވެ. އިންތިޒާރުގައެވެ. އަބަދުވެސް އިންނަ ފަދައިންނެވެ. ނަމަވެސް މިއަދު ތަފާތެވެ. ސާރާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ލައިގެން ހުރި ހެދުމުގައި އޭނާ އިނގިލިތަކުން ބާރަށް ހިފަހައްޓާލިއެވެ. ސާރާ ވަނީ މިކަމަށް ވަރަށް ތައްޔާރުވެފައެވެ. އެއްފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އަދި އޭނާގެ ސިކުނޑީގައާއި ހުވަފެންތަކުގައެވެ. އެކަނިވެރި ހަމަހިމޭންކަމުގައެވެ. “މަންމާ..” ސާރާ މަޑުމަޑުން ފެށިއެވެ. އޭނާގެ މަންމަ ވަގުތުން ޖަވާބެއް ނުދެއެވެ. މަންމަ އެނބުރި ބަލާލީ މަދު ސިކުންތުކޮޅެއް ފަހުންނެވެ. އެ ބަލާލުމަކީ ތޫނު، ކަމެއް ވަޒަންކުރާ ފަދަ، އަދި އިޒުނައަކާ ނުލައި ވާހަކަދެއްކުމުން ލިބުނު ހައިރާންކަމެއް އެކުލެވޭ ބަލާލުމެކެވެ. “ކީކޭ؟”
ސާރާ ކަރުތެރެ ހިއްކައިލިއެވެ. “އަޅުގަނޑު ބޭނުން ވަރަށް މުހިންމު ވާހަކައެއް ދައްކާލަން..” ވަގުތުކޮޅަކަށް ހުއްޓުމެއް އައެވެ. ކުރު، އެހެނަސް ބަރުދަން ހުރި ހުއްޓުމެކެވެ. “ބުނޭ.” ސާރާ ފުން ނޭވާއެއްލިއެވެ. “އަޅުގަނޑު ބޭނުންވަނީ އިތުރު ތަޢުލީމު ހާސިލުކުރަން.. މި ގަނޑުވަރުގެ ފާރުތަކުން ބޭރުގައި.” އެ ބަސްތައް އެ ކޮޓަރީގެ ތެރެއަށް ފެތުރިގެން ދިޔައީ ނާޒުކު އެހެނަސް ނުރައްކާތެރި އެއްޗެއްގެ ގޮތުގައެވެ. ފަހަތުން ބައްޕަގެ އަޑު އިވެމުންދިޔައެވެ. މެދުކެނޑުމެއް ނެތި، ދުރުދުރުންނެވެ. ނަމަވެސް މަންމަ ހުއްޓުން އެރިއެވެ.
“އަމިއްލަ ޕްރައިވެޓް ޓިއުޓަރުންނާ އެކީގައެއް ނޫން.” ސާރާ އަވަސްއަވަހަށް އިތުރުކޮށްލިއެވެ. ކޮންމެ ބަހަކާއެކު ހިތުގެ ތެޅުން ބާރުވަމުން ދިޔަ ނަމަވެސް، މިހާރު އޭނާގެ އަޑުގައި ސާބިތުކަމެއްް ހުއްޓެވެ. “އަޅުގަނޑު ބޭނުންވަނީ ރަނގަޅަށް ކިޔަވަން.. ތަރުތީބުވެފައިވާ ޕްރޮގްރާމްތަކެއްގައި ބައިވެރިވާން.”
މަންމަ އެއްޗެކޭ ނުބުންޏެވެ. އެތައް އަހަރެއް ވަންދެން ހިތުގައި ފޮރުވާފައިވާ ޖަޒުބާތުތައް ބޭރުވަމުން ދިޔަވަރަކަށް، ސާރާގެ ހިތްވަރު ގަދަވަމުން ދިޔައެވެ. “އަޅުގަނޑު މިދަނީ ދިރާސާ ކުރަމުން. ޔުނިވަރސިޓީތަކާއި.. އޮންލައިން އިސްލާމިކް އެކަޑަމީތައް އެބަހުރި. ޤުރުއާނާއި ސުންނަތުގެ އަލީގައި ހުވަފެން މާނަކުރުން ތަޢުބީރުލް ރޫޔާ ކިޔަވައިދޭ ޚާއްޞަ މުދައްރިސުން އެބަތިއްބެވި.”
މަންމަގެ މޫނުމަތީގެ ކުލަވަރަކަށް ބަދަލެއް ނައެވެ. ނަމަވެސް އެ ދެލޮލުން.. ތޫނުކަމެއް ފާޅުވިއެވެ.
“އަޅުގަނޑު ބޭނުންވަނީ އުނގެނެން.” ސާރާ ބުންޏެވެ. މިހާރު އޭނާގެ އަޑު މަޑެވެ. ނަމަވެސް ކުރިއަށްވުރެ ޔަގީންކަން ބޮޑެވެ.
“ހުވަފެންތަކުގެ މާނައަކީ ކޮބައިކަން ދަންނަން އަޅުގަނޑު ބޭނުން. އެއީ ކޮން އެއްޗެއްކަން ދެނެގަންނަން ބޭނުން.”
ކުޑަ ހިނދުކޮޅެއްގެ ހުއްޓުމަކަށްފަހު “އަޅުގަނޑު ބޭނުން ލިޔަން.”
އެ ބަސް މުޅި ތަނުގައި ގޮވިއެވެ. “އަޅުގަނޑު ކުރާ ދިރާސާތަކާއި ލިޔުންތަކުގައި މި ޢިލްމު ހިމަނަން ބޭނުން.”
އެ ވަގުތު އޮތީ ހަމައެކަނި ހަމަހިމޭންކަމެވެ. ބައްޕަގެ އަޑުވެސް ދުރުން އިވޭ ފަނޑު އަޑަކަށް ބަދަލުވެއްޖެ ފަދައެވެ. ސާރާ އިނީ އޭނާގެ ހިތްވަރުގެ އެންމެ ފަހު އެތިކޮޅުގައި ހިފަހައްޓައިގެންނެވެ. އިންތިޒާރުގައެވެ. އުންމީދުގައެވެ.
މަންމަ ކައިރިއަށް ޖެހިލިއެވެ. ލަސްލަހުންނެވެ. ކަރާމާތްތެރިކަމާއެކުގައެވެ. ނަމަވެސް ހަރުކަށިކަމާއެކުގައެވެ.
“މިއީ..” އެންމެ ފަހުން މަންމަ ބުންޏެވެ. މަންމަގެ އަޑު މަޑެވެ. “ދައްތަގެ ސަބަބުން ކުރަން އުޅޭ ކަމެއްތަ؟”
އެ ސުވާލު އައީ ކަނޑިއެއް ފަދައިން ހެރެމުންނެވެ. ސާރާ ވަގުތުން ޖަވާބެއް ނުދެއެވެ. އެހެނީ އޭގެ ހަޤީޤަތަކީ އެއީ އަބަދުވެސް ސޯފީއާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް އެމީހުން ހީކުރާ ގޮތަކަށް ނޫނެވެ.
“އަޅުގަނޑު ބޭނުންވަނީ އަމިއްލަ ކަމެއް، ހުނަރެއް، އެއްޗެއް އުނގެނެން.” އެންމެ ފަހުން ސާރާ ބުންޏެވެ.
ކުޑަކުޑަ ބަދަލެއް މަންމަގެ މޫނުމަތިން ފެނުނެވެ. ވަރަށް ކުޑަ ނަމަވެސް، އެއީ ހަޤީޤީ ބަދަލެކެވެ. އަދި ވަރަށް ގިނަ ދުވަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް މަންމަ ސާރާއަށް ފުންކޮށް ބަލާލިއެވެ. އަވަސްއަރުވަލާފައި ހަރުކަށި އުސޫލަކުން ނޫނެވެ.
އަދި ކޮންމެވެސް ސަބަބަކާ ހުރެ އެކަނިވެރިކަމަށްވުރެ، އެ ބަލާލުން މާ ބިރުވެރިއެވެ.
ބައްޕަގެ އަޑު ކުއްލިއަކަށް ކެނޑުނެވެ. ފޯނު ކޯލު ނިމުނީއެވެ. އެއަށްފަހު ވެރިވި ހިމޭންކަމަކީ ބަރުދަންހުރި ހިމޭންކަމެކެވެ. ސާރާގެ ބައްޕަ ވަރަށް މަޑުމަޑުން ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ފޯނު ބޭއްވި އަޑު، ހީވިވަރަށްވުރެ ބާރަށް އެ ކޮޓަރީގެ ތެރޭގައި ގުގުމާލިއެވެ. އިރުކޮޅަކަށް ބައްޕަ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހަމައެކަނި ބަލަހައްޓައިގެން ހުރީ ސާރާއަށެވެ. އެއީ ރުޅިވެރި ބެލުމެއް ނޫންނަމަވެސް އެއްވެސް އޯގާތެރިކަމެއް ނެތެވެ. އެއަށްވުރެ މާ ބޮޑަށް ނުތަނަވަސްކުރުވާ ހިސާބުތަކެއް ޖަހާ ފަދަ ބެލުމެކެވެ.
“ތި ބޭނުންވަނީ އަހަރެން ކަނޑައަޅާފައިވާ އިންތަކުން ބޭރަށް ނިކުންނަން.” މައިތިރި އަދި ކޮންޓްރޯލް ކުރެވިފައިވާ އަޑަކުން ބައްޕަ ބުންޏެވެ. އެއީ ސުވާލެއް ނޫނެވެ. “އަހަރެން ބޭނުންވަނީ އުނގެނެން.” ސާރާ މަޑުމަޑުން އަދަބުވެރިކަމާއެކު ޖަވާބު ދިނެވެ. މަންމަ ކުޑަކޮށް ފަހަތަށް ޖެހިލަމުން، ދެއަތް އުނަގަނޑުގައި ވިއްދާލިއެވެ. “މި މާހައުލުން ބޭރުވާން އެދުމަކީ، ކުޑަކަމެއް ނޫން ސާރާ.” މަންމަ ބުންޏެވެ.
“އަހަރެން މި އެދެނީ މުޅިން ވަކިވާކަށް ނޫން. އަދި ޒިންމާތަކުން ރެކޭކަށްވެސް ނޫން.” ސާރާ އަވަސްއަވަހަށް ބުންޏެވެ. “އަހަރެން ހަމައެކަނި ބޭނުންވަނީ ރަނގަޅަށް ކިޔަވަން. ހުވަފެން މާނަކުރުމާ ބެހޭގޮތުން.. ތަޢުބީރުލް ރޫޔާ ދަސްކުރަން.. އަހަރެންނަށް މިހާރު ފެނިއްޖެ ބައެއް ޕްރޮގްރާމްތައް ޕްލީޒް!”
“ތިޔަވަރުން ފުދިއްޖެ. ދެން ހެޔޮ!” ބައްޕަގެ އަޑު ސާރާގެ ވާހަކަ މެދުކަނޑާލިއެވެ އެއީ ހަރުކަށި، ހަރުދަނާ، ސީދާ އަޑެކެވެ. ބާރަށް ހަޅޭއްލެވުމެއް ނެތެވެ. ނަމަވެސް އެއީ އެންމެ ފަހުގެ ނިންމުމެވެ. ސާރާ ހިމޭންވިއެވެ. ބައްޕަ ކުޑަކޮށް ފަހަތަށް ޖެހިލިއިރުވެސް، އޭނާގެ ދެލޯ ހުރީ ސާރާއަށް ހުއްޓިފައެވެ. “ހުވަފެންތަކޭ.” ބައްޕަ ވަރަށް މަޑުމަޑުން ތަކުރާރުކޮށްލިއެވެ. “ތިޔަ ގަސްދުކުރަނީ މުސްތަޤުބަލު ބިނާކުރަން.. ހުވަފެންތަކެއްގެ މައްޗަށް.”
“ހަމައެކަނި ހުވަފެންތަކެއް ނޫން.” ސާރާއަށް ބުނެވުނެވެ. އެ ޖުމްލަ އޭނާގެ ދުލުން ނިކުތީ ހިފަހައްޓަން މަސައްކަތް ކުރަނިކޮށެވެ. އެ ކުރެވުނީ ކުށެކެވެ. ކޮޓަރީގެ ތެރޭގައި އޮތް މާހައުލު ބަދަލުވިއެވެ. ވަރަށް މަޑުމަޑުންނެވެ. ނަމަވެސް ނުރައްކާތެރި ގޮތަކަށެވެ. ބައްޕަގެ ބެލުން ހަރުކަށިވިއެވެ. “އެހެންވީމާ، ތި ކޯއްޗެއް ކަމަށް ތިޔަ ޤަބޫލުކުރަނީ؟” ބައްޕަ ސުވާލުކުރިއެވެ.
ސާރާ ފަސްޖެހުނެވެ. އޭނާގެ ހިތް އަނެއްކާވެސް ބާރަށް ތެޅެން ފެށިއެވެ. އޭނާގެ ޚިޔާލަށް ތަފާތު ސިފަތަކެއް އަންނަން ފެށިއެވެ. ކަނޑެވެ. ޖަންގައްޔެވެ. ސޯފީގެ އަޑެވެ. އޭނާ ދިއްކޮށްލި އަތެވެ. “އެއިން ކޮންމެވެސް މާނައެއް ދޭހަކޮށްދޭ.” އޭނާ ކުރިއަށްވުރެ މަޑުމަޑުން ބުންޏެވެ. “އިސްލާމްދީނުގައި.. އޭގެ މާނަތަކެއްވޭ. މެސެޖުތަކެއްވޭ. ހުރިހާ ހުވަފެނަކީ ހަމައެކަނި ފެންނަ އެއްޗެއް ނޫން.”
އެއަށްފަހު ވަރަށް ގިނައިރު ވަންދެން ހިމޭންކަން ވެރިވިއެވެ. އޭނާގެ މައިންބަފައިން އެކަކު އަނެކަކަށް ބަލާލިއެވެ. އެއީ ކުރު ބަލާލުމެކެވެ. ބަހެއް ނުބުނެއެވެ. ނަމަވެސް އޭގައި ސާރާއަށް ފަހުމްނުވާ ކޮންމެވެސް ކަމެއް ވިއެވެ. ފުރަތަމަ ވާހަކަ ދެއްކީ މަންމައެވެ. “އަހަރެމެން މިކަމަށް ހުއްދަ ދީފިނަމަ..” އޭނާ ވަރަށް މަޑުމަޑުން ބުންޏެވެ. “މަސްއޫލިއްޔަތުތަކަށް އިހުމާލެއް ނުވެވޭނެ؟” ސާރާގެ ހިތަށް ބާރުވިއެވެ. އޭގެ މާނައަކީ ކޮބައިކަން އޭނާއަށް އެނގެއެވެ. “ސޯފީއަކީ އަބަދުވެސް ސާރާގެ އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ފަރާތް.” ބައްޕަ އިތުރުކޮށްލިއެވެ. “އަބަދުވެސް.”
“ލައްބަ.” ސާރާ އަވަސްއަވަހަށް ބޯޖަހާލިއެވެ. “އެނގޭ.”
“މި ރަށުން ބޭރަކަށް ނުދެވޭނެ.” މަންމަ ކުރިއަށް ގެންދިޔައެވެ. “އުނގެނޭ ކޮންމެ އެއްޗެއް އުނގެނެންވާނީ އަހަރެމެންގެ ބެލުމުގެ ދަށުން. އަހަރެމެން ހުއްދަދޭ އެއްޗެއް. އަދި އަބަދުވެސް މޮނިޓަރ ކުރެވޭނެ.”
އެ “މޮނިޓަރ” ނުވަތަ “ބެލެހެއްޓޭނެ”އޭ ބުނި ބަސް އޭނާގެ ސިކުނޑީގައި ގުގުމާލިއެވެ. ސާރާ ފަސްޖެހުނެވެ. ހަމައެކަނި ސިކުންތަކަށެވެ. “އަދި..” ބައްޕަ ކުޑަކޮށް ކުރިއަށް ޖެހިލަމުން ބުންޏެވެ. “އަދި ތި ކިޔަވަމުންދާ ކޮންމެ އެއްޗެއް އަހަރެމެންނާ ހިއްސާކުރަންވާނެ.” ސާރާ ދެލޯ ބޮޑުކޮށްލިއެވެ.
“ހުރިހާ އެއްޗެއްތޯ؟ ކޮންމެ ފިލާވަޅެއް؟” އޭނާ ސުވާލުކުރިއެވެ. “ކޮންމެ މާނަކުރުމެއް. ކޮންމެ ނަތީޖާއެއް.”
ސާރާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. ކީއްވެބާވައެވެ؟ މިކަން އެމީހުންނަށް މިހާ މުހިންމުވަނީ ކީއްވެބާވައެވެ؟ “ވިސްނިއްޖެތަ؟” މަންމަ ސުވާލުކުރިއެވެ. ސާރާ އެ ދެމީހުންގެ މޫނަށް ބަލާލިއެވެ. މިކަމުގައި ކޮންމެވެސް ގޯހެއް އުޅޭހެން އޭނާއަށް ހީވިއެވެ. އެމީހުންގެ އެ މަޑުމައިތިރިކަމުގެ އަޑީގައި ފޮރުވިފައިވާ ކަމެކެވެ. ނަމަވެސް މިއީ މިހާތަނަށް އޭނާއަށް ލިބުނު މިނިވަންކަމާ އެންމެ ގާތް ފުރުސަތެވެ.
“ލައްބަ.” އޭނާ ވަރަށް މަޑުމަޑުން ބުންޏެވެ. “އަހަރެންނަށް ވިސްނިއްޖެ.”
ބައްޕަ ބޯޖަހާލިއެވެ. “އެހެންވިއްޔާ ކުރިއަށްދޭ.” އެހާ ފަސޭހައިންނެވެ. ހުއްދަ ލިބިއްޖެއެވެ. ނަމަވެސް އެއީ މިނިވަންކަމެއް ކަމުގެ އިޙުސާސެއް ސާރާއަކަށް ނުކުރެވުނެވެ. މިއީ ހަމަ ސިންޑްރެއްލާ ވާހަކަ ނޫންހެއްޔެވެ؟ އަމިއްލަ ހިޔާވަހިކަމުގައި ނަމަވެސް ޖެހިލުންވެ ހުރެ ކޮންމެ ކަމަކަށް ހުއްދަ ހޯދުން، ޒިންމާތަކަށް ސަމާލުވުން އަދި ބިއްލޫރި ބޫޓު ސިފަކުރެވެނީ ކިޔެވުމުގެ ފުރުސަތު ފަދައިންނެވެ. އެއާއެކު ސިންޑްރެއްލާ ވާހަކައިގައި 12 ޖަހަންދެން ލިބޭ މުހުލަތު މިއީ އޭނާއަށް ގަނޑުވަރު ތެރޭގައި ބެލުމުގެ ދަށުގައި ކިޔަވަން ލިބުނު ފުރުސަތެވެ. ސާރާއަށް ހީވީ ދޮރެއް ހުޅުވުނުހެންނެވެ. ފުރިހަމައަށް ފަހުމްނުވާ ކަމެއްގެ ތެރެއަށެވެ. ސާރާ އިސްޖަހާލިއިރު، ހިތުގައި އާދަޔާ ޚިލާފު ނުތަނަވަސްކަމެއް އުފެދުނެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް ހުވަފެންތަކުން ޖަވާބު ހޯދަން މަސައްކަތްކުރަނީ ހަމައެކަނި އޭނާ ނޫންކަން އަދި އޭނާގެ މައިންބަފައިންވެސް އެކަން ބޭނުންކަން އިޙުސާސްކުރެވުމުންނެވެ. އަދި ކޮންމެވެސް ސަބަބަކާހުރެ.. އެމީހުންނަށް، އެމީހުން ސާރާއަށް ކިޔައިދޭ މިންވަރަށްވުރެ މާ ގިނަ ކަންތައްތަކެއް ކުރިންވެސް އެނގެއެވެ.
(ނުނިމޭ)
