އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު އަޅާނުލާ ދޫކޮށްލާ ހިތްދަތި ހަޤީޤަތެއް އޮވެއެވެ. އެއީ، އަނިޔާވެރިވާ މީހުން (ބުލީކުރާ މީހުން) ތިބެނީ އެއީ އެފަދަ ބައެއްކަން އަންގައިދޭ ބޯޑެއް އަޅައިގެން ނޫންކަމެވެ. ކްލާސްރޫމްތަކާއި، މަސައްކަތުގެ މާހައުލު ނުވަތަ ކުޅޭ މައިދާންތަކުގައި އެމީހުން ތައާރަފްކުރެވެނީ “ބުލީކުރާ މީހެއްގެ” ގޮތުގައެއް ނޫނެވެ. އެއީ އަހަރެމެންގެ ކްލާސް ކުދިންނެވެ. އެކުވެރިންނެވެ. އެކުގައި މަސައްކަތްކުރާ މީހުންނެވެ. އަދި ބައެއް ފަހަރު އެއީ އަހަރެމެން އެންމެ އިތުބާރުކުރި މީހުންނަށް ވެސް ވެދާނެއެވެ. މި ސަބަބަށްޓަކައި، އެންމެ އާދައިގެ ސުވާލަކަށް ޖަވާބު ދިނުން ވެސް އުނދަގޫވެއެވެ.
އަހަރެމެން އަމިއްލައަށް އަނިޔާވެރިއަކަށް ނުވެ، އެހެން މީހަކަށް އެއީ އަނިޔާވެރިއެއްކަން ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
މީހެއްގެ ނުބައިކަން ފާހަގަކޮށް ބުނެދިނުމަކީ ހަރުކަށި ކަމެއްގެ ގޮތުގައި އިޙުސާސް ކުރެވެއެވެ. ހަނުހުރުމަކީ ގޯހެއްކަން ވިސްނެއެވެ. މި ދެމެދުގައި ތާށިވެފައި ތިއްބާ، އެ އަނިޔާވެރިކަން ދަނީ ކުރިއަށެވެ.
ބައެއް ފަހަރު ބުލީކުރުމަކީ ވަރަށް ސާފުކޮށް ފެންނަން އޮންނަ، ހަރުކަށި އަދި އަޅާނުލާ ދޫކޮށްލަން އުނދަގޫ ކަމެކެވެ. ނަމަވެސް، ގިނަ ފަހަރަށް އެއީ ވަރަށް ހިމޭން ކަމެކެވެ. މަލާމާތަކަށް ބަދަލުވާ ސަމާސާއެކެވެ. ބާކީކޮށްލުމެވެ. ނުވަތަ މީހެއްގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަކޮށްލާ ފަދަ ރާގަކަށް ވާހަކަދެއްކުމެވެ.
މިކަން އިތުރަށް އޮޅުންބޮޅުން ވަނީ މިހިސާބުންނެވެ. އަނިޔާވެރިވާ ގިނަ މީހުންނަށް، އެމީހުންނަކީ ބުލީކުރާ ބައެއްކަން އިޙުސާސެއް ނުކުރެވެއެވެ. އެމީހުން ބުނެ އުޅެއެވެ.
“އެއީ ހަމަ ސަމާސާއެކެވެ.”
“ތިއީ މާ އަވަހަށް ދެރަވާ ކުއްޖެކެވެ.”
“މަގޭ ގަސްތަކީ އެއެއް ނޫނެވެ.”
ވީމާ، އަހަރެމެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
އެމީހަކު ލަދުގަންނުވާލައިގެންނެއް ނޫނެވެ. ބަދަލުހިފުމުގެ ރޫހެއްގައެއް ވެސް ނޫނެވެ. ނަމަވެސް، މާ އުނދަގޫ ކަމަކުންނެވެ. އެއީ ތެދުވެރިވުމެވެ. ކޯފާވުމަށްވުރެ، މަޑުމައިތިރިކަމާއެކު ބުނާ އާދައިގެ ޖުމްލައެއްގެ ނުފޫޒު މާ ގަދަވެދާނެއެވެ.
“އެކަމުން އަހަންނަށް ވަރަށް ތަދުވެއްޖެ.”
“އެއީ ރަނގަޅު ގޮތެއް ނޫން.”
“ފަހަރެއްގައި ކަލެއަށް ނޭނގި އޮވެދާނެ، އެކަމަކު އެއީ ބުލީކުރުން ކަމަށް އަހަންނަށް އިޙުސާސް ކުރެވޭ.”
މިގޮތަށް ބުނުމުން އަބަދު ރަނގަޅު ނަތީޖާއެއް ނުލިބިދާނެއެވެ. އަދި، ގިނަ ފަހަރަށް އެމީހުން އެކަން ޤަބޫލެއް ނުކުރާނެއެވެ. ސަބަބަކީ އަމިއްލަ ނަފުސު ވަޒަންކުރުމަކީ އުނދަގޫ ކަމަކަށް ވާތީއެވެ. އަމިއްލަ ކުށް ޤަބޫލުކުރުމަކީ މާ އުނދަގޫ ކަމެކެވެ. ނަމަވެސް، އެމީހާގެ ވިސްނުމަށް އެކަން ގެނެސްދިނުމަކީ މުހިންމު ކަމެކެވެ. ވަގުތުން ބަދަލެއް ނައި ނަމަވެސްމެއެވެ.
އަދި ބައެއް ފަހަރު، ހަޤީޤަތަށް ބުނާނަމަ، ކުޑަ ސަމާސާ ގޮތެއް ބޭނުންކުރުމުން ކަމުގެ ހޫނުކަން ކުޑަވެފައި ބުނަން ބޭނުންވާ ވާހަކަ ސާފުކޮށްދެވޭނެއެވެ. “ތިއީ ސަމާސާއެއް ނަމަ، އޭގައި މަޖާކަމެއް ނެތް.” މިއީ އެމީހާގެ ހަމަލާ ދިފާއުކޮށް، ބާރު ކަނޑުވާލާނެ ބަހެކެވެ. މިއީ ޒުވާބަކަށް ނުގޮސް، ތިމާގެ ރެޑްލައިން ނުވަތަ އިން ވަކިކޮށްދޭ ގޮތެވެ.
ނަމަވެސް، މި އެއްވެސް ކަމަކުން ނަތީޖާއެއް ނުފެނިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
އަނިޔާވެރިކަން ދެމިގެންދާނަމަ، އަހަރެމެންގެ އަމާޒު ބަދަލުކުރަން ޖެހެއެވެ. އަނިޔާވެރިވާ މީހާ އިސްލާހުކުރުމުގެ ބަދަލުގައި، އަނިޔާ ލިބޭ މީހާ ރައްކާތެރިކުރުމަށެވެ.
މިކަމާ ކުރިމަތިލާ ކުއްޖާއަށް އެނގެންޖެހޭ އެންމެ މުހިންމު ހަޤީޤަތަކީ މިއެވެ. “މިއީ ތިބާގެ ކުށެއް ނޫނެވެ.” އެމީހުންގެ ސަބަބުން ތިމާއަކީ ބަލި، ތަފާތު، ނުވަތަ “މާ ނިކަމެތި” މީހެއް ކަމަށް އިޙުސާސް ކުރެވުނަސް، މައްސަލައަކީ ތިބާގެ އުޅުމެއް ނޫނެވެ. މައްސަލައަކީ އެހެން މީހެއްގެ އަޚުލާޤެވެ.
އެކުދިންނަށް ބޭނުންވަނީ އެކުދިންގެ ޝަކުވާތައް ބޭކާރުކޮށްނުލައި، ކަނުލާ އަޑުއަހާނެ ރައްކާތެރި މާހައުލެކެވެ. އެކުދިންނަށް ބޭނުންވަނީ ފަސްވަނަ ފަހަރަށް ޝަކުވާ ކުރުމަކުން ނޫން، ފުރަތަމަ ފަހަރުވެސް އެކަން ސީރިއަސްކޮށް ނަގާނެ ބޮޑެތި މީހުންނެވެ.
ބެލެނިވެރިންގެ ދައުރަކީ ނާޒުކު، އެހެނަސް ވަރުގަދަ ދައުރެކެވެ. ފުރަތަމަ އަޑުއަހާށެވެ. ޖަވާބު ދިނުމަކަށް ނޫނެވެ. ނުވަތަ ވަގުތުން ކަމެއް ހައްލުކުރުމަކަށް ވެސް ނޫނެވެ. ހަޤީޤީ މާނައިގައި އަޑުއެހުމަށެވެ. ދެން ފިޔަވަޅު އަޅާށެވެ. ސްކޫލްތަކާ ވާހަކަދައްކާށެވެ. ކަން ހިނގާ ގޮތް ނޯޓުކުރާށެވެ. އެ ކުއްޖާއަކީ މި ހަނގުރާމައިގައި އެކަނިވެފައިވާ ކުއްޖެއް ނޫންކަން ހަނދާންކޮށްދޭނެ އެހީތެރިންގެ ފާރެއް ބިނާކުރާށެވެ.
އަދި ހަމައެއާއެކު، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ދަސްކޮށްދޭށެވެ. އެއީ ބުލީކުރުން “ތަހައްމަލު” ކުރާކަށް ނޫނެވެ. ނަމަވެސް އަމިއްލަ ނަފްސުގެ ޤަދަރު ހިމާޔަތްކުރާނެ އައްޑަނައެއްގެ ގޮތުގައެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، ޤަދަރާއި، ހާމަކަން ބޮޑު މުއާމަލާތަކީ ހިމޭން ދަގަނޑު ހެދުމެކެވެ.
ބައެއް ފަހަރު ޤަބޫލުކުރަން އެންމެ އުނދަގޫވާ ހަޤީޤަތަކީ މިއެވެ. ކޮންމެ އަނިޔާވެރިއަކު ބަދަލެއް ނުވާނެއެވެ. ކޮންމެ ވާހަކައެއް ނިމެނީ މާފަކުންނެއް ނޫނެވެ. ނަމަވެސް، ކޮންމެ ކުއްޖަކަށްމެ، އެކުދިންނަކީ އަގުހުރި، އިތުބާރުކުރެވޭ، އަދި ރައްކާތެރިކަން ލިބިގެންވާ ބައެއްކަން އެނގިގެން އެ ތަޖުރިބާއިން އަރައިގަތުމުގެ ޙައްޤު ލިބިގެންވެއެވެ.
ފަހަރެއްގައި ހަޤީޤީ ސުވާލަކީ ހަމައެކަނި “ބުލީ ކުރާ މީހަކަށް އެއީ އަނިޔާވެރިއެއްކަން ބުނެދޭނީ ކިހިނެއް؟” މިއެއް ނޫނެވެ. ނަމަވެސް، “އަނިޔާވެރިއަކަށް ވާން ބޭނުންވާ މީހުން މަދު ދުނިޔެއެއް އަހަރެމެން ބިނާކުރާނީ ކިހިނެއް؟” މިއީވެސް އުފެދޭ ސުވާލެކެވެ.
އެ ސުވާލުގެ ޖަވާބު ފެށެނީ، އަހަރެމެން ދައްކަން ބިރުގަންނަ ވާހަކަތައް ދައްކަން ކެރުމުންނެވެ. އެ ހިތްވަރު ނެރުމުންނެވެ.
