ކަރީނާ ކަޕޫރް ނުވަތަ “ބޭބޯ” އަކީ ބޮލީވުޑްގައި ފާހަގަކޮށްލެވޭ، ކުޅަދާނަ، މޮޅު އެކްޓިންތަކެއް ދައްކުވައިދީފައިވާ ބަތަލާއެކެވެ. އޭނާގެ ފިލްމީ ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ހިމެނުނު ނަމަވެސް، ބައެއް ފިލްމުތަކަށް އޭނާ ނޫނެކޭ ބުނުމުގެ ސަބަބުން އޭނާގެ ފިލްމީ ކެރިއަރުގައި ރަން އަކުރުން ފަވާލެވޭނެ ފަދަ މަޝްހޫރު ފިލްމުތަކެއް ވަނޭ ގެއްލިފައެވެ.
އެގޮތުން މި ލިޔުމުގައި މި ބަލައިލަނީ ކަރީނާ ކަޕޫރް އެކި ދުވަސްވަރު ދޫކޮށްލާފައިވާ ބޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމުތަކަށެވެ.
1 – ހަމް ދިލް ދޭ ޗުކޭ ސަނަމް (1999)
ޑައިރެކްޓަރު: ސަންޖޭ ލީލާ ބަންސާލީ
ތަރިން: އައިޝްވާރިޔާ ރާއީ ބައްޗަން، ސަލްމާން ޚާން، އަޖޭ ދޭވްގަން
ބޮކްސް އޮފީސް: ހިޓް
މި މަޝްހޫރު ފިލްމަކީ ވެސް ކަރީނާ ދޫކޮށްލި ފިލްމެކެވެ. ކަރީނާ މި ފިލްމު ދޫކޮށްލީ އޭރު އޭނާ މާ އުމުރުން މާ ހަގުވެފައި، އިތުރު ތަޢުލީމަށް ޤައުމުން ބޭރަށް ދިއުމުގެ ވިސްނުން ގެންގުޅޭތީ ކަމަށް ބުނެއެވެ. ފަހުން އެ ރޯލު ކުޅުނީ އައިޝްވާރިޔާ ރާއީ ބައްޗަން އެވެ.
2 – ކަހޯ ނާ ޕިޔާރް ހޭ (2000)
ޑައިރެކްޓަރު: ރާކޭޝް ރޯޝަން
ތަރިން: ރިތިކް ރޯޝަން، އަމީޝާ ޕަޓޭލް
ބޮކްސް އޮފީސް: ބްލޮކްބަސްޓާ
މި ފިލްމުގައި ސޯނިއާގެ ރޯލަށް އެންމެ ފުރަތަމަ ހަމަޖެއްސީ ކަރީނާއެވެ. އަދި ބައެއް ދުވަސްތަކުގައި ޝޫޓިންގައި ވެސް އޭނާ ބައިވެރިވިއެވެ. ނަމަވެސް ޑައިރެކްޓަރާއި ކަރީނާގެ މަންމަ ބަބީތާއާ ދެމެދު ފިލްމުގެ ޝޫޓިން ތާވަލާ ދޭތެރޭ ޚިޔާލު ތަފާތުވެ، އެއްބަސްވުމަކަށް ނާދެވިގެން ރާކޭޝް، ކަރީނާ ފިލްމުން ވަކިކުރީއެވެ. ފަހުން އެ ރޯލު ކުޅުނީ އަމީޝާ ޕަޓޭލް އަށެވެ.
3 – ކަލް ހޯ ނާ ހޯ (2003)
ޑައިރެކްޓަރު: ނިކިލް އަދުވާނީ
ތަރިން: ޝާހް ރުކް ޚާން، ޕްރީތީ ޒިންތާ، ސައިފް ޢަލީ ޚާން
ބޮކްސް އޮފީސް: ހިޓް
މިއީ ބޮލީވުޑްގެ ފޭނުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ، އަދި އެ ދުވަސްވަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމުގައި ޕްރީތީ ޒިންތާ ކުޅުނު ރޯލު އެންމެ ފުރަތަމަ ހުށަހެޅީ ކަރީނާ އަށެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާ މި ފިލްމު ދޫކޮށްލީ އޭނާ ކީ އަގާމެދު ޕްރޮޑިއުސަރު ކަރަން ޖޯހަރްއާ އެއްބަސް ނުވެވިގެންނެވެ.
4 – ބްލެކް (2005)
ޑައިރެކްޓަރު: ސަންޖޭ ލީލާ ބަންސާލީ
ތަރިން: ރާނީ މުކަރްޖީ، އަމީތާބް ބައްޗަން
ބޮކްސް އޮފީސް: އެވަރެޖް
މި ފިލްމަކީ ވެސް އެންމެ ފުރަތަމަ ކަރީނާއަށް ހުށަހެޅި ފިލްމެކެވެ. ނަމަވެސް މި ފިލްމުގެ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހުމާއި، މި ރޯލަށް އޭނާގެ ޝައުޤުވެރިކަން ނެތުމުގެ ސަބަބުން ފިލްމު ދޫކޮށްލީއެވެ. ފަހުން އެ ރޯލު ކުޅުނީ ރާނީ މުކަރްޖީއެވެ. މި ފިލްމަށް ފަހުން ވަނީ ޤައުމީ ފިލްމީ އެވޯޑުތަކެއް ވެސް ލިބިފައެވެ.
5 – ފެޝަން (2008)
ޑައިރެކްޓަރު: މަދުރް ބަންޑާކަރް
ތަރިން: ޕްރިޔަންކާ ޗޯޕްރާ، ކަންގަނާ ރަނައުތު، މުގްދާ ގޯދްސޭ
ބޮކްސް އޮފީސް: އެވަރެޖް
މި ފިލްމުގެ ލީޑް ރޯލު ޕްރިޔަންކާ ޗޯޕްރާއަށް ލިބުމުގެ ކުރިން ކަރީނާއަށް ހުށަހެޅުނެވެ. ނަމަވެސް އޭނާގެ އިތުރު ފިލްމުތަކުގެ ޝޫޓިން ޝެޑިއުލްއާ ފުށުއަރާތީ އެ މި ފިލްމު ދޫކޮށްލީއެވެ. ފަހުން އޭނާ ވަނީ މަދޫރުއާ އެކު “ހީރޮއިން” ފިލްމުގައި މަސައްކަތް ކޮށްފައެވެ.
6 – ގޯލިޔޯން ކީ ރާސްލީލާ ރާމް-ލީލާ (2013)
ޑައިރެކްޓަރު: ސަންޖޭ ލީލާ ބަންސާލީ
ތަރިން: ރަންވީރު ސިންގް، ދީޕިކާ ޕަޑުކޯން
ބޮކްސް އޮފީސް: ހިޓް
މި ފިލްމަކީ ވެސް ކަރީނާ ދޫކޮށްލި ބޮޑު ޕްރޮޖެކްޓެކެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ކަރީނާ މި ފިލްމު ދޫކޮށްލީ އެ ރޯލަށް އޭނާގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތުމުންނެވެ.
7 – ޗެންނާއީ އެކްސްޕްރެސް (2013)
ޑައިރެކްޓަރު: ރޯހިތު ޝެޓީ
ތަރިން: ޝާހް ރުކް ޚާން، ދީޕިކާ ޕަޑުކޯން
ބޮކްސް އޮފީސް: ބްލޮކްބަސްޓާ
މި މަޖާ ފިލްމު ވެސް ފުރަތަމަ ހުށަހެޅީ ކަރީނާއަށެވެ. ނަމަވެސް އޭނާ މި ފިލްމު ދޫކޮށްލީ ތާރީޚުތައް ދިމާނުވުމުގެ ސަބަބުން އޭނާގެ ކުރިން މަސައްކަތް ފަށާފައިވާ ފިލްމުތަކުގެ ޝޫޓިން ޝެޑިއުލްތަކާ ދިމާވެ، ވަގުތު ނުދެވޭނެތީއެވެ.
8 – ކުއީން (2014)
ޑައިރެކްޓަރު: ވިކާސް ބާލް
ތަރިން: ކަންގަނާ ރަނައުތު، ރާޖްކުމާރް ރާއޯ
ބޮކްސް އޮފީސް: ހިޓް
ކަންގަނާ ރަނައުތު ކުޅުނު “ރާނީ”ގެ ރޯލަކީ ވެސް ކަރީނާއަށް ހުށަހެޅުނު ރޯލެކެވެ. ފިލްމުތަކަށް ނޫނެކޭ ބުނުމާ ގުޅޭގޮތުން އޭނާ އެއްފަހަރަކު ބުނެފައިވަނީ، މާ މޮޅު ނޫން ކަންތައްތައް ކުރުމަށްވުރެ ގޭގައި އަރާމުކޮށްލައި، ފޮތެއް ކިޔާލައިގެން ވަގުތު ހޭދަކުރުން އޭނާއަށް މާ ރަނގަޅު ކަމަށެވެ.
9 – ދިލް ދަޅަކްނޭ ދޯ (2015)
ޑައިރެކްޓަރު: ޒޯޔާ އަޚްތަރު
ތަރިން: ރަންވީރު ސިންގް، ޕްރިޔަންކާ ޗޯޕްރާ، އަނުޝްކާ ޝަރްމާ، ފަރްހާން އަޚްތަރު
ބޮކްސް އޮފީސް: އެވަރެޖް
ޒޯޔާ އަޚްތަރު ޑައިރެކްޓްކުރި މި ފިލްމުގައި ޕްރިޔަންކާ ކުޅުނު ރޯލު ކަރީނާއަށް ހުށަހެޅުމުން އޭނާ އިންކާރު ކުރިއެވެ. ސަބަބަކީ އޭނަގެ ދެބެންގެ ދެދަރި ރަންބީރު ކަޕޫރާއެކު މަސައްކަތްކުރަން ވަރަށް ބޭނުންވެފައި ހުއްޓާ ފުރުސަތު ލިބި، ރަންބީރު ފިލްމުން ވަކިވުމުން ޝައުޤުވެރިކަން ގެއްލުމުންނެވެ. ނަމަވެސް ފަހުން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ޒޯޔާއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލުމުން ހިތާމަކުރާ ކަމަށާއި، ކުރިމަގުގައި ޒޯޔާއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.
