1993 ވަނަ އަހަރު މަހޭޝް ބަޓް ޑައިރެކްޓްކޮށް ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ފިލްމު “ހަމް ހޭ ރާހީ ޕިޔާރް ކޭ” ގެ އެންމެ މަޝްހޫރުވި އެއް ލަވަ ކަމަށްވާ “ގޫންގަޓް ކީ އާޑް ސޭ ދިލްބަރް ކާ” ޑައިރެކްޓްކުރީ އާމިރު ޚާން ކަމަށް މަހޭޝް ބަޓް ބުނެފިއެވެ.
އޭނާ މިވާހަކަ ހިއްސާކޮށްފައިވަނީ ރޭގައި އިންޑިއަން އައިޑޯލްގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވުމުން، ޝޯވގެ ބައިވެރިޔަކު އެ ލަވަ ހުށަހަޅައި ނިމުމުން ހޯސްޓް އަދިތުޔާ ނާރަޔަން އެ ލަވަޔާ ބެހޭ ޝައުޤުވެރި ވާހަކައެއް ހިއްސާކޮށްލަދެވިދާނެތޯ އެހުމުންނެވެ.
މަހޭޝް ބުނެފައިވާ ގޮތުގައި އޭނާ އެ ލަވަ ޝޫޓްކުރަން އޮތް ދުވަހު ހުރީ ޖޯދްޕޫރްގައި އެހެން ޝޫޓިންއެއްގައި ބިޒީވެފައި ކަމަށެވެ. އެ ލަވައަކީ ފިލްމުގެ ވާހަކައަށް ވަރަށް މުހިންމު ލަވައެއް ކަމަށާއި، ސަރޯޖް ޚާންގެ ކޮރިއޯގްރަފީއަށް އެ ލަވަ ޑައިރެކްޓްކުރީ އާމިރު ޚާން ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެ ލަވަ މިއަދުވެސް މީހުންގެ މެދުގައި އޭރެކޭ އެއްވަރަށް މަޤުބޫލުކަން ވެސް އޭނާ ފާހަގަކުރިއެވެ.
މި ފިލްމަކީ އާމިރު ޚާން އާއި ޖޫހީ ޗާވްލާގެ ޖޯޑު އެންމެ މަޝްހޫރުވި ދުވަސްވަރު ނުކުތް ވަރަށް ކާމިޔާބު ފިލްމެކެވެ. ކުނާލް ކޭމޫ، ނަވީން ނިޝްޗަލް، ޓީކޫ ތަލްސާނިއާ، ދަލިޕް ތާހިލް އަދި މުޝްތާޤް ޚާން ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދިޔަ މި ފިލްމަކީ ފުލުފުލުގައި އާމިރު ޚާންގެ ފިލްމުތަކެއް ބޮކްސް އޮފީހުގައި ނާކާމިޔާބުވަމުން ދަނިކޮށް ނުކުތް ކާމިޔާބު ފުރަތަމަ ފިލްމެކެވެ.
