ދުވަހަކުވެސް ފެންނަން ނުޖެހޭ ދޮރު
ސާރާ އިނީ ސޯފީގެ ކައިރީގައެވެ. ބަލަހައްޓައިގެން އިންތިޒާރުގައެވެ. “އޭނަ އެ ކަންތައް ދެއްކީ ސަބަބެއް އޮވެގެންކަން ޔަޤީން..” ސާރާ މަޑުމަޑުން ބުންޏެވެ. ސޯފީގެ އެއްވެސް ހަރަކާތެއް ނައެވެ. ސާރާ މަޑުމަޑުން ތެދުވިއެވެ. އޭނާގެ ދެލޯ އެ ކޮޓަރީގެ ފާރުތަކަށް ހުއްޓުނެވެ. ސީލިންގަށާއި ކުރިން ދުވަހަކުވެސް ފަރުވާތެރިކަމާއެކު ބަލާފައިނުވާ ކަންކޮޅުތަކަށް. ފަސް އަހަރެވެ. އެ މީހުން އުޅެމުންދިޔައީ މި ޤަވާއިދުގެ މި ފާރުތަކުގެ އެތެރޭގައެވެ. ނަމަވެސް ދުވަހަކުވެސް މި ކަންކަމާ މެދު ސުވާލެއް ނުއުފައްދައެވެ. މިއަދާ ހަމައަށެވެ. މި ގަނޑުވަރު މާ ބޮޑަށް ފުރިހަމައެވެ. މާ ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. ކޮންމެ ކަމަކީވެސް ވަކި މަޤުސަދެއްގައި ރޭވިގެން ކުރާ ކަމެއް ފަދައެވެ.
ސާރާ ކޮރިޑޯއަށް ނުކުތެވެ. މި ވަގުތުގެ ހިމޭންކަން ތަފާތެވެ. ހީވަނީ މީހަކު ފާރަލަމުންދާހެންނެވެ. ދިގު ކޮރިޑޯތައް ނިމުމެއް ނެތް ފަދައެވެ. އެތަންތަން ދިއްލިފައިވަނީ ދުވަހަކުވެސް ފަނޑުވުމެއް ނެތް ރީތި ރަންކުލައިގެ އަލިތަކުންނެވެ. ކޮންމެ ކުރެހުމެއް ހުރީ ފުރިހަމައަށް އަތުރާފައެވެ. ކޮންމެ ތަނެއް ހުރީ ތާހިރުކޮށެވެ. ހިނގާ ކޮންމެ ފިޔަވަޅެއްގެ އަޑު އާދަޔާ ޚިލާފަށް ސާފުކޮށް އިވެމުންދިޔައެވެ. ފުރަތަމަ ސާރާ ހިނގީ މަޑުމަޑުންނެވެ. ދެން ބާރަށް ކުރިއަށް ދިޔައެވެ. ސާރާއަށް އެނގޭ ކޮޓަރިތައް ފަސްދީފައި ދުވަހަކުވެސް ހުޅުވާފައިނުވާ ދޮރުތައް ފަސްދީފައެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. “އެމީހުން އެ ފޮރުވާނީ ކޮންތާކުބާ؟” އޭނާ މަޑުމަޑުން އަމިއްލަ ނަފުސާ ސުވާލުކުރިއެވެ. ހުވަފެނުގައި ފެނުނު މަންޒަރު އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ދޮރެކެވެ. އާދައިގެ ދޮރެއް ނޫން އަދި ފެންނާން ހުރި ދޮރެއްވެސް ނޫނެވެ. ފޮރުވިފައިވާ ދޮރެކެވެ.
ބައްޕަގެ އަޑު އޭނާގެ ހަނދާނުގައި ގުގުމާލިއެވެ “އަދި ސާރާއަށް އޮޅުންނުފިލާ ކަންތައްތަކެއް އެބަހުރި.”
“އެހެންވިއްޔާ އަމިއްލައަށް އެކަންކަން އޮޅުންފިލުވާނީ.”
ސާރާ ޚިޔާލުތަކުގައި އައިސް ކަނަކުން ލަނބާލިއެވެ. އަދި ހުއްޓުނެވެ. މި ސަރަހައްދުން ކުރެވެނީ ތަފާތު އިޙުސާސެކެވެ. މާ ބޮޑަށް ހިމޭންވެފައި މާ އަނދިރިއެވެ. މިތަނަކު ކެމެރާއެއް ނެތެވެ. ސާރާއަށް އެކަން ވަގުތުން ފާހަގަކުރެވުނެވެ. މިވީހާ ދުވަހު ފުރަތަމަ ފަހަރަށް އެއްވެސް ގާޑެއް ނެތެވެ. އޭނާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. “މިތަން ރައްކާތެރިކޮށްފައި ނުވަނީ ކީއްވެބާ؟” އޭނާ މަޑުމަޑުން ބުންޏެވެ. ސާރާ ވަރަށް ފަރުވާތެރިކަމާއެކު ކުރިއަށް ފިޔަވަޅު އެޅިއެވެ. ހިނގަމުންދިޔައިރު އޭނާގެ އިނގިލިތައް ފާރުގައި މަޑުމަޑުން ޖައްސަމުން ދިޔައެވެ. ލަސްލަހުން ވިސްނުންތެރިކަމާއެކު. ހޯދަމުން އަދި އިޙުސާސް ކުރަމުންނެވެ.
ކުއްލިއަކަށް ސާރާގެ އަތަށް ކޮންމެވެސް ތަފާތެއް ފާހަގަކުރެވުނެވެ. އެހެން ތަންތަނާ ތަފާތެވެ. އޭނާ މަޑުމަޑުން އޮބާލިއެވެ. އެއްވެސް ކަމެއް ނުވިއެވެ. އަނެއްކާވެސް އޭނާ ބާރަށް އޮބާލިއެވެ. މަޑު އަޑެއް އިވުނެވެ. ކްލިކް. ސާރާ ގަނޑުވިއެވެ. އޭނާގެ ކުރިމަތީގައި ހުރި ފާރު ހަރަކާތްތެރިވިއެވެ. ބާރަކަށް ނޫނެވެ. ގަދަ އަޑަކާއެކުވެސް ނޫނެވެ. ނަމަވެސް އެވަރު ފުދެއެވެ. ކުޑަ ރެނދެއް ފެންނަން ހުއްޓެވެ. ދޮރެކެވެ. އެ އިމާރާތުގެ ތެރޭގައި ފުރިހަމައަށް ފޮރުވިފައިވާ ދޮރެކެވެ. އޭނާގެ ހިތް މިހާރު ބާރަށް ތެޅެމުންދެއެވެ. “މިއީ.. އެއީ..” އޭނާއށް ބުނެވުނެވެ. ވަގުތުކޮޅަކަށް ސާރާ ޖެހިލުންވިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ އެނބުރި ދިޔުމަށެވެ. އެފަދަ އެއްޗެއް ނުދެކޭ ކަމަށް ހެދުމަށެވެ. ނޭނގި ހުރުމުގެ ރައްކާތެރިކަމަށް އެނބުރި ދިޔުމަށެވެ. ނަމަވެސް ސޯފީގެ އަޑު އޭނާގެ ސިކުނޑީގައި ގުގުމާލިއެވެ. “އެ ދޮރު ހޯދަން ކޮއްކޮ މަސައްކަތްކުރޭ. މިތާ އަހަރެން މަސައްކަތް ކުރާނަން ހުވަފެނުގައި.”
އެއަށްފަހު ސާރާ ހިންދިރުވާލިއެވެ. އަދި އެތެރެއަށް ވަނެވެ.
ވަގުތުން ވައި ބަދަލުވިއެވެ. މާ ފިންޏެވެ. އެތެރޭގެ އަލިކަން މަޑުމަޑުން ނިވި ދިއްލެން ފެށިއެވެ. ސާރާ މަޑުމަޑުން ކުރިއަށް ފިޔަވަޅު އެޅިއެވެ. އޭނާގެ ލޯ އެ އަލިކަމަށް ހޭނެން ފެށިއެވެ. ދެން—އޭނާއަށް ފެނުނެވެ. ފޮތްތަކެވެ. އާދައިގެ ފޮތްތަކެއް ނޫނެވެ. ވަރަށް ބޯދާ، ބާވެފައިވާ ފޮތްތަކެވެ. އޭނާއަށް ނޭނގޭ ކަހަލަ ނިޝާންތަކުން ފުރިފައެވެ. ސިމްބަލްތަކާއި ޗާޓުތަކެވެ. އަތުން ލިޔެފައިވާ ނޯޓުތަކުން ފުރިފައިވާ ސަފުހާތަކެވެ. “މިއީ ހަމައެކަނި ދިރާސާއެއް ނޫން..” އޭނާ މަޑުމަޑުން ބުންޏެވެ.
އޭނާގެ ނަޒަރު އިތުރަށް ކުރިއަށް ދިޔައެވެ. މެޝިންތަކެވެ. ސިއްޙީ އާލާތްތަކެވެ. ނަމަވެސް ސޯފީގެ ކޮޓަރީގައި ހުރި ތަކެއްޗަށްވުރެ މާ ކުރިއަރާފައިވާ ތަކެއްޗެވެ. އަދި ފާރުތަކެވެ. ފުރިފައި ހުރީ ކުރެހުންތަކުންނެވެ. ގަނޑުވަރުގެ ކުރެހުންތަކެއް ނޫނެވެ. ރަށުގެ ކުރެހުންތަކެއްވެސް ނޫނެވެ. އެއީ ހުވަފެންތަކުގެ ކުރެހުންތަކެވެ. ކަނޑާއި މަޚްލޫޤުންނެވެ. ސޫރަތަކެވެ. ނަގޫރޯޅިއަކާއި ކުރިން ފެނިފައި ހުރި މަޚްލޫޤެވެ. އަދި އޭގެ ކައިރީގައި ދެމީހެކެވެ. އެއްމާބަނޑު ދެބެއިންނެވެ.
ސާރާއަށް ކުޑަކޮށް ފަހަތަށް ޖެހެވުނެވެ. ދެން އޭނާގެ ދެލޯ މާ އަވަހަށް އެއްޗެއް ހޯދަން ފެށިއެވެ. ކެތްތެރިކަމެއް ނެތް ނުތަނަވަސްކަމާއެކުގައެވެ. ސާރާގެ ލޮލުގައި އަޅައިގަތެވެ. ލޭބަލް ޖަހާފައިވާ ފައިލެކެވެ. “ޕްރޮޖެކްޓް: ރުއުޔާ” ސާރާ ހުއްޓުން އެރިއެވެ. އެތެރޭގައި ފޮޓޯތަކާއި ނުހަނު ގިނަ ރިޕޯޓުތަކެވެ. ފާރަލައިގެން ލިޔެފައިވާ ކަންކަމާއި ތާރީޚުތަކެވެ. އެތައް އަހަރެއްވީ ކަންކަމެވެ. އެ ހާދިސާގެ ކުރީގެ ކަންކަމެވެ. ހުރިހާ ކަމެއް ބަދަލުވުމުގެ ކުރީގެ ކަންކަމެވެ.
“އެމީހުން..” ސާރާގެ އަޑު ތުރުތުރުލާން ފެށިއެވެ. “އެމީހުން އަހަރެމެން ދިރާސާކުރަމުން ދިޔައީ..” އޭނާގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅެމުންދެއެވެ. ރައްކާތެރިކުރަނީކީ ނޫނެވެ. ފޮރުވަނީކީ ނޫނެވެ. ބަލަނީއެވެ. ޓެސްޓުކޮށް އޮޅުންފިލުވަނީއެވެ. އަނެއް ސަފުހާއަށް އުކާލިއިރު ސާރާގެ އަތް ތުރުތުރުލައެވެ. ނޯޓެކެވެ. ބައްޕަގެ އަތުލިޔުމުން ލިޔެފައެވެ. “ސަބްޖެކްޓް އެސް ގެ ހުވަފެނީ ގުޅުމުގެ ތެރެއިން ފެންނަ ނަތީޖާ މާ ވަރުގަދަ.” މަޑުޖެހުމަކަށްފަހު “ސަބްޖެކްޓް އެފް ހަމަޖެހިފައި ގުޅުން ދެމިއޮވޭ.” ސާރާގެ އަތުން އެ ފައިލް ދޫވިއެވެ. އޭނާއަށް ހަމަނޭވާއެއް ނުލެވެއެވެ. މޭގައި ރިއްސަން ފެށިއެވެ. “އަހަރެމެންނަކީ ހަމައެކަނި ދަރިންނެއް ނޫން..” އޭނާ މަޑުމަޑުން ބުންޏެވެ.
ސާރާގެ ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. ލަސްލަހުން ފަރުވާތެރިކަމާއެކު އަޅާ ފިޔަވަޅުތަކެކެވެ. އެނބުރި ބަލާލާކަށް ސާރާ ބޭނުމެއް ނުވިއެވެ. އެއީ ކާކުކަން އޭނާއަށް އެނގެއެވެ. ބައްޕަގެ އަޑު އެ ކޮޓަރި ތެރޭގައި ގުގުމާލިއެވެ. ބާރަށެވެ. ހަރުކަށިކޮށް ސާބިތުކަމާއެކުއެވެ. “ސާރާއަށް މިކަން އަދި އެނގޭކަށް ނުޖެހޭ.” ސާރާ ކުޑަ ވަގުތުކޮޅަކަށް ލޯ މަރާލިއެވެ. ކަރުނަ ތިއްކެއް މަޑުމަޑުން ކޯތާފަތް މަތިން ފޭބިއެވެ. ދެން އޭނާ އެނބުރި ބައްޕައާ ކުރިމަތިލިއެވެ. “އެހެންވިއްޔާ، އަހަރެންނަކީ ދުވަހަކުވެސް ކަންކަން އޮޅުންނުފިލާނެ މީހެއް ކަމަށް ދެކިގެން އުޅުން ހުއްޓާލާ.”
ހިމޭން ވަގުތުކޮޅެކެވެ. އަދި ފުރަތަމަ ފަހަރަށް ހަޤީޤަތް އެ ދެމީހުންގެ ދެމެދުގައި ފާޅުވެއްޖެއެވެ. ފޮރުވުމެއް ނެތެވެ. އަދި ނުރައްކާތެރިކޮށްމެއެވެ.
އެ ސިއްރު ކޮޓަރީގެ ތެރޭގައި އޮތް ހިމޭންކަން މިހާރު ކުރިއަށްވުރެ ބަރުހެން ހީވެއެވެ. އެއީ ފަޅުކަމެއް ނޫނެވެ. އެކަމަކު އެއީ ވަޅުލެވިފައި އޮންނަންޖެހޭ އެތައް ކަމަކުން ފުރިފައިވާ ބަރުކަމެކެވެ. ސާރާ ހުރީ ހުއްޓުން އަރާފައެވެ. ފައިތިލަދަށުގައި އެ ފައިލު އޮތެވެ. ކުރިމަތީގައި ހުރީ އޭނާގެ ބައްޕައެވެ. ބައްޕަ ހުރީ ބަލާށެވެ. ރުޅިއައިސްފައެއް ހައިރާންވެފައެއްވެސް ނޫނެވެ. ހުރީ ތައްޔާރުވެގެންނެވެ.
“އަހަރެމެންނަކީ ހަމައެކަނި ދަރިންނެއް ނޫން..” މިފަހަރު ސާރާގެ އަޑުގައި ސާބިތުކަން ހުއްޓެވެ. “އަހަރެމެންނަކީ ކޮންމެވެސް ބޮޑު ކަމެއްގެ ބައެއް.”
ބައްޕަ އެކަމަކަށް އިންކާރެއް ނުކުރިއެވެ. އެވަގުތު ސާރާގެ މަންމަ މަޑުމަޑުން ކޮޓަރިއަށް ވަދެ، ފުރަގަހުން އެ ސިއްރު ދޮރު ލައްޕާލިއެވެ. “ބައެއް ހަޤީޤަތްތަކަކީ..” މަންމަ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. “އެ ހޯދުމަށް މީހުން މުޅި އުމުރު ހޭދަކުރާ ކަންތައްތައް.”
ސާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ތި ހީކުރީ އަހަރެމެންގެ ޒަރީއާއިން އެކަން ހާސިލުކުރެވޭނެ ކަމަށްތަ؟”
ވަގުތުކޮޅަކަށް ހިމޭންވިއެވެ. ދެން ބައްޕަ ވާހަކަ ދައްކަން ފެށިއެވެ. “ހަމައެކަނި ތިކުދިންގެ ޒަރީއާއަކުން ނޫން.” ބައްޕަ ކައިރިއަށް ޖެހިލިއެވެ. އަޑު ހުރީ މަޑުމައިތިރިކޮށް، ކޮންޓްރޯލް ކުރެވިފައެވެ.
“ތިކުދިންގެ އަސްލު ބޭނުންކޮށްގެން.”
ސާރާގެ މޭ ތެޅެން ފެށިއެވެ. “އެއްމާބަނޑު ދެކުދިން.” ބައްޕަ ކުރިއަށް ގެންދިޔައެވެ. “ދެ ހަށިގަނޑު. އެއް އަސްލެއް. ސައިންސަށް އަދިވެސް ފުރިހަމައަށް ފަހުމްނުވާ ފަދަ ގުޅުމެއް.”
“އެކަކު އަނެކަކާ ހިއްސާކުރެވޭ ވިސްނުން.” ބައްޕަ އިތުރުކޮށްލިއެވެ. “އެކަކަށް އިޙުސާސްވާ ކަންތައް އަނެކަކަށް ބަޔާންކޮށްނުދެވުނަސް އެނގޭ ގޮތް.”
ސާރާ ސިއްރުސިއްރުން ބުންޏެވެ. “އެ ހުވަފެންތައް..” މަންމަ މަޑުމަޑުން ބޯޖަހާލިއެވެ. “އާނ، އެ ހުވަފެންތައް.”
ސާރާ މަޑުމަޑުން ބޯހޫރުވާލިއެވެ. “އެއީ ހަމައެކަނި ސައިންސެއް ނޫން.” ސާރާ ބުންޏެވެ. “އެއީ އެއަށްވުރެ މާ ތަފާތު ކަމެއް.”
ބައްޕަގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް އައެވެ. “ހަމަ ރަނގަޅަށް ތިޔަ ބުނީ.” އެ ބަސް މުޅި ކޮޓަރީގައި ގުގުމާލި ކަހަލައެވެ. “ދުނިޔެއަށް މިހާތަނަށް މިނެކިރަން ނޭނގިފައިވާ އެ ‘ތަފާތު ކަމަކީ’ އެއީ،” ބައްޕަ ކުރިއަށް ގެންދިޔައެވެ. “އެކަމަކު އެކަން ވުޖޫދުގައިވޭ. ހޭލުންތެރިކަމާއި ފުރާނައާ ދެމެދު. ފެންނަ ފެނުމާއި ނުފެންނަ ކަންތައްތަކާ ދެމެދު.”
ސާރާ ކިޔާފައިވާ ފޮތްތަކުގެ މަތިން ހަނދާންވިއެވެ. ހުވަފެންތައް. ރުއުޔާ. މެސެޖުތައް. ރަމްޒުތައް.
“ބައްޕަމެން ދިރާސާކުރީ،” ސާރާ ބުންޏެވެ. “ހަމައެކަނި ހުވަފެނެއް ނޫން.. އެކަމަކު އެ ގުޅުން.”
“އަދި އޭގައިވާ ފުރުސަތުތައްވެސް،” މަންމަ އިތުރުކޮށްލިއެވެ. ސާރާގެ ދެލޯ ބޮޑުވިއެވެ. “ކޮން ކަހަލަ ފުރުސަތުތަކެއް؟” މިފަހަރު އެއިން އެކަކުވެސް ވަގުތުން ޖަވާބެއް ނުދިނެވެ. އަދި އެ ހިމޭންކަން ބަސްތަކަށްވުރެ މާ ބާރަށް ހަޤީޤަތް ހާމަކޮށްދިނެވެ.
ސާރާގެ އަޑު ތުރުތުރުލާން ފެށިއެވެ. “ކްލޯނިންގ ހެއްޔެވެ؟” އޭނާ ސިއްރުން އަހާލިއެވެ. ބައްޕަގެ ފަރާތުން އެއްވެސް އިޝާރާތެއް ނުފެނުނެވެ. “އުމުރު ދިގުކުރުން ހެއްޔެވެ؟” އޭނާ އަނެއްކާވެސް އެހިއެވެ. އަދިވެސް ޚަބަރެއް ނެތެވެ. “ހަށިގަނޑުގެ ގުނަވަންތައް ބޭނުންކުރުން.. ފަރުވާގެ ގޮތުގައި..” ސާރާގެ އަޑު ބެދޭ ގޮތްވިއެވެ. “ފުރާނައެއް ސަލާމަތްކުރުމުގެ ނަމުގައި، އަނެއް ފުރާނަ ޤުރުބާންކުރުންތަ؟”
ދިގު ހިމޭންކަމެއް ކޮޓަރީގެ ތެރެއަށް ވެރިވިއެވެ. ދެން ބައްޕަ މަޑުމަޑުން ބުންޏެވެ. “އެއް ފުރާނައިން އެތައް ފުރާނައެއް ސަލާމަތް ކުރެވޭނަމަ.. އެކަމަށް މަސައްކަތް ކުރުމަކީ ގޯހެއް ހެއްޔެވެ؟”
ސާރާ ފަހަތަށް ޖެހިލިއެވެ. “އެއީ ސަލާމަތްކުރުމެއް ނޫން.” އޭނާ ބުންޏެވެ. “އެއީ މުހިންމީ ކާކުކަން ކަނޑައެޅުން.” އޭނާގެ ނޭވާ އަވަސްވާން ފެށިއެވެ. “ދެން ސޯފީއޯ؟” އޭނާ ބާރަށް އެހިއެވެ. “ސޯފީއަށް ހެދީ ކިހިނެއް؟” އެއީ ފުރަތަމަ ފަހަރެވެ. މަންމަ އިސްޖަހާލިއެވެ. ވަރަށް ކުޑަކޮށް ނަމަވެސް، އެވަރު ފުދުނެވެ. ސާރާގެ ހިތް މަރުވި ކަހަލައެވެ. “ހަމައެކަނި އޭނާ ގެއްލުނީކީ ނޫން..” އޭނާ ސިއްރުން ބުންޏެވެ.
ބައްޕަގެ އަޑު އިވުނެވެ. “އަހަރެމެން އިންތައް ފަހަނައަޅައި ދިޔައީމެވެ.” ބަސްތައް ހުރީ ވަރަށް ހަމަޖެހިފައެވެ. “އެކަމަކު ކޮންމެވެސް އެހެން އެއްޗެއް އަހަރެމެންނާ ދެކޮޅަށް ތެދުވީ.”
ސާރާގެ ގައިން ހީބިހި ނެގިއެވެ. “އެ ހުވަފެންތައް.” ސާރާ މަޑުމަޑުން ބުންޏެވެ. “އެއީ ހަމައެކަނި ގުޅުމެއް ނޫން.. އެއީ ދެކޮޅުވެރިކަމެއް.” މަންމަ ސާރާއަށް ބަލާލިއެވެ. “ސާރާ، ސަމާލުވޭ.”
އެކަމަކު މާ ލަސްވެއްޖެއެވެ. ސާރާ މިހާރު ހުރީ މާ ފުން މިންވަރަކަށް އެކަމުގެ ތެރެއަށް ވަދެވިފައެވެ. “ހުވަފެނުގައި ފެންނަ ކޮންމެ އެއްޗަކީ އަހަރެމެންގެ ތެރެއިން އުފެދޭ އެއްޗެއް ނޫން.” މަންމަ ބުންޏެވެ. “އޭގެ ތެރެއިން ބައެއް ކަންކަމަކީ.. މުޅިން އެހެން ދުނިޔެއަކުން އަންނަ ކަންތައްތައް.”
ބައްޕަގެ މޫނުމަތިން އަނދިރިކަން ފެނުނެވެ. “އަދި އެހިސާބުން، ޤަބޫލުކުރުންތަކަކީ ނުރައްކާތެރި އެއްޗަކަށްވޭ.” ބައްޕަ ބުންޏެވެ. ސާރާ ބޯހޫރުވާލިއެވެ. “ނޫން.” އޭނާ ސިއްރުން ބުންޏެވެ. “އެއީ ހަޤީޤަތް ފެށޭ ހިސާބު.”
ކޮޓަރީގެ ތެރޭގައި އޮތް ވައިގެ ތެރެއިން ބަރުކަމެއް އިޙުސާސްވިއެވެ. ހީވަނީ އިންޒާރެއް ދޭހެންނެވެ. އެވަގުތު ސާރާގެ ހަނދާނަށް ކަމެއް އައެވެ. ވާހަކައެކެވެ. އިންޒާރެކެވެ. އޭނާ އެއްފަހަރު ކިޔާފައިވާ، ދުވަހަކުވެސް ހަނދާން ނުނެތޭނެ ނަމެކެވެ.
ސަންތި މަރިޔަނބު.
(ނުނިމޭ)
