ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހިތުގެ ދުޅަހެޔޮކަމަށް ދުވުމަށްވުރެ ފަތަން މާ ބޮޑަށްވެސް ފައިދާހުރި ސަބަބުތައް

މީހުން އާންމުކޮށް ކާޑިއޯ ކަސްރަތުތައް އިޚްތިޔާރު ކުރަނީ އެމީހަކު އެންމެ ގަޔާވާ ކަމަކަށް ބަލައިގެންނެވެ. ބައެއް މީހުން ބާރަށް ދުވުމާއި ދުރު ރާސްތާއަށް ދުވުން އިޚްތިޔާރު ކުރާއިރު، އަނެއް ބަޔަކު މުޅި ހަށިގަނޑަށް ކަސްރަތު ލިބޭތީ ފަތަން އިސްކަންދެއެވެ. އާ ދިރާސާއަކުން ދައްކާ ގޮތުގައި މި ދެ ގޮތުން ކުރެ ގޮތެއް އިޚްތިޔާރު ކުރުމުން ހިތަށް ކުރާ އަސަރު ތަފާތެވެ.

ދިރާސާގެ ނަތީޖާތަކުން އެނގޭ ގޮތުގައި، އެއްވަރަކަށް ބުރަކޮށް ކަސްރަތު ކުރި ނަމަވެސް، ދުވުމަށްވުރެ ފަތައިގެން ހިތުގެ މަސްތަކަށް އަންނަ ބަދަލުތައް މާ ވަރުގަދަވެފައި، އެ ބަދަލުތަކުގެ ސަބަބުން ހިތް މާ ދުޅަހެޔޮކޮށްދެއެވެ.

“ދުވުމާއި ފެތުމަކީވެސް ނޭވާލާ ނިޒާމާއި ހިތުގެ މަސްތައް ވަރުގަދަކޮށްދޭ ދެ ކަސްރަތު. ނަމަވެސް އަޅުގަނޑުމެން ބޭނުންވީ މި ދެ ކަސްރަތުގެ ތެރެއިން ހިތަށް މާ ބޮޑަށް ފައިދާކުރަނީ ކޮން ކަސްރަތަކުންތޯ ބަލަން،” ފެޑަރަލް ޔުނިވާސިޓީ އޮފް ސައޮ ޕައުލޯގެ ޕްރޮފެސަރު އަދި މި ދިރާސާގެ ކޯޑިނޭޓަރު އެންޑްރޭ ޖޯޖް ސެރާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ދެ ކަސްރަތުންވެސް ނޭވާލުމުގެ ގާބިލުކަން އިތުރުކޮށްދިން ނަމަވެސް، ފެތުމުގެ ސަބަބުން ހިތުގެ މަސައްކަތްތަކަށް މާ ބޮޑު ހެޔޮ ބަދަލުތަކެއް އައިސް، ހިތް މާ ވަރުގަދަވެ، މަސައްކަތް ކުރުމުގެ ހަކަތަ އިތުރުވެގެންދެއެވެ.

ކާޑިއޯ ކަސްރަތުތަކުގެ ތަފާތުތައް

ތަފާތު ކުޅިވަރުތަކުގެ ސަބަބުން ހަށިގަނޑު ބައްޓަންވަނީ ތަފާތު ގޮތްގޮތަށެވެ. މިއީ އާ ވާހަކައެއް ނޫނެވެ. ކުޅިވަރު ކުޅޭ މީހުންގެ ހިތުގެ ސައިޒާއި ބައްޓަމުގައި، އެމީހަކު ކުޅޭ ކުޅިވަރަކަށް ބަލައި ތަފާތުތަކެއް ހުރެއެވެ. މިސާލަކަށް ބައިސްކަލް ދުއްވާ މީހުންނާއި، ފަލިޖަހާ މީހުން އަދި ސްކީކުރާ މީހުންގެ ހިތުގެ މަސައްކަތް ހުންނަނީ ތަފާތު ބައްޓަމަކަށެވެ.

އެހެންނަމަވެސް، ސައިންސްވެރިންނަށް މިހާތަނަށް ދިމާވި ގޮންޖެހުމަކީ އެއް ހަމައެއްގައި މި ކަންކަން އަޅާކިޔޭނެ ފަދަ ދިރާސާއެއް ނެތުމެވެ. އެހެންކަމުން، މި ތަފާތުތައް އަންނަނީ ކީއްވެގެންކަން ބުނެދޭން އުނދަގޫވިއެވެ.

ޕްރޮފެސަރު ސެރާ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ކުރެވުނު ދިރާސާތަކުން ކަސްރަތުގެ ސަބަބުން ހިތަށް އަންނަ ބަދަލުތައް ބަލާފައިވީ ނަމަވެސް، ފެތުމާއި ދުވުމާ ދެމެދު ހުރި ތަފާތުތައް މިހާ ފުންކޮށް ބަލާފައެއް ނުވެއެވެ. މި ދިރާސާގެ ސަބަބުން މި ދެ ކަސްރަތުން ހިތަށް ކުރާ އަސަރު ތަފާތުކަން ވަނީ ކަށަވަރުވެފައެވެ.

ދިރާސާ ކުރިއަށްގެންދިޔަ ގޮތް

މި ސުވާލަށް ޖަވާބު ހޯދުމަށް ސައިންސްވެރިން ބޭނުންކުރީ ‘ވިސްޓާ’ ނަސްލުގެ ފިރިހެން މީދަލެވެ. އެ ތަކެތި ތިން ގްރޫޕަކަށް ބަހާލިއެވެ. ފުރަތަމަ ގްރޫޕަކީ އެއްވެސް ކަސްރަތެއް ނުކުރާ ގްރޫޕެވެ. ދެވަނަ ގްރޫޕަކީ ޓްރެޑްމިލްގައި ދުވި ގްރޫޕެވެ. އަދި ތިންވަނަ ގްރޫޕަކީ ފެތި ގްރޫޕެވެ.

ކަސްރަތު ކުރި ގްރޫޕްތަކުން އަށް ހަފުތާ ވަންދެން، ހަފުތާއަކު ފަސް ދުވަހު، ދުވާލަކު 60 މިނެޓު ކަސްރަތު ކުރިއެވެ. ދެ ކަސްރަތުވެސް ކުރިއަށްގެންދިޔައީ އެއްވަރެއްގެ ބުރަދަނެއްގައެވެ. މިއީ މީގެ ކުރީގެ ދިރާސާތަކުން ފާހަގަނުކުރެވޭ މުހިންމު ކަމެކެވެ.

ދުވުމާއި ފެތުމުންވެސް ދުޅަހެޔޮކަން އިތުރުވި

ކަސްރަތު ކުރި ދެ ގްރޫޕުގެވެސް ދުޅަހެޔޮކަން އިތުރުވިކަން ފާހަގަކުރެވުނެވެ. އެ މީދާތަކުގެ ނޭވާލުމުގެ ގާބިލުކަން އިތުރުވި އިރު، ކަސްރަތު ނުކުރާ މީދާތަކުގެ ދުޅަހެޔޮކަން ދަށަށް ދިޔައެވެ. އަދި ކަސްރަތު ކުރި މީދާތަކުގެ ކެތްތެރިކަންވެސް އިތުރުވިއެވެ. މި ހިސާބުން ބަލާއިރު ދުވުމާއި ފެތުމަކީ އެއްވަރެއްގެ ދެ ކަސްރަތެވެ. ނަމަވެސް، ފުންކޮށް ބަލާލުމުން ތަފާތުތަކެއް ފެނުނެވެ.

ފެތުމުގެ ސަބަބުން ހިތް ބޮޑުވި

އެންމެ ބޮޑު ތަފާތެއް ފެނުނީ ހިތުގެ ބައްޓަމަށެވެ. ހަމައެކަނި ފެތި ގްރޫޕުގެ މީދާތަކުގެ ހިތުގެ ސައިޒު ބޮޑުވެފައިވާކަން ފާހަގަކުރެވުނެވެ. އެ ސޫފިތަކުގެ ހަށިގަނޑުގެ ބަރުދަނާ އަޅާބަލާއިރު ހިތުގެ ބަރުދަން އިތުރުވިއެވެ. ހާއްސަކޮށް، ހަށިގަނޑަށް ލޭ ފޮނުވައިދޭ މައި ބައި ކަމަށްވާ ‘ލެފްޓް ވެންޓްރިކަލް’ ބޯވެފައި ފުޅާވެފައިވެއެވެ.

ސެލްތަކުގެ ފެންވަރުގައި ބަލާއިރުވެސް، ފަތާ މީދާތަކުގެ ހިތުގެ މަސްތަކުގެ ސެލްތައް ބޮޑުވެފައި، ހަކަތަ އުފައްދާ ބައިތައް މާ ބޮޑަށް ކުރިއަރާފައިވެއެވެ. ދުވި މީދާތަކުގެ ހިތުން މިފަދަ ބަދަލެއް ނުފެނުނެވެ.

ފަތާ މީހުންގެ ހިތުގެ ވިންދު ވަރުގަދަ

ހިތުގެ ސައިޒު ބޮޑުވުމަކީ އެކަނި ފުދޭ ކަމެއް ނޫނެވެ. ސައިންސްވެރިން ބެލީ ހިތުގެ މަސްތައް ލޭ ފޮނުވައިދިނުމަށް މަސައްކަތް ކުރާ މިންވަރެވެ. ފަތާ މީދާތަކުގެ ހިތުގެ މަސްތަކުގެ ބާރު މާ ގަދައެވެ. އަދި ހިތަށް ލޭ ފޮނުވައިދިނުމަށްފަހު އަލުން ހަމައަކަށް އެޅޭ (ރިލެކްސްވާ) މިންވަރުވެސް މާ އަވަހެވެ. މީގެ މާނައަކީ ހިތުން ލޭ ފޮނުވައިދޭ މިންވަރު މާ ފުރިހަމަވެފައި، ހަކަތަ މަދުން ބޭނުންކޮށްގެން ގިނަ މަސައްކަތް ކުރެވުމެވެ. ދުވުމުން މި ބަދަލު ފެނުނީ ވަރަށް ކުޑަކޮށެވެ.

މި ބަދަލު އަންނަ ސަބަބު

ދިރާސާ ކުރި ޓީމުން ބެލީ މި ބަދަލުތައް އަންނަން މެދުވެރިވާ ސަބަބުތަކެވެ. އެމީހުން ބެލީ ހިތުގެ ދުޅަހެޔޮކަމާ ގުޅޭ ޕްރޮޓީންތަކަށެވެ. މި ދެ ކަސްރަތުންވެސް މި ނިޒާމުތައް ހަރަކާތްތެރި ކުރުވި ނަމަވެސް، ފެތުމުގެ ސަބަބުން މި ނިޒާމުތައް މާ ބޮޑަށް ވަރުގަދަވިއެވެ. ހާއްސަކޮށް ހިތުގެ މަސްތައް ބޮޑުވުމަށް ހުރަސްއަޅާ ބައިތައް މަދުވެ، ހިތް ވަރުގަދަވާން ބޭނުންވާ ޕްރޮޓީންތައް އިތުރުވިކަން ފާހަގަކުރެވުނެވެ.

މީގެ އިތުރުން ‘މައިކްރޯ އާރް.އެން.އޭ’ ތަކަށް އަންނަ ބަދަލުތައްވެސް ސައިންސްވެރިން ބެލިއެވެ. މިއީ ސެލްތަކުގެ ތެރޭގައި ޖީންތައް މަސައްކަތްކުރާ ގޮތް ކޮންޓްރޯލްކުރާ ކުދި މޮލިކިއުލްތަކެކެވެ. ފެތުމުގެ ސަބަބުން މިފަދަ ފަސް މޮލިކިއުލެއްގެ ހަރަކާތްތެރިކަން ވަރަށް ބޮޑަށް އިތުރުވިއެވެ. މީގެ ސަބަބުން ލޭ ހޮޅިތައް އިތުރުވުމާއި، ހިތަށް ކުރާ ބާރު ކުޑަވުމަށް އެހީތެރިވެދެއެވެ.

ފެތުމުން ތަފާތުވަނީ ކީއްވެ؟

ފެތުމުން މިހާ ބޮޑު ފައިދާއެއް ކުރާ ސީދާ ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ބައެއް ސަބަބުތައް ލަފާކުރެވެއެވެ. ފެތުމަކީ އެއްފަހަރާ ހަށިގަނޑުގެ ގިނަ މަސްތަކެއް ބޭނުންކުރާ ކަމެކެވެ. އަދި ފެތުމުގައި ހަށިގަނޑު އޮންނަނީ އޮށޯވެގެން (ހޮރިޒޯންޓަލްކޮށް) ކަމަށްވާތީ، ހިތަށް ލޭ އެނބުރި އަންނަ ގޮތް ތަފާތުވެ، ކޮންމެ ވިންދަކާއެކު ހިތުން ފޮނުވައިދޭ ލޭގެ މިންވަރު އިތުރުވެއެވެ. ފެނުގެ ފިނިހޫނުމިނަކީވެސް ހިތުގެ މަސައްކަތަށް ބަދަލު އަންނަ ސަބަބަކަށް ވެދާނެއެވެ.

ދިރާސާގެ ހަނިކަން ހުރި ދާއިރާތައް

މި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިންސާނުންގެ ބަދަލުގައި މީދަލުގެ މައްޗަށެވެ. މީދަލަކީ ހަތަރު ފައި މައްޗަށް ހަރަކާތްތެރިވާ އެއްޗަކަށް ވުމުން، އިންސާނުން ދުވާ ގޮތާ މީދާ ދުވާ ގޮތުގައި ތަފާތުތަކެއް ހުރެއެވެ. އަދި ފެތުމުގެ އާދަކާދަވެސް ތަފާތެވެ. ލެބޯޓްރީ މީދާތައް ފަތަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށްވީ ނަމަވެސް، އިންސާނުން ފަތާ މިންވަރާއި ގޮތްތައް ވަރަށް ބޮޑަށް ތަފާތުވެފައި ތަފާތު ފެންވަރުގައި ހުރެއެވެ.

މި ދިރާސާ ކުރިއަށްގެންދިޔައީ އަށް ހަފުތާގެ މުއްދަތަށެވެ. މިއަށްވުރެ ދިގު މުއްދަތަކަށް ކުރެވޭ ދިރާސާތަކުން، ވަގުތުގެ ބަދަލާއެކު ނަތީޖާއަށް އަންނަ ބަދަލުތައް އިތުރަށް ސާފުވެގެންދާނެއެވެ. އަދި މި ދިރާސާގައި ދިގު މުއްދަތެއްގައި ސިއްހަތަށް ކުރާނެ އަސަރުތައް ބަލާފައެއް ނުވެއެވެ.

އިންސާނުންގެ ސިއްހަތަށް މީގެން ކުރާނެ ފައިދާ

ދުވުމަކީ ހިތުގެ ދުޅަހެޔޮކަމަށް ގިނަގުނަ ފައިދާތަކެއް ހުރި ކަސްރަތެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެ، ހިތުގެ ބަލިތަކަށް ހުށަހެޅޭ މިންވަރު ކުޑަކޮށްދޭކަން އެތައް އަހަރެއްގެ ދިރާސާތަކުން ވަނީ ކަށަވަރުވެފައެވެ.

ނަމަވެސް، މި އާ ހޯދުންތަކުން އެނގެނީ ހިތުގެ ބައްޓަމާއި މަސައްކަތްތައް ވަކި ޚާއްޞަ ގޮތަކަށް ރަނގަޅުކުރަން ބޭނުންވާނަމަ، ފެތުމަކީ އެކަމުގައި ކުރިއެރުންތަކެއް ލިބިދާނެ ކަމެއް ކަމެވެ.

“ކޮންމެ މީހަކުވެސް ކުޅިވަރެއް އިޚްތިޔާރު ކުރަނީ އެމީހެއްގެ އަމިއްލަ ޝައުގުވެރިކަމަށާއި ހުނަރަށް ބަލައިގެން. ނަމަވެސް، އަޅުގަނޑުމެންގެ މި ހޯދުންތަކުން ދައްކާ ގޮތުގައި، ހިތުގެ މަސްތައް މަރާމާތުކުރުމުގައާއި، ހިތުގެ ބަލިތަކުން ފަސޭހަވުމަށް ކުރާ ފަރުވާތަކުގައި ފެތުމަކީ ޚާއްޞަ އަސަރުތަކެއް ކުރާ ކަމެއް،” ޕްރޮފެސަރު ސެރާ ތަފްސީލުކޮށްދެއްވިއެވެ.

“މިއީ ވަރަށް މުހިންމު ކަމެއް. ސަބަބަކީ ކާޑިއޯ ކަސްރަތުތަކާ ގުޅޭ ދިރާސާތަކުގައި ދުވުމާއި ފެތުމަކީ އެއް ނަތީޖާއެއް ނިކުންނާނެ ދެ ކަމެއްގެ ގޮތުގައި މީގެ ކުރިން ބެލެވިފައިވީ ނަމަވެސް، މިހާރު މި އެނގުނީ އެ ދެ ކަމުން ކުރާ އަސަރު ތަފާތުކަން.”

މަދު ބާރެއްގައި ކުރެވޭ ކަސްރަތަކަށް ވުމުން، ހުޅުތަކުގެ މައްސަލަ ހުންނަ މީހުންނަށް ފެތުމަކީ މިހާރުވެސް ވަރަށް ބޮޑު ލުޔެއް ލިބޭ ކަމެކެވެ. މި ދިރާސާއިން އިތުރަށް ހާމަވަނީ ފެތުމުގެ ސަބަބުން ހިތަށް މާ ފުން އަދި މާ ފައިދާހުރި ބަދަލުތަކެއް އަންނަކަމެވެ.

މި ދިރާސާ ޝާއިއުކޮށްފައިވަނީ ‘ސައިންޓިފިކް ރިޕޯޓްސް’ ޖާނަލްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top