ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިއްދޫ އާއި މީދޫ އަދި ގައްދޫ ފެށީ މޮޅަކުން!
ފޮޓޯ: އެފްއޭއެމް ރީޖަނަލް ލީގު ފޭސްބުކް ޕޭޖް

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ތިން މެޗު މިއަދު ވެސް ކުޅެވުނެވެ.

ނޯތު ރީޖަންގައި ބ. އޭދަފުށްޓާއި ހއ. ދިއްދޫ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ ދިއްދޫއެވެ. މި މެޗުގެ ފުރަތަމަ ލަނޑު 7 ވަނަ މިނިޓްގައި ޖެހީ ދިއްދޫ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ޑީޖޭ އެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނީއެވެ.

ދެވަނަ ހާފު ވެސް ފެނުނީ އޭދަފުށްޓަށްވުރެ ދިއްދޫ ވަރުގަދަކޮށެވެ. އޭދަފުށްޓަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި އުޅެނިކޮށް ދިއްދޫން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 50 ވަނަ މިނިޓްގައި ބެނާއެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް އޭދަފުށްޓަށް ވެސް ލިބި ބޭނުން ނުކުރެވި ދިޔަ، މި މެޗުގައި އޭދަފުށީން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ 69 މިނިޓްގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 26 އެވެ. ދިއްދޫ ޓީމުގެ އޭރިޔާ ބޭރުން އޭދަފުށްޓަށް ލިބުނު ފްރީކިކް މި ކުޅުންތެރިޔާ ގޯލްގެ ތެރެއަށް ފޮނުވާލީ ވޯލްގެ ކައިރިންނެވެ.

މި ރީޖަންގެ މެޗެއް ދެން އޮންނާނީ 5 ވަނަ ދުވަހު އެވެ. މި މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ދިއްދޫ އެވެ.

ފޮޓޯ: އެފްއޭއެމް ރީޖަނަލް ލީގު ފޭސްބުކް ޕޭޖް

ސެންޓްރަލް ރީޖަންގެ މިއަދުގެ މެޗުގައި ބައްދަލުކުރީ އދ. މަހިބަދޫ އާއި ދ. މީދޫއެވެ. ވާދަވެރި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ލީޑު ނެގީ މަހިބަދޫންނެވެ. 33 ވަނަ މިނިޓްގައި މަހިބަދޫއަށް ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ.

މަހިބަދޫން ލަނޑު ޖެހިތާ މާގިނައިރެއް ނުވެ މީދޫ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 37 ވަނަ މިނިޓްގައި މީދޫ ޓީމަށް މި ލަނޑު ޖަހައިދިނީ ހައްމާމް ރަޝާދުއެވެ. ގާތްގާތުގައި ތަނަވަސްކުރި އިތުރު ފުރުސަތަކާއިއެކު މީދޫ ޓީމުން މެޗުގެ ލީޑު ވެސް ނެގިއެވެ. 44 ވަނަ މިނިޓްގައި މީދޫއަށް މި ލަނޑު ޖަހައިދިނީ ޕްރިންސް ލާބީ އެވެ.

ފުރަތަމަ ހާފުގެ ކުޅުން މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފު ވެސް ފުރަތަމަ ލަނޑު ޖެހީ މީދޫ ޓީމުންނެވެ. 52 ވަނަ މިނިޓްގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ސާއިމް ސިޔާމްއެވެ.

ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ މަހިބަދޫން ވަނީ 65 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ނިޖާހް އެވެ. މި މެޗު ނިމުނީ 3-2 އިން ދ. މީދޫ މޮޅުވެގެންނެވެ.

މި ރީޖަންގެ މެޗެއް ދެން އޮންނާނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި މަހިބަދޫ އެވެ.

ސައުތު ރީޖަންގެ ކުޅުން ފެށީ މިއަދު އެވެ. ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިއްޔެ، މުބާރާތް ފެށޭގޮތް ނުވުމުން މި ރީޖަންގައި މިއަދު ކުޅުނީ އިއްޔެއަށް ތާވަލްކުރި ލ. ގަމާއި ގދ. ގައްދޫ މެޗެވެ.

ދެ ޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ކާމިޔާބުކުރީ 1-0 އިން ގައްދޫއެވެ. 0-0 އިން އެއްވަރުވެގެން ނިމިދާނެކަމަށް ހީވި މި މެޗުން ގައްދޫ މޮޅުވީ ފަހު ހާފުގެ އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ޢަލީ މުޙައްމަދު އެވެ.

ގައްދޫއަށްވުރެ ގަން ރަނގަޅަށް ކުޅުނު މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބުނީ ގަމު ޓީމަށެވެ. ގައްދޫން ކުޅުނީ ކައުންޓާރ އެޓޭކަށް އިސްކަންދީގެން ކުޅޭ ކަހަލަ ކުޅުމެކެވެ. އެ ޓީމުން ލަނޑު ޖެހީ ވެސް އެކަހަލަ ފުރުސަތެއްގައެވެ.

ކައުންޓާރ އެޓޭކެއްގައި ކުރިއަށް އަރައި ލަނޑު ޖަހަން މަސައްކަތްކުރި ގައްދޫ ކުޅުންތެރިންނަށް ބޯޅަ ލިބުނުއިރު ގަމު ކީޕަރު ހުރީ ގޯލް ލައިން ދޫކޮށް މާބޮޑަށް ވެސް ކުރިޔަށް ނުކުމެއެވެ. ވަގުތުގެ ބޭނުން ހިފައި ޢަލީ މުޙައްމަދު ބޯޅަ ފޮނުވާލީ ކީޕަރަށް ލިބޭ ވަރަށްވުރެ މަތިން ގޯލްގެ ކަނަށެވެ.

މި ރީޖަންގައި ކުރިޔަށްއޮތް މެޗުގައި ބައްދަލުކުރާނީ ކުނަހަންދޫ އާއި ފޭދޫއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top