ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މަރިޔަމް – ކުރު ވާހަކަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“ޝަވަރު ދަށުގައި އަދި ފަސް މިނެޓު މަޑުކޮށްލާނަން.. ހަމައެކަނި ފަސް މިނެޓު.” މަރިޔަމް އަމިއްލަ ނަފުސަށް ބުނެލިއެވެ. އެއީ ބޭރުގައި އިންތިޒާރުގައި ހުރި ހަލަބޮލިކަމުގެ ތެރެއަށް ނިކުތުމުގެ ކުރިން، އޭނާގެ ހިތް ހަމަޖައްސާލުމަށް ލިބޭނެ މަދު ވަގުތުކޮޅެއް ކަމަށް އުންމީދު ކުރަމުންނެވެ.

ހޫނު ފެން އޭނާގެ ހަށިގަނޑުގައި ބީހެމުންދިޔަ ނަމަވެސް، ހަށިގަނޑުގެ އެތެރޭގައި އުފެދިފައިވާ ފިނިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ފާޚާނާ ދޮރުން ބޭރުން އިވެމުންދަނީ ގޭތެރޭގެ ނުތަނަވަސްކަމެވެ. ބަރު ފިޔަވަޅުތަކުގެ އަޑާއި، ދުވަހަކުވެސް ފަނޑުނުވާ ހަރުކަށި ބަސްތަކުގެ އަޑެވެ. އަދި އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅު ޔޫނުސް ރޮމުން މަންމައަށް ގޮވާ އަޑެވެ. އެ ކުއްޖާއަށް އޮތް ހަމައެކަނި އަމާން ބަނދަރަކީ އެ މަންމަ ކަމުގައިވާތީއެވެ.

“މަންމަ މިދަނީއޭ ދަރިފުޅާ ޔޫނުސް.. ނުރޮއި މަޑުކޮށްލާ.” އާވިތަކުގެ ތެރެއިން މަރިޔަމް މަޑުމަޑުން ބުނެލިއެވެ. އެ އަޑު ދަރިފުޅަށް ނީވޭނެކަން އެނގުނަސް، އޭނާގެ އަޑުގައި ހުރީ ރިހުމާއި ކެކުޅުމެވެ. އަދިވެސް މަރިޔަމްގެ ހަތަރެސްފައި ފިނިވެ ތުރުތުރުލަމުން ދެއެވެ. އޭނާގެ ފިރިމީހާ މުޙައްމަދުގެ ހަރުކަށި، އިހާނެތި ބަސްތައް މަރިޔަމްގެ ހިތާއި ސިކުނޑީގައި ގުގުމަމުންދެއެވެ.

އެވަގުތު އަނެއްކާވެސް ދޮރުގައި ބާރަށް ތަޅައިގަތް އަޑު އިވުނެވެ. މިފަހަރު ކުރިއަށްވުރެ މާ ބާރަށެވެ.

“ނިކުމޭ! ހަމަ މިހާރު ނިކުމޭ! ތިހާ ގިނައިރު ވަނީ ކީއްވެގެން؟” ފިރިމީހާ މުޙައްމަދުގެ ހަރުކަށި އަޑު އިވުނެވެ. އެއީ އެ ގޭތެރޭގައި މިހާރު އާންމުވެފައިވާ، ރުޅިވެރިކަމުން ފުރިގެންވާ އަޑެކެވެ. “ބަލާއެއް ކަލެއާ ހެދި. ކޮންމެ ދުވަހަކު އަހަރެން ރުޅި އަރުވާލާ މޫޑު އޮފްކޮށްލަން ޖެހޭނެ!”

“އަހަރެން.. އަހަރެން އަދި ކުޑަ ވަގުތުކޮޅެއް ބޭނުން.” މަރިޔަމް ޖަވާބު ދިނީ ބިރުން ހުރެއެވެ. އަމިއްލަ ވަގުތުކޮޅަކަށް އެދުމަކީވެސް އޭނާ ކުރާ ކުށެއް ފަދައެވެ.

ފެން އިސްކުރު ބަންދުކޮށްލާފައި ބޭރަށް ނުކުތްއިރު، ފާޚާނާ ތެރޭގައި އޮތް ހިމޭންކަން ބޭރުގެ އަޑުގަދަކަމަށްވުރެ މާ ބަރުހެން ހީވިއެވެ. ތުވާލި އޮޅާލިއިރު އޭނާގެ އަތް ތުރުތުރުލައެވެ. އޭނާގެ ހަރަކާތްތައް ހުރީ ވަރަށް ފަރުވާތެރިކަމާއެކު އަވަސްކޮށެވެ. އެއީ އިތުރު މައްސަލައެއް ޖެހިދާނެތީ އެކަމަށް ބިރުންނެވެ.

ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލި ވަގުތު، އޭނާއަށް ފެނުނު އަންހެން މީހާއަކީ ކާކުކަން ދެނެގަންނަންވެސް އުނދަގޫވިއެވެ. ލޯ ކައިރި ހުރީ ކަޅުވެ ނޫފާގަނެ ދުޅަވެފައެވެ. ތުންފަތް ކައިރީގައި ހުރި ޒަޚަމަކީ ކިހިނެއްވީ ކަމެއްކަންވެސް ހަނދާން ނެތޭހާ ދުވަސް ވެއްޖެއެވެ. ހަށިގަނޑުގައި ހުރި ނޫފާގެންފައިވާ ލަކުނުތަކަކީ އޭނާގެ ހަށިގަނޑުގެ ބައެއް ފަދައެވެ. އެއްްއިރެއްގައި ހިނިތުންވުމާއި އުފާވެރިކަން ފެންނަން ހުރި އެ މޫނުމަތިން މިހާރު ފެންނަނީ މާޔޫސްކަމެވެ.

“މިއީ ކާކު؟” މި ސުވާލު އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޭގެ ޖަވާބު ހޯދުމުގެ ކުރިން އޭނާ މޫނު އަނބުރާލިއެވެ.

މިއީ މިހާރު އޭނާގެ ދިރިއުޅުމުގެ އާދައަކަށް ވެއްޖެއެވެ. މަރިޔަމް އަމިއްލަ ނަފުސަށް ވިސްނައިދެނީ ފިރިމީހާ ހުންނަނީ ވަރުބަލިވެފައި ކަމަށެވެ. ގަސްދުގައި ކުރާ ކަމެއް ނޫން ކަމަށެވެ. ނަފުސާނީ ބުރަބޮޑުވުމުން އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވެނީ ކަމަށެވެ. މިގޮތަށް އަމިއްލަ ނަފުސަށް އޮޅުވާލައިގެން، އޭނާ ދިޔައީ ކޮންމެ ދުވަހަކުވެސް އެ އަނިޔާތަކަށް އުޒުރުތައް ދައްކަމުންނެވެ. ކެތްކުރަމުންނެވެ.

ނަމަވެސް، އޭނާ ފޮރުވަން މަސައްކަތްކުރާ ކަންތައްތައް އެހެން މީހުންނަށް ފާހަގަވާން ފެށިއެވެ.

އެއްދުވަހަކު މަރިޔަމް އޭނާގެ މަންމަގެ ގެއަށް ދިޔުމުން، މަންމައަށް އޭނާގެ މޫނު ފެނުމާއެކު ހައިރާންވެ ދެރަވެފައި ބަލަހައްޓައިގެން ހުއްޓެވެ. “ދަރިފުޅުގެ މޫނަށް ކިހިނެއްވީ؟” މަންމަ އޯގާތެރިކަމާއެކު އަހާލިއެވެ.

“ކަމެއް ނުވޭ.” މަރިޔަމް އަވަސްއަވަހަށް ބުނެލިއެވެ. ނަމަވެސް މަންމަ އެ ޖަވާބަކުން ފުދިގެން ހިމޭނަކުން ނުހުއްޓެވެ. މަންމަގެ މޫނުމަތިން ފެނުނީ ހަޤީޤަތް އެނގިފައިވާ ފަދަ ކަންބޮޑުވުމެކެވެ.

އޭގެ ދުވަސްކޮޅެއް ފަހުން މާރުކޭޓުން ދިމާވި ރައްޓެއްސަކު، މަރިޔަމްގެ އަތުގައި ހިފާލި ވަގުތު އަތުގައި ހުރި ލަކުނުތައް ފާހަގަވިއެވެ. “މަރިޔަމް ތިހިރީ ރަނގަޅަކަށް ނޫން.” އެ ރައްޓެހި މީހާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “އަހަރެން ރަނގަޅޭ.” އާދައިގެ މަތިން މަރިޔަމް ބުންޏެވެ. ނަމަވެސް އެ ރައްޓެހި މީހާ އޭނާގެ އަތުން ދޫނުކޮށް، އޭނާގެ ހިތާމައިގައި ބައިވެރިވާކަން އިޙުސާސްކޮށްދިނެވެ.

އަވަށްޓެރި ދޮށީ އުމުރުގެ އަންހެނަކަށްވެސް މިކަންކަން ފާހަގަވިއެވެ. އެއްދުވަހަކު އޭނާ މަރިޔަމަށް ގޮވާލާފައި ބުންޏެވެ. “ދަރިފުޅާ. މިއީ އާދައިގެ ކަމެއް ނޫން. ދަރިފުޅު އެހީތެރިކަމަށް އެދެންވާނެ. ކައުންސިލަރަކާ ވާހަކަދައްކާ. މިފަދަ ކަންކަމުގައި އެހީތެރިވާނެ މީހުން ތިބޭނެ.”
“އެހީ” މި ބަހަކީ މަރިޔަމަށް ވަރަށް ބީރައްޓެހި ބަހަކަށް ވިއެވެ. ނަމަވެސް އެ ބަސް އޭނާގެ ހިތުގައި ބިންވަޅު ނެގުނެވެ.

ގޭތެރޭގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އެއްދުވަހެއްގެ ހަވީރު، ފިރިމީހާގެ ރުޅިވެރިކަމުގެ ކުރިމަތީގައި މަރިޔަމް އިސްއުފުލާލިއެވެ. މިފަހަރު އޭނާގެ ހިތުގައި އޮތީ ބިރެއް ނޫނެވެ. އޭނާގެ ކިބައިން ފެނުނީ ކުރިން ނުފެންނަވަރުގެ ހިތްވަރެކެވެ.

“ދެން ހެޔޮ! އަހަރެން ދެން މިގޮތަކަށް ނޫޅޭނަން. އެހެން މީހުންނަށް އެނގިދާނެތީ ތަކުލީފަކަށް ވެދާނެތީ ހުންނަނީ. ދެން ހެޔޮ!” އަޑު ތުރުތުރުލީ ނަމަވެސް ބާރަށް ސާބިތުކަމާއެކު މަރިޔަމް ބުންޏެވެ.

މުޙައްމަދު ފުރަތަމަ ހައިރާންވިއެވެ. ދެން އެކަމަށް މަލާމާތްކޮށް، ކުރިއެކޭވެސް އެއްގޮތަށް ކަންތައްތައް އޮޅުވާލަން މަސައްކަތްކުރިއެވެ. ނަމަވެސް މަރިޔަމް ފަހަތަކަށް ނުޖެހުނެވެ.

“ކަލޭ ތިކުރަނީ ގޯސް ކަމެއް. މިއީ ގެވެށި އަނިޔާ. މިއީ ލޯތްބެއް ނޫން. މިއީ އާދައިގެ ކަމެއް ނޫން.” ލޮލުން ކަރުނަ އޮހެމުންދިޔަ ނަމަވެސް މަރިޔަމްގެ ބަސްތައް ހުރީ ސީދަލަށެވެ. “އަހަރެން މިޔޮށް ހުރިހާ ދުވަހު ހުރީ ނޭނގޭތީއެއް ނޫން.”

އެވަގުތު މުޅި ކޮޓަރިތެރެ ހިމޭންވިއެވެ. މިއީ މަރިޔަމް ފިރިމީހާއަށް އުޒުރުތައް ނުދައްކާ، ހަޤީޤަތާ ކުރިމަތިލީ ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން ކަންތައްތައް ދިޔައީ ފަސޭހަކޮށެއް ނޫނެވެ. ކޯޓަށް ދާންޖެހުމާއި، ހިތްދަތި ވާހަކަތައް ދައްކަން ޖެހުމުން އޭނާގެ ހިތަށް ބުރަވިއެވެ. ނަމަވެސް މިފަހަރު އޭނާ ހުރީ އެކަންޏެއް ނޫނެވެ. މަންމަ އޭނާއާއެކު ހުއްޓެވެ. ރައްޓެހިން އޭނާގެ ހާލު ބަލަމުން ދިޔައެވެ. އަދި ކައުންސިލަރުގެ އެހީތެރިކަމާއެކު، ބިރުވެރިކަމުގެ ތެރެއިން ނިކުމެ، ހަޤީޤީ ދިރިއުޅުމަކީ ކޮބައިކަން އޭނާއަށް ވިސްނެން ފެށިއެވެ.

ކެތްތެރިވުމަކީ ހުރިހާ ފަހަރަކު ހިތްވަރެއް ނޫންކަން މަރިޔަމަށް އެނގުނެވެ. ހިމޭނުން ހުރުމަކީ އަބަދު ރަނގަޅު ގޮތް ނޫންކަން ވިސްނުނެވެ. އަދި ހަޤީޤީ ލޯތްބަކީ ހަށިގަނޑަށް އަނިޔާ ލިބިގަތުމާއި ލަކުނު ލެއްވުމާއި ހިތުގައި ބިރުވެރިކަން އުފެއްދުން ނޫންކަން އޭނާއަށް ޤަބޫލުކުރެވުނެވެ.

އަނިޔާވެރި ދިރިއުޅުމަކުން ވަކިވުމަކީ އެންމެ ހިނދުކޮޅެއްގެ ނިންމުމެއް ނޫނެވެ. އެއީ ތިމާގެ ނަފުސު ހަލާކުކޮށްލާ ކަންކަމުން ދުރުވުމަށް ކޮންމެ ދުވަހަކު ކުރާ ވަރުގަދަ މަސައްކަތެކެވެ.

ބައެއް ދުވަސްދުވަހު ބާރު އަޑެއް އިވުމުން މަރިޔަމް އަދިވެސް ސިހެއެވެ. އަމިއްލަ ނަފުސާ މެދު ސުވާލު އުފެދޭ ދުވަސްތައްވެސް އާދެއެވެ. ނަމަވެސް މިހާރު އޭނާ ހޭލަނީ ބިރުވެރިކަމުގެ ތެރެއަކަށް ނޫނެވެ. އޭނާގެ ދަރިފުޅު އޮންނަނީ ހަމަޖެހިގެން ނިދާފައެވެ.

ހިތްހަމަޖެހުމާއި އަމާންކަން ލިބެނީ ކުއްލިއަކަށް ނޫނެވެ. އެއީ ތިމާ އަމިއްލަ ނަފުސަށްޓަކައި ގޮތެއް ނިންމުމުން މަޑުމަޑުން ލިބޭ އެއްޗެކެވެ. މަރިޔަމަށް އެ އިޙުސާސް ކުރެވުމުން، އޭނާއަށް އެނގުނީ އޭނާއަކީ އާ މީހަކަށް ނުވާކަމެވެ. އޭނާއަށް މި ލިބުނީ ބިރުވެރިކަމުގެ ސަބަބުން ގެއްލިފައި ހުރި އޭނާގެ އަސްލު ސޫރައެވެ. އަދި މިފަހަރު އޭނާ އެ ސޫރަ ގެއްލުވައެއް ނުލާނެއެވެ.

(ނިމުނީ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top